20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މަގޭ ރިޕޯޓްް

ވީއައިއޭ: ޤައުމުގެ މައި ދޮރާއްޓާ މެދު އަލުން ވިސްނަންޖެހިފައި

  • އެއާޕޯޓުގައި ވަޞީލަތްތަކަށް ނުތަކާ ވަރަށް ވަނީ ޚިދުމަތް ދޭން ޖެހިފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 29 ޖެނުއަރީ 2019 | އަންގާރަ 14:36 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް -- ޓްވިޓަރ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ގިނަ ކަންތައްތަކެއް އެތަނެއްގެ ވަށައިގެން އެނބުރޭ ތަނެކެވެ. ޖިއޯގްރަފިކް ގޮތުން ގާތްގަނޑަކަށް ރާއްޖޭގެ މެދުގައި އޮތް މި އެއާޕޯޓަކީ ފަތުރުވެރިކަން ފުޅާކުރުމާއި އިޤުތިޞާދު ވަރުގަދަ ކުރުމަށް މުހިއްމު ވަސީލަތެކެވެ. އަދި މިއީ ސިޔާސީ ބަހުސާއި، ސިޔާސީ ބަދަލުގެ މައި މައުލޫޢުއަކަށް ވެސް ވަނީ ވެފައެވެ. އެހެންކަމުން، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކުމެ، މި އެއާޕޯޓްގެ ހާލަތު ދެނެގަތުމަކީ ޤައުމުގެ މައި ދޮރާށީގެ ކުރިމަގު ވަޒަން ކުރުމަށް ކުރަންޖެހޭ ނުހަނު މުހިއްމު މަސައްކަތެކެވެ.

ވެރިރަށުގެ މަލަމަތީގައިވާ މި އެއާޕޯޓަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ ފަތުރުވެރިންނަށް ފެންނަ ރާއްޖޭގެ ފުރަތަމަ އަދި ފަހު މަންޒަރެވެ. އަހަރަކު 4.4 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ އިތުރުން މި އެއާޕޯޓަކީ މަތިންދާބޯޓާއި، ސީޕްލޭނާއި ސްޕީޑްބޯޓްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވާ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ދަތުރުކުރުމަށް އޮތް މައިގަނޑު ފޯކަލް ޕޮއިންޓް ވެސް މެއެވެ.

މި ހަޤީޤަތް މިހެން އޮތް އިރު އުމްރާނީ ގޮތުންނާއި ޚިދުމަތުގެ ފެންވަރަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ހަޤީޤަތުގައި ވެސް ބައިނަލްއަޤުވާމީ ފެންވަރުގެ އެއާޕޯޓެއްތޯ ކުރެވޭ ސުވާލަކީ، މި އެއާޕޯޓާއި ގުޅިގެން އެކި ފަހަރުމަތިން ކުރެވިފައިވާ، އަދި މިއަދުވެސް ކުރެވެމުންދާ ސުވާލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ އެތަން ބޭނުންކުރާ ފަތުރުވެރިޔާ އެނބުރި ރާއްޖެ އައުމަށް ހިތް ޖައްސުވާ ފަދަ އެއާޕޯޓެއް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ އެންމެ ހިތްހަމަޖެހޭ ފަދަ ޖަވާބެއް ނޫނެވެ. ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، އެނބުރި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ހަލުވިކަމާ އެކު މަދުވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީ އިން 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި 2018އާ ދެމެދު ކުރިއަށްގެންދިޔަ ވިޒިޓަރ ސަރވޭ އިން ދައްކާ ގޮތުގައި އެ މުއްދަތުގައި ރާއްޖެއަށް ތަކުރާރުކޮށް އައި ފަތުރުވެރިންގެ އަދަދު ވަނީ 29 އިންސައްތަ އިން 22 އިންސައްތައަށް ވެއްޓިފައެވެ. ސާފު އަދަދުން ބުނާ ނަމަ ރާއްޖެއަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިންގެ އަދަދު އެވަނީ 20،000 އަށް ވުރެ މަދުވެފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިވަގުތު ލިބެންހުރި ޚިދުމަތްތަކަކީ މި އަދަދަށް ހެޔޮ ބަދަލެއް ގެނުވާނެ ފަދަ ޚިދުމަތްތަކެއް ވެސް ނޫނެވެ.

މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އެއާ ޓްރެފިކް ގްރޯތު ވަނީ ފާހަގަކޮށްލަންޖެހޭ މިންވަރަށް ދަށަށް ގޮސްފައެވެ. ވޭތުވެދިޔަ ފަސް އަހަރު، އޭގެ ކުރީ ފަސް އަހަރާ އަޅާބަލާއިރު މި މިންވަރު ވަނީ ދެބައިކުޅަ އެއްބައިހާތަން ދަށްވެފައެވެ. މި ކަންކަން މިހެން ވާން ދިމާވާ ސަބަބުތަކަކީ ވެސް ސިއްރެއް ނޫނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޚިދުމަތް ދެވޭ ފެންވަރާއި މިންވަރު އިތުރުކުރަންޖެހޭކަމީ ވަރަށް ހާމަކޮށް އެނގެން އޮތް ކަމެކެވެ. އަހަރަކު 1 މިލިއަން މީހުންނަށް ޚިދުމަތްދިނުމުގެ ޤާބިލުކަން ލިބިފައިވާ މި އެއާޕޯޓްގައި މިހާރު ދަނީ އޭގެ ހަތަރު ގުނަ އިތުރު އަދަދަކަށް ފަސިންޖަރުންނަށް ޚިދުމަތް ދެމުންނެވެ. މީގެ ސަބަބުން އިމާރާތާއި ޚިދުމަތަށް ބޮޑުވެގެންދާ ލޯޑުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ދަށްވާނެކަމީ ޔަޤީން ކަމެކެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އެނުއަލް ވިޒިޓަރ ސަރވޭއިން ހާމަވި ގޮތުގައި އެއާޕޯޓް ބޭނުންކުރާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުން، އެކި ޚިދުމަތްތައް ލިބިގަތުމަށް އެއާޕޯޓްގައި އެއް ގަޑިއިރަށް ވުރެ ގިނައިރު މަޑުކުރަން ޖެހިފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ހަ ގަޑިއިރަށް ވުރެ އިތުރުވެފައި ވެސް އެބަހުއްޓެވެ.

އެއާޕޯޓްތަކުގެ އޮޕަރޭޝަނަލް ޕަރފޯމަންސާއި ކަސްޓަމަރުންގެ ހިތްހަމަޖެހުން މިންކުރާ ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެ ބަލައިގަންނަ މިންގަނޑަކީ އެއާޕޯޓް ކައުންސިލްސް އިންޓަރނޭޝަނަލް (ACI) ގެ އެއާޕޯޓް ސަރވިސް ކޮލިޓީ (ASQ) ސްކޯރއެވެ. އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ އެއާޕޯޓް ސަރވިސް ކޮލިޓީ ޕްރޮގްރާމްގައި ހިމެނޭ އެއާޕޯޓެއް ވެސް ނޫނެވެ. ހާލަތު މިހާރު އޮތްގޮތުން އެއާޕޯޓް ސަރވިސް ކޮލިޓީ ޕްރޮގްރާމްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިމަނައިފި ނަމަ އެ ލިސްޓުގައި ދިވެހިންގެ މި މައި އެއާޕޯޓް ހިމެނޭނެ ކަމަށް ބެލެވެނީ ލިސްޓުގެ ފުލުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް ރާއްޖެއާ މެދު ދެކޭ ގޮތް ބިނާކުރުމަށް އަސަރުފޯރުވާ މުހިއްމު ތަނަކަށް ވާއިރު، އެއާޕޯޓް ސަރވިސް ކޮލިޓީ ސްކޯރއަކީ މުހިއްމު އެއްޗެއް ކަމަށް ދެކި، އެއާޕޯޓްގެ ކޮންމެ ޚިދުމަތަކާއި ވަސީލަތެއްގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އެތައް ވައުދެއް ވެފައެވެ. މިދިޔަ އަހަރާ ހަމައަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ބައިނަލްއަޤުވާމީ ޓަރމިނަލް ތަރައްޤީކޮށް ނިންމުމަށް، 2016 ވަނަ އަހަރުގެ މޭ މަހު އެމްއޭސީއެލް އިން ސައުދީ އަރަބިއާގެ ސައުދީ ބިންލާދިން ގްރޫޕް (SBG) އަށް 350 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓެއް ހަވާލުކުރިއެވެ. އެހެންނަމަވެސް ވޭތުވެދިޔަ ތިން އަހަރު މި އަމާޒަށް ވާސިލްވުމަށް އެދެވޭ މިންވަރަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަވެއެވެ. ކަން މިހެން އޮއްވައި، ދާދިފަހުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ބައިނަލްއަޤުވާމީ ޓަރމިނަލް ތަރައްޤީކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ 2022 ވަނަ އަހަރުކަން ހާމަކޮށްފައެވެ.

ހާލަތު މިހާރު އޮތް ގޮތާއި، މިހާރު ބޭނުންކުރަމުންދާ ޓަރމިނަލް ތޮއްޖެހިފައިވާ މިންވަރަށް ރިއާޔަތްކޮށް، އައު ޓަރމިނަލްގެ މަސައްކަތަކީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ކުރެވެން ވާނެ މަސައްކަތެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު، 2014 ވަނަ އަހަރު ނިންމުމަށް ތާވަލުކޮށް، އައު ޓަރމިނަލެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނިކޮށް، އެ މަޝްރޫޢު ވަނީ ހުއްޓާލާފައެވެ. ފާހަގަކުރަންޖެހޭ ކަމަކީ އައު ޓަރމިނަލްގެ މަސައްކަތަކީ މިހާރު ވެސް އަށް އަހަރަށް ވުރެ ގިނަ ދުވަސް ލަސް ވެފައިވާ މަސައްކަތެއް ކަމެވެ. ކަން މިހެން އޮތުމުން، ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މިހާރު ހުރި މުސްކުޅިވެފައިވާ ވަސީލަތްތަކާއި، ފެންވަރު ރަނގަޅުކުރެވޭނެ ގޮތެއް ނެތިފައިވާ ޚިދުމަތްތަކުގެ ބަދަލުގައި އަދާ ހަމަކުރެވިފައިވާ ވަސީލަތްތަކާއި ރަނގަޅު ފެންވަރުގެ ޚިދުމަތް ދެވޭނީ ކިހާ ދުވަހަކުން ކަމީ ހިޔާލަށް ގެންނަން ވެސް އުނދަގޫ ކަމެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް އިތުރު ވެގެންދިއުމަށް އޮތް މައިގަނޑު ހުރަހަކީ އެއާޕޯޓްގެ ޓަރމިނަލްގެ ކެޕޭސިޓީ ކަމަށް 2010 ވަނަ އަހަރު ވޯލްޑް ބޭންކް (IFC) އިން ވަނީ ކަނޑައަޅާފައެވެ. އެކަން އެހެން އޮއްވައި ވެސް، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ފެބްރުއަރީގައި އިސްކަންދިނީ 400 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ދެވަނަ ރަންވޭއެއް ޤާއިމްކުރާށެވެ. ފެބްރުއަރީ 2017 ގައި މި މަޝްރޫއު ހަވާލުކުރީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (BUCG) އާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް ޤާއިމްކުރެވުނު މި ރަންވޭގެ މަސައްކަތް ނިމިފައި ވީނަމަވެސް، މި ރަންވޭގެ ސަބަބުން މިހާރު ހުރި ސީޕްލޭން ޓަރމިނަލަށް ހުރަސްތަކެއް ކުރިމަތިވާތީ މި ރަންވޭ އަދިވެސް ވަނީ ބޭނުން ނުކުރެވި، އަދި ކޮމިޝަން ވެސް ނުކުރެވިއެވެ. މި މަޝްރޫއުތަކުގެ ދަށުން ޓަރމިނަލް ފިޔަވައި ދެން ހުރި ބައިތަކުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ މަސައްކަތުގެ ނަތީޖާއެއް ނެރެވޭނެ ކަމާ މެދު މިހާތަނަށް ސުވާލު އުފެދެއެވެ.

އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަމެއް ވެސް ހިމެނެއެވެ. އެއީ އަލަށް އިމާރާތްކުރާ ޓަރމިނަލްއަކީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް އަމާޒުކޮށްގެން އިމާރާތްކުރާ ތަނަކަށް ވުމެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މިހާރު ވެސް އެދަނީ އަހަރަކު ގާތްގަނޑަކަށް 4.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެމުންނެވެ. ދެން ހަތް މިލިއަން ފަސިންޖަރުންގެ އަމާޒަށް ވާސިލް ވުމުން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަލަށް ޤާއިމްކުރާ ޓަރމިނަލްގެ ފަރުމާ އާއި އައު ޓަރމިނަލް ހުރި ސަރަޙައްދުގެ ގޮތުން އެތަން އިތުރަށް ބޮޑުކުރުމުގެ ފުރުޞަތު އޮންނާނެ ބާއެވެ؟

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފަދަ 'ގޭޓްވޭ އެއާޕޯޓް' ތަކުގެ ކެޕޭސިޓީ އިތުރުކުރުމުގައި އެންމެ މުހިއްމު ކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން އެ މަސައްކަތް ޕްލޭން ކުރުމެވެ. އާންމުކޮށް މިކަން ކުރާ ގޮތަކީ ތަފްޞީލީ މާސްޓަރޕްލޭނެއް އެކުލަވާލުމަށް ފަހު ފިޔަވަހިތަކަކަށް ބަހާލައިގެން ތަރައްޤީގެ މަސައްކަތް ކުރުމެވެ. މިހެން ކަން ކުރުމުން އިތުރުވަމުންދާ ޓްރެފިކް ޑިމާންޑާ އެއްވަރަށް އެއާޕޯޓްގެ ޚިދުމަތްތައް ވެސް ފުޅާކޮށް، އުމްރާނީ ގޮތުން އެއާޕޯޓް ތަރައްޤީ ކުރެވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް މިފަދަ މާސްޓަރ ޕްލޭނެއް އެކުލަވާލެވިފައިވޭތޯ މިއީ މިއަދު ފުރަތަމަ ކުރަންޖެހޭ ސުވާލެވެ.

އެކި ފަހަރު މަތިން އެކި ފަރާތްތަކަށް 'އަމާ ބުނީތީ ފަރަށްދާ އުސޫލުން' ދީފައިވާ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުތުގައި މަސައްކަތް ކޮށްފައިހުރީ އެއްވެސް އަމާޒެއް، ރޭވުންތެރިކަމެއް ނެތިކަން މިހާރު ދަނީ ހާމަވަމުންނެވެ. އެގޮތުން ހާމަވެފައިވާ މުހިއްމު ބައެއް ކަންކަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

"އެއާޕޯޓްގެ ވަރަށް ބޯޑު، ބިޔަ ޕްރޮޖެކްޓެއް އެދަނީ. ރަންވޭ މިހާރު ނިމިފަ އެއޮތީ. އެހެންނަމަވެސް ޓަރމިނަލް ނުނިމިއެއް ނެތް ވާކަށެއް. ޓަރމިނަލްގަ އެ ޖަހާފަ ހުރި ކޮލަމްތައް ޖަހާ ނިމުނީރުގަ، ޓަރމިނަލްގަ ނެތް ޕްލޭނެއް. ކުރެހުމެއް ނެތް. އަދިވެސް ނެތް. އެތެރެ އޮންނަންވީ ގޮތެއް ނޭނގެ. މުޅި ޑިޒައިން ނެތް. އެހެންވީމަ އެމަސައްކަތް އެތަނުގަވެސް ކުރަންޖެހޭ. އަނެއްކާ އަޅުގަނޑުމެންނަށް މިހާތަނަށް އަޑުއިވެމުންދިޔައީ އެއާޕޯޓާ ބެހޭގޮތުން، 7 މިލިއަން ޕެސެންޖަރުންނަށް އަމާޒުކޮށްގެން ތަރައްޤީކުރާ އެއާޕޯޓެކޭ އެއީ. މިއަދު އޭގެ ތަފްޞީލަށް ގޮސް ބަލާއިރުގަ މި ދައްކާ ވާހަކައަކީ 3.7 މިލިއަން ފަސިންޖަރުންނަށް އެރައިވަލް. އެ މޫވްމަންޓް 7 މިލިއަން. 3.7 މިލިއަން މީހުން އައިސް ފުރުމަށޭ. 7 މިލިއަން މީހުންގެ އެރައިވަލަކަށް ނޫން އެތަން ތައްޔާރުކޮސްފަ އޮތީއެއް. އޭގެ މާނައަކީ ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގަ އެތަން ފުރޭނެއޭ"، ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުތައް އައިސް ގޮސް ވީނަމަވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދިވެސް އެއޮތީ އޮތްގޮތަށެވެ. ކުރީގެ ވައުދުތައް އަދިވެސް ނުފުދި ވާއިރު ހިތާމައަކީ ބައެއް ވައުދުތަކާއި މުޅިން ދެކޮޅަށް ވެސް ކަންކަން ވެފައިވުމެވެ. ނަތީޖާ ނެރެވޭ ފަދަ ތަރައްޤީގެ ޕްލޭންތައް އެއްފަރާތްކޮށް މަސައްކަތް ކުރެވިފައި ވަނީ އަދިވެސް ނަތީޖާ ނުނެރެވިވާ ޕްރޮޖެކްޓްތަކުގެ އެހީގައި ފަލަސުރުޚީއިން ޖާގަ ހޯދުމަށެވެ.

މިވަގުތަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އެންމެ ބޭނުންތެރި ކަމަކީ ރަނގަޅަށް ޕްލޭންކުރެވިފައިވާ ތަރައްޤީ އާއި ދިމާއަށް މިސްރާބުޖެހުމެވެ. ކުރިއަށް އޮތް 40 ނުވަތަ 50 އަހަރު ރާއްޖޭގެ ވައިގެ އުދުހުންތަކަށް އަންނާނެ ބަދަލަށް ވިސްނައި ދުރު ރާސްތާ މާސްޓަރޕްލޭނެއް އެކުލަވާލުމެވެ. ނަމަވެސް ސަރުކާރުގައި މި ވަގުތު ތިބި ފަރާތްތައް ތިބީ، ދިވެހިންނާއި ފަތުރުވެރިންގެ އާ ޖީލުތަކަށް ޚިދުމަތްދެވޭނެ ފަދަ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓެއް ޤާއިމް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ އަޒުމުގައި ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސޯލިހުގެ ދައްތަ

3 ހަފްތާކުރިން

ކޮއްކޯ ، ދެން ތިޔަހެން ނޫޅެ ޑްރާމާ ނުކުޅެ މަސައްކަތް ކޮށްބަލަ

0
0
މެކް

3 ހަފްތާކުރިން

ހޯހޯ ތިހެން ކިޔާގެން އެއާޕޯޓް ވިކާނުލާތި

4
0
ގަމާރު

3 ހަފްތާކުރިން

އާވަހަށް ކޮމިޓީއެއްހަދާ

1
0