19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

2018 ނޫސްވެރިންނަށް ބިރުވެރި އަހަރެއް

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

  • 2018 ވަނަ އަހަރަކީ ނޫސްވެރިންނަށް އިންސާފު ނުލިބި ދިޔަ އަހަރެއް
  • ނޫސްވެރިންނަށް އެންމެ ބޮޑު ބިރަކަށްވެފައި އޮތް އަބުރުގެ ގާނޫނު އުވާލެއްވުމަކީ ލިބިގެން ދިޔަ ހިތްހަމަޖެހުމެއް
ހައްވާ މުހައްމަދު އަދި ތަހާރަތު މުހައްމަދު ވަހީދު | @hawwimd

| 31 ޑިސެންބަރު 2018 | ހޯމަ 15:10 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


2018 ވަަނަ އަހަރު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން -- ފޭސްބުކް

2018 ވަނަ އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ހަޔާތުގައި ބޮޑެތި ގޮންޖެހުންތަކާ ކުރަމަތިލާންޖެހުނު އަހަރެވެ. ނޫސްވެރިކަމުގެ ކަޅު އަހަރެކެވެ. ސަރުކާރުގެ ނުފޫޒު މީޑިއާތަކަށް އިންތިހާއަށް އޮތެވެ. ބިރު ދެއްކި އެވެ. ނުހައްގުން ހައްޔަރުކުރިއެވެ. ނޫސް އިދާރާތައް ބަންދުކުރަން އިންޒާރު ދިނެވެ. ސަރުކާރުން ބޭނުން ނުވާ ކޮންޓެންޓް ދެއްކުމަށް ހުރަސް އަޅަމުން ދިޔައެވެ. ބައެއް ފަހަރު ހުއްޓުވިއެވެ. ބޮޑެތި ޖޫރިމަނާތައް ކުރިއެވެ.

ހާއްސަކޮށް ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ މީޑިއާ ހިމާޔަތްކުރަންޖެހޭ ފަރާތައް ވާއިރު، އެ ފަރާތުން ފެނިގެންދިޔައީ ބޮޑަށް ސިޔާސީ ކުލަވަރު ޖެހިފައި އޮތް ކޮމިޝަނެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރު ވެސް މުޅި އެކޮމިޝަންގެ މަސައްކަތްތައް އޮތީ ރާއްޖެ ޓީވީއަށް އަމާޒުކޮށްގެން ދަތިކޮށް ޖޫރިމަނާކުރުމަށް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

8 ފެބްރުއަރީ 

ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޓީވީ ސްޓޭޝަން ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޮޑްކާސްޓް ކުރުން ހުއްޓާލިއެވެ. އެކި ފަރާތްތަކުން ލިބެމުން ދިޔަ އިންޒާރުތަކާ ގުޅިގެންނެވެ.

ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލިކަން ހާމަކޮށް އެ ސްޓޭޝަނުން އާއްމުކުރި ބަޔާނުގައި ވަނީ، އެ ސްޓޭޝަނުން އާއްމުކޮށް ގެނެސްދޭ ކޮންޓެންޓް މެދުކަނޑާލަން މަޖުބޫރުވީ، މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި، ރާއްޖެޓީވީ އާ އެ ސްޓޭޝަންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެއްބާރުލުން ދެމުންނުދާތީ ކަމަށެވެ. އަލުން ކޮންޓެންޓް ދައްކަން ފަށާފައި ވަނީ 11 ފެބްރުއަރީގައެވެ.

16 ފެބްރުއަރީ

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށް ބޮޑެތި އަނިޔާތަކެއް ކުރިއެވެ. ހުސައިން ހަސަން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުމުގައި ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަމުން ދަނިކޮށެވެ. ހުސައިން އަށް ލިބުނު އަނިޔާތަކަށް ސްރީ ލަންކާއަށް ފޮނުވައިގެން ބޭސްފަރުވާ ކޮށްފައިވާއިރު، އެ މައްސަލައަށް އިންސާފެއް ނުލިބެއެވެ. 2018 ވަނަ އަހަރު ނިމެން އުޅެނިކޮށް، ހުސައިން އަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމް އިން ނިންމިއެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ އަނިޔާ ދިންކަމަށް ބުނާ ފުލުހުންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެންވެ، އަނިޔާ ލިބިފައި ވިޔަސް، އެ ކޮމިޝަނުން ނިންމީ ސާބިތު ނުވާ ކަމަށެވެ.

22 ފެބުރުއަރީ

ބްރޯޑްކާސްޓް މެދުކަނޑާލި ކަމަށް ބުނެ ބްރޮޑްކާސްޓިން ކަމިޝަނުން 2،000ރ. އިން ރާއްޖެޓީވީ ޖޫރިމަނާ ކުރިއެވެ. ރާއްޖެ ޓީވީގެ ބްރޯޑްކާސްޓް މެދުކަނޑާލި ކަމަށް ބުނެ ޖޫރިމަނާކުރި އިރު ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް މެދުކަނޑާލާފައެއް ނުވެއެވެ. ރާއްޖެ ޓީވީން މެދުކަނޑާލީ އާންމު ކޮންޓެންޓެވެ. އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ ރާއްޖެޓީވީ އަށް ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީއެވެ.

1 މާރޗް 

ރާއްޖެޓީވީގެ އިތުރުން އެހެން ސްޓޭޝަންސްތަކަށް ބްރޮޑްކާސްޓިން ކަމިޝަންގެ ޖޫރިމަނާތަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ވަނީ ކޮށްފައެވެ.

3 މާރޗް

ރާއްޖެޓީވީގެ މުރުޝިދު އަބްދުލް ހަކީމަށް އަނިޔާކޮށް އިންޒާރު ވަނީ ދީފައެވެ. މުރުޝިދު ބިންމައްޗަށް ވައްޓާލައި ބިޑި އަޅުވައިގެން ހައްޔަރުކޮށް ލާއިންސާނީ އަމަލުތައް ހިންގައި އޭނާއަށް ފުލުހުން އިންޒާރު ދިނެވެ.

މުޒާހަރާގެ ވާހަކަތަކާއި ކަން ހިނގަމުންދާ ގޮތް، ކެމެރާގެ ކުރިމަތީގައި ވަގުތުން ކިޔައިދެމުންދަނިކޮށް، މުރުޝިދު ހައްޔަރުކޮށް، އަނިޔާކޮށްފައިވާތީ އެކަން ކުށްވެރިކޮށް ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނުހައްގުން އެއްވެސް މީހަކަށް އަނިޔާ ކުރުމަކީ އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް ޔުނިފޯމަކަށް ލިބިގެންވާ ބާރެއް ނޫނެވެ.

16  މާރޗް

ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކުރިއެވެ. ގުޅިފައިވާ ޕާޓީތަކުން ބާއްވަމުންދިޔަ ބޮޑު މުޒާހަރާ ކަވަރކުރުމަށް މަޖީދީމަގުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނޫސްވެރިޔާ މުހައްމަދު ފަޒީން ހައްޔަރުކުރި އެވެ. ދެން ހައްޔަރުކުރީ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމެވެ. ފަޒީން އެރެއިން އެރެއަށް ދޫކޮށްލި ނަމަވެސް، ވިސާމާއި އާމިރު ދޫކޮށްލީ ދޫނިދޫ ޖަލަށް ލުމަށް ފަހު، ދުވަސް ފަހުންނެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ގިނަ ތުހްމަތުތަކެއް ކުރި އެވެ. އޭގެ ތެރޭގައި ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ފެންނަ ވީޑިއޯއެއް އުފެއްދުން ވެސް ހިމެނެ އެވެ. އެ ހުރިހާ ތުހްމަތުތަކަށް އާމިރު އާއި ވިސާމް ވަނީ އިންކާރުކޮށްފައެވެ. އެ މައްސަލައިގައި ދައުވާކުރަން ނުފޮނުވައެވެ.

8 އޯގަސްޓް

ދެމިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖުރިމާނާކުރިއެވެ. ރާއްޖެ ޓީވީން 16 މާރޗް 2018 ވަނަ ދުވަހުގެރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމްގައި ޤައުމުގެ އަމަންއަމާންކަން ނަގާލައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ އަބުރު ގެއްލޭފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭ ކަމަށް ބުނެ އެ ކޮމިޝަނުން ބެލި މައްސަލައެއްގަ އެވެ. 2017 ވަނަ އަހަރު ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވާތީ އެމައްސަލަ ބަލައިދިނުމަށް ރާއްޖެޓީވީން ވަނީ ސިވިލްކޯޓުގައި އެދިފައެވެ.

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ، 2017 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާގެ މައްސަލައެއް އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ސިވިލް ކޯޓުން ނިންމީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 20 ގަ އެވެ. ސިވިލް ކޯޓުން ނިންމީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށެވެ. ނަމަވެސް އެ ވާހަކަ ދެއްކެވި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްސަލައެއް ނުބަލައެވެ. އެ މައްސަލައިގައި ޕޮލިހަށް ހާޒިރުވުމަށް މުސްތަފާއަށް ޗިޓް ފޮނުވިޔަސް އެ ތަހްގީގެއް ނުހިނގައެވެ.

05 ސެޕްޓެމްބަރު

ރީބްރޭންޑުކުރުމަށް ކަމަށް ބުނެ ސަން މީޑިއާ ގްރޫޕުގެ އޮޕަރޭޝަންތައް މެދުކަނޑާލިއެވެ. ރީބްރޭންޑްކުރުމަށް ފަހު ސަން މީޑިއާ ގްރޫޕުގެ ހިދުމަތްތައް އަލުން ފަށާފައި ވަނީ މި އަހަރުގެ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

14 ނޮވެމްބަރު

އަބުރުގެ ގާނޫނު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރުގެ ގާނޫނު މަޖިލީހުން ފާސްކުރީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮތް މިންވަރު މީޑިއާ އަށް ތިލަވެގެން އައި ދުވަސްވަރުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ތަސްދީގު ކުރައްވާފައި ވަނީ އަބުރުގެ ޤާނޫނު އުވާލުމުގެ ބިލެވެ. އެއީ 22 ނޮވެންބަރު 2018 އެވެ.

2018 ވަނަ އަހަރަކީ ނޫސްވެރިންނަށް އިންސާފު ނުލިބި ދިޔަ އަހަރަކަށެވެ. އެގޮތުން އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދަށް އިންސާފު ނުލިބި އަދި 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވީ ނުވީއެއް ނޭގި ގެއްލުނު އަހުމަދު ރިލުވާނު ވީގޮތެއް ހޯދިފައެއް ނުވެއެވެ. އަދިވެސް ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން އަށް ފުލުހުން އަނިޔާކުރި މައްސަލަ ސާބިތު ނުވާ ކަމަށް، އެޗްއާރުސީއެމް އިން ނިންމިއެވެ. ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައަށް ވެސް އިންސާފެއް ނުލިބެއެވެ. ނަމަވެސް ނޫސްވެރިންނަށް އެންމެ ބޮޑު ބިރަކަށްވެފައި އޮތް އަބުރުގެ ގާނޫނު އުވާލެއްވުމަކީ ލިބިގެން ދިޔަ ހިތްހަމަޖެހުމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޝާން އަނީސް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް