21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޖަމާލް ޚަޝޯގީ

ޖަމާލް ޚަޝޯގީ އަކީ ކާކު؟

  • ޚިޔާލުފާޅުކުރުމުގެ މިނިވަންކަންކަމަށް ގޮވާލައްވަމުން ގެންދެވި
ހައްވާ މުހައްމަދު | @hawwimd

| 17 އޮކްޓޯބަރ 2018 | ބުދަ 22:52 | |

ޖަމާލް ޚަޝޯގީ -- ގެޓީ އިމޭޖާސް

ބައިނަލް އަޤްވާމީ މީޑިޔާތަކުގެ ފަލަސުރުޚީ ތަކުގައި މި ވަގުތު އެންމެ ބޮޑަށް ލިޔެވެމުން އަންނަނީ ޖަމާލް ޚަޝޯގީގެ ވާހަކައެވެ. ދުނިޔޭގެ ފަލަ ސުރުޚީތަކުގައި ޖަމާލް ޚަޝޯގީގެ ވާހަކަ ލިޔެވެމުން އަންނައިރު، އޭނާ އަކީ މުޅި އަރަބި ދުނިޔެ ސިއްސުވާލަމުން އައި ކުޅަދާނަ ނޫސްވެރިއެކެއެވެ. އަރަބި ގައުމުތަކުގެ ސިޔާސީ ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި މި ކުޅަދާނަ ނޫސްވެރިޔާ މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްއަށް ވެންނެވިފަހުން ވީ ނުވީގޮތެއް ވަނީ ނޭގިފައެވެ. ބައެއް މީޑިއާތަކުގައި އޭނާ ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމަށްވެސް ދަނީ ރިޕޯރޓް ކުރަމުންނެއެވެ.

ޖަމާލް ޚަޝޯގީ އުފަންވެވަޑައިގަތީ 1958 ވަނަ އަހަރު މަދީނާގައެވެ. ސައޫދީ އަރަބިއާއަށް ނިސްބަތްވެވަޑައިގަންނަވާ ޖަމާލް ޚަޝޯގީ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވަނީ ސިޔާސީ މައްސަލަތަކަށް ކެރިވަޑައިގެން ވަކާލާތު ކުރައްވަމުން ގެންދެވި ކުޅަދާނަ އަރަބި ނޫސްވެރިއެއްގެ ގޮތުގައެވެ. ތަޖުރިބާކާރު، ނުފޫޒުގަދަ މި ނޫސްވެރިޔާ ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށްފައިވެއެވެ. ޖަމާލް ޚަޝޯގީ ފާހަގަވެގެން ގޮސްފައިވަނީ ސައޫދީއަރަބިއާގެ ޝާހީ އާއިލާ އާއި ގާތްގުޅުން އޮންނަ ނޫސްވެރިއެއްގެ ގޮތުގައެވެ.

ސައޫދީ އަރަބިއާއަށް އިސްލާހީ ބަދަލު ގެނައުމުގައި ޚަޝޯގީގެ ނަން ރަން އަކުރުން ލިޔެވިގެން އަންނައިރު، ޖަމާލް ޚަޝޯގީއަކީ ސައޫދީގެ އާންމު ރައްޔިތުންގެ ގަދަރާއި ލޯބި ލިބިފައިވާ ނޫސްވެރިއެކެވެ. ސައޫދީ ތެރޭގައި އޮންނަ ގެވެށި އަނިޔާތަކާއި ގުޅޭ ގޮތުން ވާހަކަދައްކާ، އެކަމަށް ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމް ކުރުމަށް ބާރުއެޅުމަށް އޭނާވަނީ މަސައްކަތްކޮށްފައެވެ.

ޚަޝޯގީ ނޫސްވެރިކަން ކިޔަވާ ވިދާޅުވެފައިވަނީ އެމެރިކާގެ އިންޑިއާނާ ޔުނިވަރސިޓީއިންނެވެ. ކިޔަވާވިދާޅުވުމަށްފަހު 1987 ން 1990 އަށް ސައޫދީގައި އިނގެރޭސިބަހުން ނެރޭ "ސައޫދީ ގެޒެޓް" ނޫހުގައި ކޮރެސްޕޮންޑެންޓެއްގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ.

މީގެ އިތުރުން ލަންޑަނުގައި ހުންނަ ސައޫދީގެ "އަޝްރާގް އަލް އައުސަތު" ނޫހުގެ ރިޕޯރޓަރެއްގެ ވަޒީފާވެސް ޚަޝޯގީ އަދާކުރައްވާފައިވާއިރު 8 އަހަރުވަންދެން "ޕޭން އަރަބް އަލް ހަޔާތު" ނޫހަށްވެސް އޭނާ ވަނީ ލިޔުއްވާފައެވެ.

ޚަޝޯގީ މަޝްހޫރުވެފައިވަނީ 1990 ވަނަ އަހަރު އަފްއާނިސްތާން، އަލްޖީރިއާ، ކުވެއިތު އަދި މެދުއިރުމަތީގެ ކަވަރޭޖް އޭނާ ގެނެސްދެއްވި ހުނަރުވެރި ގޮތުންނެއެވެ. އުސާމާ ބިން ލާދިން އަލްގައިދާގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވުމުގެ ކުރިން ޚަޝޯގީ ވަރަށް ގިނަ ފަހަރު ބިން ލާދިން އާއި އިންޓަރވިއު ކުރައްވާފައިވެއެވެ.

1999 ވަނަ އަހަރުން ފެށިގެން 4 އަހަރު ވަންދެން ސައޫދީގެ އަރަބް ނިއުސްގެ ޑެޕިއުޓީ އެޑިޓަރއެއްގެ މަޤާމު ޚަޝޯގީ އަދާކުރައްވާފައިވާއިރު، 2 މަސްދުވަސްވަންދެން "އަލްވަތަން" ނޫހުގެ އެޑިޓަރ އިން ޗީފްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. ނަމަވެސް 2003 ވަނަ އަހަރު ސަބަބެއް ނެތި އޭނާ ވަޒީފާއިން ވަކިކޮށްފައިވާއިރު، ތުންތުންމަތިން ވާހަކަދެކެވިފައިވާ ގޮތުގައި ޚަޝޯގީ އެ ވަޒީފާއިން ކުއްލި ގޮތަކަށް ވަކިކޮއްފައިވަނީ އެޑިޓޯރިއަލް ޕޮލިސީ އާއި ގުޅިގެން ޖެހުނު މައްސަލައެއްގައެވެ.

އޭގެ ފަހުން ޕްރިންސް ތުރުކީ ބިން ފައިސަލްގެ މީޑިޔާ އެޑްވައިޒަރެއްގެ މަގާމު ޚަޝޯގީ އަދާކުރައްވާފައިވާއިރު، ސައޫދީ އަރަބިއްޔާގެ ޖެނެރަލް އިންޓެލިޖެންސް ޑައިރެކްޓްރޭޓް މަގާމްވެސް އޭނާވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން 2005 ން 2006 އަށް ސައޫދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޚަޝޯގީ 2007 ވަނަ އަހަރު "އަލްވަތަން" ނޫހުގެ އެޑިޓަރއެއްގެ މަގާމު ފުރުއްވާފައިވާއިރު، 2010 ވަނަ އަހަރު އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ސައޫދީގެ އެތެރޭގައި ހުރި މައްސަލަތަކާއި ގުޅޭ ގޮތުން ވާހަކަދައްކަން ސަރުކާރުން ހުއްދަ ދީފައި އޮންނަ މިންވަރަށްވުރެ އިތުރަށް އޭނާގެ އަމިއްލަ ވެބްސައިޓްގައި ލިޔެފައިވާ ކަމަށް ބުނެއެވެ.

ހަމަ އެ އަހަރު ޚަޝޯގީ ޕްރިންސް އަލްވަލީދް ބިން ތަލާލް، ބަޚްރައިންގެ މަނާމާގައި ހިންގަވަން ފެއްޓެވި ޓީވީ ޗެނަލްގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ. 2015 ވަނަ އަހަރުގެ ފެބްރުއަރީމަހު އެންމެ ދުވަހު ހިންގުމަށްފަހު، މި ޗެނަލް ބަންދު ކޮށްފައިވަނީ އެ ޗެނަލްގެ ޕޮރްގާމެއްގައި ބަޚްރެއިނީގެ އޮޕޮޒިޝަން ޕާޓީގެ މެމްބަރަކު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އުފެދުނު އެޑިޓޯރިއަލް މައްސަލަތަކާއި ގުޅިގެނެއެވެ.

ޚަޝޯގީ ފާހަގަވެގެން ގޮސްފައިވަނީ ސައޫދީ އަދި އަރަބި ގައުމުތަކުގެ ގިނަ ޗެނަލްތަކުގެ ސިޔާސީ ޕްރޮގްރާމްތަކުގައި ސިޔާސީ މަސްރަހު ދިރާސާކުރައްވާ، އެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާ، ޖެހިލުންކުޑަ ނޫސްވެރިއެއްގެ ގޮތުގައެވެ.

މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ޚަޝޯގީ ވަންފަހުން އޭނާއަށް ވީނުވީގޮތެއް ނޭނގި ގެއްލިފައިވާއިރު، ފަހަކަށް އައިސް ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ޚަޝޯގީ، ސައޫދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ސައޫދީ އަރަބިއާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އަމިއްލަފުޅު ދިރިއުޅުއްވުމަށް ޚަޝޯގީ ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވިއިރު، ސައޫދީ އަރަބިއާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ވައުދުވެވަޑައިގެން ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ގެންނެވި ބަދަލުތަކަށްވެސް ޚަޝޯގީ ގެންދެވީ ފާޅުގައި ފާޑުވިދާޅުވަމުންނެއެވެ.

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ސައޫދީ އަރަބިއާގެ މަޝްހޫރު ވިޔަފާރިވެރިންނާއި، ދީނީ ލީޑަރުންނާއި، އެކްޓިވިސްޓުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުކޮށް ވަލީ އަހުދުގެ ބާރުފުޅު ގަދަ ކުރެއްވުމަށް އެންމެންގެ ދޫތަށް ބަންދުކޮށް ޚިޔާލުފާޅުކުރުމުގެ ހައްޤުތަށް ނިގުޅައިގަތުމަށް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ކުރައްވަމުން ގެންދަވާ ކަންތައްތައް ޚަޝޯގީ ގެންދެވީ އޭނާގެ ގަލަމުން މުޅި ދުނިޔެއަށް ހާމަކޮށްދެއްވަމުންނެއެވެ.

ޚަޝޯގީ ފާހަގަވެގެން ގޮސްފައިވަނީ ސައޫދީ އަރަބިއާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ ލިޔުއްވަމުން ގެންދެވި ކެރޭ، ކުޅަދާނަ ނޫސްވެރިއެއްގެ ގޮތުގައެވެ. މިސްރުގެ މުސްލިމް ބްރަދަހުޑް ޕާޓީއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެ ގައުމުން ނިންމުމުން އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ޚަޝޯގީ ވަނީ ވަކާލާތުކުރައްވާފައެވެ.

އެކަމާއި ގުޅޭ ގޮތުން ޓުވިޓަރގައި ޚަޝޯޤީ ލިޔުއްވާފައިވަނީ "އަހަންނަށް ގަބޫލުކުރެވުނު ގޮތުގައި ބަދަލަކަށް ގޮވާލާ ކޮންމެ މީހަކީ، އަދި އަރަބި ދުނިޔޭގައި މިނިވަން ކަމަށް ގޮވާލާ، ދީނަށް ފަޚުރުވެރިވާ ކޮންމެ މީހަކީ މުސްލިމް ބްރަދަހުޑްގެ މީހަކަށް ހަދަމުން އަންނަ ކަމަށާއި، އެހެންކަމުން މުސްލިމް ބްރަދަރހުޑްގެ ފިކުރަކީ ސާފުތާހިރު ތޯހިރު ފިކުރެއް" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލިތަކުރުިފާނު

6 މަސް ކުރިން

ވަރަށް މަޢުލޫމާތު މުއްސަނދި ލިޔުމެެއް މިފަދަ ދިރަސާ ލިޔުންތައް ގިނަކުރައްވާ!.،

2
0