20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯޅަ އެސޯސިއޭޝަންގެ އަޑުމަޑުވެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް!

  • ނެޓްބޯލް ކުޅުންތެރިން ޕްރެކްޓިސްކުރާނެ ތަނެއް ނެތް
  • އެކަށީގެންވާ ފަރިތަ ކުރުންތަކާއި، ނެޓްބޯޅަ ހިންގުމަށް ރަނގަޅު ވެރިން ނެތް
މިއުނާ ހަސަން | @miuna_hassan

| 1 ފެބުރުވަރީ 2019 | ހުކުރު 12:45 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ދިވެހިރާއްޖެ ގައުމީ ނެޓްބޯޅަ ޓީމް ސަރަހައްދީ މުބާރާތެއްގައި ކުޅުނު މެޗެއްގެ ތެރެއިން -- ފޭސްބުކް

ނިމިގެންދިޔަ އަހަރުގެ އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތުގެ ފަހުން ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އެ އެސޯސިއޭޝަންގެ އެއްވެސް މުބާރާތެއް ބާއްވާފައެއްނުވެއެވެ. އެހެން އަހަރުތަކުގައި ކުޅުނު ނެޓްބޯލް އެސޯސިއޭޝަންގެ ޗެމްޕިއަންޝިޕާއި، ޓީޗާރސް އަދި ޕޭރެންޓުންގެ މުބާރާތް އަދި އެންމެ ފޯރިގަދަ މުބަރާތް ކަމަށްވާ ކުންފުނިތަކުގެ މުބާރާތްވެސް ފާއިތުވެދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. ސުވާލަކީ ނެޓްބޯޅަ އެސޯސިއޭޝަނަށް ވީ ކިހިނެއް ހެއްޔެވެ؟

ދެހާސް ސަތާރަ ވަނަ އަހަރުގެ ކުރީކޮޅު ނެޓްބޯޅަ ކުޅެން އޮތް ހަމައެކަނި ކޯޓަކީ ސޯޝަލް ސެންޓަރުގެ އައުޓްޑޯ ކޯޓެވެ. ނަމަވެސް އެތަން ވަނީ ފްލެޓްތަކެއް އެޅުމަށް ނަގާފައެވެ. ކުޅޭނެ އިތުރު ތަނެއް ނެތުމުގެ ސަބަބުން އޭރު ނެޓްބޯލް އެސޯސިއޭޝަނުން ހިންގި ވައިޑީޕީ ޕްރޮގްރާމްތައްވެސް އަހަރެއްހާ ދުވަހަށް މެދުކަންޑާލަން ޖެހުނެވެ. އެގޮތުން 500 އަށްވުރެ ގިނަ ކުދިންނާއެކު ހިންގަމުން ދިޔަ ޕްރޮގްރާމް ހުއްޓުމުން ނެޓްބޯޅަ ދިރުވާ އާލަކުރަން ކުރެވެމުން ދިޔަ މަސައްކަތް ހުއްޓުނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނެޓްބޯލް ވައިޑީޕީގެ ކުރީގެ ކޯރޑިނޭޓަރ އަދި ޤައުމީ ޓީމުގެ ކުޅުންތެރިއާ އައިޝަތު ލޫނާ މޫސާ ވިދާޅުވި ގޮތުގައި ނެޓްބޯޅަ މަޑުޖެހި، އެސޯސިއޭޝަން ހިންގުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ދައުރުތަކުގައި އެސޯސިއޭޝަން ބެލެހެއްޓުމުގައި ފަރުވާކުޑަކޮށްފައި ހުރުމުން، ފަހުން އެސޯސިއޭޝަން ހިންގުމާ ހަވާލުވި ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެފައިވުމެވެ.

ވައިޑީޕީ ނެޓްބޯލްގެ ކުރީގެ ކޯޑިނޭޓާ ލޫނާ މޫސާ

އޭރާއި، މިހާރުގެ ނެޓްބޯޅަ ސިފަ ކުރައްވަނީ ކިހިނެއްތޯ ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ލޫނާ ވިދާޅުވީ، ރާއްޖޭގައި ނެޓްބޯޅަ ކުޅޭހިތްވާ އަދި އެކަމަށް ޝައުގުވެރިވާ ގިނަ ކުދިންތަކެއް އެބަތިބި ކަމަށާއި، ރަނގަޅު ފަރިތަކުރުންތަކާއެކު ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ކުރި ހޯދިދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ވުމަށް، އެކަށީގެންވާ ފަރިތަކުރުންތަކާއި، ނެޓްބޯޅަ ހިންގުމަށް ރަނގަޅު ވެރިންތަކެއް މުހިންމުކަން ލޫނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މާލޭގައި އެކަނި ނެޓްބޯޅަ ކުރި އަރުވަން މަސައްކަތް ނުކޮށް، ގައުމީ ފެންވަރެއްގައި އަތޮޅުތެރެވެސް ހިމެނޭ ގޮތަށް ކޯޗުންނާއި، ކުޅުންތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުން މުހިންމުކަންވެސް ލޫނާ ފާހަގަކުރެއްވިއެވެ.

އާންމުކޮށް ކުޅޭނެ ކޯޓެއް ނެތުމުގެ ނަތީޖާއަކަށްވީ، ނެޓްބޯޅަ މުބާރާތްތައް ރާވާ ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވުމެވެ. މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވީ ހަމައެކަނި އެސޯސިއޭޝަންގެ މުބާރަތްތައް ހިންގުމަށް އެކަންޏެއް ނޫނެވެ. ގައުމީ ނެޓްބޯޅަ ޓީމަށްވެސް ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ޕްރެކްޓިސް ކުރުމަށް އެކަށީގެންވާ ތަނެއް ނެތުމުން ގައުމަށް ފަޚުރު ހޯދައިދޭން ދާން ޖެހުނީ ރޮއެރޮއެ އޮތް ހިތަކައިގެންނެވެ.

ސަރުކާރުން ނެޓްބޯޅަ ކުޅުމަށް އައު ދެ ކޯޓް ވިލާ ކޮލެޖް ކުރިމަތީ އޮންނަ ހުސް ބިމުގައި ހަދައިދިން ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ އެތަނުން އެއް ކޯޓު ނެގުމަށްފަހު މިހާރު އެތަނުގައި ވަނީ ފުޓްސަލް ދަނޑެއް އަޅާފައެވެ. ކޯޓެއް އެޅިއެއްކަމަކު އެ ކޯޓުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމުތަކެއް ނެތެވެ. ދުވަސްތަކަކަށްފަހު ކޯޓުގައި ލައިޓް ހަރުކޮށްދިނީ މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްއާ ބައްދަލުކޮށް، ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ޝަކުވާ ހުށައެޅުމުން ނިމިގެންދިޔަ ޑިސެންބަރު މަހުއެވެ. 

ޖޫނިއާ ނެޓްބޯލް ކުޅުންތެރިންތަކެއް

ރާއްޖޭގައި ކުޅިވަރު ކުޅޭ ގިނަ ކުޅުންތެރިންނަކީ ވަޒީފާއަށް ދަމުން ކުޅޭ ކުޅުންތެރިންކަމުން ދުވާލުގެ ވަގުތުތަކުގައި ޕްރެކްޓިސް ކުރުމަކީ ވަރަށް ދަތިކަމެކެވެ. ކޯޓު ދިއްލޭނެ ގޮތެއް ނެތުމުގެ އިތުރުން، ބޭނުންވާ ވަރަށް ޕްރެކްޓިސްކުރުމަށް އިންޑޯ ކޯޓް ނުލިބުމަކީވެސް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިކަމެކެވެ.

ސީނިއަރ، ޤައުމީ ނެޓްބޯޅަ ޓީމުގެ ކެޕްޓަން އީމާ އަބްދުއްސައްތާރު ބުނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ނެޓްބޯޅަ ދަށަށް ދާންޖެހުނު ގިނަ ސަބަބުތަކެއް ހުރިކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އީމާވެސް ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ނެޓްބޯޅަ ދެކެ ލޯބިވާ ހިންގުންތެރިން ނެޓްބޯޅަ ކުރިއަރުވަން ނެތްކަމެވެ. އަދި ހަމަ އެހެންމެ އެކަށީގެންވާ ވަސީލަތްތަކާއިއެކު ރަނގަޅު ފެންވަރުގެ ކޯޓެއް ނެތުންވެސް ބޮޑު ގޮންޖެހުމަކަށް ވެފައި ވާކަމަށް އީމާ ބުންޏެވެ.

ކުރިއައް އޮތްތާނގައި ނެޓްބޯޅަ ދިރުވައި، އާލާ ކުރުމަށް ރާއްޖޭގައި ތިބި ނެޓްބޯޅަ ދެކެ ލޯބިވާ، ނެޓްބޯޅަ ކުޅޭހިތްވާ އަދި ކުޅުމުގެ ހުނަރުހުރި ކުދިންނަށް ހުއްޓުމެއްނެތި ފަރިތަކުރުންތައް ކުރިއަށް ގެންދިއުން މުހިންމުކަމަށްވެސް އީމާ ބުންޏެވެ.

ކުޅުންތެރިންގެ އަގުވަޒަން ކުރުމާއި، ވީހާވެސް ގިނަ މުބާރަތްތަކެއް ބޭއްވުމާއި، ބައިނަލްއަޤުވާމީ މުބާރާތަކުން ވަނައެއް ހޯދުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށްވެސް އީމާގެ ވާހަކާގައި ފާހަގަކުރިއެވެ.

ގައުމީ ޓީމުގެ ކެޕްޓަންގެ މަޤާމުވެސް އަދާކުރާ އީމާ ބުނީ ރަނގަޅު ޔޫތު ޑިވަލޮޕްމެންޓް ޕްރޮގުރާމެއް ހިންގުން މުހިއްމު ކަމަށާއި، އެއީ އޭނާއަށްވެސް ނެޓްބޯޅައިގެ ތެރެއަށް ވަދެވުނު ގޮތް ކަމަށެވެ. ނެޓްބޯޅައަށް ޝައުގުވެރިވާ ކުޅުންތެރިންނާއި، ކޯޗުން އަދި އަމްޕަޔަރުން ހޯދައި، އެމީހުންނަށް އެކަށީގެންވާ ތަމްރީނުދީ، ވީހާވެސް ގިނަ ބަޔަކު އެކަމުގެ ތެރެއަށް ވެއްދުން މުހިއްމު ކަން އީމާ ތަކުރާރުކޯށް ފާހަގަކުރިއެވެ.

ގައުމީ ނެޓްބޯޅަ ޓީމުގެ ކެޕްޓަން އީމާ އަބްދުއްސައްތާރު

ވަސީލަތްތަކުގެ ގޮތުން ނެޓްބޯޅަ ގޮންޖެހުންތަކެއް ތަހައްމަލް ކުރަމުންދާ މި ދުވަސްވަރަކީ ނެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެކެވެ. އެސޯސިއޭޝަންގެ ރައީސާ އައިމިނަތް ޝާޒްލީން އިސްތިއުފާ ދެއްވީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. މި އަހަރުގެ ފުރަތަމަ މުބާރަތް އަދި ނެޓްބޯޅައިގެ އެންމެ ބޮޑު އެއް މުބާރަތް ކަމަށްވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރަތް މާރޗް މަހު ފެށުމަށް ހަމަޖެހިފައިވާއިރު މިއަދާއި ހަމައަށްވެސް ނެޓްބޯލް އެސޯސިއޭޝަންގެ އެގްޒެކިޓިވް ކޮމިޓީ އައްޔަން ކުރެވިފައެއް ނުވެއެވެ.

ވަސީލަތްތަކުގެ ދަތިކަމުގެ އިތުރުން ބަޖެޓުގެ ތާށި ކަމަކީވެސް ނެޓްބޯލް އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިކަމެކެވެ. ޔޫތު މިނިސްޓްރީން އެސޯސިއޭޝަންތަކަށް ކުއާޓާ ތަކަކަށް ބަހާލައިގެން ދޭ ކުޑަ ލާރިކޮޅުން މުބާރަތްތަށް ހިންގައި، އެސޯސިއޭޝަންގެ ބިލްތައް ދެއްކައި، ސްޓާފުންނަށް މުސާރަވެސް ދޭންޖެހެއެވެ. މިކަން މިހެން ހުރުމުން އެކަށީގެންވާ ތަކެތި ހޯދުމާއި، ގައުމީ ޓީމަށް ރާއްޖެއިން ބޭރުން ތަޖުރިބާކާރު ކޯޗުން ގެނައުންވެސް ވަނީ ދަތިކަމަކަށްވެފައެވެ.

ބޭނުންވާ ވަރަށް ކޯޗުންނާއި އަމްޕަޔަރުން ތަމްރީނު ނުކުރެވުމަކީވެސް އެސޯސިއޭޝަނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. ރާއްޖޭގައި މިވަގުތު އިންޓަނޭޝަނަލް ފެންވަރުގެ ހަތަރު އަމްޕަޔަރުން އެބަތިއްބެވެ. އޭގެތެރެއިން ތިން އަމްޕަޔަރުން ވަނީ އިންޓަނޭޝަނަލް މުބާރަތް ތަކުގައި އަމްޕަޔަރުކަން ކޮށްފައެވެ.

މި ހުރިހާ ގޮންޖެހުންތަކަކަށް އޮތް އެންމެ ބޮޑު ހައްލަކީ ކަމާއި ބެހޭ ހުރިހާ ފަރާތްތަކުން މި ކުޅިވަރަށް ދޭ ސަމާލުކަން ދިނުމެވެ. ވިލާ ކޮލެޖު ކުރިމަތީ އޮތް ނެޓްބޯޅަ ކޯޓު ފުޓްސަލް ދަނޑަކަށް ވީ އުސޫލުން، ވަކި ކުޅިވަރުތަކަކަށް ހުރިހާ ވަސީލަތެއް އަމާޒުކުރުމުގެ ބަދަލުގައި ހަމަހަމަކަމާއިއެކު ހުރިހާ ކުޅިވަރުތަކަށްވެސް އިސްކަން ދިނުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަބީބާ

3 ހަފްތާކުރިން

ހުސް އެއްކަހަލަ މީހުން ތިނެޓްބޯޅައަށް އަންނަނީ. އެންމެފަހުން ތިބިމީހުންވެސް އާއިލީ މީހުންގޮވައިގެން ރާއްޖެއިން ބޭރަށް ދެވޭތޯ އުޅުނީ. މުބާރާތްތައްވެސް ކޮންޓްރެކްޓް އުސޫލުން އާއިލީމީހުން ހިންގީ.

0
0