23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ރިޕޯޓް

2018: އިދިކޮޅަށް ލިބުނު ކާމިޔާބުން، ބޮޑު ހުކުމްތައް ދިމާ އިދިކޮޅަށް!

  • ކުއްލި ނުރައްކާ ނިންމާލީ އެތައް ބަޔަކު ހައްޔަރު ކުރުމަށްފަހު
  • އިންތިހާބުގައި ވޯޓުނުލާ މީހުންގެ އަދަދު 28،000 އަށް އަރާ
  • ސޯލިހު އިންތިހާބު ކާމިޔާބު ކުރީ 58 ޕަސެންޓުން
ޙުސައިން ޙަސަން | hucenhassan

| 1 ޖެނުއަރީ 2019 | އަންގާރަ 08:49 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ


އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށް ހުކުމް ކުރުމާއެކު، ސުޕްރީމް ކޯޓު ކައިރީގައި ބަޔަކު އުފާފާޅު ކުރަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން 2018 ފެށީ އިންޒާރަކާއެކުގައެވެ. ވަރުގަދަ ރާޅެއް ބިންދާލަން އުޅޭ ކަމުގެ މެސެޖު ދެމުންނެވެ. އިންތިހާބުގެ ކުރިން ބަދަލެއް ގެންނާނެ ކަމުގެ ރަނގަބީލު އަޅަމުންނެވެ. އެ ރަނގަބީލުގެ އަޑުގަދަވެފައި ވަނިކޮށް، 2018ގެ ފުރަތަމަ ރާޅު ބިއްދާލީ ފެބްރުއަރީ އެކެއް ވީ ބުރާސްތި ދުވަހުގެ ރޭ 10 ޖެހި ފަހުން، ސުޕްރީމް ކޯޓުން ކުރި އަމުރާ އެކުގައެވެ. ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި އަމުރުގައި ބުނެފައި ވަނީ ސިޔާސީ ހުކުމްތައް ކޮށްފައިވާ ތިން ލީޑަރުންނާ އެކު، ބަންދުކޮށްފައިވާ ނުވަ ބޭފުޅަކު މިނިވަން ކުރުމަށެވެ.

އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނެ، ސަރުކާރުން ބަހަނާ ދައްކަމުން ގޮސް، އަމުރު ނެރުނުތާ ފަސް ވަނައަށް ވީ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ. ރަޔަޓް ގިޔަރުގައި ނުކުމެ، ހަތިޔާރާ އެކު ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ މެންދަމުއެވެ. ހަމަ އެ ރޭ މާލޭގައި ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައެވެ.

ދެ ފަހަރެއްގެ މަތިން އިއުލާން ކުރި ކުއްލި ނުރައްކާ 45 ދުވަހަށް ދިގު ދެމިގެންދިޔައެވެ. އެންމެ ފުރަތަމަ އިއުލާން ކުރީ 15 ދުވަހަށެވެ. އެއަށްފަހު މަޖިލީހަށް ހުށަހެޅި ގަރާރަކުން އެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރިއެވެ. ފެބްރުއަރީ ފަސް ވަނަ ދުވަހު އިއުލާން ކުރި ކުއްލި ނުރައްކާ ނިމުމަކަށް ގެނައީ މާޗް މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00އަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމެން ކައިރިވީއިރު، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތަށް ނުކުތް، މަޖިލިސް ހަ މެމްބަރަކު މުއްދަތެއް ނެތް ގޮތަށް ބަންދުކުރިއެވެ. ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތުގައި ދެމިތިބި އިސް ބޭފުޅުންނާއި އެކްޓިވިސްޓުންނާއި އާންމުންނާއެކު 230 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ.

ސުޕްރީމް ކޯޓުގެ އަމުރުން ގައުމީ ސަލާމަތަށް ނުއްކާވެފައިވާ ކަމަށް ވިދާޅުވެ، ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިއިރު، އެމަނިކުފާނަށް ނުރައްކާވި ހުރިހާ ދޮރުތަކެއް ބަންދުކުރެއްވިއެވެ. ލީޑަރުން ކަސްތޮޅު އަޅުވައި، ރައްޔިތުންގެ އަޑުއުފުލުންތަކަށް ހުރަސްއެޅިއެވެ.

އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، މަޖިލިސް ތަޅު އަޅުވައި، މުއައްސަސާތައް ނުފޫޒުން ބަނދެފައި ވިޔަސް، އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ނާދައެވެ. ގުޅިފައިވާ ޕާޓީތައް ގުޅިގެން އިންތިހާބަށް ނުކުތީ، އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ބުނަމުންނެވެ. ވޯޓާސް ލިސްޓާއި ރީރަޖިސްޓްރޭޝަން މަރުހަލާގައި ގިނަ ޝަކުވާތަކެއް ހުށަހެޅިއެވެ. އެ ހުރިހާ ޝަކުވާތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔައިރު ވެސް، ސަރުކާރު ހިންގާ ޕާޓީ، އަދި ޔާމީން ކޮންޓްރޯލްގައި އޮތް، ޕީޕީއެމުން އޮތީ ހަނުއެވެ. އިންތިހާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އެ ޕާޓީއަކުން އުފުލާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދިޔަ މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ މަސައްކަތް ހަލުވިވެ، ބާރުވެގެން ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއެކުގައެވެ. ޖޫން މަހުގެ 29 ވަނަ ދުވަހު އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު އިއުލާން ކުރެއްވީ އއ. އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ. އައްސަތޭކަ މަންދޫބުންނާ އެކު ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމީ ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ހާލަތުގައި ނުކުންނާނެ ކެންޑިޑޭޓެއް ކޮންގްރެސްއިން ކަނޑައެޅުމަށެވެ.

ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ގަރާރަކާ އެކު، މިހާރުގެ ރައީސް، އަދި އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހްގެ ނަން ރިޔާސީ ކެންޑިޓޭތަކަށް ފާސްކުރީ ކޮންގްރެސްގައި ވޯޓަށް އެހި ވަގުތު ތިއްބެވި، 791 މަންދޫބުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހު ހޮއްވެވުމަށް ވޯޓު ދެއްވަނީ: އެ ވޯޓުގައި 791 މެމްބަރުން ބައިވެރިވެވަޑައިގެންނެވި-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން

ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީން ރައީސް ސޯލިހު ކަނޑައެޅުމާ އެކު، އެމަނިކުފާނުގެ ރަނިންމޭޓުކަށް ބޭފުޅަކު ކަނޑައަޅަން ފުރުސަތު ލިބުނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށެވެ. ރަނިންމޭޓުގެ މަގާމަށް ޖޭޕީން ހުޅުވާލުމުން އެ ހަތަރު ބޭފުޅަކު އެ މަގާމަށް ވާދަ ކުރެއްވިއެވެ. އެއީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދުގެ އިތުރުން އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީނެވެ.

ޖޭޕީ ކައުންސިލްގައި ނެގި ވޯޓުގައި އެންމެ ވޯޓެއްގެ ތަފާތުން ރަނިންމޭޓުކަން ހޯއްދެވީ ފައިސަލް ނަސީމެވެ. ސާޅީސް އެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ސިއްރު ވޯޓު ފައިސަލަށް ކާމިޔާބު ކުރެއްވީ 15 ވޯޓެވެ. އަލީ ހުސައިނަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. އަމީނަށް ލިބިވަޑައިގެންނެވީ ނުވަ ވޯޓެވެ. ޑރ. ހުސައިނަށް ލިބިވަޑައިގެންނެވީ ދެ ވޯޓެވެ.

ރަނިންމޭޓުކަން ކަނޑަނާޅަނީސް، ކެމްޕެއިން ދަތުރުފުޅު ރައީސް ސޯލިހު ފެއްޓެވީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު ފައިސަލް ވެސް ކެމްޕެއިން ދަތުރުތަކާ ގުޅިވަޑައިގެންނެވިއެވެ. އެއަށްފަހު ދެ ބޭފުޅުން އެކުގައި ބާރުމިނުގައި ކުރިއަށް ގެންދެވި ކެމްޕެއިން ދަތުރުފުޅުތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށަށް ވަޑައިގެންނެވިއެވެ. ހުރިހާ ރަށަކަށް ވަޑައިގަތުމަށް ސޯލިހާއި ފައިސަލް ކުރެއްވި ދަތުރުފުޅުތަކަށް ހޭދަ ކުރެއްވީ 66 ދުވަހެވެ.

ރަނިންމޭޓުގެ މަގާމަށް ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ހަތަރު ބޭފުޅުން-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން

ކެމްޕެއިން ދަތުރުފުޅުތައް ގުޅިފައިވާ ޕާޓީތަކުން ނިންމާލިއިރު ވެސް، ރައީސް ޔާމީން ކެމްޕެން ކުރިއަށް ގެންދެވީ "ބަރަވެލި" ސްޕީޑުގައެވެ. ދައުލަތުގެ ހަރަދުގައި، ހަތިޔާރާ އެކު ޑޯޓުޑޯ ހަރަކާތް ޔާމީން ކުރިއަށް ގެންދެވީ ސިފައިންނާއި ފުލުހުން ބަރިއަކަށް އަތުރާ ލައްވައިގެންނެވެ. އެމަނިކުފާނު ކެމްޕެއިންނަށް ވަޑައިގެންނެވި ރަށްތަކުގެ އަދަދެއް ވެސް ޕީޕީއެމަކުން ހާމައެއް ނުކުރެއެވެ. ރައީސް ޔާމީނަށް ވުރެ ގިނައިން އެމަނިކުފާނުގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ރަށްތަކަށް ވަޑައިގެންނެވިއެވެ. ކެމްޕެއިން ދަތުރުތައް ޕީޕީއެމުން ސެޕްޓެމްބަރު 14 ވަނަ ދުވަހު ނިންމާލިކަން އިއުލާންކޮށްފައި ވަނިކޮށް، ސެޕްޓެމްބަރު 21 ވަނަ ދުވަހު، ކުއްލި ގޮތަކަށް ރައީސް ޔާމީން ހދ. ކުޅުދުއްފުށްޓަށް ވަޑައިގެން، ކުޅުފުއްފުށީ އެއާޕޯޓުގެ ނަމުގައި ނަން ބޯޑެއް ކަހާލަ ދެއްވިއެވެ. އެއާޕޯޓެއްގައި ނަމުގައި ހަމައެކަނި ތާރުގަނޑެއް އަޅާފައިވާ އެތަނަށް އެ ވަގުތު ވެހެމުންދިޔަ ވާރޭތެރޭގައި ހުންނަވައި، ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ވޯޓު ދެއްވުމަށް، އާދޭސް ދަންނަވާ ކަމަށެވެ. ވޯޓު ނުދެއްވައިފިނަމަ އިހްލާސްތެރިވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަފުޅަށް 48 ގަޑިއިރު ނުވަނީސް، ސެޕްޓެމްބަރު 23 ވަނަ ދުވަހު ދިވެހިން ނުކުމެ ރިޔާސީ އިންތިހާބުގެ ވޯޓު އަޅަން ފެށިއެވެ. ދިގު ކިއުތަކުގައި އެތައް ގަޑިއިރެއް ހޭދަ ކުރުމަށްފަހު، ކެތްތެރިކަމާ އެކު މަޑުކުރީ އިންތިހާބުގެ ނަތީޖާއަށެވެ. ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ސޯލިހް އެވެ. 

ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވި 58 ޕަސެންޓުންނެވެ. އެއީ 134,705 ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41 ޕަސެންޓެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލި މީހުންގެ ޖުމްލަ އަދަދަކީ 233،889 މީހުންނެވެ. ވޯޓު ނުލާ މީހުންގެ އަދަދު 28،246 އެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރެއިން ފެށިގެން، ގުޅިފައިވާ ޕާޓީތަކުން ގެންދިޔައީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަމުންނެވެ. ވެރިރަށް މާލޭގެ މަގުތައް ފުރި، އަތޮޅުތެރެ ވަނީ ކާމިޔާބީގެ ލަވަތަކުން ގުގުމާލާފައެވެ. ނަމަވެސް ރައީސް ޔާމީން އިންތިހާބުގެ ނާކާމިޔާބީ ގަބޫލުފުޅު ނުކުރައްވައި، މަޑުކުރެއްވިއެވެ. ޖެހިގެން އައި ދުވަހު ރައީސް ސޯލިހާ ބައްދަލު ކުރައްވައި، ރައީސް ޔާމީން، ނާކާމިޔާބީ އިއުލާންކުރެއްވިއެވެ. ނަމަވެސް އެހެން ވިދާޅުވިތާ އަށް ވަނައަށް ވީ ދުވަހު 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު، އިންތިހާބުގެ ނަތީޖާއާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމް އޮފީސް ކުރިމަތީގައި އަޑު އުފުލަން ފެށިއެވެ. އިންތިހާބުގެ ތެރޭގައި އިންތިހާބާ މެދު އެއްވެސް ޝައްކެތް ނުކޮށް ތިބި ބަޔަކު، ނަތީޖާ ނުކުތް ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، ގިނަ ބަޔަކަށް ލިބުނީ ސިހުމެކެވެ.

އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް 23 ދުވަހު ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. އަދި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ރައީސް ޔާމީން ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް ހަތަރު އަޑުއެހުމަކަށްފަހު، މައްސަލަ ހުށަހެޅިތާ 11 ވަނައަށްވީ ދުވަހު، އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ. ސަބަބަކީ އިންތިހާބު ބާތިލު ކުރެވޭ ވަރުގެ ސަބަބެއް ހެއްކެއް، ދަލީލެއް ދެއްކިފައިނުވުމެވެ.

ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު, ސިޔާސީ ލީޑަރުން މިނިވަންވެ، އެ ބޭފުޅުންނަށް ކޮށްފައިވާ ހުކުމް ދިމާ އިދިކޮޅަށް ބަދަލުވެގެން ދިޔައެވެ. އިންތިހާބުގެ ކާމިޔާބީއާ އެކު ރާއްޖެއިން ބޭރަށް އަރުވާލެއްވިގެން ތިއްބެވި ސިޔާސީ ބައެއް ލީޑަރުން ރާއްޖެ ވަޑައިގަންނަވަން ފެއްޓެވީ އޮކްޓޯބަރު މަހުގައެވެ.

އެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން، ކަފާލާތުގެ ދަށުން ބައެއް ލީޑަރުން މިނިވަން ކުރަން ހައި ކޯޓުން އަމުރު ކުރިއެވެ. އެގޮތުން ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވިތާ، ހަތް ވަނައަށް ވީ ދުވަހު، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓުން އަމުރު ކުރިއެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން ހަމަ އެ ދުވަހު މިނިވަން ކުރިއެވެ.

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ބޭސްފަރުވާއަސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ޖަރުމަނުވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން، ރާއްޖެއިން ބޭރަށް އަރުވާލެވިގެން، ގައުމަށް ވަޑައިނުގެން ގާސިމް ހުންނެވީ، އެއް އަހަރާއި 16 ދުވަހުއެވެ. ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ރައީސް ސޯލިހާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ. ގާސިމަށް ކްރިމިނަލް ކޯޓުން އިއްވި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލު ކުރީ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިތާ 19 ވަނައަށް ވީ ދުވަހު، އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

ރައީސް މައުމޫން ޖަލު ހުކުމުން ސަލާމަތްވެވަޑައިގެންނެވީ ކަފާލާތުގެ ދަށުން މިނިވަން ކުރިތާ 18 ވަނައަށް ވީ ދުވަހުއެވެ. ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއްގައި އައި، ރައީސް މައުމޫން ހުކުމުން މިނިވަންވެ ވަޑައިގެންނެވީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މައުމޫން ވަނީ 2018 ވަނަ އަހަރު ޖަލުގައި އަށް މަހާއި 12 ދުވަސް ހޭދަ ކުރައްވާފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އެމަނިކުފާނަށް ކުރައްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ކުރީ ރާއްޖެ ވަޑައިގަންނަވަން އެންމެ ދުވަހަކަށްވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އިނގިރޭސީވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން، ހުންނެވި ނަޝީދު ރާއްޖެ ވަޑައިގެންނެވުމާ އެކު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކާ ގިނަ ބަޔަކު މާލޭގެ މަގުތަކަށް ނުކުތެވެ. ރީނދޫ ކުލައިން މާލޭގެ މަގުތައް ޖަރީވެގެންދިޔައެވެ. ސިޔާސީ އިދިކޮޅު ލީޑަރުންގެ ތެރެއިން، އެންމެ ގިނަ ދުވަހު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންވެވި ނަޝީދު ރާއްޖެ ވަޑައިގަތުމަށްފަހު، އިއްވެވި ފުރަތަމަ ހިތާބުގައި ވެސް، ވިދާޅުވީ ފަހު ނޭވައަށް ދާންދެން ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހު އިންތިހާބުން ހޯއްދެވި ކާމިޔާބީއާއެކު ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް މިނިވަން ކުރިއެވެ. ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު މިނިވަންވި އެވެ. 

ގޮނޑި ގެއްލުނު ކަމަށް ބުނާ ހުރިހާ މެމްބަރުންގެ ގޮނޑީގެ ސައްހަކަން ވެސް ސުޕްރީމް ކޯޓުން ކަށަވަރު ކޮށްދިނެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށްފަހު ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑިތައް ކަށަވަރުކޮށްދިނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދި އެވެ. މަސީހު އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ. 

ރައީސް ސޯލިހު، ވެރިކަމުގެ ހުވާ ކުރެއްވުމާ ހަމައަށް ސިޔާސީ ލީޑަރުންގެ ތެރެއިން ހުކުމުން މިނިވަން ނުވެ، ތިއްބެވީ ހަމައެކަނި ދެ ބޭފުޅުންނެވެ. އެއީ ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ. ނަޝީދަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ރިވިއު ކުރުމަށްފަހު، ބާތިލު ކުރީ 2018 ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ކުރިން އިމްރާންގެ ހުކުމް ބާތިލު ކުރިއެވެ. އިމްރާންގެ ހުކުމް ބާތިލު ކުރީ ނޮވެމްބަރު 22ގައެވެ.

ސުޕްރީމް ކޯޓުން ރިވިއު ކުރި ހުކުމްތަކާ އެކު، ޖަލު ހުކުމުން މިނިވަންވި އެހެން ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ހިމެނިވަޑައިގަންނަވައެވެ.

އަހަރު ފެށުނީ ހަލަބޮލިކަމާއި ނާމާންކަމުގެ ރަނގަބީލު އަޅަމުންނެވެ. ނެތް ޔަގީންކަމާ އެކު، ކުރިމަތިލީ ކާމިޔާބަށް އެދިތިބެއެވެ. އިތުބާރެއް ނެތް އިންތިހާބަކުން، އިތުބާރު އޮތް ރައީސަކު ހޯދުނީ 2018ގައެވެ. އއ. އުކުޅަހުން، ރައީސް ސޯލިހް ފެއްޓެވި ރިޔާސީ ދަތުރު، ގަލޮޅު ދަނޑުގައި ބޭއްވި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނިންމާލެވުނީ 142 ދުވަހުންނެވެ. ހަތަރު މަހާއި 18 ދުވަހުންނެވެ. މިއީ 2018 ވަނަ އަހަރުގެ އެންމެ ބޮޑު ބަދަލެވެ. ގަދަކަމާއި ބާރު ދެއްކި މީހުން، ބާރު ދޫކޮށްލަން ޖެހުނީ، ރައްޔިތުންގެ ބާރު ގަދަވުމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް