24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ގަރުނެއް ވަންދެން ގެއްލިފައިވާ އާއިލާ

ގަރުނެއް ވަންދެން ގެއްލިފައިވާ މާމެންދޫ އާއިލާއެއްގެ ވާހަކަ!

  • މިހާރު ގާތްގަނޑަކަށް 105 ވަނީ ވެފައި
  • ކާފަ ކިޔާ 100އަށް ވުރެ ގިނަ ކުދިން ދުނިޔޭގައި އެބަތިބި
ރިޒުނާ ޒަރީރު | RiznaZareer

| 23 ޑިސެންބަރު 2018 | އާދީއްތަ 15:41 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


މާމެންދޫއަށް ދިޔަ އައްޑޫ އާއިލާގެ މީހުން -- ރާއްޖެއެމްވީ

މިއީ ގއ. މާމެންދޫގައި ދިރިއުޅޭ އައްޑޫ މީހެއްގެ ވާހަކައެކެވެ. މި ވާހަކަ ހާއްސަވަނީ މި ވާހަކަ ގަރުނެއްހާ ދުވަސް ކުރިއަށް ގޮސް ގުޅޭތީއެވެ. އައްޑޫ އަށް ނިސްބަތްވާ ކޮއްޔާބިޔާގެ ހުސެއިންބެއްޔާގެ އުމުރުން މިހާރު 100 އަހަރަށް ވުރެ މަތިވާނެ ކަމަށް ބުނެވެއެވެ. ނަމަވެސް އައްޑޫގައި އޭނާގެ ބޮޑު އާއިލާއެއް އޮތްކަން މިއޮތް ހުރިހާ ދުވަހު އޭނާއަކަށް ނޭނގެއެވެ. 

ނަވާރަ ސަތޭކައިގެ ކުރީކޮޅު އައްޑޫ ސިޓީ މަރަދޫގެ ދަންޑެހެލެ ކޮއްޔާބިޔާގެ ހުސެއިންބެއްޔާ ކޮޅުނބަށް ކުރި ދަތުރެއްގައި ފިލައިގެން ދިޔަ ކަމަށް އާއިލާގެ ދުވަސްވީ މީހުން ބުނެއެވެ. އެހެން ކަމުން ހުސެއިންބެއްޔާގެ ހަބަރެއް ނުވެ އަހަރުތަކެއް ވެއެތުވެގެން ދިއުމުން މަރަދޫގައި ތިބި އާއިލާގެ ގިނަ މީހުން ނިންމީ ހުސެއިންބެއްޔާ ދުނިޔޭގައި ނެތް ކަމަށެވެ. އޭރު މުވާސަލާތީ ވަސީލަތްތައް މަދުކަމާ އެކު އާއިލާ މީހުން ހޯދުމަށް މާބޮޑު މަސައްކަތެއް ވެސް ކޮށްފައެއް ނުވެއެވެ.

ނަމަވެސް ހުސެއިންބެއްޔާގެ ކުދިން ކައިރީ އޭނާއަކީ އައްޑޫ އަތޮޅު މަރަދޫއަށް ނިސްބަތްވާ މީހެއް ކަމަށާއި އާއިލާގެ ބައެއް މެމްބަރުންގެ ނަންތައް ވެސް ވަނީ ކިޔައިދީފައެވެ. އެހެންނަމަވެސް މިވީހާ ދުވަހަކު ހުސެއިންބެއްޔާގެ މަރިޔަމް ވަހީދާ ފިޔަވައި އެހެން އެއްވެސް ކުއްޖަކު އައްޑޫއަށް ގޮސްފައިނުވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ވަހީދާ ކިޔައިދިނެއެވެ. ވަހީދާ ބުނި ގޮތުގައި އޭނާގެ އުމުރުން 10 އަހަރުގައި މަންމަ ބަލިވެގެން އައްޑޫއަށް ދިޔަ ނަމަވެސް އާއިލާގެ އެއްވެސް މީހަކާ ދިމާވެފައި ނުވާ ކަމަށާއި އައްޑޫއަށް މަންމަ ނިޔާވުމާ އެކު އެނބުރި މާމެންދޫއަށް އައިސް އާއިލާގެ ކަންތައްތައް ކުރުމުގައި ޒިންމާ އުފުލަން ޖެހުނު ކަމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އާއިލާ ހޯދުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައްޑޫއަށް ދެވިފައި ނުވާ ކަމަށް ވެސް ވަހީދާ ކިޔައިދިނެވެ. އެހެންކަމުން އައްޑޫގައި އޭނާގެ އާއިލާގެ އެތައް ބަޔަކު އުޅޭކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. 

ވަހީދާ އިތުރަށް ބުނި ގޮތުގައި އާއިލާގެ މީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ދިމާވީ 2003 އަހަރުގެ ތެރޭގައި އެރަށުގައި އޭރު ހުރި ފޯނު ބޫތު ކައިރިން ދިމާވި ފިރިހެނަކާއެވެ. އެއީ ކޮއްޔާބިއްޔާގެ އިބިރިހިމްބެއްޔާގެ ހަސަން ޒަރީރު ކަމަށެވެ. އެ ދުވަހުގެ ވާހަކަ ކިޔައިދެމުން ޒަރީރު ބުނީ ވަހީދާއާ ދިމާވެގެން ވާހަކަ ދެއްކުމުން އެއީ އައްޑޫ މަރަދޫ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނި ކަމަށާއި މައުލޫމާތު އޮޅުންފިލުވި އިރު ވަހީދާގެ ބައްޕަ އާއި އޭނާގެ ބައްޕައަކީ ދެބެއިން ކަމަށެވެ. އެހިސާބުން ހުސެއިންބެއްޔާއާ ބައްދަލުކޮށް ވާހަކަ ދެއްކުމުން އާއިލާގެ ބައެއް މެމްބަރުންގެ ވާހަކަ އަހައި އޮޅުންފިލުވި ކަމަށް ޒަރީރު ބުންޏެވެ. އަދި މާމެންދޫގައި ތިބި އާއިލާ މީހުންނާ ބައްދަލުކުރުވި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އައްޑޫގައި ތިބި ހުސެއިންބެއްޔާގެ އާއިލާ މީހުންނަށް އޭނާ ދުނިޔޭގައި ހުރިކަމަށް ބުނެ ޒަރީރު ދެއްކި ވާހަކަ ގަބޫލުކުރަން އެހާ ފަސޭހަކަމަށް ނުވިއެވެ. ސަބަބަކީ އެހާ ސަމާން ފަހުން އެކަން އެނގުމެވެ. އާއިލާގެ އެހެން މެންބަރުންނަށް އެއީ ގަބޫލުރަން ދަތި ވާހަކައަކަށް ވިޔަސް ޒަރީރަށް މާމެންދޫ އަށް ގޮސް އޭނާގެ ގެއްލިފައިވާ ހުސެއިންބެއްޔާއާ ދިމާވި ހިސާބުން ފެށިގެން އޭނާ ދިޔައީ އެ އާއިލާއާ ގުޅުން ބާއްވަމުންނެވެ. 

ހުސެއިންބެއްޔާ އެންމެ ފުރަތަމަ ކައިވެނި ކުރީ ގދ. ތިނަދޫ މީހަކާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ކައިވެނި ކުރި އަންހެން މީހާ ދޫކޮށް ހައޮއްޑާ ކިޔާ ރަށަކަށް ހުސެއިންބެއްޔާ ގޮސް، އެރަށުގައި ވަޒަންވެރިވެ އެރަށުން މީހަކާ ކައިވެނިކުރިއެވެ. އޭގެ ދުވަސްތަކެއް ފަހުން ހައޮއްޑާގެ މީހުން އެއަތޮޅު އެކި ރަށްރަށަށް ބަދަލު ކުރުމުގެ ތެރޭގައި ހުސެއިންބެއްޔާ އާއި އަންހެނުން މާމެންދޫގައި ވަޒަންވެރިވިއެވެ. އަދި ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ލިބުނެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ އެއް އަންހެނަކާއި ތިން ފިރިހެނުންނެވެ.

 

ނަމަވެސް މި ކުދިންގެ އިތުރަށް، ތިނަދޫއިން ކައިވެނި ކުރި މީހާއަށް އަންހެން ކުއްޖެއް ލިބިފައިވެއެވެ. މި ކުއްޖާ ކުޑައިރު އައްޑޫއަށް ގެންގޮސް ހުރިހާ ކަމެއްކޮށްދީ ހަދާފައި ވަނީ ހުސެއިންބެއްޔާ އާއި އެއްބަފާ އިބިރިހިމްބެއްޔާ އާއި އިސްމެހެލެބެއްޔާ އާއި އާމިންދިޔެއެވެ. މިހާރު މަރަދޫ ފޭދޫގައި މި އަންހެންމީހާގެ ކުދިން ތިބި އިރު އޭނާ މި ދުނިޔެއަކު ނެތެވެ. އަދި ކުދިންނަށް ވެސް އެނގިފައިވާ ގޮތުގައި އެ މީހުންގެ ކާފަ ވަނީ ނިޔާވެފައެވެ. ހުސެއިންބެއްޔާގެ މައުލޫމާތު އެކި ދިމާލުން އެއްކުރުމުގެ ތެރޭގައި މަރަދޫ ފޭދޫގައި ހުސެއިންބެއްޔާއަށް ކާފަކިޔާ ކުދިން ތިބި ކަން ވަނީ އެނގިފައެވެ. އަދި މަރަދޫ ފޭދޫގައި އެއްބަފާ މީހަކު ހުންނަ ކަމަށް ހުސެއިންބެއްޔާގެ މާމެންދޫ ބަނޑަށް ލިބިފައި ތިބި ކުދިންނަކަށް ވެސް ނޭނގެއެވެ. އެހެންނަމަވެސް ތިނަދޫ އިން މީހަކާ ކައިވެނި ކުރި ކަމަށް ހުސެއިންބެއްޔާ ވަނީ ކުދިން ކައިރީ ބުނެފައެވެ.

މި ވާހަކަ އަށް ބޮޅެއް އިތުރުވެ ކުރިފަޅައިގެން ދިޔައީ ފްލައިޓެއްގެ ތެރެއިންނެވެ. ހުސެއިންބެއްޔާ އަށް ކާފަ ކިޔާ ޝަފީއު ތައުފީގާއި ކޮއްޔާބިޔާ އާއިލާއަށް ނިސްބަތްވާ ހުސެއިން ސަދީގު ދިމާވީ ފްލައިޓެއްގެ ތެރެއިންނެވެ. ދެ މީހުންގެ މެދުގައި ދެކެވުނު ވާހަކަ އިން ދެމީހުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. މީގެ ކުރިން ނުދަންނަ ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަ އިން އެ ދެ މީހުންނަށް އެނގުނީ އެއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމެވެ. އެ ހިސާބުން އެ ދެ މީހުންގެ އަޒުމަކަށްވީ ގެއްލި ބެހިފައިވާ އެ މީހުން އާއިލާ ކޮންމެ ވެސް ގޮތަކުން އެއްތަންކުރުމެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އެއީ އެހާ އުނދަގޫ ކަމަކަށް ނުވި ނަމަވެސް އެކަމަށް ދުވަސްތަކެއް ހޭދަވިއެވެ. އާއިލާގެ ގިނަ މެމްބަރުން ހިމެނޭ ގޮތަށް ވައިބަރ ގުރޫޕެއް ވަނީ ހަދާފައެވެ. އަދި ގުރޫޕު ތެރޭގައި އާއިލާ ހޯދުމަށް ވަނީ ވަރަށް ގިނަ މައުލޫމާތުތައް އެއްކުރެވިފައެވެ.

 

އެމީހުން ކުރި މަސްކަތުން މުޅި އެ އާއިލާ އަށް ނިސްބަތްވާ 150 ވަރަކަށް މީހުންނަށް އެ މެސެޖް ފޯރުކޮށްދެވުނެވެ. އަދި އެންމެން އެއްތަންވާނެ ގޮތަކާ މެދު މަޝްވަރާކުރެވި އެންމެ ފަހުން ނިންމީ އަހަރުގެ ބޮޑު ޗުއްޓީގައި މާމެންދޫ އަށް ދިއުމަށެވެ. ގެއްލިފައިވާ ހުސެއިންބެއްޔާ އަށް ޒިޔާރަތްކުރުމަށެވެ. އެ އާއިލާގެ ގާތްގަނޑަކަށް 150 މީހުން ވަނީ ހޮނިހިރު ދުވަހު މާމެންދޫއަށް ގޮސް ހުސެއިންބެއްޔާއާ ބައްދަލުކޮށްފައެވެ. އަދި މުސްކުޅި ބަލީގައި އޮތް ނަމަވެސް އިރާދަފުޅާ އެކު އާއިލާ މީހުންގެ ނަންތައް ބުނުމުން އެއީ ބޭބެ ކަމާއި މިވެނި މިހަކީ ކޮއްކޮ ކަމަށް ހުސެއިންބެއްޔާ އަށް އެނގުނެވެ. 

ހުސެއިންބެއްޔާ އުމުރުން މިހާރު ގާތްގަނޑަކަށް 105 ވެފައިވާއިރު ކާފަ ކިޔާ 100 އަށް ވުރެ ގިނަ ކުދިން ދުނިޔޭގައި އެބަތިބިއެވެ. އޭގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި 2018 ވަނަ އަހަރު ރައީސް ޔާމިންގެ ރަނިން މޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއަކީ ވެސް ހުސެއިންބެއްޔާއަށް ކާފަ ކިޔާ ކުދިންނެވެ. ޑރ. ޝަހީމް ވެސް ވަނީ އުފާވެރި މި ވަގުތުކޮޅުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. 

މިފަދަ ގޮތަކަށް އާއިލާ މީހުންނާ ދިމާވުމުން މިއީ އަޖައިބެއްގެ ގޮތަށް ގިނަ މެމްބަރުން ވަނީ ސިފަކޮށްފައެވެ. އަދި މިކަހަލަ އުފާވެރި ދުވަހެއް ދެން އަންނާނީ އައްޑޫގައި ތިބި އާއިލާ ހުރިހާ މެމްބަރުންނާ ދިމާވެގެން ކަމަށް ވަނީ ބުނެފައެވެ. އެމީހުންގެ މިހާރުގެ އުންމީދަކީ ހުސެއިންބެއްޔާ ދުނިޔޭގައި ހުއްޓާ އާއިލާގެ ބާކީ ތިބި މެންބަރުންނާ ދިމާވުމެވެ. އެ އާއިލާ އަށް ނިސްބަތްވާ އެތައް ބަޔަކު އަދިވެސް އައްޑޫގައި އެބަ ތިއްބެވެ. އެމީހުން މިހާރު މަސައްކަތްކުރަމުންދަނީ ހުސެއިންބެއްޔާ އަށް އޭނާގެ އާއިލާގެ އެހެން މެންބަރުން ގުޅުވައިދިނުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ThOathaa

4 މަސް ކުރިން

rizna zareer akee e aailaage membereh kan mi liumun egen oinama salhi vees..

6
0