25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ސަރުކާރުގެ ބޯހިޔާވަހިކަން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ގަރުނުގެ އެންމެ ބޮޑު ޖޯކު!

  • ފަސް އަހަރުގެ ތެރޭގައި 82000 ފްލެޓް އެޅުމަށް ނިންމާފައި
  • އަމާޒުކުރަނީ ތިން ލައްކަ މީހުންގެ އާބާދީއަކަށް
  • އަތޮޅު ތެރޭގެ ރަށްތައް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 2 އޯގަސްޓު 2018 | ބުރާސްފަތި 16:16 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ހިޔާ މަޝްރޫއުގެ ތެރެއިން ފޯމު ހޯދުމަށް ގިނަ ބަޔަކު ޖަމާވެފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އެހެންކަމުން ތަނެއްގައި ފްލެޓެއްގެ ވާހަކަ ދައްކައިފި ނަމަ އެއީ ކިތަންމެ އަގު ބޮޑު ތަނެއްކަމުގައި ވިޔަސް ބޭއިހްތިޔާރުގައި ނަމަވެސް ސަމާލުކަން ދެވެއެވެ. ބޯހިޔާވަހިކަމަކީ ދިވެހިންގެ ވިންދާ ގުޅޭ ކަމެކެވެ. އެހެން ނަމަވެސް މިފާއިތުވެދިޔަ 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި ވެސް މި މައްސަލައަށް އެކަށީގެންވާ ހައްލެ ލިބޭ ތަން ނުފެނެއެވެ. އެއް ދުވަހުން އަނެއް ދުވަހަށް އަތޮޅު ތެރެއިން މާލެ ސަރަހައްދަށް މީހުން ޖަމާވެ، ތޮއްޖެހެމުންދާ އިރު ހުޅުމާލޭގައި ވެސް މީހުން ދިރިއުޅޭ މިންވަރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުނެ ވައުދުތަކެއް ވެފައެވެ. އެހެން ނަމަވެސް އެކަންކަން ވަމުންދާ މަންޒަރެއް ނުފެނެއެވެ. ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރު ވެސް، ކޮންމެ ދިވެއްސަކަށް އުޅޭނެ ތަނެއް ހަމަޖައްސައިދޭނެ ކަމަށާއި ގެދޮރުގެ ނިކަމެތިކަން ފިލުވައިދޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ބޯހިޔާވަހިކަން ހާސިލްކޮށްދިނުމަށް މޮޅެތި ނަންނަމުގައި އެކި މަޝްރޫއުތައް ތައާރަފްކުރުން ފިޔަވައި މާބޮޑު ކުރިއެރުމެއް ސަރުކާރަށް މިކަމުގައި ހޯދިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު 1000 ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ މިދައުރުގެ ތެރޭގައި 15،000 ފްލެޓް އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި 7000 ފްލެޓްގެ އެޅުމުގެ އަމަލީ މަސައްކަތް މަސައްކަތް 2017 ވަނަ އަހަރު ނިމުމުގެ ކުރިން މި ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެ ވައުދުގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް އެބަދެއެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި އެއިން ތަނެއް ނުނިމެނޭއެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުގެ މަރޗު މަހުގެ ތެރޭގައި ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ދޫކުރާ ލޯނު، 14 ފަރާތަކާއި ހަވާލު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވެސް ރައީސް ޔާމީން ވަނީ ޒުވާނުންނަށް ދިރިއުޅެވޭނޭ ފްލެޓް ލިބޭނެ ގޮތް މި ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ދައުރު ހަމަވާން ހަތަރު މަހެއްހާ ދުވަހަށް ވެފައިވާއިރު މިހާތަނަށް ހަމައެކަނި ރައްޔިތުންނަށް ވަދެވުނީ ހުޅުމާލޭގައި ތަރައްގީކުރި 704 އާ ފްލެޓަށެވެ. އެފްލެޓްތަކަކީ ވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށިގެން ޗައިނާގެ އެގްޒިމް ބޭންކުން ލޯން ހަމަޖެއްސިގެން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ. އަދި އެ ތަންތަން ލިބިފައި ވަނީ ވެސް އެންމެ ހައްގު ފަރާތްތަކަށް ނޫން ކަމާއި ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓްތައް ބެހިކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައިވެއެވެެ. އޭގެ އިތުރުން ރައީސް ނަޝީދު ސަރުކާރުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ގާކޮށި ހުރި ބިމާއި އަރަބިއްޔާ ސްކޫލު ހުރި ބިމުގައި ތަރައްގީކުރި ފްލެޓްތައް ވެސް ވިޔަފާރި އުސޫލުން ވިއްކާފައި ވެއެވެ. ކުރީގެ ސަރުކާރުގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައި ތިބި ފަރާތްތަކަށް ފްލެޓްތައް ކަނޑައެޅި ނަމަވެސް ފަހުން އަގަށް ގެނައި ބަދަލާއި ދައްކަންޖެހުނު ދެ މިލިއަނެއްހާ ރުފިޔާގެ ސަބަބުން އޭގެ ތެރެއިން ބަޔަކު އެކަމަށް ކުޅަދާނަ ވެގެން ނުވާތީ އެ ފްލެޓްތައް ވަނީ މާކެޓުގައި ވިއްކާލާފައެވެ. 

ބޯހިޔާވަހިކަމުގެ ވައުދު އޮތްތަނުގައި އޮއްވައި މަތިމައްޗަށް ވައުދުތައް ވަމުން ގޮސް އަނެއްކާވެސް މި ސަރުކާރުން މިވަނީ "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫޢެއް އިއުލާނުކޮށްފައެވެ. މި ފަހަރު ފަސް އަހަރުގެ ތެރޭގައި  82000 ފްލެޓް އެޅުމުގެ ވައުދެކެވެ. ސުވާލަކީ މި ދައުރުގެ ފަސް އަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ފްލެޓެއް ވެސް މި ސަރުކާރަށް ތަރައްގީކުރެވިފައި ވޭހެއްޔެވެ؟

ސަރުކާރުން އަލަށް ތައާރަފްކުރި މަޝްރޫޢުގެ ދަށުން ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ފްލެޓެއް ދޭން މި ސަރުކާރުން ވައުދުވާއިރު މި ތަންތަން ރައްޔިތުންނަށް ހަގީގަތުގައި ވެސް ލިބިގެންދާނީ ކިހާ ދުވަހަކުންތޯ ސުވާލު އުފެދެއެވެ. ހަތަރު އަހަރާއި ހަ މަސް ވެގެން ދިޔަ އިރު އެންމެ ފްލެޓެއް ތަރައްގީ ނުކުރެވުނު ބަޔަކަށް ފަސް އަހަރުގެ ތެރޭގައި 82،000 ތަރައްގީކުރެވިދާނެތޯ ވެސް އެއީ ސުވާލެކެވެ؟ ނުވަތަ މިއީ އިންތިހާބު ބޯމަތިވެފައި އޮތުމުން ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކާއި ޖަހާ މަޅިއެއް ނޫން ބާއެވެ. ފްލެޓަކީ ވޯޓު ބަޓަން ކަމަށް ސަރުކާރަށް ހީވެފައި އޮތުމުގެ މައިގަނޑު ސަބަބަކީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމަކަށް ވުމެވެ. 

 "ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި ސަރުކާރުން ފާށާފައިވާ މި މަޝްރޫއުގެ ދެކޮޅު ނުޖެހޭ އަނެއް ވާހަކައަކީ، ތިން ލައްކަ މީހުންގެ އާބާދީއަކަށް މާލެ ސަރަހައްދު ތަރައްގީކުރާ ވާހަކައެވެ. މުޅި ރާއްޖޭގެ އާބާދީ ހަތަރު ލައްކަ ހަމަ ނުވާ އިރު މާލެ ސަރަހައްދަށް ތިން ލައްކަ މީހުން ޖަމާކޮށްފައި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ، ގދ. މާވަރުލު އަދި ފަރެސްމާތޮޑާ އާއި ހއ. ހޯރަފުށި ފަދަ ރަށްރަށުގައި ވައިގެ ބަނދަރު ތަރައްގީ ކުރާ ވާހަކަ ދެއްކުމުން ދެކޮޅު ޖައްސަން އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ބައެއް ރަށްރަށުގައި އެއްޕޯޓްތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މާލެއަށް ތިންލައްކަ މީހުންގެ އާބާދީއެއް ޖަމާކޮށްފިކަމުގައިވާ ނަމަ ގާތްގަނޑަކަށް އަތޮޅު ތެރޭގައި ދިރިއުޅޭނީ ލައްކައެއް މީހުންގެ އާބާދީއެކެވެ.

އަނެއްކޮޅުން އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީއަކީ 402071 މީހުންނެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތުންގެ އާބާދީއަކީ 344023 އެވެ. އަދި 2006 އަހަރާއި 2014 ވަނަ އަހަރާ ދެމެދުގެ މުއްދަތުގައި ރާއްޖޭގެ އާބާދީއަށް އިތުރުވެފައި ވަނީ 45076 މީހުންނެވެ. އެހެންކަމުން ފާއިތުވެދިޔަ 8 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ  އިތުރުވެފައި ވަނީ އެންމެ 15 އިންސައްތައަށެވެ. މިފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި މީހުން އުފަންވާ މިންވަރު ވަނީ 6.4 އިން 2.2 އަށް ދަށަށް ވެއްޓިފައެވެ. އެހެންކަމުން އާބާދީ އިތުރުވާ މިންވަރު ކުރިއަށް އޮތްތަނުގައި ވެސް ދާނީ ދަށަށް ކަމަށް މި ހިސާބުތަކުން ދައްކައެވެ.

އެހެން ކަމުން ހަމަގައިމުވެސް ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ތިން ލައްކަ މީހުން އިތުރު ވެގެންދާނެ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އެކަމަކު ސަރުކާރުން މި ޓާގެޓް ކުރަނީ އެވަރުގެ ބޮޑު އާބާދީއަކަށް ފަސް އަހަރުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރުމަށެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މި ސިޔާސަތަކީ ވަރަށް ބޮޑަށް ދެކޮޅު ޖެހޭ ސިޔާސަތެއް ކަމަށެވެ. ހަމައެކަނި މި ދެކޮޅު ނުޖެހޭނީ ނޭފަތު ކުރިން ވިސްނާކަމުގައިވާ ނަމައެވެ. އެހެންކަމުން ނޭފަތުކުރިން ނުވިސްނާ ސަރުކާރުން އެބުނާ "ވިޝަނަރީ" ވިސްނުން ހާމަކުރާއިރު ރައްޔިތުންނަށް މިކަންކަން ސާފުކޮށްދީ އޮޅުންފިލުވައި ދޭންޖެހެއެވެ. ހަތަރު ލައްކަ މީހުންގެ ތެރެއިން ތިން ލައްކަ މީހުން މާލެ ސަރަހައްދަށް ޖަމާކޮށްފައި އެހެން ރަށްތައް ފަޅުނުވާނެ ގޮތެއް ސަރުކާރުން ބުނެދެންޖެހެއެވެ. އަދި އެ ވަރުގެ އާބާދީއެއް މާލެ ސަރަހައްދަށް ޖަމާކޮށްފައި ރަށްރަށް ތަރައްގީކުރުމަށް ބޮޑެތި މަޝްރޫއުތައް ހިންގާ ވާހަކަ ދައްކާ އިރު ނޭފަތުކުރިން ނޫނަސް ކޮންމެތާކުން ވިސްނިޔަސް އެ ސިޔާސަތު ދެކޮޅު ޖެހޭނެ ގޮތެއް ސަރުކާރުން ތަންކޮޅެއް ތިލަކޮށް ރައްޔިތުންނަށް ކިޔައިދޭންޖެހެއެވެ. 

އެގްޒިމް ބޭންކްތަކާއި އެނޫން ގޮތްގޮތަކަށް ފައިސާ ހޯދައިގެން މިހާރު ވެސް ލައްކަ ކަންތައް ސަރުކާރުން ދަނީ ކުރަމުންނެވެ. އެއަރޕޯޓާއި ބްރިޖާއި އައިޖީއެމްއެޗްގެ އިމާރާތް އެޅުމަށް ބޮޑެތި އަދަދުތަކުން ލޯނު ނެގުމުން އެންމެފަހުން ކްރެޑިޓް ރޭޓިންގ ކުންފުންޏެއް ކަމުގައިވާ މޫޑީސް އިން ވެސް ރައްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާކަން ހާމަކޮށް މިކަމަށް ހައްލުތަކެއް ނުވަތަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެވަނީ ބުނެފައެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އިންވެސްޓް ކުރުމަށް ރިސްކު ބޮޑު ބީޓޫގައި ދެމެހެއްޓި އިރު ރާއްޖެއަށް ވަނީ ސްޓޭބަލްގެ ބަދަލުގައި ނެގެޓިވް އައުޓްލުކްއެއް މޫޑީސް އިންދީފައެވެ. އެހެންކަމުން މިލިއަނުން އިތުރު ލޯނުތަކެއް ނަގައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ބަދަލުގައި ރައްޔިތުން ބޭނުން ވަނީ ސަރުކާރުގެ އާމްދަނީ އިތުރުވާނެ ގޮތްތަކެއް ހޯދާ އެކަންކަން އިތުރުކޮށްގެން ރައްޔިތުންނަށް ފާގަތިކަން ގެނައުމެވެ.

ހަގީގަތަކީ ގެދޮރުގެ ދަތިކަމަށް ހައްލުތަކެއް އިންތިހާއަށް ބޭނުންވާ ކަމެވެ. އެހެން ނަމަވެސް އެކަން ކުރަން ރައްޔިތުން ބޭނުން ވަނީ ދެމެހެއްޓެނިވި ނުވަތަ "ސަސްޓެއިނަބަލް" ގޮތެކެވެ. ނުވަތަ ރިއަލިސްޓިކް، ރައްޔިތުންނަށް ވިސްނޭ ގޮތަކަށެވެ. ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް އަވާމެންދުރެއް ފަދަ މަންޒަރުތަކެއް ރައްޔިތުންނަށް ދެއްކުމުން މިކަން ހައްލުވީކީ ނޫނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް