20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ލިބުނު ފަހްރާއެކު އިބޫ ހޮވުމަށް ހިންނަވަރު ކެތްމަދުވެފައި!

  • އިބޫއަށް އޮތް ތާއީދު ފައިސަލް ވަޑައިގަތުމުން ވަނީ ފެނިފައި
  • އިބޫ އިންތިހާބު ކާމިޔާބުކޮށްފި ނަމަ ވެގެންދާނީ އަތޮޅުތެރޭގެ ބޭފުޅަކު އިންތިހާބު ކާމިޔާބުކުރާ ފުރަތަމަ ފަހަރު ކަމަށް
  • އިބޫގެ އުފަން ރަށުން އިބޫ މެންބަރުކަމުގެ ގޮނޑި ކޮންމެ ފަހަރަކު ދިފާއުކުރައްވާ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 11 އޯގަސްޓު 2018 | ހޮނިހިރު 21:17 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ހިންނަވަރުގައި ތިބި އިބޫއަށް ތާއިދުކުރާ ބައެއް މީހުން: - ހިންނަވަރު އޮތީ ކެތްމަދުވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޅ. ހިންނަވަރު, ނޫރާނީއާގެ، އިބްރާހިމް މުހައްމަދު ސޯލިހަކީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އެންމެ ފަހި ފުރުސަތު އޮތް ކެންޑިޑޭޓެވެ. އިބޫ މި އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ އިބޫގެ ނަން ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަދެގެންދާނެއެވެ. މާލެ ނޫން ތަނަކަށް ނިސްބަތްވާ ބޭފުޅަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އިންތިހާބުވާ ނަމަ އެ ފުރުސަތު މިފަހަރު ލިބިގެންދާނީ ޅ. ހިންނަވަރު ބޭފުޅަކަށެވެ. ސަބަބަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވަނީ މާލޭ ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައީސް އަބްދުﷲ ޔާމިނެވެ.  

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް އިބޫއަށް ދިނުމަށް އެމްޑީޕީގެ ކޮންގްރެސް އިން ފާސްވެގެން ދިއުމާއި, އިބޫއާ އެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ކޯލިޝަނުގެ އެހެން ޕާޓީތަކުން އެއްބަސްވުމަކީ ވެސް ހިންނަވަރުގެ ރައްޔިތުންގެ މިއަދު ވެސް ފަހުރުވެރިވާ ކަމެކެވެ. އެތައް ހާސް ބަޔަކު ނިސްބަތްވާ ޕާޓީއަކުން އިބޫ އިންތިހާބު ކުރީތީއެވެ. އިބޫއާ މެދު ކޯލިޝަނުގެ ހުރިހާ ޕާޓީއަކުން އިއްތިފާގު ވެވުނީތީއެވެ. މި ޝަރަފާ އެކު އިބޫ ރިޔާސީ އިންތިހާބަށް ނިކުންނެވުމުން ހިންނަވަރު އޮތީ އާދަޔާހިލާފު ޖޯޝެއްގައެވެ. މިރަށުން ވާހަކަ ދައްކާލުމުން ބައެއް މީހުނަށް އިބޫ ސިފަކުރެވޭ ގޮތް ވެސް ތަފާތެވެ. ގާތްގަނޑަކަށް 25 އަހަރު ދުވަސްވަންދެން އެ އަތޮޅާއި ރަށުގެ މެމްބަރުކަމުގައި އިބޫ ހުންނެވިރު އެހެން މީހުނަށް އިބޫ އެނގޭ ވަރަށް ވުރެ ގާތުން އެނގޭނެ ބަޔަކީ ވެސް އިބޫގެ އުފަން ރަށުގެ މީހުނެވެ.

ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ކޮންގްރެސްއަށް އިބޫގެ ނަން ހުށައެޅި އެނަން ފާސްވެގެން ދިޔައިރު އެ ކޮންގްރެސްގައި ހިންނަވަރުން ބައިވެރިވި އަލީ އިބްރާހިމަށް ކުރެވުނީ އެހާ ފަސޭހައިން ބަޔާން ކުރެވޭ ވަރަށް އުފާވެރި އިހްސާސްތަކެވެ.  

"އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮންގްރެސްގައި އެލިބުނު ތާއީދާއި އެއްބާރުލުން އެންމެންގެ ފަރާތުން. އެއީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. އަދި ކެންޑިޑޭޓަކު ނަގަން ލިބުނު ފުރުސަތުގައި ހިންވަރު ދަރިއަކަށް ވުން، އެއީ ވަރަށް ބޮޑު އުފަލެއް،" އިބްރާހިމް ބުންޏެވެ.

ރައްޔިތުންގެ މަޖިލީހަށް އިބޫ އިންތިހާބު ކުރުމަށް މީގެ ކުރިން ވެސް ތަކުރާރުކޮން ވޯޓު ދިން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އިބޫ ފަދަ އެހެން ދަރިއަކު މުޅި ރާއްޖެ އިން ބެލި ނަމަވެސް ފެންނާކަށް ނެތެވެ. އަދި އެފަދަ ސިޔާސީ ޝަހްސިއްޔަތަކީ ހިންނަވަރުގެ ދަރިއަކަށް ވީތީ އެމީހުން އަދި މާ އުފާވެއެވެ.

"ރައްޔިތުންގެ މަޖިލީހުގައި ވެސް އެވަރުގެ ދަރިއަކު އަދިއެއް ނެތް. އެހެންވީމަ ވަރަށް ހިތް ހަމަ ޖެހޭ،" ހިންނަވަރު މަގެއްގެ އެއްފަރާތުގައި ހުރި ޖޯލިފައްޗެއް އިން އަންހެނަކު ބުންޏެވެ.

ހިންނަވަރުގެ ސަޕޯޓުންނާ އެކު އިބޫ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން:- އެރަށު މީހުން ތިބީ އިބޫ ހޮވުމަށް ކެތް މަދުވެފައި

ހިންނަވަރުގެ ގިނަ މީހުން ތަކުރާރުކޮން ބުނަމުންދިޔައީ އިބޫއަކީ ވަފާތެރި އިހްލާސްތެރިއެއް ކަމަށެވެ. ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްގެން އިބޫ އިންތިހާބުކުރަން މަސައްކަތް ކުރަން ތައްޔާރަށް ތިބި ވާހަކައެވެ. އެހާ ޔަގީން ކަމާ އެކު އެމީހުން އެހެން ބުނަނީ އިބޫއަކީ އެ މީހުން ތަޖުރިބާ ކޮށްފައިވާ ބޭފުޅެއް ކަމަށް ވާތީ ކަމަށް ވެސް ވެދާނެއެވެ.

އިބޫއަކީ އެހާ ގިނައިން ރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ ހަމައެކަނި އިންތިޚާބާ ދިމާކޮށް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އިބޫ އަށް ތާއީދުކުރާ މީހުން އެއަށް ރައްދު ދީ ބުނަނީ އިބޫއަކީ އެއަށް ވުރެ މާ ހިތްތިރި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހުންނަ މީހާއަކީ ކޮންމެ ދުވަހަކު ރަށު މީހުންނާ ބައްދަލުކޮށް މަޖިލީހުގައި ދައްކާ ކޮންމެ ވާހަކައެއްގައި ރަށުގެ ވާހަކަ ދައްކަންޖެހޭ މީހާ އަށް ވާން ނުޖެހޭ ކަމަށާއި މަޖިލީހުގެ މެންބަރެއްގެ ބޭނުމަކީ ރަށާއި މުޅި ގައުމުގެ ތަރައްގީ އާއި މަސްލަހަތުގައި ވަކާލާތުކުރެއްވުން ކަމަށް އެ މީހުން ބުނެއެވެ. އެގޮތުން އިބޫ އަށް ބާރު ލިބުނު ދުވަހު ރަށުގެ ތަރައްގީ އަށް ކަންކަން ފަހިކޮށްދިން ކަމަށް އެ މީހުން ބުނެއެވެ. އޭގެ ހެއްކެއްގެ ގޮތުގައި އެ މީހުން ބުނަނީ އެމްޑީޕީގެ ސަރުކާރުގައި ހިންނަވަރުގައި ހިންގި މަޝްރޫއުތަކެވެ. ކުރު މުއްދަތުގައި ރަށު ބިން ހިއްކުމާއި ބަނދަރު ހެދުމާއި ހިލަޖަހައިގެން ރަށުގެ ތޮށިލުން ފަދަ އެތައް ކަމެއް އެމްޑީޕީގެ ސަރުކާރުގެ ކުރު މުއްދަތުގައި ކޮށްދީފައި ވެއެވެ.

އިބޫއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް އިބޫގެ ސަޕޯޓަރުން ކުރާ ސުވާލުތަކެއް ވެސް އެބަހުއްޓެވެ. ސަރުކާރުގައި ރަށަށް ނިސްބަތްވާ މިނިސްޓަރަކު ހުންނެވި އިރު ފާއިތުވި ފަސް އަހަރު ދުވަހު ރަށަށް ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟ ހެލްތު މިނިސްޓަރަކަށް، 2014 ވަނަ އަހަރު މަޖިލީހުގެ ގޮނޑިއަށް އިބޫއާ ވާދަކުރެއްވި އަބްދުﷲ ނާޒިމް ހުންނެވި އިރު ރަށުގެ ސިއްޚީ ނިޒާމަށް ލިބުނު ކުރިއެރުމަކީ ކޮބައިތޯ އެ ފަރާތްތަކުން ދަނީ ސުވާލުކުރަމުންނެވެ. ހެލްތު މިނިސްޓަރުގެ ދާއިރާ އިން ސިއްޚީ މަރުކަޒުގެ އިމާރާތުގެ ބިންގާ އެޅިއެއް ކަމަކު އަދިވެސް އެތަން އޮތީ އޮތް ގޮތަށެވެ. ގެދޮރުގެ ދަތިކަން ބޮޑުވެ،  ބޯހިޔާވަހިކަން ބޭނުން އެތައް ބަޔަކު ތިބި އިރު ފަސް އަހަރު ވީ އިރު ވެސް ހިއްކި ބިމުން ގޯއްޗެއް ދޫކުރެވިފައެއް ނުވެއެވެ. ކައުންސިލް ޕީޕީއެމް އަށް ދީގެން ވެސް ލިބުނު މޮޅެއް ނެތެވެ. ގޯތީގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބައި ހިއްކި ފަސްގަނޑުން ބޮޑު ބައެއް ނުއަގުގައި ވިއްކައިލީ ހުއިފިލަނޑާ އާލާކުރާ ބަޔަކަށް ކަމަށް އިބޫގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ. މިފަދަ އެތައް ސުވާލުތަކެއް އިބޫގެ ސަޕޯޓަރުން މި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާ މަތިކުރެއެވެ. 

ހިންނަވަރުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިބޫ އިންތިހާބުވެ ވަޑައިގެންފި ނަމަ އެރަށަށް ލިބިގެންދާ ފަހްރާ އެކު ހަމައެކަނި ތަރައްގީވެގެން ދާނީ އެރަށެއް ނޫނެވެ. އިބޫގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ކުރައްވާނެ ކަމަށް އެރަށު މީހުން ގަބޫލުކުރެއެވެ. އޭގެ ހިއްކަކީ އެމްޑީޕީގެ ވެރިކަމުގައި ބައެއް މަޝްރޫއުތައް އެރަށުގައި ހިންގާފައިވުމެވެ. އެހެން ރަށްރަށުގެ މީހުނަށް ވުރެ ބޮޑަށް އިބޫ އިންތިހާބުކުރަން ހިންނަވަރުގެ ރައްޔިތުން ބޭނުންވާ ސަބަބަކަށް އޮތީ ހަމައެކަނި އެރަށަށް ލިބޭ ފަހުރެއް ނޫންކަން އެރަށުގެ މީހުންގެ ކިބައިން ސާފެވެ. އޭގެ ބަދަލުގައި އެމީހުނަށް ކުރެވުނު ތަޖުރިބާގެ އެއީ އެކަމުގެ ހެއްކެކެވެ.

އިބޫ ހޮވުމަށް އިބޫގެ ރަށުން ބޭނުންވެފައިވާ މިންވަރު އެރަަށަށް އިބޫގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވަޑައިގަތުމުން ފެނިގެންދިޔައެވެ. އެ މީހުން ބުނަނީ އިބޫ އެރަށަށް ވަޑައިގަތުމުން އަދި މާ ބޮޑަށް އެ މަންޒަރު ފެނިގެންދާނެ ކަމަށެވެ. އަދި އިބޫއަކީ ހަމައެކަނި ރަށަށް ހުރި ފަހުރެއް ނޫން ކަމަށެވެ. އެއީ ޅ. އަތޮޅާއި ރާއްޖޭގެ ކޮންމެ ރަށެއް ވެސް ތަމްސީލްކުރައްވާނެ ރައްޔިތުން ފަހުރުވެރިވާނެ ރައީސަކަށް ވެގެންދާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް