20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:22
މެންދުރު 12:18
އިރުއަރާ 06:09
ފަތިސް 04:58

އަދުލު އިންސާފް

އެންމެ ބޮޑު ތަރައްގީ އަކީ އަދުލު އިންސާފު ކަށަވަރުވުން!

 • އިންސާފު ނެތި ތަރައްގީގެ ފޮނި މީރުކަން ރައްޔިތު މީހާއަށް ނެތް
 • އެއްވެސް ކަމެއްގައި އިންސާފެއް ނެތް، އިންސާފު މިވަނީ ތަދު އެއްޗަކަށް ވެފައި
 • ރައީސް ޔާމީން ވިއްކަވަނީ ކޮންކްރީޓާއި ދަގަނޑުގެ ތަރައްގީ
އަޒުމޫން އަހުމަދު | azmoon_ahmed

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 15:08 | |

މަގުބޫލް

 1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 3. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 4. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
 5. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
 7. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި
 8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ސިނަމާލެ ބްރިޖާއި ދިމާލަށް ބަލަހައިއްޓައިގެން ދެ މީހަކު -- ފޮޓޯ: އަޝްވާ ފަހީމް

"މިއަދު އަހަރެމެންގެ ސައިޓުން ބުރުމާ ވަގަށް ނަގައިގެން ދަނިކޮށް ހިފައިފިން، ސައިޓު ސުޕަވައިޒަރު މަސައްކަތަށް ނުނިކުމޭ ވަޅި ހިފައިގެން ތިބި ބަޔަކު މީގެ ދެ ދުވަސް ކުރިން ގޮސް އިންޒާރު ދިނީމަ، ފެންވައިރު ކުރާ އިންޑިއާ މީހާގެ ފޯނު ފޭރި ގަނެފި. ބޯހަލާކު!"

"މަށަށް ލިބުނު 98 ޕޮއިންޓް، އެކަމަކު ފްލެޓެއް ނުލިބުނު. ތިން ކުދިންނާއި އަންހެނުން ގޮވައިގެން މިއުޅެނީ ގޮޅިއެއް ވަރު ތަނެއްގައި، ކައްކަނީ ކޮޓަރީގައި، ކުދިން ފިލާވަޅު ހަދަނީ އެތަނުގައި، ނިދަނީ އެތަނުގައި. ރަށުގައި ވެސް މަގޭ ގޯއްޗެއް، ގެއެއް ނެތް. ހާދަ އުންމީދެއް ކުރީމޭ 98 ޕޮއިންޓް ލިބުނީމަ ފްލެޓް ލިބޭނެ ކަމަށް އެކަމަކު ލިބުނީ މަދު ޕޮއިންޓް ލިބުނު ބޮޑުންނަށް. މިއީތަ ނިކަމެތިންނަށް އޮތް މިންވަރަކީ؟"

"އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅު ބަންދުކޮށްފައި ހުންނަތާ ދެ އަހަރު މިވީ، ކޯޓުގައި އޮތް މައްސަލަ އަދިވެސް ނުނިމޭ. މައްސަލަ އަވަސްކޮށްދޭށޭ ކިޔައި އާދޭސްކޮށް ރަށު ކޯޓަށް ސިޓީ އެއް ފޮނުވީމަ އައީ ފިތްކަނޑައިގެންދާ ވަރުގެ ޖަވާބެއް. އަހަރެން ގެންގޮސްފަ ބުނީ ހިނގާށޭ ޕާޓީއަށް ސޮއިކޮށްލާފަ އިންތިހާބުގެ މަސައްކަތަށް ނިކުންނަށް އެއިރުން ތިކަހަލަ ކަންކަން ނިންމާލަން ނިކަން ފަސޭހަވާނެއޭ. އެ ސޮރު އެހާ ދުވަހު ބާއްވާފަ މިއަދު ބުނަނީ އެހެން. މިއީ ކޮން ކަހަލަ އަދާލަތެއް؟ ކޮންތާކަށް އަހަރެން އިންސާފު ހޯދަން ދާންވީ؟"

މިއީ މިއަދު މި ރާއްޖޭގެ ހާލަތެވެ. ނިކަމެތިންގެ ޝަކުވާ އަކީ އެއްވެސް ކަމެއްގައި އިންސާފު ނެތުމެވެ. ފްލެޓް ބެހުމުން ފެށިގެން ގޮސް ކުށްވެރިންނަށް އަދަބު ދިނުމާއި ހަމައަށެވެ. އަސާސީ ޚިދުމަތްތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި އިންސާފު ނެތުމުގެ ސަބަބުން ދައުލަތާ މެދު ރައްޔިތު މީހާ އުންމީދު ކަނޑާލައިފިއެވެ. ފުލުހުންގެ މުއައްސަސާ އިން އެކި ކަންކަމަށް އިސްކަންދޭ ތަރުތީބު ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ނާމާންކަމާއި ބިރުވެރިކަން އާންމުވެއްޖެ އެވެ. ސިޔާސީ މީހުން ފަހާ ދުވުމަށް މާބޮޑު އިސްކަމެއް ދޭތީވެ ކުށް ހުއްޓުވައި ރައްޔިތު މީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ވަސީލަތްތަކާއި ވަގުތު ހޭދައެއް ނުކުރެވެއެވެ. ގޭންގުތައް ސިޔާސީ ބޭނުމަށް "ކުއްޔަށް" ނަގައިގެން އުޅޭތީވެ، އެ މީހުން ގަޔަކު އަތެއް ނުލެވެއެވެ. ވައްދާ ދޮރުން ނެރެލަނީއެވެ. ކޯޓުތަކުން އިންސާފު ހޯދުމެކޭ، ވާތު ސަންގެއް ހޯދަން ފީނުމެކޭ މިވަނީ އެއްވަރުވެފައެވެ. ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދަ އާންމުވެފައި މިވަނީ ދުލުން ގަލަމުން ބަޔާން ނުކުރެވޭ މިންވަރަކަށެވެ. ތެލާއި، ފެނާއި، ކަދުރާއި، ހިލައާއި ގަލާއި، ކަނޑުފަޅާއި، ރުށްގަހުން ވެސް ވައްކަމެވެ.

މި ހާލަތުގައި ރާއްޖެ އޮތް އިރު، ރައީސް އަބްދުﷲ ޔާމީން އިންތިހާބަށް ނިކުމެވަޑައިގެން އެ އުޅުއްވަނީ ތަރައްގީ ހިއްޕަވައިގެންނެވެ. އުސް އިމާރާތްތަކާއި ބްރިޖާއި އެއާޕޯޓާއި ތާރު އެޅި މަގުތައް ރައްޔިތުންނަށް ވިއްކުމަށެވެ. ރައީސް ޔާމީނުގެ ފަލްސަފާއަކީ ތަރައްގީ އެވެ. ދެ ރުފިޔާ އަށް ކުރެވެން އޮތް ކަމެއް ފަސް ރުފިޔާއަށް ކޮށްގެން ވެސް ތަރައްގީ އެވެ. ލައިގެން ހުންނަ މުންޑު ވިއްކާލައިގެން ވެސް ތަރައްގީއެވެ. ދަރާ ވިކިގެން ވެސް ތަަރައްގީ އެވެ. ތަރައްގީގެ ނަމުގައި ހިންގިހާ ޖަރީމާތަކާއި ވައްކަމުގެ ވާހަކަ ބާއްވަމާތޯއެވެ.

އެންމެ ރަނގަޅެވެ. ރާއްޖެ ތަރައްގީ ކުރަންޖެހެއެވެ. ނަމަވެސް، އިންސާފުވެރިކަމާއި ހަމަހަމަކަން ނެތިއްޔާ މި ތަރައްގީއެއްގެ ބޭނުމަކީ ކޮބައިތޯއެވެ. މި ތަރައްގީގެ ފޮނި މީރުކަން އެންމެ ނިކަމެތި މީހާގެ ކަރުބުޑުގައި ނުލާނަމަ ތަރައްގީ މި ކުރެވެނީ ކޮން އެއްޗެއްތޯއެވެ. އުސް އިމާރާތްތަކާއި ބްރިޖުގެ ތަރައްގީ ގެނައިއިރު، ރައްޔިތު މީހާއަށް ހަމަލާއެއްގެ ބިރެއް ނެތި ބްރިޖަށް އަރާލަން ނުދެވޭނަމަ ކީއްކުރާ ބްރިޖެއްތޯއެވެ؟ ގެދޮރުވެރިކަމުގެ ފްލެޓްތައް 25 ބުރިން މައްޗަށް އަރުވަން ހިފާއިރު، ހައްގުވެރިޔާ އަށް އެ ނުލިބޭނަމަ މިއީ ކޮންފަދަ ތަރައްގީއެއްތޯއެވެ؟ އަދާލަތު ގާއިމުނުކޮށް އަޅުގަނޑުމެން މި އުޅެނީ ކޮން ކަމެއް ތަރައްގީ ކުރަންތޯއެވެ؟ އިންސާފު ނެތީސް އަޅުގަނޑުމެންނަށް ތަރައްގީގެ ފޮނި މީރުކަން ލިބެން އެބައޮތްތޯއެވެ؟ 

ނެތިގެން މި އުޅެނީ އިންސާފެވެ. ހަމަހަމަކަމެވެ. ބޭނުންވެގެން މި އުޅެނީ ގައުމަކަށް ހޯދޭނެ އެންމެ ބޮޑު ކުރިއެރުމެވެ. އެއާ ނުލައި ތަރައްގީއާއި ތަމައްދުނުގައި ކުރިއަރައިގެން ނުދެވޭނެ ތަރައްގީއެވެ. އަދުލު އިންސާފު ކަށަވަރުވުމުގެ ތަރައްގީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް