25 އޭޕުރިލް 2017 | އަންގާރަ | ބުރުނު 4 | 28 ރަޖަބު 1438 | މަޣްރިބް: 18:13

ޑިކްޓޭޓަރު


| | | haseenkareem | |




"ޑިކްޓޭޓަރ" މިބަހުގެ މާނަޔާއި އެންމެ ގާތްކޮށް ދިވެހި ބަހުން ބުނެވޭނީ "ޚުދް މުޚްތާރު ވެރިޔާ"  މިފަދައިންނެވެ. ޚުދު މުޚްތާރު ވެރިޔާ އޭ ބުނުމުން ޑިކްޓޭޓަރޭ ބުނުމުން ދޭހަވާންޖެހޭ އެންމެހާ މާނަތައް ދޭހައެއް ނުވެއެވެ.  ޚުދް މުޚްތާރު ވެރިޔާއޭ ކިޔުމުގެ ބަދަލުގައި ޑިކްޓޭޓަރ މިކޮލަމަށް ކިޔަން  ޤަޞްދުކުރީ އެ ސަބަބަށްޓަކައެވެ. ޑިކްޓޭޓަރަކަށް ވާ ގޮތާއި އެމީހުންގެ ސީރަތު ނާމާޔާއި އެ މީހުންގެ މައިގަނޑު ސިފަތާކާއި އެ މީހުންގެ ނުރައްކާތެރިކަމާއި އެ މީހުންގެ ސަބަބުން އިންސާނީ ތަހްޒީބާއި ތަރައްޤީއަށް ކުރިމަތިވާ ހުރަސްތަކާއި އެމީހުންގެ ކިބައިން ސަލާތްވުމުގެ މުހިންމުކަން ، ތާރީޚީ ، ސިޔާސީ , އިޖްތިމާޢީ، އަދި ޤާނޫނީ  ޢިލްމުގެ އަލީގައި ހާމަކުރުމަށް މި ކޮލަމް ހުށައަޅަން ޤަޞްދުކުރަމެވެ.

ޑިކްޓޭޓަރ ކޮލަމަކީ ސިޔާސީ ޢިލްމުގެ އެދުރުންނާ މާހިރުންނާއި އެ ދާއިރާއިން ތަޢްލީމު ޙާސިލްކުރާ ދަރިވަރުންނަށް ޚާއްޞަކުރެވިފައިވާ ކޮލަމެއް ނޫނެވެ. މިކޮލަމުގެ މަޤްޞަދަކީ އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމެވެ. ފަންނީ ބަސްތަކާއި އަޅާކިޔުމުގެ ބަހުސްތަކާއި ތާރީޚީ ތަފްސީލުތަކަށް ފީނުމުގެ ބަދަލުގައި މުޖްތަމަޢުގެ ހުރިހާ ފަންތިއަކަށް ފަސޭހައިން ފަހުމުވާ ފަދަ ބަސްމަގަކުން އެންމެ ތިލަ ފަށުން ބަޔާންކޮށްދެވޭތޯ މަސައްކަތްކުރާނަމަވެ.

ޑިކްޓޭޓަރުންނަކީ ދައުލަތުގެ އެންމެހާ ބާރުތަކުގެ މައްޗަށް ގަދަބާރުން ވެރިވެގަނެގެން ވެރިކަންކުރާ ވެރިންނެވެ. އާއްމު ގޮތެއްގައި ޑިކްޓޭޓަރުންގެ ވެރިކަމުގައި ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ހަޅުތާލުކުރުން ފަދަ އެންމެހާ މިނިވަންކަމާއި އިންސާނީ އަދި އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްކުރެއެވެ. ޤާނޫނު ހަދާ މަޖްލީހާއި ޢަދްލުއިންސާފުގެ ބާރުގެ މައްޗަށް އަތްގަދަކުރެއެވެ. ވެރިކަންކުރާ ޕާޓީ ފިޔަވައި ސިޔާސީ ޕާޓީތަކަށް ޙަރަކާތެރިވުމުގެ ފުރުޞަތު ހަނިކުރެއެވެ.  ވެރިންނާއި ޤާނޫނު ހަދާ މަޖްލީހާއި އެނޫންވެސް ދައުލަތުގެ ބާރު ރަމްޒުކޮށްދޭ މަޤާމުތަކަށް ވެރިން އިޚްތިޔާރުކުރުމުގެ ފުރުޞަތު ރައްޔިތުންނަކަށް ނުލިބެއެވެ. އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމާއި ވޯޓު އޮޅުވާލުމާއި ވޯޓުގަތުމާއި އިންތިޚާބުތައް ނުބޭއްވުމާއި ބާޠިލްކުރުމާއި އިންތިޚާބުތައް ފަސްކުރުން ފަދަ ކަންކަން އާއްމު ގޮތެއްގައި ހިނގާނީ ޑިކްޓޭޓަރުން ވެރިކަންކުރާ ޤައުމުތަކުގައެވެ. މި ޤައުމުތަކުގައި ދައުލަތުގެ ޚަޒާނާއާއި ޤުދުރަތީ މުއްސަނދިކަމާއި ވަޞީލަތްތަކާއި އިޤްތިޞާދާއި ވިޔަފާރީގެ ފުރުޞަތުތައް އޮންނާނީ ވެރިމީހާ ، ވެރިމީހާގެ ޢާއިލާ ، ވެރިމީހާގެ ރައްޓެހިން ، ވަޒީރުން ނުވަތަ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ މުށުތެރޭގައެވެ. ޤައުމުގެ މަސްލަޙަތާއި ސިޔާދަތާއި ވަޙްދަތު ރައްކާތެރިކުރުމުގެ ނަމުގައި ޢަސްކަރިއްޔާއާއި ފުލުހުން އިންތިހާ ދަރަޖައަށް ބާރުވެރިކުރުވައެވެ.  އެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސަރުކާރަށް ފާޑުކިޔާ މީހުންނާއި ސިޔާސީ ވާދަވެރިން، ޤައުމު ފަސާދަކުރާ ކުށްވެރިން ނުވަތަ ޓެރަރިސްޓުންކަމުގައި ހަދައި ،ޖަލަށްލައި ، ހަރުކަށި އަދަބުދީ އަނިޔާކޮށް މަރައި  ހަދައެވެ. މިކަންކަން ހާމަވިޔަ ނުދިނުމަށް އަމިއްލަ މީޑިޔާތަކަށް ބިރުދައްކައި އިންޒާރުދީ މަޢްލޫމާތު ފެތުރުމަށް  ހުރަސްއަޅައެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ޚިޔާނާތާއި ފަސާދަ ފޮރުވައި އޮޅުވާލުމަށް މަސައްކަތްކުރެއެވެ. މިގޮތުން ޕްރޮފެގެންޑާ މެޝިންތަކެއްގެ ގޮތުގައި  ދައުލަތުގެ މީޑިޔާތައް އުފައްދައި ދެމެހެއްޓުމަށް ސަރުކާރުގެ ބަޖެޓުން ބޮޑު ޚަރަދުކުރެއެވެ. ޑިމޮކްރަސީ އަކީ މިފަދަ ޤައުމުތަކުގައި ހަމައެކަނި ދުލު ކުރިން ބުނެލެވޭ ބަހެކެވެ. ޢަމަލީ ގޮތުން ތަންފީޒު ކުރެވޭ އެއްޗެއް ނޫނެވެ.

ސިޔާސީ ޢިލްމުވެރިން ގެ އަޣްލަބިއްޔަތު ޤަބޫލުކުރާ ގޮތުގައި އިސްތިސްނާކުރެވޭ ވަރަށް މަދު އަދަދެއްގެ ބަޔަކު ފިޔަވައި ޑިކްޓޭޓަރުންނަކީ ޤައުމުތަކުގެ ވެރިކަމުގައި އަޅާ ކަތުރުފަންޏެކެވެ. އެ ފަނި ޤައުމުގެ ޚަޒާނާއާއި ވަސީލަތްތަކާއި މުއްސަދިކަން ކައި ، ހުސްކުރެއެވެ. އަޚްލާޤީ އަދި އިޖްތިމާޢީ ފޭރާމުގައި ލޯވަޅު އަޅައެވެ. ޤައުމުގެ މުސްތަޤްބަލާއި ތަރައްޤީއަށް ހުރި ފުރުޞަތުތައް ތޮރުފައި ، ހަލާކުރެއެވެ. "ބެނެވޮލަންޓް" ޑިކްޓޭޓަރުން ކިޔާ މަދު އަދަދެއްގެ ބަޔަކު ފިޔަވައެވެ.  ޔޫގޯސްލޭވިޔާގެ ލީޑަރ ޓީޓޯ، ސިންގަޕޫރުގެ ބާނީ  ލީ ކުއާން ޔޫ ، ތުރުކީވިލާތުގެ ޒަޢީމް މުސްޠަފާ ކަމާލް އަތާތުރުކު އަދި މެލޭޝިޔާގެ ލީޑަރު މަހާތީރު ފަދަ ވެރިން ބެލެވިފައިވަނީ ބެނެވޮލަންޓް ޑިކްޓޭޓަރުންކަމުގައެވެ. އެ މީހުންގެ ހަރުކަށިކަމާއި ހުދްމުޚްތާރުކަން ބޭނުން ކޮށްފައިވަނީ ޤައުމުގެ ލާބައާއި މަންފާއަށް އެކަންޏެވެ. އެމީހުން ދައުލަތުގެ ހަރު މުދަލާއި ވަސީލަތްތައް ނު އަގުގައި ވިއްކައި، ބަހައި ، ހަދާފައެއްނުވެއެވެ. އެމީހުންނާއި އެމީހުންގެ ރައްޓެހީންނާއި ގާތްތިމާގެ މީހުންނާއި ޅިޔަން ފަހަރިން، ދައުލަތުގެ ޚަޒާނާއިން ވައްކަންކޮށް ، ޚިޔާނާތާ ފަސާދަޔާ ރިޝްވަތުގެ މަގުން "އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ"  ލައްވާފައެއް ނުވެއެވެ.

އެންމެ ފަހުގެ
ކޮމެންޓް