15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރާއްޖެ ތަރައްޤީކުރުން

ފިސްކަލް ޑީސެންޓްރަލައިޒޭޝަން: ތަރައްގީ ކުރުމުގައި ރާއްޖެއާ ގުޅެނީ ކިހާވަރަކަށް؟

  • ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް ދިރިއުޅެނީ މާލޭގައި
  • ރަށްރަށުގައި ދިރިއުޅޭ އާބާދީގެ ފަރަގު ބޮޑު
  • ހުރިހާ ރަށަކަށް އެއް ހިދުމަތްތަކެއް ފޯރުކޮށްދިނުން ގޮންޖެހުމަކަށްވެފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 23 އޯގަސްޓު 2018 | ބުރާސްފަތި 11:19 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ރާއްޖޭގެ ރީތި ކުދި ރަށްތައް: ރާއްޖޭގެ ރަށްތައް ތަރައްގީ ނުވެ އޮތުމުގެ މައިގަނޑު އެއް ސަބަބަކީ އެއްތަނަކަށް ބާރުތައް ޖަމާކޮށްގެން ދައުލަތް ހިންގުން -- ރާއްޖެއެމްވީ

ތަރައްގީ ހާސިލް ކުރުމުގައި އެންމެ ގިނަ ފަރާތްތަކުން ދައްކާ މިސާލަކީ ސިންގަޕޫރެވެ. އާބާދީގައި ފަސް މިލިއަން މީހުން ދިރިއުޅޭ ސިންގަޕޫރަކީ ބިމުގެ ގޮތުން ވެސް ކުޑަ ގައުމެކެވެ. އެހެން ނަމަވެސް ގުދުރަތީ ވަސީލަތްތައް މަދު ސިންގަޕޫރު ތަރައްގީ ހާސިލްކޮށްފައި ވަނީ އެގައުމުގެ ތެރެއިން ގެނެވޭނެ އިނޮވޭޓިވް ގޮތްތައް ބަލައިގެންނެވެ. ސިންގަޕޫރުގެ ބިމުގެ ކުޑަކަމާއި، ސިންގަޕޫރުގެ ގުތުރަތީ ވަސީލަތްތައް މަދުވުން ވެގެންދިޔައީ ސިންގަޕޫރު މިހާރު އޮތް ހިސާބަށް ދިއުމަށް ލިބުނު އެންމެ ބޮޑު އެޑްވާންޓޭޖްތަކަށެވެ.

ރާއްޖެއާ ވެސް އެންމެ ގިނަ ބަޔަކު އަޅާކިޔަނީ ސިންގަޕޫރެވެ. ރަގަޅެވެ. ސިންގަޕޫރު ފަދަ ގައުމުތަކުން މިސާލު ނަގައިގެން މަސައްކަތް ކުރެވިދާނެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ސިންގަޕޫރެއް ތަރައްގީއެއް ނުކުރެވޭނެއެވެ. އަދި ސިންގަޕޫރު ގެންގުޅޭ ހުރިހާ އުސޫލުތަކެއް ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އޮންނަ ގައުމަކަށް ނުވެސް ގުޅޭނެއެވެ. ނުވަތަ ވަރކެއް ނުކުރާނެއެވެ. މިއީ އިކޮނޮމިސްޓުން ދައްކަމުންދާ ވާހަކަތަކެވެ. ރާއްޖޭގެ އާބާދީގައި ރަށްރަށުގައި ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އެ ހުރިހާ ރައްޔިރުންނަށް ވެސް އެއް ހިދުމަތްތަކެއް އެއް ފެންވަރެއްގައި ފޯރުކޮށްދޭން ސަރުކާރަށް ޖެހެއެވެ. 200 މީހުން ދިރިއުޅޭ އާބާދީތަކުން ފެށިގެން ލައްކައެއްހާ މީހުން ދިރިއުޅޭ އާބާދީތައް އުޅެއެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުން މާލެ ސިޓީގައި ރާއްޖޭގެ މުޅި އާބާދީގެ 38 ޕަސެންޓް އަންނަނީ ދިރިއުޅެމުންނެވެ. އެއީ ގާތްގަނޑަކަށް އެއްލައްކަ ފަންސާސް ހާސް މީހުންނެވެ. ރާއްޖޭގައި 100 އަށް ވުރެ މަދު މީހުން ދިރިއުޅޭ ދެ ރަށް ހިމެނޭ އިރު އެރަށްތަކުގެ މީހުންނަށް ވެސް 5000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އާބާދީތަކެކޭ އެއްފަދައިން އެއް ހިދުމަތްތަކެއް ބޭނުންވެއެވެ. މިއީ ތަރައްގީ ގެނައުމުގައި ކޮންމެ ސަރުކާރަކަށް ވެސް ކުރިމަތިވާނެ ގޮންޖެހުމެކެވެ.

ރާއްޖޭގެ އާބާދީގެ 68 ޕަސެންޓް 15 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރު ފުރައަށް ނިސްބަތްވާ އިރު އޭގެ ތެރެއިން ވެސް އެންމެ ގިނައީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ބޮޑު އިރު ކުރިއަށް އޮތް ސަރުކާރުތަކަށް އޭގެ އެޑްވާންޓޭޖު ނެގިދާނެއެވެ. ރާއްޖޭގައި ސްކިލްޑް ލޭބާ ފޯސްއެއް ބިނާ ކުރުމަށްޓަކައި މަތީ ތައުލީމުގެ ނިޒާމު މިހާރަށް ވުރެ ވެސް ބޮޑަށް ރަނގަޅު ކުރެވޭނެއެވެ. އިތުރު ފުރުސަތުތައް ވެސް ފަހިކޮށްދެވިދާނެއެވެ. އަދި މަސައްކަތުގެ ދާއިރާ އަށް ޒުވާނުން އަހްލުވެރިކުރުވުމަށް މިހާރަށް ގެންގުޅޭ ނިޒާމަށް ވެސް ބަދަލުތަކެއް ގެނެވިދާނެއެވެ. 

ތަރައްގީ ކުރުމުގައި ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ފަދަ އާބާދީގެ ތަފާތުތައް ބޮޑު ގައުމަކަށް ފައިދާވާނެ ކަމަކަށް ވެދާނެއެވެ. ވަރލްޑް ބޭންކް އިން ފިސްކަލް ޑީސެންޓްރަލައިޒޭޝަންއާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ގޮތުގައި އެއީ ސަރުކާރުގެ އެކި ލެވެލްތަކަށް ހަރަދު ކުރުމުގެ ބާރުތަކެއް ލިބުމެވެ. ނުވަތަ އެސަރަހައްދަކުން ލިބޭ އާމްދަނީން އެސަރަހައްދެއްގެ ތަރައްގީގެ ކަންކަން ކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. މިސާލަކަށް ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް އެ ސަރަހައްދުގެ ނުވަތަ އެ ރަށަކަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަތުން، އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތަކަށް ކުޑަ ފީއެއް ނެގިދާނެއެވެ. އަދި އެލިބޭ ފައިސާ އިން ރަށުގެ ސްކޫލުގައި ކްލާސްރޫމެއް އެޅުން ފަދަ ކަންކަން ކުރެވިދާނެއެވެ. ނުވަތަ ގެސްޓްހައުސްތަކުން ބޭނުން ކުރުމަށް ވަކި ބީޗެއް ދީ އެ ބީޗުން ލިބޭ ފައިސާ އިން ބީޗު ސަރަހައްދު ތަރައްގީ ކުރެވިދާނެއެވެ. މީގެ އިތުރުން އެއަތޮޅަކުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް ބަލައި އެ ސަރަހައްދެއްގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމުގައިވާ ބަނދަރު ހެނދުމާއި، ނަރުދަމާ އާއި ފެނުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ބަޖެޓު ކަނޑައެޅިދާނެއެވެ. ގްރީން ޓެކްސް ފަދަ ޓެކްސް އިން ނަގާ ފައިސާ އިން ތިމާވެށީގެ ކަންކަން ބަލަހައްޓައި ހިމާޔަތްކުރުމަށް ހަރަދު ކުރެވިދާނެއެވެ. މިކަންކަން ކުރުމަށް މައި ސަރުކާރުގެ ބަދަލުގައި އަތޮޅު އަދި ރަށު ކައުންސިލްގެ ދައުރު ފުޅާކޮށް މަޝްރޫއުތައް ހިންގުމާއި ޚަރަދު ކުރުމުގެ ބާރު ދިނުމަކީ ހަގީގީ ޑީސެންޓްރަލައިޒޭޝަނެވެ. ނުވަތަ ލާމަރުކަޒީކުރުމެވެ.

ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ތަރައްގީ ހާސިލުކުރުމުގައި އެކި އަތޮޅުތަކުގައި ވާދަވެރިކަން އުފެދި، އެއް އަތޮޅު ނުވަތަ އެއް ސަރަހައްދު އަނެއް ސަރަހައްދަކަށް ވުރެ ގިނައިން އާމްދަނީ ހޯދޭނެ ގޮތްތައް ގާއިމްކުރުމަށް މަސައްކަތްކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ގައުމުގެ ފުދުންތެރިކަން އިތުރުވެގެންދާނެއެވެ.

މިކަމަށް ގައުމުގެ މުޅި ނިޒާމު ބައްޓަން ކުރުމުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ބަދަލުގައި މައި ސަރުކާރުން ކުރަމުންދާނީ ބޮޑެތި ކެޕިޓަލް މަޝްރޫއުތަކެވެ. ރައްޔިތުންނަށް ބޭނުންވާ، ރައްޔިތުންނާ ގުޅޭ އަސާސީ ހިދުމަތްތަކާއި ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ކުރާނީ ކައުންސިލްތަކުންނެވެ.

މިފަދަ ނިޒާމެއްގެ ތެރެއިން ވިސްނަން ޖެހޭ ކަންކަން ހުރެއެވެ. އެގޮތުން އާބާދީ އާއި ވަސީލަތްތަކުގެ ގޮތުން ވަކި ސަރަހައްދުތައް މާކުރީގައި އުޅެދާނެއެވެ. އެހެން އަތޮޅުތަކުގެ ދިރިއުޅުމުގެ ފެންވަރުގެ ފަރަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ކައުންސިލްތަކަށް ހަރަދު ކުރުމާއި އާމްދަނީގެ ބޮޑެތި ބާރުތަކެއް ދިނުމުގެ ސަބަބުން ކައުންސިލްތަކުން ނަގާ ލޯނުތަކާއި ދަރަނީގެ ޒިންމާ އެންމެ ފަހު ވަގުތު މައި ސަރުކާރުން ނަގަން ޖެހިދާނެކަމުގެ ބިރުވެރިކަން ވެސް އެބައޮތެވެ.

މިފަދަ ނިޒާމެއްގެ ތެރެއިން ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ކައުންސިލް ފެންވަރުގައި ހިންގުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އެހެންކަމުން މައި ސަރުކާރު ވާންޖެހޭނީ މިފަދަ ކަންކަން ބެލެހެއްޓުމުގެ ވަރުގަދަ ނިޒާމެއް އެކުލެވިގެންވާ ސަރުކާރަށެވެ. މީގެ އިތުރުން ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބާރު ދިން ނަމަވެސް އާބާދީއަށް ބަލައި، ތަރައްގީ ގެނައުމުގައި އޮންނަ ފަރަގު ކުޑަ ކުރުމަށްޓަކައި އެހެން އާބާދީތަކުން އިތުރަށް ހޯދާ އާމްދަނީ މަދުން ލިބޭ އަތޮޅުތަކަށް ހަރަދު ކުރެވޭނެ ނިޒާމެއް ގާއިމް ކުރަންޖެހެއެވެ. ނަވަރަ ވަސީލަތްތައް މަދު އަދި އާމްދަނީ ވެސް މަދުން ލިބޭ އަތޮޅުތަކާއި ރަށްތަކަށް ހާއްސަ އިނާޔަތްތަކެއް ކަނޑައަޅައި ތަރައްގީ އަށް މަގުފަހުކޮށް ތަރައްގީގެ ފަރަގު ކުޑަކުރުމުގައި މައި ސަރުކާރުގެ ޒިންމާ ނުހަނު ބޮޑެވެ. މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ވެސް އަތޮޅުތަކުގައި ހިންގުމަށް މައި ސަރުކާރަށް ބާރު އެޅޭނެ ނިޒާމެއް ގާއިމް ކުރެވެންޖެހެއެވެ. އެހެންކަމުން މިފަދަ ނިޒާމަކަށް ފުރިހަމަ ލީގަލް ފްރޭމްވަރކެއް ބޭނުންވާނެއެވެ. ކައުންސިލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ އިލްމީ ގާބިލް ބަޔަކަށް ވާންޖެހެއެވެ. އެގޮތުން ޕްލޭން ކުރުމާއި ބަޖެޓްކުރުމާއި ފައިނޭންސް ކުރުމުގެ ކަންކަމައި މޮނިޓަރކޮށް ބެލެހެއްޓޭނެ ގާބިލްކަން ކައުންސިލްތަކުގައި ހުންނަންޖެހޭނެއެވެ.

ސެންޓްރަލް ސަރުކާރުން ހުރިހާ ކަންކަން ނިންމާ ރޭވުމުގެ ބަދަލުގައި ލާމަރަޒީގެ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަކީ ވަރަށް ގިނަ ގައުމުތަކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލެކެވެ. ގައުމުތައް ކަމުގައިވާ ޗެކް ރިޕަބްލިކް އާއި ކްރޮއޭޝިއާ އާއި ހަންގޭރީ އާއި ޕޮލެންޑް ފަދަ ގައުމުތަކަކީ ވެސް ލާމަރުކަޒީގެ ނިޒާމުގެ ތެރެއިން ގައުމުގެ ހިންގުން ބައްޓަންކޮށްފައިވާ ގައުމުތަކެވެ. އެކި ގައުމުތަކުގައި ލާމަރުކާޒީ އުސޫލުގެ ތެރެއިން ކަންކަން ކުރުމުގެ އުސޫލުތައް ވެސް ތަފާތެވެ. އެހެން ނަމަވެސް ރާއްޖެ ފަދަ ގައުމަކަށް ހުރިހާ މަޝްރޫއުތައް ލޯނުތައް ނަގައިގެން ނޫނީ އަވަށްޓެރި ގައުމުތަކުގައި ސަލާންޖަހައިގެން ކުރުމުގެ ބަދަލުގައި ލިބޭ އެއްޗަކުން ހަރަދުތައް ހަމަޖެއްސުމުގެ އުސޫލެއް ގާއިމް ކޮށްފި ނަމަ ލިބޭނެ ލޯންގް ޓާމް ފައިދާ ބޮޑުވެގެންދާނެއެވެ. މިފަދަ ނިޒާމެއްގެ ތެރެއިން ވެސް ބޭނުންވަނީ ހަރުދަނާ އުސޫލުތަކެވެ. މި ވަގުތަށް ބަލާއިރު އޮތް ލާމަރުކަޒީ ގާނޫނަކީ ހަމައެކަނި ރަށްތަކުގެ ކުދިކުދި ކަންކަން ކުރުމަށް ނުވަތަ ނަމެއްގައި އޮތް ނިޒާމެކެވެ. ގާނޫނީ އޮނިގަނޑި މިހާރަށް ވުރެ ހަރުދަނާކޮށް ކައުންސިލްތަކުގެ މާލީ ކަންކަމާއި މަޝްރޫއުތައް ހިންގޭނެ ގޮތުގެ އުސޫލްތަކާއި ހަމަތައް ގާއިމުކުރުމަށް އިތުރު ގާނޫނުތައް ބޭނުންވެއެވެ. ރަނގަޅު ނިޒާމެއް ގާއިމުކޮށްފި ނަމަ މި ޖަޒީރާ ރާއްޖޭ ޖަޒީރާ ވަންތަ ގޮތެއްގައި، ލާމަރުކަޒީ ނިޒާމެއްގެ ދަށުން ތަރައްގީކުރުމަކީ އޮތް ފުރުސަތެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް