21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ހުޅުމާލޭ ގޯތި ދޫކުރުން

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

  • އަގު ހެޔޮކޮށް ގޯތި ގަތުމަށް ފޯމު ލުމަށް ހައުސިންގ މިނިސްޓްރީ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައި
  • ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލުމެއް ނެތި ގުރުލައިގެން ގޯތި ވިއްކުމަކީ ނާއިންސާފެއް
  • ކުންފުންޏެއްގެ މާލީ ހާލަތު ދަށްވުމުން ބިން ވިއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 އޮކްޓޯބަރ 2018 | ބުރާސްފަތި 11:14 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  4. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ގޯތި ހޯދުމަށް ކިއުގައި ޖެހިގެން -- ފޮޓޯ: މުހައްމަދު ޝަރުހާން

ގެދޮރުވެރިކަމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަން ހައުސިންގ މިނިސްޓްރީގައި ހަދާފައިވާ ކިޔުތަކުން ވަރަށް ސާފުކޮށް އެނގެއެވެ. ހާހެއްހާ މީހުން ކިއުގައި ހޭދަކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ގެދޮރުގެ ދަތި ކަމަށް ތަސައްލީއެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ގެދޮރުވެރިކަމަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ބޭނުންވެފައިވާ އެއްޗަކަށް ވެފައިވާ އިރު އެކަމާ ގުޅުވައިގެން ކޮންމެ ސަރުކާރަކުން ވެސް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން ވެސް 7000 ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާ މަޝްރޫއު ފަށައި އޮކްޓޫބަރު 09 ވަނަ ދުވަހުން ފެށިގެން އަންނަނީ ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކުރަމުންނެވެ. ހިޔާ މަޝްރޫއުއަށް އެކަނި ވެސް 22،000 މީހުން ފްލެޓަށް އެދި ކުރިމަތިލިއެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުޅުމާލެ އިން ރައްޔިތުންނަށް ވަދެވެވިފައި ވަނީ 704 ފްލެޓަށެވެ. އެއީ ވެސް ކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫއުތަކުގެ ދަށުން އަޅާފައިވާ ފްލެޓްތަކެވެ.

ވެރިކަން ބަދަލުވުމަށް މަހެއްހާ ދުވަސް ވެފައިވަނިކޮށް ސަރުކާރުން "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި މަޝްރޫއުއެއް ވެސް ފަށާފައި ވެއެވެ. އެ މަޝްރޫއުއަށް ވެސް ގިނަ އަދަދެއްގެ ފޯމު ހުށަހެޅިއެވެ. ތަފާތު ނަންނަމުގައި މަޝްރޫއުތައް ކުރިއަށް ގެންގޮސް އަނެއްކާ ވެސް ވަނީ ހުޅުމާލެއިން ގޯތި ދޫކުރުމަށް ހުޅުވާލާފައެވެ.

މި ސަރުކާރުން ވެރިކަމުގައި ހޭދަކުރާނެ އެންމެ ފަހު ދުވަސްވަރު މިވަނީ ހުޅުމާލެއިން 400 ފްލެޓް ދޫކުރުމަށް ނިންމާފައެވެ. ގިނަ ބަޔަކު ދުވާލެއް ރޭގަނޑެއް ބެލުމެއް ނެތި ހައުސިންގ މިނިސްޓްރީ ދޮށުގައި ވަނީ ކިއު ހަދާފައެވެ. އެ މަޝްރޫއު އިއުލާނު ކޮށްފައި ވަނީ މިމަހުގެ 07 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މަޝްރޫއު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހުއްޓުވާފައެވެ. އެ އަށް ފަހުގައި އޮކްޓޫބަރު 09 ވަނަ ދުވަހު، އަނެއްކާ ވެސް ހައުސިން މިނިސްޓްރީން އެ މަޝްރޫއު އިއުލާނުކުރިއެވެ. މަޝްރޫއު ކުރިއަށްގެންދާނެ އުސޫލު އިއުލާނުކޮށްގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް އޭސީސީން އެންގުމުންނެވެ.

ގޯތި ދޫކުރަން ނިންމީ ހައުސިންގ ޑިވެލޮޕްމެންޓް ކޯރަޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދައްވުމާ ގުޅިގެން އެ ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކުރުމަށް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މިކަން ކުރަން ނިންމީ އެޗްޑީސީގެ އިސްވެރިންނާއި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ކަނޑައަޅާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފައިސާ ނެތިގެން ފައިސާ ހޯދުމަށް، ކުޑަ އަގެއްގައި ގޯތި ދޫކުރުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަނެއްކޮޅުން އެޗްޑީސީ ފަދަ ފައިސާ ގިނައިން ވަންނަ ކުންފުންޏެއްގެ ކޭޝްފްލޯ ތާށިވާންޖެހޭ ސަބަބެއް އެ ކުންފުންޏަށް ވެސް އަދި ސަރުކާރަށް ވެސް ސާފުކޮށްދެވިފައެއް ނުވެއެވެ. އިވެނީ އަޑުތަކެކެވެ. ރިޔާސީ އިންތިހާބަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެސެޓްތައް ބޭނުންކުރިކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ބޮޑެތި ޚަރަދުތަކެއް ކުންފުނިތަކުން ކުރިކަމަށް ދަނީ ތުހުމަތުކުރެވެމުންނެވެ. 

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިބްރާހީމް އާތިފް ޝަކޫރު ސޯޝަލް މީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި ކުންފުންޏަކަށް ފައިސާގެ ދަތިކަން ކުރިމަތިވާ ކޮންމެ ފަހަރަކު އެކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ މުދާތައް ވިއްކާލުމަކީ ދުރު މުސްތަގްބަލަށް ބަލާ އިރު ފައިދާވާނެ ކަމެއް ނޫނެވެ. އެފަދަ ހާލަތެއްގައި ކުންފުންޏެއް އޮތް ކަމުގައިވާ ނަމަ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ ބޭންކްތަކުން އެފަދަ އެހީތެރިކަން ހޯދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާއަށް 2008 ވަނަ އަހަރު ކުރިމަތިވި ފައިނޭންޝިއަލް ކްރައިސިސް ކުރިމަތިވި އިރު މާލީ ދާއިރާގެ ކުންފުނިތަކުން އަމަލުކޮށްފައި ވަނީ ވެސް އެފަދަ ގޮތަކަށެވެ. އެ ކުންފުނިތަކުން ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކޮށް ކުންފުނިތައް ބޮޑު ކުރަމުން އައީ ފައިދާއެއް ނެތި، ލޯނުތަކަށް ބަރޯސާވެގެންނެވެ. ލޯނު ނަގަމުން ނަގަމުން ގޮސް، ކުންފުނިތައް ބަނގުރޫޓޫވެގެން ދިޔައީއެވެ. އެކަންކަމުން އަރައިގަތުމަށް ސަރުކާރަށް މަޖުބޫރިވީ އެހީތެރިކަން ފޯރުކޮށްދޭށެވެ. އެހާލަތުގައި އެކުންފުނިތަކުގެ އެސެޓްތައް ވިއްކާލި ނަމަވެސް ކުންފުނިތައް ކުރިއަށް ދިއުމަށް ފަސޭހައެއް ނުވީހެވެ. އަދި މުޅި އިގްތިސާދަށް ލިބުނު ގެއްލުން ވެސް ބޮޑުވީހެވެ. އެހެން ނަމަވެސް ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނީއެވެ.

އިގްތިސާދީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކޭޝްފްލޯ ރަނގަޅު ކުރުމަށް އެހާ ކުޑަ އަގެއްގައި ފްލެޓްތަކެއް ދޫނުކުރާނެއެވެ. މިކަން ކުރުމަކީ ފަހަރުގައި ދެން އަންނަ ސަރުކާރަކަށް ޖެއްސުން ކުރުމަށް ކުރާ ކަމަށް ވެސް ވެދާނެއެވެ. ކުންފުންޏެއް ބަނގުރޫޓު ކޮށްލުމަށް ގަސްތުގައި ސަރުކާރުން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ.

އެޗްޑީސީން އާންމު ގޮތެއްގައި ބިން ދޫކޮށް އުޅެނީ އަކަ ފޫޓެއް 2000ރ. އަށެވެ. އެހެން ކަމުން ގާތްގަނޑަކަށް އެއްހާސް އަކަފޫޓުގެ ބިމެއް ލިބޭނީ އެންމެ ކުޑަވެގެން ދެ މިލިއަން ރުފިޔާއަށެވެ. އެހެން ނަމަވެސް 400 އަށް އަކަފޫޓެއް ވިއްކުމުގެ ސަބަބުން 1.6 މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ލިބިގެންދިޔައީއެވެ. އެއީ 400 ގޯތި ކަމުގައިވާ ނަމަ އެއީ އެޗްޑީސީއަށް ލިބޭ 640 މިލިއަން ރުފިޔާގެ ގެއްލުންވެގެންދާނެއެވެ. މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ކޮން ބައެއް ހެއްޔެވެ؟

ރައްޔިތުން އިންތިހާއަށް ބޭނުންވި ކަމުގައިވީ ނަމަވެސް ނާޖައިޒް ގޮތުގައި ގެދޮރަކީ ރައްޔިތުން ގަނަތަޅުވަން ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެއެވެ. މިފަދަ ގޮތަކަށް ގޯތި ވިއްކުމުން ހަމަގައިމު ވެސް ރައްޔިތުންނަށް ފަސޭހަތަކެއް ވެދާނެއެވެ. ނުވަތަ އަނެއްކާ ވެސް މި ގޯތިތައް މި ލިބެނީ ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުން ނުވާ މީހުން ކަމުގައި ވެސް ވެދާނެއެވެ. ގުރުއަތުލައިގެން ގޯތި ދޫކުރާ ނަމަ ގެދޮރުގެ ދަތިކަން އެންމެ މަތީ ދަރަޖައަށް ކުރިމަތިވެފައިވާ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެ ކަމާ މެދު ސުވާލު އުފެދެއެވެ. އެޗްޑީސީ ބަނގުރޫޓުވެ ކުންފުނިން ނަގާފައިވާ ލޯނުތައް ނުދެއްކި އެންމެ ފަހުން ސަރުކާރުން އެ ލޯނުތައް ދައްކަން ޖެހުމުން އެކަމުގައި އެންމެ ފަހުން ގެއްލުން ލިބޭނީ ހަމަ ރައްޔިތުންނަށެވެ.

 އެޗްޑީސީއަށް ބޮޑު ގެއްލުންވާ ގޮތަށް ވަކި މަންފާތަކެއް ހޯދުމަށް ދައުލަތުގެ މުދާތައް ވިއްކުމުން އޭގެ ގެއްލުމާ އެންމެ ފަހުން ކުރިމަތިލާންޖެހޭނީ ހަމަ ދިވެހި ރައްޔިތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް