24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މަގޭ ރިޕޯޓް

މީތި ކަޑަޔޯ! ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން އޯކޭ!

 • ކެމްޕޭނުގައި ސަރުކާރުގެ ވަސީލަތް ޕީޕީއެމުން ދަނީ ބޭނުން ކުރަމުން
 • ދީން ހަތިޔާރަކަށް ބޭނުންކޮށް ދީނުގެ ކަންކަން ދަނީ އޮޅުވާލަމުން
 • ޕީޕީއެމް ނުހުއްޓުވޭ، ފުލުހުން ހުއްޓުވަނީ އިދިކޮޅު ފަރާތްތައް
ޙުސައިން ޙަސަން | hucenhassan

| 4 އޯގަސްޓު 2018 | ހޮނިހިރު 19:59 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ ފޮޓޯ ހިމެނޭ ޕޯސްޓަރުތައް އިބޫ ތަތްކުރައްވަނީ --- ފޮޓޯ/ ރާއްޖެއެމްވީ -- ފޮޓޯ: ރާއްޖެ އެމްވީ

"...ދެން މި ބުނަނީ ސަރުކާރުގެ އެންމެން ނުކުމެ ކެމްޕެއިން ކުރަނިއްޔޭ. އަޅުގަނޑު ދައްނަވާނީ އާނއެކޭ. މުޅި ސަރުކާރު އެކީގައޭ އަޅުގަނޑުމެން ކެމްޕެއިން ކުރާނީ. އެ މީހުންނަށް [ގުޅިފައިވާ ޕާޓީތަކަށް] އެ އުޅެނީ މަލްޓި ޕާޓީ ޑިމޮކްރެސީ ނޭނގިގެން. ޕާޓީ ނިޒާމުގައި ވެރިކަމަށް ޕާޓީއެއް އައީމާ އެ ޕާޓީ ތަމްސީލް ކުރާ މެމްބަރުން މަގާމުތަކުގައި ތިއްބަވާނީ،" ރިޔާސީ ކެމްޕެއިންނަށް މާލޭގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާއެއްގައި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވެއެވެ. 

"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން [ކެމްޕެއިނަށް] ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ،"

މިއީ ދައުލަތުގެ ވަޒީރުންގެ ކުރިމަތީގައި އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅެކެވެ. ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ދައުލަތުގެ ވަސީލަތްތައް ޕީޕީއެމްގެ ރިޔާސީ ކެމްޕެއިންނަށް ބޭނުންކުރަމުންދާ ދިއުމަށް ހިތްވަރު ލިބޭ ގޮތަށް ވިދާޅުވި ވާހަކަފުޅެކެވެ. ފާޅުގައި، ފަހުރެއްގެ ގޮތުގައި ދެކިގެން އަޑު ހަރުކޮށް ވިދާޅުވި ވާހަކަފުޅެކެވެ.

މިވަރުން ފުދުނީއަކީ ނޫނެވެ. ދައުލަތުގެ ވަސީލަތްތައް ކެމްޕެއިންނަށް ބޭނުން ކުރަމުންދާ ކަމަށް އަމިއްލަ އިއުތިރާފުން އަބްދުއްރަހީމް ވިދާޅުވިއިރު، އޭގެ ސާބިތު ހެކި ފެންނަން މި ހުރީއެވެ. ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)ގެ ވަސީލަތްތައް ޕީޕީއެމްގެ ކެމްޕެއިންނަށް މި ވަނީ ހުސްކޮށްފައެވެ.

އެޗްޑީސީގެ ވެހިކަލެއް ޕީޕީއެމްގެ ދިދަފަތިތައް ހުޅުމާލޭގައި ދެމުމަށް ބޭނުންކުރަން ފެށުމުން އާންމުން ފޮޓޯ ނަގާތީ، އެޗްޑީސީ ޖަހާފައިވާ ނަމުގެ މަތީގައި ކަރުދާސް އަޅާފައި--- ފޮޓޯ/ ޓްވިޓާ

ފޮޓޯއިން ތިޔަ ފެނިގެންދަނީ ހުޅުމާލޭގެ މަގުތަކުގައި ޕީޕީއެމްގެ ދިދަފަތި ދެމުމަށް ސަރުކާރު ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނި އެޗްޑީސީގެ ވެހިކަލެއް ބޭނުންކުރާ މަންޒަރެވެ. އަދި އެކަން ކުރަމުންދާ މަންޒަރު ފޮޓޯ ނަގަން ފެށުމުން، ވެހިކަލުގައި އެޗްޑީސީ ޖަހާފައިވާ ނަމުގެ މަތީގައި ކަރުދާސް ތަތްކޮށް "އޮޅުވާލުމަށް" މަސައްކަތްކޮށްއިވާ މިންވަރު ފޮޓޯ އިން ސާފުވާނެއެވެ.

ދިވެހި ރައްޔިތުންގެ ހަޒާނާ އިން, ދިވެހި މާލިއްޔާ އިން ވަކި މީހަކު ހޮވަން ކުރާ މަސައްކަތާއި މުވައްޒަފުންނަށް ދައްކާ ބިރުގެ ވާހަކަ ބާއްވާށެވެ. ދާހިލީ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އަހުމަދު އަޒްލީން ދެއްކެވި ވާހަކަފުޅު އަޑު އައްސަވާށެވެ.

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނޫން އެހެން ފަރާތަކަށް ވޯޓުލުމަކީ ކަނޑައެޅިގެން އަޅުގަނޑުމެންގެ ނާއިބު ރައީސް [އަބްދުއްރަހީމް]ގެ ބަސްފުޅުން ވިދާޅުވާ ފަދައިން، ދިވެހި އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫން. ދީނީ ގޮތުން ހުއްދަ ކަމެއް ނޫނޭ. އެމަނިކުފާނު ރިޕީޓު ކުރައްވަމުން ގެންދަވާތީ އެއަށް އެއްޗެއް އިތުރުކޮށްލުމުގެ ގޮތުން ދައްނަވާލާނަން. އެއީ ވަރަށް ބޮޑު ތެދުފުޅެއް،" މަޖީދީ މަގުގައި ކުރިން ސޯސަން ސްޓޯރު ހިންގި އިމާރާތުގައި ހަދާފައިވާ ޖަގަހަ ހުޅުވުމަށް ޖުލައި 23 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އަޒްލީން ވިދާޅުވެފައި ވެއެވެ.

މިއީ ކޮންފަދަ ވާހަކައެއްތޯ؟ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނާ ހިލާފަށް އަޒްލީން ދެއްކެވި އެ ވާހަކަފުޅު ތަހުގީގު ކުރަނީ ކޮން މުއައްސަސާއަކުންތޯއެވެ. އިންތިހާބެއްގައި ރައީސް ޔާމީން ނޫން މީހަކަށް ވޯޓު ދިނުމަކީ ދީނީ ގޮތުން ހުއްދަ ވެގެންވާނެ ކަމެއް ނޫން ކަމަށް އަޒްލީން ވިދާޅުވުމަކީ ފިތުނައަކަށް މުޖުތަމައު ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ. ހަމަހަމަ ކަމާއި އިންސާފާއި އަމާން ކަމަށް ބާރު އަޅާ އިސްލާމް ދީން، ސިޔާސީ ހަތިޔާރަކަށް ނަގައިގެން، ދައްކާ ވާހަކަތަކަށް ދިވެހިން ދީލާ ނުލާނެއެވެ. އެއަށް ވުރެ، ދިވެހިން ދީނުގެ އަސާސްތަކަށް ފަރިތަވާނެއެވެ.

އަނެއްކާވެސް އެހެން ވާހަކައެކެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު، މާލޭގެ މަގުތަކުގައި ހުރަހަށް ދިދަ ފޮތި ދެމުމާއި ބެނާ ދެމުމަކީ މަނާ ކެމެކެވެ. ނަމަވެސް އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، ކުއްލިއަކަށް ޕީޕީއެމުން މާލޭގައި ދިދަ ފޮތި "އަރިހުރަހަށް" ދަމަން ވަނީ ފަށާފައެވެ. އެކަން ހުއްދަވީ ގޮތެއް ހައުސިން މިނިސްޓްރީއަކުން ނުބުނެއެވެ.

ނަމަވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީސީީޓީވީ ކެމެރާ ދަނޑިތަކުގައްޔާއި ކެމެރާގެ މަންޒަރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ބެނަރ އާއި ދިދަ ފަތި ދަމާފައިވާ ކަަމަށެވެ. އެކަމަކުގެ ސަބަބުން މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހުރަސް އެޅިފައިވާ ކަމަށް ފުލުހުން ބުނިތާ، ހަފްތާއެއް ވެގެންދާއިރު ވެސް ފުލުހުންގެ ސީސީީޓީވީ ކެމެރާތަކުގެ ކުރިމަތީގައި ވަނީ ފަތިފައްޗަށް ދިދަފަތިތައް ދަމާފައެވެ. ހާދިސާއެއް ދިމާވެދާނެ ހާލަތެއްގައި، ފުލުހުން ހޯދާ ހެއްކަށް ހުރަސް އެޅޭ ގޮތަށް ޕީޕީއެމުން ދަމާފައިވާ އެ ދިދަފަތިތައް ނަގާކަށް ފުލުހުންނަކަށް ނުކުރެއެވެ. 

ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ސިޔާސީ ލީޑަރުންގެ ފޮޓޯ ހިމަނައިގެން ޕޯސްޓަރު ހަރުކުރަން ފެށުމުން، ފުލުހުން ބުނެފައި ވަނީ ޝަހްސު އޮޅޭ ގޮތަށް އަމަލު ނުކުރުމަށެވެ. ގައިދީން ޕްރޮމޯޓް ކުރަމުންދާ ކަމާށެވެ. މީޑިއާތަކުން އެފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތަށް ތާއިދު ހޯދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަމަކީ ކޮން ގާނޫނަކަ ހިލާފުވާ ކަމެއް ކަމަށް ފާހަގަ ނުކޮށް، ފުލުހުން އިންޒާރު ދީފައި ވަނީ އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން ސިޔާސީ ހަރަކާތެއް ހިންގަން ފެށުމާ އެކު، އެކަން ހުއްޓުވަން ފުލުހުން ފޫގަޅާލާތަން ފަސޭހައިން ފެންނާނެއެވެ. ދައުލަތަކުން ދޭންޖެހޭ ރައްކާތެރިކަމާއި ފަހިކޮށްދޭންޖެހޭ ސިޔާސީ މާހައުލު ތަނަވަސްނުކޮށް، ގުންފައި ޖަހައި، ފުލުހުންގެ ހުރަސް އެޅުންތައް އަބަދު ވެސް ކުރިމަތި ކުރަނީ ގުޅިފައިވާ ޕާޓީތަކަށެވެ.

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވާ ތަނެއް ނުފެނެއެވެ. މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ސިޔާސީ ގޮތުން ގުލާނު ކުރުން ހުއްޓުވާކަށް ފުލުހުންނަކަށް ނުކުރެއެވެ. ދީން ބޭނުންކޮށްގެން ފަސާދައަށް ދައްކާ ވާހަކަތައް ހުއްޓުވާކަށް އަމުދަކުން ނުކުރެއެވެ. ސަލާމަތަށް ހުރަސް އެޅޭ ގޮތަށް ދަމާފައިވާ ފިޔާތޮށި ދިދައިގައި އަތްލާކަށް ވެސް ނުކުރެއެވެ.

ގުންފައި ޖަހައި، ބާރުވެރިކަން ދައްކައިގެން ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައިގެން ލޯތްބެއް ނުލިބޭނެއެވެ. އަދި ވަކި ބައެއްގެ ސިޔާސީ ހަރަކާތް ހުއްޓުވައިގެން، މަތަ އަޅުވައިގެން ކާމިޔާބީއެއް ނުލިބޭނެއެވެ. ލޯބި ލިބޭނީ ލޯބި ދީގެންނެވެ. ލައްޒަތަކީ ގަދަބާރުން ހޯދާ އެއްޗެއް ނޫނެވެ. އެއީ ލޯބިން ހޯދާ އެއްޗެކެވެ.

މީތި ކަޑައޭ، އޭތި އޯކޭއޭ ބުނެ، ނާއިންސާފުގެ ތިލަފަތް ވަކި ކޮޅަކަށް ބަރުވާތަން ބަލަން އެންމެން އަބަދަކު ނުތިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް