25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައީސް ޔާމީން

ރައީސް ޔާމީނަށް ނޭނގުނު ދިވެހިން!

  • ރައްޔިތުންނަށް މައްސަލައަކީ ވައްކަމާއި ކޮރަޕްޝަން
  • މައްސަލައަކީ ރައްޔިތުން އަންޑަރ އެސްޓިމޭޓް ކުރުން
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 4 އޮކްޓޯބަރ 2018 | ބުރާސްފަތި 10:33 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ރައީސް ޔާމީން މެލޭޝިއާ ކުރީގެ ބޮޑު ވަޒީރާއެކު -- އާކައިވް

ރާއްޖޭގެ މި ފަހުގެ ތާރީޚުގައި އެންމެ އާރާއި ބާރުގައި ވެރިކަން ކުރެއްވީ ރައީސް ޔާމީނެވެ. ނަމަވެސް ގަދަބާރުން އެ ހޯއްދެވި ހުރިހައި ބާރަކާއެކުވެސް ވެރިކަން ކުރައްވާކަށް އެގިވަޑައެއް ނުގަތެވެ. ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި އެއާޕޯޓުގެ އާރަންވޭގެ އިތުރުން ވެސް ވަރަށް ގިނަ ކަންކަން މިސަރުކާރުން ކުރިކަމާއި ދެކޮޅެއްނުވަމެވެ. ރައީސް ޔާމިން ވެރިކަމުގައި ރާއްޖެއަށް ވަރަށް ގިނަ ކުރިއެރުންތައް ލިބިފައިވާކަމީ ފެންނާން އޮތް ޙަގީގަތެކެވެ. ނަމަވެސް އެއީ ރައީސް ޔާމީން ދިވެހިރައްޔިތުން އަންޑަރ އެސްޓިމޭޓު ކުރައްވަންވީ ވަރުގެ ކަންކަމެއް ނޫނެވެ. ރިޔާސީ އިންތިޚާބުން ބަލިވުމުގެ އެއް ސަބަބަކީވެސް ރައީސް ޔާމީން ދިވެހިރައްޔިތުން އަންޑަރ އެސްޓިމޭޓް ކުރުމެވެ.

ފަސް އަހަރުގެ ދައުރެއްގައި ކޮށްދެއްވި ކަންކަމުގެ ވާހަކަ ތިންއިރު ކާ ބޭހެއްހެން، ރައްޔިތުންނަށް އިއްވާ ކަލަ ނުގޮވިޔަކަސްވެދާނެއެވެ. އެހެން ނޫނަސް ވެރިކަމުގައި ހުންނަވާ އެކަންތައްތައް ކޮށްދެއްވީ ހެޔޮފުޅުކަމުން ކަމުގައި ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ މީހެއް ވެރިކަމުގައި ހުއްޓަސް ކޮށްދޭންޖެހޭ ކަންކަމެވެ. ދިވެހިންނަކީ ތަރައްގީއާއި ތަހުޒީބާއި ތަމައްދުންދެކެ ލޯބިވާ ބަޔެކެވެ. ނަމަވެސް އެހެނޭ ކިޔާފައި، އެފަސް އަހަރު ތަހައްމަލު ކުރަންޖެހުނު ދަތިތަކާއި ހިތް ނުތަނަވަސްކަން މަތީ އަބަދަކު ދިވެހިން ތިބޭކަށް ނުޖެހެއެވެ. އެކަން ދިވެހިން ދައްކައިދިނީ ވޯޓުންނެވެ. އެއީ ސަރުކާރުން ކޮށްފައިވާ ކަންކަން ނުފެންނާތީއެއް ނޫނެވެ. ރައްޔިތުންނަށް އޯކޭ ނުވެގެން އުޅުނީ ތަރައްޤީއެއް ނޫނެވެ. ރައްޔިތުންނަށް އޯކޭ ނުވީ އެ ތަރައްޤީ ގެނައުމުގެ ފަހަތުގައިވާ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމެވެ.

ރައީސް ޔާމީން ބަލިވުމުގެ އަސްލު ކަންކަމުގެ ތެރޭގައި، ކިބުރުވެރި ކަމާއި، މުޅި ދައުލަތުގެ ހުރިހާ މުއަސަސާއެއް ނަހަމަގޮތުގައި ބޭނުންކުރުން ހިމެނެއެވެ. ކިރިޔާވެސް ނުރުހޭ ގޮތަކަށް ބަލާލިޔަސް އެބަޔަކާ ޖައްސާލުން ފަދަ ކަންކަމެވެ. އެފަދަ ކަންކަން ހުއްޓާ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ނުކުންނެވީ ކުށްހީތަކަކާއެކުއެވެ. މާލޭގެ ހަތަރު ފަރާތުން ފެންނަންހުރި ކޮންކްރީޓް ތަރައްޤީއަކީ ރައްޔިތުން ރައީސް ޔާމީނަށް ވޯޓްދޭން ޖެހޭ ސަބަބެއް ކަމަށް ދެކިގެންނެވެ. އެއާ ޚިލާފަށް ދިވެހިން އެންމެ ބޭނުންވާ އަސާސީ ހައްގުތަކާއި އިންސާފާއި ހަމަހަމަކަމުގެ މަތިން ހަދުމަފުޅެއް ނެތެވެ. ނުވިތާކަށް އަމިއްލަ ފުޅަށް ވިދާޅުވީ ކަންފަތުގައި މަޑު ހުރުމުގެ ސަބަބުން ބައެއް އެކަހަލަ ވާހަކަތައް އިވިވަޑައިނުގަންނަވާ ކަމަށެވެ.

ސިމެންތިން އަޅާލާ ކޮންކްރީޓު ގަނޑަކަށް ދިވެހިން ހެއްލިގެން ނުދާނެކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަތުމަކީ އަމަނިކުފާނުގެ ވިސްނުމުގެ ކޮށިކަމެވެ. އެ ކޮންކްރީޓް ތަރައްޤީއަށް ވުރެ ފަސް އަހަރުގެ ދައުރު ތެރޭގައި ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނުގެ ބިޔަބޮޑު ޖަރީމާތަކާއިމެދު ރައްޔިތުން ތިބީ ނުލާހިކު ކަންބޮޑުވެފައެވެ. އެފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އަނިޔާވެރިވުމާއި ތަފާތު ކުރުންތަކާއި ބިރު ދެއްކުންތަކާއި ބޭއިންސާފުން ކަންކަން ކުރުމަކީ ރައްޔިތުންނަށް ހަޖަމްކުރެވޭ ވަރުގެ ކަމަކަށްނުވިއެވެ. އެކަމަކާއި ދެކޮޅަށް އަޑު އުފުލާ ކޮންމެ މީހަކު ނުހައްގުން ޖަލަށްލުމާއި ދައުލަތު މުއައްސަސާތަކުގެ މިނިވަންކަން ނެތި އަދުލު އިންސާފުގެ ދޮރުތައް ބަންދުވެ، މުޅި ދައުލަތް ޚަރާބުވުމުން، އެކަމުން އަރައިގަތުމަށް ރައްޔިތުން އިޚްތިޔާރުކުރީ، ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ އަދި ހަމަ އެކަނި އެކަމެއް ކުރުމުގެ ޙައްޤު ލިބިގެންދިޔަ ރައްޔިތުންގެ ވޯޓެވެ. އޭގެ ސަބަބަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެހެން ހުރިހާ ހައްގުތަކެއް މިސަރުކާރުން ނިގުޅައިގަނެފައި ވުމުވެ.

ސިޔާސީ ބޮޑު މާޒީއެއް އޮވެމެ، ގައުމުގެ ވެރިކަމުގައި ހުންނެވިއިރު، ދިވެހިން ރައްޔިތުންގެ ގޮތް ރައީސް ޔާމީނަށް އެގިވަޑައިނުގަތުމުން ހަމަ ރަނގަޅަށްވެސް ހައިރާންވެއްޖެއެވެ. ދައްކަވާ ވާހަކަތަކާއި އަމަލުކުރައްވާ ގޮތް ދިމާ އިދިކޮޅުކަން އެންމެ ރަނގަޅަށް ދަންނަނާނެ އަދި ފެންނާނެ ބަޔަކީވެސް ރައްޔިތުންނެވެ. ކުރިން ވިދާޅުވި ވާހަކަތަކާއި ޚިލާފަށް ވެރިކަމުގެ ފަސް އަހަރު ދުވަހު ތެރޭގައި ރައްޔިތުންގެ މަޖްލީސް ތަޅުއަޅުވާ، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ވަދެ އެކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރާތަން ފެނުމުން ރައްޔިތުން އަތްތިލަބަޑު ޖަހާކަށް ނުތިބޭނެއެވެ. ގާނޫނާ ޚިލާފަށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލާއި އަދި އެކަންކުރެއްވީ ތިމަން މަނިކުފާނޭ ވިދާޅުވާ އަޑު އަހަން ދިވެހިން ތިބޭނެ ކަމަށް ދެކުމަކީ ރައީސް ޔާމީން ޖެއްސެވި ނުބައި ހިސާބެކެވެ.

ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ދިވެހިންނަށް ރައީސް ޔާމީނަކީ ކޮންކަހަލަ ވެރިއެއްކަން ދެނިގަނެވިއްޖެއެވެ. އެހެންކަމުން އިންތިޚާބުގެ ފަހުން ރައީސް ޔާމީންގެ އަސްލު ސޫރަ ދެކޭކަށް ރައްޔިތުން ބޭނުމެއްނުވިއެވެ. އަމިއްލަފުޅު، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އުމުރުފުޅުން 80 އަހަރުގައި އެޖެއްސެވި ހާލުން، ރައްޔިތަކަށް ހެޔޮ ހިތާފާނެކަމާމެދު އޮތީ ޝައްކު އުފެދިފައެވެ. ނުވިތާކަށް އިންތިޚާބަށް ނުކުންނެވީ ހުރިހާ ވާދަވެރިން ހުރަގޭގައި ބަންދު ކުރުމަށްފަހުއެވެ. ގިނަ ދިވެހިންނަކީ އަނިޔާ ތަހައްމަލް ކުރަން ބޭނުން ނުވާ އަދި އެހެން މީހުންނަށް ވެސް އަނިޔާ ލިބޭ މަންޒަރު ބަލާނެ ބައެއް ނޫންކަން ރައީސް ޔާމީން ދަންނަންޖެހެއެވެ. އެއީ ރައީސް ޔާމީނަށް ނޭނގުނު ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީބެއްޔާ

7 މަސް ކުރިން

ތިމާ މިނަށްވުރެ ބޮޑާވީމަ ހުރިހާ ނުބަޔެއްވެސް ވާނެ

6
0