20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރާއްޖެ އާއި އިންޑިއާ

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

  • ރައީސް ޔާމީން 2016 ވަނަ އަހަރު އިންޑިއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި
  • ރާއްޖޭގައި އިންޑިއާއިން ޤާއިމްކުރި 3 ރާޑަރު ސިސްޓަމްގެ ތެރެއިން ފުރަތަމަ ރާޑަރު އައްޑޫ ގަމުގައި ބެހެއްޓީ ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރު

| 2 ފެބުރުވަރީ 2019 | ހޮނިހިރު 16:32 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމުކުރެވުނު އަސްކަރީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އާކައިވް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ މަދު ބަޔަކާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުމެން ފަދަ ބޭބޭފުޅުންނަށް ހީވަނީ ކޮންމެ ރެއަކު ބިރުވެރި ހުވަފެންތަކެއް ފެންނަ ހެންނެވެ.

ކޮންމެ ދުވަހަކު ކޮންމެވެސް ޒާތެއްގެ ބިރުވެރި ވާހަކައެއް ރަށުތެރޭގައި މި ބައިމީހުން ދައްކައިގެން ކަމުގެ ހަޤީގަތް ބަލާލާއިރު، ގިނަ ފަހަރު އެކަމެއް ވަނީ ޚިޔާލީ ވާހަކަ އަކަށެވެ. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުމެން ފަދަ ބޭބޭފުޅުންނަށް ލޮލުފިޔަ ނުޖެހިގެން މި ޤައުމު ވިއްކާލަން ބަޔަކު އުޅޭތީ ޓްވީޓްތައް ކުރައްވާއިރު، ޚަލީލު ނިސްބަތްވާ ފ. އަތޮޅު ވިއްކާލަން ރައީސް ޔާމީން ކުރެއްވި މަސައްކަތާއި، އެމަސައްކަތަށް ޚަލީލު ދެއްވި އެއްބާރުލުން ދިވެހިން އަދި ހަނދާނެއް ނުނެތެވެ.

އިހަކަށް ދުވަހު ޚަލީލު ކުރެއްވި ޓްވީޓަކުން އެއީ ފިލްމެއްގެ މަންޒަރެއްތޯ ނުވަތަ ފިލްމެއް ހަދަން ލިޔެފައިވާ ސްކްރިޕްޓެއްގެ ބައެއްތޯ ސުވާލު އުފެދުނެވެ. ކޮންމެވެސް ސިއްރު ޑީލްތަކެއް ސަރުކާރުން ހަދާ ވާހަކަތަކާއި، ރާއްޖޭގެ މިނިވަންކަން ގެއްލޭ ޒާތުގެ ކަންކަން މިސަރުކާރުން ކުރާ ކަމަށް ޚަލީލު ވިދާޅުވާއިރު، ޕީއެޗްޑީއެއް އޮތެއް ކަމަކު ޚަލީލު މަޖިލީހުގައި އިންނަވަން ކުފޫ ހަމަވޭތޯ ސުވާލު އުފައްދާ ބަޔަކު ވެސް ތިބެއެވެ. އެހެނީ ޚިޔާލީ ވާހަކަތަކާއި ހަޤީގަތް ވަކިކުރަން ނޭނގޭ، އަދި ސަރުކާރެއްގެ ތެރޭގައި ކަންކަން ހިނގާ ގޮތާއި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަންކަން ވަކިކުރަން ނުދަންނަ މީހަކު މަޖިލިސް މެމްބަރަކަށް ބަހައްޓަން ކުފޫ ހަމަވޭތޯ ރައްޔިތުން ނާހާނެ ގޮތަކީ ނެތް ގޮތެކެވެ.

ޔާމީންގެ ސަރުކާރަށް ނިސްބަތްވި ބައެއް ބޭފުޅުން މިހާރު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ދައްކާ ވާހަކައަކީ އިންޑިއާ އިން ރާއްޖޭގައި ރާޑަރުތަކެއް ބަހައްޓައި، އެރާޑުތައް ބަލަހައްޓަން ރާއްޖެއަށް ސިފައިން ގެންނަ ކަމަށް ބުނެ ދައްކާ ވާހަކަތަކެކެވެ. މިއީ ކިހިނެއް އެ މީހުންގެ ވިސްނުމަށް އައިސްގެން އުޅޭ ވާހަކަތަކެއްތޯ ސުވާލު އުފެދެއެވެ. ހަމަގައިމު ވެސް އެފަދަ އެއްބަސްވުންތަކެއްގައި ރާއްޖެއިން ސޮއިނުކުރާ ކަމަށް ސަރުކާރުން އެބަ ބުނެއެވެ. އަދި ބޭރުގެ ސިފައިން އެގޮތަށް ޤާއިމްވެ ތިބޭނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ޖެ ހޭކަމަށް ޤާނޫނު އަސާސީގައި އެބައޮތެވެ. ކަމުގެ ހަޤީގަތް ބަލާއިރު، މިކަމެއް ކުރަން ރާވާފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

އިންޑިއާ ސިފައިންނޭ ކިޔާ އަނެއްކާވެސް ދައްކައިގެން މިއުޅޭ ވާހަކަތަކެއް ފެށުނީ ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގަތުމުންނެވެ. އެކަމަނާ އިންޑިއާއަށް ވަޑައިގެން އެޤައުމުގެ ދިފާޢީ ދާއިރާގެ ފަރާތްތަކާ އެކު ކުރެއްވި މަޝްވަރާތަކުގައި މަޝްވަރާކުރައްވަން ޖެހިވަޑައިގަތް ކަންކަމަކީ 2016 ވަނަ އަހަރު ޔާމީން އިންޑިއާއަށް ވަޑައިގެން އިންޑިއާއާއެކު ވެވަޑައިގެންނެވި އެއްބަސްވުމެއްގައި ހުރި ކަންކަމެވެ.

ދިފާޢީ ދާއިރާގެ އެއްބާރުލުމާއި ބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލައި، އޭގައި އިންޑިއާއާއި ރާއްޖެއިން ސޮއެކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ޔާމީން އިންޑިއާއަށް ކަނޑައެޅި ސަފީރު އަހުމަދު މުހައްމަދެވެ. އިންޑިއާގެ ފަރާތުން ސޮއެކުރެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޖީ. މޯހަން ކުމާރެވެ.

އިންޑިއާ އިން ރާއްޖޭގައި ރާޑަރުތައް ބަހައްޓަން އުޅޭކަމަށާއި، އެކަން ކުރަނީ މިސަރުކާރުން ސިއްރުން ކަމަށް ބުނެ އޮޅުވާލައިގެން ވާހަކަތަކެއް ދައްކާއިރު، ރާޑަރުތަކާއި އެމްޑީޕީގެ ސަރުކާރުތަކާ ހަޤީގަތުގައި އެއްވެސް ގުޅުމެއް ނެތެވެ.

ރާއްޖޭގައި އިންޑިއާ އިން ޤާއިމްކުރި ތިން ރާޑަރު ސިސްޓަމްގެ ތެރެއިން ފުރަތަމަ ރާޑަރު އައްޑޫ ގަމުގައި ބެހެއްޓީ ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރުއެވެ. އަދި ދެވަނަ ރާޑަރު ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ބެހެއްޓި އިރު ފަހު ރާޑަރު ލ. ކައްދޫގައި އިންޑިއާ އިން ބެހެއްޓީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް ޔާމީންގެ ވެރިކަމުގައެވެ. މި ތިން ރާޑަރަކީ އެމްޑީޕީ ވެރިކަމަށް އައުމުގެ މާކުރިން 2006 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބެހެއްޓުނު ތިން ރާޑަރެވެ.

މި ތިން ރާޑަރުގެ އިތުރުން، އިތުރު ހަތް ރާޑަރު ސިސްޓަމް ރާއްޖެއަށް ގެނައުމަށް އިންޑިއާ އިން ހުށަހެޅި ހުށަހެޅުމަށް 2013 ވަނަ އަހަރުގެ އެޕްރީލްމަހު ރާއްޖެއިން މަރުހަބާކީއިރު، އޭރު ހިނގަމުން އައި ވެރިކަމުގައި ރައީސް ޔާމީނަކީ މުހިއްމު ބައިވެރިއެކެވެ. އަދި އެރާޑަރުތައް ބަހައްޓަން ބުޑުތައް ޖެހީ ޔާމީންގެ ސަރުކާރުގައެވެ.

މި ފަހަރު ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެން އެފަދަ އެއްބަސްވުމެއްގައި ސޮއެކުރައްވާފައި ނުވާއިރު، ރާޑަރުތަކުގެ މައްސަލައިގައި ވާހަކަ ދައްކާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރީ، 2016 ވަނަ އަހަރު ޔާމީންގެ ސަރުކާރުން ސޮއެކުރި އެއްބަސްވުމުގައި އެވާހަކަތައް އޮތުމުންނެވެ. އޭގައި އޮތް އެއްޗެއް ރަނގަޅަށް އެނގޭނީ ޔާމީންގެ އަރިސް މީހުންނަށް ކަމަށްވާއިރު، އެ މީހުން އެވާހަކަތައް ދައްކާތީ ހައިރާނެއް ވެސް ނުވެއެވެ.

ރައްޔިތުންނަށް އޮޅުވާލަން ޚަލީލުމެން އުޅުއްވިޔަސް، ދިވެހި ރައްޔިތުންނަށް މި ވާނުވާ އެނގެއެވެ. މި ދިވެހިރާއްޖެ ދަރަނިވެރިކޮށް، އިސްތިޤްލާލު ބޭރު ބަޔަކަށް ވިއްކާލީ ޔާމީން ސަރުކާރުންނެވެ. އެހެން ބައެއް ނޫނެވެ. މީގެ ކުރިން ވެސް 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރަށް ޚަލީލުމެން ބޭނުންކުރެއްވީ ހަމަ ތިޔަ ހަތިޔާރެވެ. ދީނަށްޓަކައި، ގައުމަށްޓަކައި ޖީއެމްއާރު ބޭރުކުރުމުގެ ނަމުގައި ހަގީގަތުގައި ހިންގި "ބަޣާވާތުގެ" ހިތި ރަހަ ދިވެހިންނަށް ބެލިއްޖެއެވެ. އެހެންކަމުން މިހާރު ތިޔަހެން ދައްކަވާ ވާހަކައެއް ގަބޫލުކުރާ ވަރަށް ވުރެ ދިވެހިން ހޭލުންތެރިވެއްޖެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް