26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ދައުލަތުގެ ފައިސާ އިން ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައި، އެންމެ ފަހުން ކައިވެނި ޕާޓީތަކަށް ހަރަދު ކުރަނީ!؟

  • ބްރިޖުގައި ކައިވެނި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވޭ
  • މިކަމާ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 އޯގަސްޓު 2018 | ހޯމަ 10:38 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ބްރިޖުގެ މަޝްރޫއު -- ޓްވިޓަރ

އިންތިހާބު ބޯމަތިވެފައިވާ އިރު އެކި ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި އަންނަނީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. އެއްބަޔަކު ޖަޒީރާވަންތަ ގޮތްތަކެއް ބޭނުންކޮށްގެން ރަށްރަށް ތަރައްގީ ކުރުމުގެ ވާހަކައެވެ. އަނެއް ބަޔަކު މާލެ ސަރަހައްދުން ބޮޑު ބައެއް ހިއްކައިގެން ގޯތިދޭ ވާހަކައެވެ. މިފަދަ ވާހަކަ ދައްކާއިރު އިންތިހާބުތަކުގައި ސިޔާސީ ފަރާތްތަކުންވާ ވައުދުތަކަކީ ރައްޔިތުންނަށް ގަބޫލު ކުރެވޭ ކަންކަމަށް ވާންޖެހެއެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ "ވޯޓު ގަތުމުގެ" ނަމުގައި ކަންކަން ހިންގުމަކީ އެއްވެސް ވަރަކަށް ރައްޔިތުން ބަލައިގަންނަން ޖެހޭ ކަންކަމެއް ނޫނެވެ.

ސަރުކާރުން ތަފާތު އެކި މަޝްރޫއުތައް ފެށުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ އިރު އޭގެ ތެރެއިން ވެސް އެންމެ ފާހަގަކުރެވެނީ ހައުސިންގ މިނިސްޓްރީން އިއުލާނު ކުރާ މަޝްރޫއުތަކެވެ. ހައުސިންގ މިނިސްޓްރީން ދަނީ އިންތިހާބު ބޯމަތިވެފައިވާ އިރު ތަފާތު މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އަނެއްކާ ވެސް ސަރުކާރުން މި ވަނީ ބްރިޖް ހުޅުވުމާ ދިމާކޮށް އެ ތަނުގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް އެކަމަށް ދާ ޚަރަދު ހިލޭ ދިނުމަށް ނިންމާފައެވެ. އަލަތު ކައިވެންޏަށް އާންމު ގޮތެއްގައި ގިނަ މީހުން ބޮޑު ހޭދައެއް ކުރެއެވެ.  އެއް ދުވަހުން އަނެއް ދުވަހަށް ކައިވެނީގެ ޕްކޭޖުތައް ދަނީ އިތުރުވެ މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ދަނީ އިތުރުވަމުންނެވެ. މޭޒު މަތީގައި ބަހައްޓާ ސެންޓަރ ޕީސްތަކުން ފެށިގެން އަމިއްލަ ވެޑިން ޑްރެސް އާއި މޭކަޕްގެ އަގުތައް ވެސް އުޅެނީ ވަރަށް މަތީގައެވެ. މީގެ އިތުރުން ފޮޓޯގްރަފީ އާއި ކޭޓަރިންގއަކީ އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަންކަމެވެ. އާންމު ގޮތެއްގައި ކައިވެނީގެ ހަފުލާއެއް ނުމޭ އިރު ޚަރަދު ގުނައި އުޅެނީ ލައްކައިންނެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ވެޑިންގ ޕްލޭނަރުން އެންމެ އާދައިގެން ބެކްޑްރޮޕްތަކަށް 20000-30000ރ. ނަގާއިރު ރަގަޅު ފެންވަރެއްގެ ޑެކަރޭޝަނަކަށް ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވެއެވެ. އަނެއްކޮޅުން ކެއުމަކީ އެންމެ ބޮޑު ޚަރަދެއް ހިނގާ ކަމެވެ. އެންމެ އާދައިގެ ސަޔަކަށް ވެސް، 250 މީހުންނަށް 30،000ރ. ހަރަދުވެއެވެ.

ހައުސިންގ މިނިސްޓްރީން މިވަނީ ފްލެޓް އެޅުމާ މަގު ހެދުމާއި ބަނދަރުގެ އިތުރުން ވެޑިންގ ޕްލޭނަރއަކަށް ވެސް ބަދަލުވެފައެވެ. ރާއްޖޭގައި ވެޑިންގ ޕްލޭންކުރާ ކުންފުނިތައް އިތުރުވެ، އެފަދަ ކުންފުނިތައް ފުޅާވަމުން އަންނަ އިރު ހައުސިންގ މިނިސްޓްރީން ވެސް ވަނީ މި ދާއިރާއަށް ކުންފުނިތަކާ ވާދަކުރަން ނިކުމެފައެވެ. ނަމަވެސް ތަފާތަކީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ކައިވެނި ޕްލޭންކުރާ ނަމަ ހުރިހާ ހަރަދެއް ދައުލަތުން ބަލަހައްޓައިދޭ ކަމެވެ. ފަހަރެއްގައި މިކަމުން މިދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުގެ ކުރިއެރުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ވެސް ކުރިމަތިވެދާނެއެވެ.

ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ދޫކުރަން ފެށި ފޯމުގައި އަންހެން މީހާގެ ހެދުމުގެ ހަރަދަށް 15،000ރ. އާއި ފިރިހެން މީހާގެ ހެދުމަށް 7000ރ. އާއި ޒީނަތްތެރިވުމަށް 5000ރ. އާއި 50 މީހުންނަށް ސަޔާއި ފޮޓޯ ނެގުމާއި ކައިވެނީގެ އިންތިޒާމްތައް ދައުލަތުގެ ބަޖެޓުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ މިނިސްޓްރީން ލަފާކުރި މިންވަރަށް ވުރެ އިތުރަށް ފޯމު ހުށަހެޅި ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ފަހުން ވަނީ ކައިވެނީގެ ހެދުމާއި މޭކަޕަށް ދާ ޚަރަދު އުނިކޮށްފައެވެ. އެހެން ނަމަވެސް ކައިވެންޏަށް ސަރަހައްދު ޒީނަތްތެރިކުރުމާއި ސަޔާއި ފޮޓޯ ނެގުން ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭނެއެވެ. 

މީހަކު އަޅެފަހެ އަންތަރީސް ނުވާނެ ހެއްޔެވެ؟ ސަރުކާރުން މިއުޅެނީ ދައުލަތުގެ ފައިސާ ގިނަވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ހެއްޔެވެ؟ ހަމަގައިމު ވެސް 2018 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށް ކަނޑައެޅި ބަޖެޓުގައި ބްރިޖުގައި ސަރުކާރުން ކައިވެނީގެ އިންތިޒާމު ހަމަޖައްސައި ދޭނެ ހަރަދުތައް ހިމަނާފައެއް ނުވެއެވެ.

ހިލޭ ކައިވެނި ކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމި އިރު މިއީ ކައިވެނިކުރަން ބޭނުންވެފައިވާ ކުދިންނަށް ވަރަށް ރަގަޅު ފުރުސަތަކަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް ސަރުކާރުން ޗައިނާގެ ލޯނު އެހީގައި ތަރައްގީކުރި ބްރިޖު މަތީ ހުރިހާ ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ވަކި ބައެއްގެ ކައިވެނި ކޮށްދިނުމަށް ހަރަދު ކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ވެސް ސުވާލު އުފެދެއެވެ. ގައިމު ވެސް އެކަމަށް ހަރަދުކުރާނީ ދައުލަތުގެ ހުރިހާ ރައްޔިތުންގެ އަތުން ޓަގާ ޓެކްސް ފައިސާ އިންނެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިން މިއަށް ވުރެ ރަގަޅަށް ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރުމަށް ހަރަދެއް ނުކުރެވޭނެ ހެއްޔެވެ؟

ކައިވެނި ޕާޓީތަކަށް ހަރަދު ކުރުމުގެ ބަދަލުގައި ސްކޫލެއްގައި ކްލާސް ރޫމެއް އެޅުމަށް މިސްކިތުގެ މަރާމާތު ކުރުމަށް ރައްޔިތުންގެ ފައިސާ ހޭދަ ކޮށްފި ނަމަ އެކަމުން ގިނަ ރައްޔިތުންތަކަށް ފައިދާކުރާނެއެވެ. ނުވަތަ މި ސަރުކާރުން ކުރިން ވެސް ވައުދުވެ ނުފުއްދައިދީ އޮތް އަލަތު ކައިވެންޏާ އެކު ދޭން ބުނި ފްލެޓްތައް އެޅުމުގެ ބަޖެޓަށް އެ ފައިސާކޮޅު ވެސް ލައިގެން ކަމެއް ކުރެވޭތޯ ބެލުން މާ ރަނގަޅުވާނެއެވެ. ނުވަތަ ފްލެޓެއް ނުވަތަ ބޯހިޔާވަހިކަމެއް ހޯދުމަށް އެ ފަރާތްތަކުން ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ ޑިޕޮސިޓްގެ ގޮތުގައި އެ ފައިސާކޮޅު ހަމަޖައްސައިނުން ވެސް މާ ބުއްދިވެރި ނޫން ހެއްޔެވެ؟ މީގެ އިތުރުން އިސްލާމްދީނުގައި ވަލީމާއަކީ އެމީހަކަށް ލިބިގެންވާ ތަނަވަސްކަމަކުން ކުރަންޖެހޭ ހަރަދެކެވެ. އަނެއްކޮޅުން ދައުލަތުގެ ދަރަނި މިހާރު ހުރީ 43 ބިލިއަން ރުފިޔާގައެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދަރަނީގެ މިންވަރު އިތުރުވާނެ ކަމަށް މާލީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރިޕޯޓްތަކުން ފެނިގެންދެއެވެ. އަލަތު ކައިވެނިކުރާ ޒުވާނުންގެ ބޮލުގައި ދުވަހެއް ދުވަހަކަށް އެޅެމުންދާ ބޮޑު ދަރަނި ދެއްކުމަށް އެ ފައިސާކޮޅު ބޭނުންކުރިޔަސް ގައިމު ބޮލަކަށް ރުފިޔާއެއް ނަމަ ވެސް ކުޑަވީހެވެ. 

ރާއްޖެއަކީ ވަރީގެ ރެކޯޑެއް އޮންނަ ގައުމަކަށްވާ އިރު ކައިވެނި ފަދަ މަތިވެރި ގުޅުމަކަށް ދެމީހުން ދާންޖެހޭނީ އެ ދެ މީހުންނަކީ އަމިއްލަ އާއިލާއެއް ގެންގުޅެވޭނެ ވަރުގެ ދެ މީހަކަށް ވެގެންނެވެ. ކޮންމެ ދިވެހި ރައްޔިތަކީ ވެސް ސަރުކާރުގެ ފޫބުޑުގައި ކަންކަމަށް ކިޔާ ހުރިހާ ކަމެއްގައި ވެސް ސަރުކާރަށް ބަރޯސާވެފައިވާ ބަޔަކަށް ވުރެ އަމިއްލަ ހަރަދުން ދިރިއުޅުމުގެ ކަންކަން ކުރެވޭނެ ބަޔަކަށް ވާންޖެހެއެވެ. ސަރުކާރެއް ޒިންމާއަކީ އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ސަރުކާރުގެ ތައްޕާހުގައި ދިނިއްޔާ ބޮއިގެން، ކައިގެން، އުނުއޮރިޔާން ނިވައިކޮށްގެން ތިބޭ ޒުވާނުންތަކެއް ބިނާކުރުމަށް ސަރުކާރުން ހިތްވަރު ދީގެން ނުވާނެއެވެ. ރައްޔިތުންނަށް ހަމައެކަނި ސިއްހީ ކަންކަމުގެ ހަރަދާއި ދަރިންނަށް މަތީ ތައުލީމު ހޯދުމަށް ލޯނު އެހީ އާއި ކާޑުގެ ބާވަތްތަކުން ސަބްސިޑީ އާއި ޓްރެފިކް ކުށްތަކަށް ދެއަހަރުން އެއް އަހަރު މާފުދީގެން ތަރައްގީ ނިމުނީކީ ނޫނެވެ. އެހެންނަމަވެސް ކޮންމެ ދިވެއްސަކީ ވެސް އަމިއްލަ ދިރިއުޅުން ކުރިއެރުމަށް ކުރާ މަސައްކަތަކުން ފުދުންތެރި ދިރިއުޅުމެއް އުޅެވޭ ދިރިއުޅުން ފާގަތި ކުރުމަށް ޒިންމާ އުފުލާ، ޒިންމާ ނަގާ ބަޔަކަށްވާން ޖެހެއެވެ. އަނގަޔާ އަތާ ދިމާ ނުވިޔަސް އަނބީމީހާ އަށް ޚަރަދު ކޮށްލެވޭނެ ގޮތެއް ނެތަސް ނުވަތަ ކުލި ދައްކައިގެން އުޅެވޭނެ ގޮތެއް ނެތަސް ސަރުކާރުން ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ޕާޓީ ބާއްވައިދޭތީ އާއި ބްރިޖް މަތީގައި ފުރަތަމަ ކައިވެނިކުރި މީހުންގެ ތެރޭގައި ހިމެނި އެ ޝަރަފު ހޯދުމަށް މާދަމާ ކައިވެނިކޮށްފައި ޖެހިގެން އަންނަ ދުވަހު ވަރިކުރަން ހިތްވަރު ލިބޭ ގޮތަށް ސަރުކާރުން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކައިވެންޏަކީ ހަމައެކަނި ބްރިޖް މަތީގައި ޕާޓީއެއް ބާއްވައި ފޮޓޯއެއް ނަގާލަން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއަށް ވުރެ މާ މަތިވެރި ކަމެކެވެ. 

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު ކެންޑިޑޭޓުން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންނަށް ހަރަދުތަކެއް ކުރާ ވާހަކަ ދައްކައިގެން ރައްޔިތުން ކަންނެތް ކުރުމަށް ވުރެ ބޮޑަށް ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ބަލައި ގައުމު ކުރިއެރުވުމަށްޓަކައި ދިވެހިންގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތަކެއް ބެލުމަށެވެ. ކައިވެނި ޕާޓީއެއް ބާވައިލައިގެން، އެޕްލައިކުރާ ފޯމަކުން ފްލެޓެއް ކަށަވަރުވާނެ ކަމަށް ދައްކައިގެން ރައްޔިތުންގެ ވޯޓު ހޯދޭނެ ޒަމާން ފަހަނައަޅައި ގޮސްފިއެވެ. ރައްޔިތުން ބޭނުންވަނީ އިހްލާސްތެރި ގައުމަށް ވަފާތެރި ދޮގުނުހަދާ، އޮޅުވާނުލައި، އިންސާފުވެރިކަމާއި މިނިވަންކަމާ އެކު އަދުލު އިންސާފު ގާއިމުކޮށްދީ ގައުމުގައި ދިރިއުޅެވޭނެ މަގު ތަނަވަސް ވެގެންދިއުމެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވެރިކަމެއްގަ

9 މަސް ކުރިން

އަހަރުމެންގެ ވެރިކަމެއްގަ ތިބުރިޖު ބިމާހަމަކޮށްލާނަން!

0
0