20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ވީރާނާ ވަމުންދާ ވެނުޒުއޭލާ

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

  • މިއީ ދެހާހުގެ އަހަރުތައް ފެށުނު އިރު ދެކުނު އެމެރިކާގެ އެންމެ މުއްސަނދި ގައުމު
  • ވެރިމީހާ ވަނީ ޝަރުއީ ދާއިރާ ކޮންޓްރޯލް ކުރައްވާފައި
  • ގައުމުގެ އިގްތިސާދުވަނީ ފުނޑިފައި
ރާއްޖެ އެމްވީ | raajje.mv

| 8 ފެބުރުވަރީ 2017 | ބުދަ 03:06 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ވެނުޒުއޭލާގެ ރައީސް މަދޫރޯ -- ގޫގުލް

މިއީ ދެހާހުގެ އަހަރުތައް ފެށުނު އިރު ދެކުނު އެމެރިކާގެ އެންމެ މުއްސަނދި ގައުމެވެ. އެކަމަކު މިހާރު ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މުއްސަނދި ވެނިޒުއޭލާ ހަސްނެތިފައިވާ ތަނެވެ.

ކޮންމެ ދުވަހަކަށް ވެނުޒުއޭލާ އަލިވިލެނީ އެ ގައުމުގެ ޕާސްޕޯސް އޮފީސް ދޮށުގައި އުފެދޭ ދިގު ކިޔޫ އަކާ އެކުގައެވެ. އެއީ ޕާސްޕޯޓް ހަދަން ޖަމާވާ މީހުންނެވެ. ކިރިޔާވެސް ފުދޭ މީހަކު ނަމަ ބަލަނީ އަވަހަށް ގައުމުން ފުރައިގެން ދެވޭތޯއެވެ. ގައުމުގައި ދިރިއުޅުމުގެ ހާލަތު ދައްވުމުގެ ސަބަބުން އެއަށްވުރެ ރަނގަޅު މަންޒިލެއް ފެނޭތޯ ބެލުމުގެ ބޭނުމުގައެވެ. ޕާސްޕޯޓް ހަދަން ޑިމާންޑް ބޮޑުވެ ޕާސްޕޯޓް ލެމިނޭޓް ކުރާ ޕްލާސްޓިކް ކަރުދާސް ހުސްވެފައިވާ ކަމަށް ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ވެނުޒުއޭލާގެ ޕާސްޕޯޓް އޮފީހުން އާއްމުންނަށް އެންގިއެވެ. އެހެން ކަމުން އެތައް މަސްދުވަހެއްގެ ދިގު އިންތިޒާރުގައި ޕާސްޕޯޓް ހައްދަން އެތައް ބަޔަކަށްވަނީ ތިބެން ޖެހިފައެވެ. އެކަމަކު ކިޔޫ ކުރުކޮށްލެވޭނެ ގޮތެއްވެސް އޮވެއެވެ. ޕާސްޕޯޓް އޮފީހުގެ އޮފިޝަލަކަށް 250 ޑޮލަރު ވަރު ދިއްކޮލުމުން ކިޔޫގެ ތަންކޮޅެއް ކުރިއަށް އެރިދާނެއެވެ. މިވަރުން އުޅެގެން ޕާސްޕޯޓް ހައްދައިގެން ފުރަން އުޅުނަސް އެ ދާން އުޅޭ ގައުމަކުން އެމީހަކު ބަލައިގަންނާނެ ކަމުގެ ޔަގީން އޮންނަ މީހުންނަކީވެސް ގިނަ ބައެއް ނޫނެވެ. ފުރައިގެންދާ ގިނަ މީހުން އެދާން އުޅޭ ގައުމަކުން އަނބުރާ ފޮނުވާލަނީއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ވެނުޒުއޭލާ އެ ހާލަތައް ވައްޓާލީ އެ ގަމުގެ ސަރުކާރުންނެވެ. ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން އިގްތިސާދު ފުނޑި ޑިމޮކްރަސީވެސް ހަފުސްވީއެވެ. ހުސްވި އަހަރު އެ ގައުމުގެ އިގްތިސާދު 18.6 އިން ސައްތަ އަށް ދަށްވިއެވެ. އިންފްލޭޝަން އުޅެނީ 800 އިން ސައްތައިގައެވެ. މިއީ އަންދާޒާއެކެވެ. ހަގީގީ އަދަދުތައް އަދި މިޔަށްވުރެވެސް ނުރައްކާވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ގައުމުގެ އިގްތިސާދު ހާމަކޮށްދޭ ތަފާސް ހިސާބު އާއްމު ކުރުމަކީ މަނާ ކަމެކެވެ. އެހެން ކަމުން ވެނުޒުއޭލާގެ އިގްތިސާދުގެ ހަގީގީ ހާލަތު އެ ގަމުގެ ސެންޓްރަލް ބޭންކުން ހާމަކުރުން ވަނީ ހުއްޓާލާފައެވެ. ހުސްވި މަހު ރޮއިޓާސް އިން ހާމަކުރި މި ދެންނެވި ހިސާބުތަކަކީ ލީކުވި މައުލޫމާތެވެ. އައިއެމްއެފް އިން ބުނާ ގޮތުގައި މި އަހަރު ތަކެތީގެ އަގު 2200 އިންސައްތަ އަށް މައްޗަށް އަރާނެއެވެ. މިއީ ގްރީސްގެ އިގްތިސާދު ހީނަރު ވެގެން ދިޔަ މިންވަރަށް ވުރެވެސް ބޮޑަށް ހީނަރު ވެގެން ދިއުންކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ސަލްސާ ބެރަށް ލޯބި ކުރައްވާ ވެނުޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މި ހަގީގަތްތައް ގަބޫލެއް ނުކުރައްވައެވެ. އޭނާ ވިދާޅުވަނީ އިގްތިސާދުގެ ހާލަތު ގޯސްކޮށްގެން ބޭރުގެ ފަރާތްތަކުންނާއި ގައުމަށް ހެޔޮ ނޭދޭ މީހުން ދޮގު ވާހަކަ ދައްކަނީއެވެ. އެފަދަ ފަރާތްތައް އޭނާ ސިފަ ކުރައްވަނީ "މާފިޔާ" އިންގެ ގޮތުގައެވެ. ވެނުޒުއޭލާގެ އިގްތިސާދީ ހާލަތާ ބެހޭ މައުލޫމާތު ސެންޓްރަލް ބޭންކުން ލީކުވުމުން އެކަމާ ކޯފާވެ އެ ބޭންކުގެ ރައީސް ނެލްސަން މަރެންޓީސް މަގާމުން ދުރު ކުރެއްވިއެވެ.

ސެންޓްރަލް ބޭންކުގެ ރައީސް މަގާމުން ދުރުކުރެއްވީ އޭނާގެ ބޮލުގައި ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އަޅުވާފައެވެ. އެކަމަކު ހަގީގަތަކީ ވެނުޒުއޭލާގެ ފައިސާގެ އެއްވެސް އަގެއް ނެތެވެ. ބައެއް ފިހާރަތަކުން ތަކެތި ވިއްކަނީ ފައިސާ ގުނާފައެއް ނޫނެވެ. ފައިސާގެ އަގު ވަޒަން ކުރަނީ ކިލޯ ކިރައިގެންނެވެ. ވެނުޒުއޭލާގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ފައިސާގެ އަގު އެރުވުމަށް އައު ފައިސާއެއް ގައުމަށް ތައާރަފް ކުރާށެވެ. ސަރުކާރުން ބުނަނީ ފައިސާގެ އަގު ވެއްޓުނީ މީހުން ފައިސާތައް ފޮރުވާ ރައްކާކޮށްފައި ބަހައްޓާތީ ކަމުގައެވެ. އެކަމަކު އަގެއް ނެތް ފައިސާތަކެއް މީހުން ރައްކާ ކުރަންވީ ކީއްވެތޯ ކުރެވޭ ސުވާލަކަށް ޖަވާބެއް ނުލިބެއެވެ.

ވެނުޒުއޭލާގެ އިގްތިސާދު ފުނޑިގެން ދާ ދިއުން ކުރިއަށް ދާއިރު ސެންޓްރަލް ބޭންކުގެ ރައީސް ކަމަށް އައު ބޭފުޅަކު ރައީސް މަދޫރޯ އައްޔަން ކުރައްވައިފިއެވެ. އޭނާއަކީ ގާބިލް އިލްމީ ބޭފުޅެކެވެ. ނަމަވެސް ގައުމުގެ ހާލަތު މިހިސާބަށް ދިޔަ ހަގީގީ ސަބަބުތަކަށް އޭނާއަށް އެއްވެސް ފިޔަވަޅެއް އެޅުއްވޭނެ ކަމަކަށް ނުފެނެއެވެ. ވެނުޒުއޭލާގެ އިގްތިސާދު ހަލާކުވެގެން ދިޔަ މުހިއްމު ސަބަބުތައް ކަމަށް ފާހަގަ ކުރެވެނީ، ބޭރު ފައިސާ ކޮންޓްރޯލް ކުރުމާއި، އަސާސީ މުދަލުގެ އަގު ކޮންޓްރޯލް ކުރުމާއި، ކަރަޕްޝަން އާޢްމުވުމާއި، ސަރުކާރު ހިންގުން ދޯދިޔާވުމާއި، އިންތިހާއަށް ސަރުކާރުގެ ޚަރަދުތައް ބޮޑުވަމުން ދިއުމާއި، އަމިއްލަ ވިޔަފާރި ތަކުން ނަގާ ޓެކްސްތައް އިތުރު ކުރުމާއި، ގައުމީ ތެޔޮ ކުންފުނި ހިންގުން ބޮއްސުން ލުމެވެ. ތެލަކީ އެ ގައުމުގެ އިގްތިސާދުގެ މައި ތަނބެވެ. ބޭރުފައިސާ ގައުމަށްވަނީ ހަމައެކަނި ވަސީލަތަކީ ތެޔޮ ކަމުގައިވެސް ދެންނެވިދާނެއެވެ.

ވެނުޒުއޭލާގެ އާއްމު ރައްޔިތުން ތިބީ ސަރުކާރާ މެދު މާޔާސްވެ ފޫހިވެފައެވެ. ރައީސް މަދޫރޯއަށް ތާއީދެއް ނެތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮތް މަޖިލިސް އިންތިޚާބުގައި މެޖޯރިޓީ ލިބުނީވެސް އިދިކޮޅު ޕާޓީ ތަކަށެވެ. އެކަމަކު ގާނޫނު ހަދާ މަޖިލީހަކަށްވެސް މަދޫރޯއާ މެދު ކުރެވޭނެ މާ ބޯޑު ކަމެއް ނެތެވެ.

ކޮންމެ ގޮތެއް ވަމުން ދިޔަޔަސް ރައީސް މަދޫރޯގެ މަގްސަދަކީ ވެރިކަމުގައި ހުންނެވުމެވެ. ވެރިކަމުގެ ބާރުތައް އިތުރަށް އަތްޕުޅަށް ޖަމާކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މުހިންމު ހުރިހާ މުއައްސާއެއްވަނީ އޭނާގެ ކޮންޓްރޯލް ކުރައްވާފައެވެ. އިލެކްޝަން ކޮމިޝަން ކޮންޓްރޯލް ކުރައްވަނީ ރައީސް މަދޫރޯ ކަމަށް ވުމާއެކު ރައީސް މަގާމުން ދުރު ކުރުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށް އިދިކޮޅު ޕާޓީ ތަކުން ކުރަމުން އަންނަ މަސައްކަތައް އިންތިޚާބާ ބެހޭ ކޮމިޝަނުން ގެންދަނީ ހުރަސް އަޅަމުންނެވެ.

ރައީސް މަދޫރޯގެ ވެރިކަމާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތުގެ ބޭނުން ކޮށްގެން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަހަކަށް ވެފައިވަނީ ރައީސް މަދޫރޯގެ ވަފާތެރިންގެ މައްޗަށް އެކުލެވިފައިވާ އެ ގައުމުގެ ސްޕްރީމް ކޯޓެވެ. މަޖިލީހާ ރައީސް މަދޫރޯއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފާހަގަވެގެން ދިޔަ މިންވަރު އެންމެ ފަހުގެ "ސްޓޭޓް އޮފް ދަ ނޭޝަން" ތަގްރީރު ދެއްވުމުގައި އޭނާ އަމަލު ކުރެއްވި ގޮތުން ހާމަވެގެން ދިޔައެވެ. ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ރައީސް މަދޫރޯ ދެއްވަން ޖެހޭ "ސްޓޭޓް އޮފް ދަ ނޭޝަން" ތަގްރީރު ދެއްވަން މަޖިލީހަކަށް ވަޑައި ނުގަންނަވައެވެ. އޭނާ ތަގުރީރު ދެއްވީ ފަނޑިޔާރުންގެ މަޖީލީހަކަށެވެ.

މަދޫރޯގެ ސަރުކާރުން ބުނަމުންދަނީ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެކަމަކު ސަރުކާރުން އެހެން ބުނުން ފިޔަވާ އެ ވާހަކަތައް ކުރިޔަށް ގެންދަން މާބޮޑު ކަމެއް ނުކުރެއެވެ. އިދިކޮޅު ފަރާތްތަކުން އެދެމުންދަނީ ސިޔާސީ ގައިދީން މިނިވަން ކުރުމަށާއި، ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް އަލުން އިއާދަ ކުރުމަށެވެ. ނަމަވެސް މަދޫރޯގެ ސަރުކާރުން އެކަން ކުރާކަށް ބޭނުމެއް ނުވެއެވެ.

ދާދިފަހުން ރައީސް މަދޫރޯ ވަނީ އައު ނައިބު ރައީސެއް އައްޔަން ކުރައްވާފައެވެ. އެއީ ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ. އޭނާގެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ އިދިކޮޅު ސިޔާސީ ފަރާތެއް ހައްޔަރު ކުރުމެވެ. ހައްޔަރު ކުރީ އޭނާގެ ކާރުގައި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އެއީ ރޭވުމެއްގެ ދަށުން އޭނާ ހައްޔަރު ކުރަން ސަރުކާރުން ހިންގި އަމަލެއް ކަމުގައެވެ. އަދި އެއީ އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމަށް ސަރުކާރުން ކުޅުނު ގޭމެއް ކަމަށެވެ.

މަދޫރޯގެ ވެރިކަން ދެމެހެއްޓުމުގައި ކުޅުއްވަން މިހާރު އޮތް ކާޑަކީ، އިދިކޮޅު ސިޔާސީ ޕާޓީތައް އެކުލެވޭ ގޮތައް ހަދާފައިވާ އިއްތިހާދު ބައިބައި ކޮށްލުމެވެ. "ޑިމޮކްރަޓިކް ޔުނިޓީ އެލަޔަންސް" ގެ ނަމުގައި އުފައްދާފައި އިއްތިހާދުގެ އެންމެ ބޮޑު ބަލި ފަޔަކީ އެ އިއްތިހާދުގެ ލީޑަރޝިޕް ނެތުމެވެ. އޭގެ ސަބަބުން މަދޫރޯގެ ވެރިކަމުގައި އެންމެ ބޮޑު ގިލަންވެރިކަން ޖެހެމުންދާ ނިކަމެތީންގެ ތާއީދު އިއްތިހާދަށް ހޯދުންވަނީ ދަތިކަމަކަށް ވެފައެވެ.

މަދޫރޯއަށް ދެން އުއްމީދެއް އޮތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހުމެވެ. 2016 ވަނަ އަހަރު 21 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު 45 ޑޮލަރަށް ވަނީ އުފުލިފައެވެ. ތެލުގެ އަގު މައްޗަށް ދިޔަޔަސް ގައުމީ ތެޔޮ ކުންފުނީގެ ހިންގުން ދޯދިޔާވެފައިވާ މިންވަރުން ތެލުގެ އަގު ބޮޑުވަމުންދާ ދިއުމުގެ ފައިދާ އެކުންފުންޏަށް ނެގޭނެ ކަމަކަށް ނުބެލެއެވެ. އަނެއް ކޮޅުން ވެނުޒުއޭލާގެ ފޮރިން ރިޒާވް ދަނީ ހުލިވަމުންނެވެ. މިހާރު ރިޒާވްގައި ހުރީ 11 ބިލިއަން ޑޮލަރަށް ވުރެ މަދު އަދަދެއް ކަމަށް ވެއެވެ.

މަދޫރޯ ވިދާޅުވަނީ 2017 އަހަރު ވެގެންދާނީ ގައުމުގެ އިގްތިސާދުގެ އައު ތަރީޚެއް ފެށިގެންދާ އަހަރެއް ކަމަށެވެ. ރައީސް މަދޫރޯ އެހެން ވިދާޅުވިޔަސް ތަޖުރިބާކާރުންގެ ނަޒަރުގައި އެވާހަކަ ވެނުޒުއޭލާގެ އާއްމު ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ. އަދި ވެނުޒުއޭލާގެ ޕާސްޕޯޓް އޮފީހުގެ ބޭރުގައި އޮންނަ ކިއޫ ކުރުވެގެންނެއްވެސް ނުދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް