19 އޯގަސްޓު 2017 | ހޮނިހިރު | މާ 09

ފެބްރުއަރީ 8: އަނިޔާވެރިކަން އިންތިހާއަށް ދިޔަ ދުވަހެއް، އިންސާފެއް ނުލިބޭ!

  • އަނިޔާވެރިކަން ނިންމަން ބޭނުންވާ ނަމަ، އިހްލާސްތެރި ދަރިންތަކެއް ނުކުންނަން ޖެހޭ

| | | hussainfiyaz | |




އެ މަންޒަރު އެންމެ ކުރުކޮށް ސިފަކޮށްލާނަމެވެ؛ ވަލު ޖަނަވާރަކަށް ވެސް އަނިޔާނުކުރާނެ މިންވަރަށް ދިވެހި އެތައް ރައްޔިތަކަށް އަނިޔާކުރި އެވެ. ދަގަނޑު ދަހަނާ އެޅި ފުލުހުންގެ މުލައްދަނޑީގައި ހުރި ބާރުމިނެއްގައި މުގުރުން ޖެހިޖެހީނުން ބައެއް މީހުން ބޯފޮޅާލި އެވެ. އެކެއްގެ އިނގިލިތައް ޗިސްޗިސް ކޮށްލި އެވެ. މިއީ ދިވެހިން ހިމާޔަތްކުރަން، ﷲ ގަންދީ ހުވާކޮށްގެން ތިބި ފުލުހުން މީގެ ފަސް އަހަރު ކުރިން، ފެބްރުއަރީ 8، 2012 ގައި ދިން އަނިޔާ އެވެ. އެ ވާހަކަތަކަށް ނިމުމެއް ނެތެވެ. އެ ދުވަހު ރައްޔިތުންނާއި މި ދައުލަތަށް ދިން ޒަހަމްތަކަށް އަދިވެސް "ޝިފާއެއް" ނުލިބެ އެވެ.

 

ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި އިންތިހާބުކުރި ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން، ސިފައިންކުރި ބަގާވާތާ ގުޅިގެން ވެއްޓުމަށް ފަހު، ޖެހިގެން އައި ދުވަހު، ދިވެހިރައްޔިތުން މާލޭގެ މަގުތައް ފުރާލީ، "ބަގާވާތް" ގަބޫލުނުކުރާކަމާއި ފުލުހުންނާއި ސިފައިން ހިންގި ގާނޫނާ ހިލާފު އަމަލުތައް ބަލައިނުގަންނަކަން ދެއްކުމުގެ ގޮތުންނެވެ. ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ އިސްތިއުފާ ދެއްވި ދެއްވުން އެއީ ހަގީގަތެކެވެ. ނަމަވެސް، އޭގެ ފަހަތަށް ބަލާލާއިރު، ބަގާވާތެއްގެ ސިފަ ނެތް ކަމަށް ގަބޫލުކޮށް، އަދި ހިންގި ކަންކަމަކީ އޭގެ ޒާތުގައި ހިނގައިގެން ދިޔަ ކަންކަމަށް ގަބޫލުކުރާ ފަރާތްތަކުގެ ލޮލަށް، ގާނޫނާއި ގާނޫނު އަސާސީ މުގުރާލި ތަނެއް ނުފެނެ އެވެ. ހަގީގަތަކީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރު ވެގެން ދިޔައީ ސިފައިންނާއި ފުލުހުން ކުރި ބަގާވާތުގެ ސަބަބުން ކަމެވެެ. އެ ބަގާވާތް ރޭވި މީހުންނާއި އެކަމުގެ ފަހަތުގައި ފޮރުވިފައި ތިބި މޭސްތިރިންގެ ރޭވުން މޮޅުކަމުން އެކަން ގާނޫނީ ތައްގަނޑަށް ފައްތާލާނެ ގޮތް ހެދި އެވެ. ނަމަވެސް، ކެމެރާތަކުގެ ކުރިމަތީގައި ހިންގަމުންދިޔަ ކަންކަން، ނުފޮރުވުނެވެ. އަދި ސިއްރުން ރޭވި ރޭވުންތައް ވެސް ތިލަވެފައި އެބަ ހުއްޓެވެ. މައްސަލައަކީ އެކަންކަން އިންސާފުވެރި ތަހްގީގެއް ހިންގާފައި ނެތުމެވެ.

 

ވެރިކަމުން ދުރުކުރުމުން ކުރިމަތިވި ހިތާމާގައި ރައީސް މުހައްމަދު ނަޝީދު އޮންނަވަން ބޭނުންފުޅެއް ނުވިއެވެ. ޖެހިގެން އައި، ފެބްރުއަރީ 8 ވަނަ ދުވަހުގެ މެންދުރު ފަހު އެމްޑީޕީގެ ލީޑާޝިޕާއި ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ. ދަރުބާރުގޭގައި ބޭއްވި އެ ބައްދަލުވުމަށް ފަހު އެ މަނިކުފާނު ވަޑައިގަތީ، ފުލުހުންނާއި ސިފައިން ސުންނާފަތިކޮށްލާފައި އޮތް އެމްޑީޕީގެ ހަރުގެއަށެވެ. އެ ތަނުގައި އެމްޑީޕީގެ ދިދަ އަލުން ވިހުރުވާލި އެވެ. އެއާއެކު އެއްވެފައި އޮތް އެތައް ހާސް ބައެއްގެ ޖޯޝާއި ތާއިދުގެ އަޑު ގުގުމިގެން ދިޔަ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ޑިމޮކްރަސީ އާއި ހައްގުތައް ހޯދުމަށް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އުޅުއްވި ރައީސް ނަޝީދަކީ މަގުމައްޗަށް ފަރިތަ ބޭފުޅެކެވެ. އެހެންވެ، ބޮޑުތަކުރުފާނު މަގުން ގޮސް، އެމްއެމްއޭ ސަރަހައްދުގައި އެ މަނިކުފާނު މަޑުކުރެއްވިއިރު، އެއީ އެހާތަނަށް އެންމެ ގިނަ މީހުން އެއްވި ފުރަތަމަ އެއްވުމަށްވި އެވެ. ނަތީޖާއަކަށްވީ ސިފައިންނާއި ފުލުހުންނަށް ސިހުން ގެނެވުމެވެ. އޭރު ބަގާވާތްކުރި ފުލުހުންނާއި ސިފައިންގެ ސަފުތައް އޮތީ ރުކުރުވާލާފަ އެވެ.

 

"ހަގީގަތުގައި ވެސް އެ ދުވަހު ފުލުހުންގެ އިސްވެރިންނަށް ހަދާނެ ގޮތެއް، ކްރައުޑް ކޮންޓްރޯލްކުރާނެ ގޮތެއް ނޭނގުނު. އަދި ވެރިކަން ބަދަލުވުމަށް ފަހު ސިފައިންގެ ލީޑަޝިޕް ވެސް އޮތީ ރަނގަޅަށް ތަރުތީބުނުވެ. ގިނަ ބަޔަކު އެއްވުމުން، ފުލުހުންނަށް ވެސް ހަދާނެ ގޮތް ހުސްވި، ގްރައުންޑްގައި ތިބި ފުލުހުން އަމަލުކުރީ އެއްވެސް ކޮމާންޑެއް ނެތި އެ ބަޔަކު ހިތުހުރި ގޮތަކަށް. އަދި އެ މީހުން ތިބީ ވެރިކަން ބަދަލުކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ބަޔަކު ނުކުތުމުން ރުޅިވެސް ގަދަވެފައި،" އޭރު ފުލުހުންގެ އިސްވެރިޔަކަށް ހުންނެވި އޮފިސަރަކު ވިދާޅުވި އެވެ.

 

ދިވެހިރައްޔިތުންނަށް ފުލުހުން އަނިޔާކުރުމުގެ ސަބަބުން ރައްޔިތުން ވެސް ރަތަށް އެރިއެވެ. ރަށްރަށުން ފުލުހުން ބޭރުކޮށް، ބައެއް ރަށްރަށުގައި ހުރި ފުލުހުންގެ އިދާރާތަކާއި ދައުލަތުގެ ބައެއް އިދާރާތައް އަންދާލި އެވެ. އެކަމުގެ ގެއްލުން 200 މިލިއަން ރުފިޔާއަށް އެރިކަމަށް ބުނެ އެވެ.

 

ފެބްރުއަރީ 8 ގައި ރައްޔިތުން ދައްކުވައިދިނީ، ފެބްރުއަރީ ހަތެއްގެ ބަގާވާތް ބަލައި ނުގަންނަ ކަމެވެ. ސިފައިންނާއި ފުލުހުންގެ އަމަލުތައް ތާއިދު ނުކުރާ ކަމެވެ. އެހެންވެ، ރައްޔިތުން މަގުތަކުގައި ސާބިތުކަމާ އެކު ތިބިއިރު، ސިފައިންނާއި ފުލުހުން އަދި ދައުލަތުގެ ވެރިން ތިބީ ރައްޔިތުންގެ ފައިސާއިން ގަނެފައިވާ ދަގަނޑު ދަހަނާތަކާއި ބަރިބަރިއަށް އަތުރާލާފައިވާ ބޮޑީގާޑުންގެ ފާރުތަކުގެ ފަހަތުގަ އެވެ. އަދި ދަގަނޑު ދަހަނާގައި ތިބި ފުލުހުން ދިޔައީ ރައްޔިތުންނަށް އަނިޔާ ދެމުންނެވެ. ހައްގުތައް ނިގުޅައި ގަންނަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތާ މެދު ކޯނީ ރިޕޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، ރަނގަޅު ތަހްގީގެއް ހިންގައިފި ނަމަ، އަދިވެސް ތިލަކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. ކޯނީގެ ރިޕޯޓް ގަބޫލްކުރި ފަރާތްތަކަށް ވެސް ކުރަން ނުކެރުނު ކަމަކީ ގާނޫނާ ހިލާފުވި ފުލުހުންގެ މައްސަލަ ބެލުމެވެ. މިކަމުން ވެސް، ފުލުހުންނާއި ސިފައިން ފެބްރުއަރީ 7 އަދި 8 ގައި ހިންގި ޖަރީމާތަކަކީ ގާނޫނާ ހިލާފު، އަދި ބައެއްގެ ވާގިވެރިކަން ލިބިގެން ހިންގި ޖަރީމާތަކެއްކަން އެނގެ އެވެ. އެކަމަށް ހިތްވަރު ދިން މީހުން އެބަ ތިއްބެވެ. މައްސަލައަކީ، ދައުލަތުގެ މުއައްސަސާތަކުގެ ވާގި ނެތި، އެ ބޭފުޅުންގެ ގާނޫނީ ޒިންމާ ހަނދާން ނެތުމެވެ. ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރުމެވެ.

ބަގާވާތުގެ ހިތިކަން އަދިވެސް ފިލައި ނުދެ އެވެ. އެންމެ ފަހުން ރައީސް ޔާމީނަށް ވެސް އެކަމުގެ ގެއްލުން ކުރިމަތިވެ ވަޑައިގަތެވެ. ފުލުހުންގެ އިސްވެރިން ކޮރަޕްޓްވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މައްސަލައަކީ އެ މަނިކުފާނު ވެސް ކަންކަން އިސްލާހުކުރަން ބޭނުންފުޅުނުވެ، ފުލުހުންގެ އޭރުގެ އިސްވެރިން ބޮޑެތި މަގާމުތަކަށް ބަދަލުކުރުމެވެ.

 

ޖަރީމާތަކުގައި ސިފައިންނާއި ފުލުހުން މިހާރު ވެސް ބައިވެރިކުރަމުން ދިއުމަކީ ހިތާމަ އެކެވެ. ކިނބޫ މަރާލީ ސިފައިންނެވެ. ފެންފޯއް ރުއްތައް ބިމާ ހަމަކޮށްލީ ފުލުހުންނެވެ. މިއީ އާދައިގެ ކަންކަމެއް ނޫނެވެ. ބަގާވާތަކީ މިކަންކަމަށް ވުރެ ބޮޑު ކަމެކެވެ. މައްސަލައަކީ އިންސާފުގެ ތިލަފަތް ހަމަހަމަ ނުވުމެވެ. ބޭނުން ބައެއްގެ މައްސަލަ ބަލައި، ބޭނުންވާ ބައެއްގެ މައްސަލަތައް ދޫކޮށްލުމެވެ. މައްސަލައަކީ ފުލުހުންނާއި، ޝަރުއީ ނިޒާމަށް ވެސް އިތުބާރު ނެތުމެވެ. މުއައްސަސާތަކަށް ވެސް އިތުބާރު ނެތުމެވެ. ދައުލަތުގެ ވެރިންނަށް ގާނޫނަކީ އެބޭފުޅުން ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތް ކަމަށް ވެސް ވަނީ ގަބޫލުކުރެވިފަ އެވެ. މި ދަރަޖައިގައި މި ގައުމު އޮތުމުން، އަނިޔާވެރިކަމަކަށް ނިމުމެއް ނާންނާނެ އެވެ. އަނިޔާވެރިކަން ނިންމަން ބޭނުންވާ ނަމަ، އިހްލާސްތެރި ދަރިންތަކެއް ނުކުންނަން ޖެހެ އެވެ. ދައްކާ ބިރަށް ފަހަތަށް ނުޖެހި ކުރިއަށް ދާނެ ބަޔަކު ބޭނުންވެ އެވެ. ހަގީގަތުގައި ވެސް، އިންސާފު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބިރު ނުގަނެ ކުރިއަށް ހިނގެއްޖެ ނަމަ ކާމިޔާބު ހޯދޭނެ އެވެ. ފަސާދަވެފައިވާ ހިތްތަކަކަށް މިކަމެއް ނުކުރެވޭނެ އެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ