16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރޫމޭނިޔާގެ މުޒާހަރާ

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

 • ރައްޔިތުން ބުނަނީ ސަރުކާރު އިސްތިއުފާ ދޭން ޖެހޭނެ ކަމަށް
 • ބޮޑުވަޒީރު ވިދާޅުވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް
 • މުޒާހަރާއާ ގުޅިގެން ވިޔަފާރިއާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވި
ރާއްޖެ އެމްވީ | raajje.mv

| 11 ފެބުރުވަރީ 2017 | ހޮނިހިރު 17:04 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ރޫމޭނިޔާގެ ރައްޔިތުން ކަރަޕްޝަން އާ ދެކޮޅަށް މުޒާހަރާ ކުރަނީ -- ޔޫޓިއުބް

އެތައް ހާސް ރައްޔިތުންނެއް ރޫމޭނިއާގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ރައްޔިތުން ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ. އެމީހުން ބުނަނީ ގައުމުގައި އަށަގަންނަމުންދާ ކަރަޕްޝަނަށް ދެން އިތުރަށް ބަލަން ނުތިބޭނެ ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ރޫމޭނިއަކީ ކަރަޕްޝަން ވަރަށް ބޮޑަށް އަށަގަނެފައިވާ ގައުމެކެވެ. އެއީ އެތާނގެ ބައެއް މީހުން ބުނާ ގޮތުން އެމީހުން ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ ކަމެއް ކަމުގައެވެ.

މައްސަލަ ހޫނުވީ ވެރިކަން ކުރާ ޕާޓީ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ޕީއެސްޑީ) އަށް ނިސްބަތްވެ ވަޑައިގަންނަވާ މިހާރުގެ ބޮޑުވަޒީރު ސޮރިން ގްރެއިންޑޭނޫ ސަރުކާރުން ކުއްލި ގޮތަކަށް ފާސްކުރި ގަރާރަކާ ގުޅިގެންނެވެ. އެ ގަރާރުގެ މަގްސަދަކީ ދެ ލައްކަ ރޫމޭނިއަން ލޭއި (ތިރީސް އަށް ހާސް ޕައުންޑް) އަށް ވުރެ މަދު އަދަދަކުން ރިޝްވަތު ހިފި އަމަލެއްގައި ޝާމިލްވި އޮފިޝަލަކު އެކުރީ ކުށެއް ނޫން ކަމަށް ކަނޑައެޅުމެވެ.

މިގަރާރުގެ ސަބަބުން އެންމެ އަވަހަށް ފައިދާ ކުރާނީ މިހާރު ވެރިކަންކުރާ ޕާޓީ ޕީއެސްޑީގެ ލީޑަރަށް ކަމަށް ބީބީސީން ހާމަކޮށްފައިވެއެވެ. އޭނާގެ މައްޗަށް 20،700 ޕައުންޑުގެ ރިޝްވަތުގެ ދައުވާއެއް ވަނީ އުފުލިފައެވެ. ގަރާރު ދިފާއު ކުރައްވާ ބޮޑުވަޒީރު ވިދާޅުވަނީ މި ގަރާރުގެ ސަބަބުން މިހާރުވެސް ތޮއްޖެހިފައިވާ ރޫމޭނިޔާގެ ޖަލުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި ގަރާރާއެކު ރޫމޭނިއާގެ އެތައް މިތަނުން ގާތްގަނޑަކަށް ބައި މިލިއަނެއްހާ މީހުން މަގުތަކަށް ޖަމާވެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރި ކުރުވިއެވެ. މުޒާހަރާތައް ރޫމޭނިޔާގެ 56 ޓައުނެއްގައި ކުރިއަށް އެބަދެއެވެ. މުޒާހަރާ އަށް ހަ ދުވަސް ފުރިހަމަވި ތަނާ އެ ގަރާރު އަނބުރާ ގެންދާނެ ކަމަށް ސަރުކާރުން އިއުލާނު ކުރިއެވެ. މުޒާހަރާ ކުރާ މީހުންގެ ވާހަކައަކީ އެވަރަކުން ނުފުދެއެވެ. އެމީހުން ބުނަނީ ސަރުކާރަށް ޖެހޭނީ އިސްތިއުފާ ދޭން ކަމުގައެވެ.

މިއީ ރޫމޭނިއާގައި އޮތް ކޮމިއުނިޒަމް ނެތިގެން ދިޔަ ފަހުން ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ. މުޒާހަރާގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އިތުރުން ސަރުކާރަށް ތާއީދު ކުރަމުން ދިޔަ އެތައް ހާސް އާއްމުންނެއްވެސް ބައިވެރިވަމުން ދެއެވެ.

މުޒާހަރާ ކުރާ މީހަކު ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، ޢުމުރުން ހަގު ޑިމޮކްރަސީއެއްގައި އަދި ޚާއްސަކޮށް ކަޅު މާޒީއެއް އޮތް ތަނެއްގައި، ބޭނުންހާ ގޮތެއް ރައްޔިތުންނަށް ހެދުމުގެ އާދައަކީ ފަސޭހައިން ނައްތާލެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުން ކަންބޮޑުވަނީ ސަރުކާރުން ފާސް ކުރި ގަރާރުގެ ސަބަބުން ކުރިން ކަރަޕްޝަންގެ ކުށް ސާބިތުވެފައި ތިބި މީހުން ކުށް ފުހެވި މިނިވަން ވެގެންދާނެއަތީއެވެ. އަދި ސަރުކާރުގެ އޮފިޝަލުން ރިޝްވަތުގެ އަމަލުތައް ހިންގުމަށް ފަސޭހަ ވެގެން ދާނެއަތީއެވެ.

ކަރަޕްޝަނަށް މަގުފަހިކޮށް ކަރަޕްޓް މީހުންނަށް މަގާމްތަކަށް އާދެވޭ ގޮތައް ގަރާރު ފާސްކުރަން ސަރުކާރުން އުޅުނު ގޮތުންވެސް މީހުން ތިބީ ރުޅިގަދަ ވެފައެވެ. މުޒާހަރާ ކުރާ ބައެއް މީހުން ފާހަގަ ކުރި ގޮތުގައި ގަރާރު ފާސްކުރީ ރޭގަނޑުގެ ވަގުތެއްގައެވެ. އަވަސް އަރުވާލައިގެން ސަރުކާރުން މިކަން ކުރިއިރު މިއީ އިމަޖެންސީ ޙާލަތެއްގައި ކުރަންޖެހުނު ކަމެއް ނޫންކަންވެސް އެމީހުން ފާހަގަ ކުރިއެވެ.

ރޫމޭނިޔާގައި މިހާރު އޮތް ސަރުކާރު ވެރިކަމަށް އައީ ހުސްވި ޑިސެމްބަރު މަހު އޮތް އިންތިޚާބުން 46 އިން ސައްތަ ވޯޓު ހޯދައިގެންނެވެ. ބޮޑުވަޒީރު ގްރެއިންޑޭނޫގެ ކެބިނެޓުން މަސައްކަތް ކުރަމުންދަނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތުން ނަމަވެސް ފަސް އަހަރުން ދަށުގެ ޖަލު ހުކުމް ތަންފީޒް ކުރަމުންދާ 2500 ކުށްވެރިން ޖަލުން ނެރެވޭތޯއެވެ.

މުޒާހަރާ ކުރާ މީހުން ބުނަމުންދަނީ 1989 ވަނަ އަހަރު ރޫމޭނިއާއަށް ގެނައި އިންގިލާބުގެ ފަހުންވެސް ގައުމުގެ ކޮންޓްރޯލް އަދިވެސް އޮތީ އޭރުވެސް ބާރު ހުރި މީހުންގެ އަތުގައި ކަމަށެވެ.

ރައްޔިތުން މުޒާހަރާ ކުރާ ސަބަބުތައް މީޑިއާ އާ ހިއްސާ ކުރަމުން ބައެއް މީހުން ބުނެފައިވަނީ އެމީހުންގެ ކޮންމެ ދުވަހެއްގެ އާއްމު ދިރިއުޅުމުގެ ކޮންމެ ކަމަކާ ހަމައަށް ކަރަޕްޝަންގެ އަސަރު ފޯރާފައިވާ ކަމަށެވެ. ވަޒީފާ ހޯދުން އެހާ ދައްޗެވެ. މުސާރަތައް އެހާ ކުޑައެވެ. ސިއްހީ ނިޒާމު އޮތީ ފޭލްވެފައެވެ. ޓެކްސް ނިޒާމުގެ ތެރެއިން ދަތިކޮށް ކުދި ވިޔާފާރިތަކަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ރިޝްވަތު ދިނުން ކަމަށް ވެއެވެ.

ރޫމޭނިއާކީ ޔޫރަޕްގެ އެންމެ ފަގީރު ގައުމެވެ. އަދި އެންމެ ކަރަޕްޓް ގައުމެވެ. ހުސްވި އަހަރު އައި.ޕީ.ޕީ ތިންކް ޓޭންކުން  ހާމަކުރި ގޮތުގައި ރޫމޭނިޔާގެ ގާނޫނު ހަދާ މަޖިލިހަށް އެންމެ ފަހުން 2012 ވަނަ އަހަރު އިންތިޚާބުވި މެމްބަރުންގެ ތެރެއިން 15 އިން ސައްތަ އަކީ ރިޝްވަތުގެ ތުހުމަތުތަކުގައި ތަހުގީގު ތައް ހިނގަމުންދާ މީހުންނެވެ.

ރޫމޭނިއާގެ މަސްރަހު ހޫނުވެ، ސަލާމަތީ ބާރުތަކާއި އާއްމު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތައް އަންނަނީ ހިނގަމުންނެވެ. މައްސަލައިގައި ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ބޮޑުވަޒީރު ވިދާޅުވަމުން ގެންދަވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ރޫމޭނިޔާ ސަރުކާރުން ކަރަޕްޝަންއަށް މަގުފަހިވާ ގޮތައް ފާސްކުރި ގަރާރަށް ގައުމުގެ ރައްޔިތުންގެ ރުޅިވެރިކަން އަމާޒު ވެގެން ދިއުމުގެ އިތުރުން ޔޫރަޕިއަން ޕާލިމެންޓުންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް