19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރިޕޯޓް

ޕީޕީއެމުން ރައީސް ޔާމީނަށް ކުރާ ބޮޑު ސުވާލު: މަރުގެ ހުކުމް ތަންފީޒް ނުކުރީ ކީއްވެ؟

  • ސަރުކާރުން އަބަދުވެސް ބުނަމުންދަނީ މަރުގެ ހުކުމް ތަންފީޒް ކުރާނެ ކަމަށް
  • ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭ ފަރާތްތައް އެބަތިބި
  • ސަރުކާރުން ބުނާ ގޮތުން ނަމަ އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ ނިމިފައި
އަހުމަދު މުހުސިނު | dhonbandaara

| 2 އޯގަސްޓު 2018 | ބުރާސްފަތި 12:12 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން: މަރަށް މަރު ހިފާނެ ކަމަށް ސަރުކާރުން އަބަދު ވެސް ދަނީ ބުނަމުން -- ރައީސް އޮފީސް

މިސަރުކާރަށް ވިއްޔާ ވީ ދުވަހެއްވީ އެވާހަކަ ދައްކަނިކޮށެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން ފެށިގެން ވެރިކަން ފެށުނީންސުރެ ދައްކަނީ އެވާހަކައެވެ. މީހަކު ނޭހިޔަސް އަމިއްލަފުޅަށް ވެސް ވިދާޅުވަނީ އެވާހަކައެވެ. ރައްޔިތުންނާ މުޚާތަބު ކުރައްވައި ޕޯޑިއަމްތަކުގައި ވެސް އެވާހަކައެވެ. ވަރަށް ސާބިތުކަމާ އެކު ކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ދައްކަވާ އެވާހަކައަކީ މަރަށް މަރު ހިފުމުގެ ވާހަކައެވެ.

ސަރުކާރުގެ ބަހުން މަރަށް މަރު ހިފިތާ މިހާރު ކިތައްމެ ދުވަހެކެވެ. ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯމް މިނިސްޓްރީން އަމުރުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

މީޑިއާގެ ކުރިމަތީގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ "ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ނިޔާ ކަނޑައަޅައި ހުކުމެއް ކޮށްފި ނަމަ އެހުކުމް ތަންފީޒު ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން" ކަމަށެވެ.

އެގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ވެސް އަމުރުގައިވެއެވެ.

އަމުރުގައި ސޮއިކުރެއްވުމަށް ފަހު ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީއެއް ސަރުކާރުން ކުރިން ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު އެކުލަވާލާފައިވާ ގަވާއިދު އެކުލަވާލާފައި ވަނީ އެ ދެލިކޮޕީއާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލީތަލް އިންޖެކްޝަން ޖަހައިގެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލަފާ އެރުވި ކަމަށް ރައީސް އޮފީހުން ބުނީ 9 ފެބްރުއަރީ 2014 ގައެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރާ ގަވާއިދެއް ސަރުކާރުން އެކުލަވާލައި ވީހާ ވެސް އަވަހަކަށް އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސަށް ލަފާއަރުވާފައެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް މި ސަރުކާރަށް ކެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ 21 ނޮވެމްބަރ 2014 ގައެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީހަކު މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް މަތީ މަރުހަލާގެ ހުރިހާ ކޯޓަކުން ތާއީދުކޮށްފައި ވަނިކޮށް، ވާރިސުން މައާފް ނުދޭ ކަމުގައިވާ ނަމަ، އެފަދަ މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރަން ސަރުކާރަށް ކެރޭނެ ކަމަށެވެ.

"އިސްލާމީ އުސޫލުތަކުން އެކަންކަން ފައިސަލާކޮށް އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ނިމި، އަދި އިސްލާމީ ކްރިނިކަލް ކައުންސިލިންގްދީ ނިމި އަދި ވާރިސުންގެ ފަރާތުން މައާފުނުދޭ ކަމަށް ވަންޏާ މި ސަރުކާރަށް ކެރޭނެ މަރުގެ ހުކުމް ތަންފީޒު ކުރަން،" އެ ދުވަހު ރައީސް ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން ނުވަތަ ރައީސް ޔާމީން އެންމެ އުފާވެވަޑައިގަންނަވާނީ ޑރ. އަފްރާޝީމްގެ މަރުގެ ގާތިލު ހޯދައި އެ މީހަކަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމުން ކަމަށް އެމަނިކުފާނު ވިދާޅުވީ 27 އޭޕްރީލް 2015 ގައެވެ.

" ﷲ ގެ ހެޔޮ ރަހްމަތާ އެކު އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އަޅުގަނޑަށް މިހާރު މައުލޫމާތު ލިބޭ ގޮތުން ނަމަ ކޯޓުތަކުން ކުރަމުން އަންނަ މަސައްކަތް ނިމި ހައިކޯޓުން މައްސަލަ ނިމި ސުޕްރީމް ކޯޓުން މައްސަލަ ނިމި ގާތިލުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރެވޭ ހިސާބަށް މިއަހަރު ނިމެންވާއިރަށް ދާނެ،" ރައީސް ވިދާޅުވެފައި ވެއެވެ.

ދައުލަތުން 2016 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަރުގެ ހުކުމް ތަންފީޒުކުރާ ތަނެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާ ހިމެނީ 14 ނޮވެމްބަރ 2015 ގައެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކަށަވަރުކޮށް ނިންމާ ހިސާބުން މަރުގެ ހުކުމް ތަންފީޒު ކުރެވޭ ވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި ހުކުމް ތަންފީޒުކުރަން ހަމަޖެހިފައި ވަނީ މާފުށީ ޖަލުގައި ކަމަށް  އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ 28 ނޮވެމްބަރ 2015 ގައެވެ.

"މިހާރުވެ ސް ސުޕްރީމް ކޯޓުން ނިންމައިގެން މަރުގެ އަދަބު ތަންފީޒުކުރަން އައިސްފިއްޔާ މަރުގެ އަދަބު ތަންފީޒުކުރަން ތައްޔާރަށް އަޅުގަނޑުމެން މިތިބީ،" ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި އުމަރު ވިދާޅުވެފައި ވެއެވެ.

މީހަކު މަރައިގެން މަރަން ކުރާ ހުކުމްތައް ތަންފީޒުކުރަން ގައުމުގެ ރައީސްގެ މަގާމުގައި ހުންނަ މީހާގެ މައްޗަށް ލާޒިމް ވާނެ ކަމަށް ހައިކޯޓުން ކަނޑައެޅީ 30 ނޮވެމްބަރ 2015 ވަނަ ދުވަހުއެވެ.

ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށުގައި ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ކުރި ހުކުމަކީ ނިހާއީ ހުކުމަކަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 29 ޑިސެމްބަރ 2015 ގައެވެ. ނަބީލަށް ކުރީގެ ޖިނާއީ ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވެސްޓުޕާކް ރެސްޓޯރެންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލިކަން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަރަން ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކުރީ 10 މެއި 2016 ގައެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ 26 ޖޫން 2016 ގައި ބުނެފައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ގޮންޖެހުންތައް ހުރި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ތަކުރާރު ކުރެއްވީ 5 ޖުލައި 2016 ގައެވެ. ގައުމާ މުހާތަބު ކުރައްވައި ރައީސް ޔާމީން އެ ދުވަހު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ، ބައިނަލްއަގުވާމީ މުޖުތަމައު އިން އަންނަ ބޮޑު ގޮންޖެހުމަކަށް ވީނަމަވެސް މި ސަރުކާރުން އެކަން ކުރަނީ މުޅި ރައްޔިތުންގެ ޙައްގުގައި ކުރާނެ ކަމެއްގެ ގޮތުގައި ކަމަށެވެ.

ކުރިއަށް އޮތް ތިން މަސްތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށާއި މިހާރު އެކަމަށް ތައްޔާރުވަމުން ދާ ކަމަށް ރައީސް ޔާމިން 23 އޭޕްރީލް 2017 ވަނަ ދުވަހު ވިދާޅުވިއެވެ.

ހަމަ އެހެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރަށް މަރު ހިފަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ 1 އޮގަސްޓް 2017 ވަނަ ދުވަހުއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދެއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވީ 6 އޮގަސްޓް 2017 ވަނަ ދުވަހުއެވެ. ރައީސް މިހެން ވިދާޅުވީ ޕީޕީއެމްއާ އަލަށް ގުޅުނު 1761 މީހެއްގެ ފޯމް ހަވާލުކުރެއްވުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުން ލަސް ވަނީ އެކަމަށްޓަކައި ގާއިމު ކުރަންޖެހޭ ތަނުގެ ބައެއް ޓެކްނިކަލް މަސައްކަތްތައް ނުނިމޭތީ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ 30 ސެޕްޓެމްބަރ 2017 ގައެވެ. އޭގެ ފަހުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމި ފުރިހަމަ ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވަނީ 2 ޖެނުއަރީ 2018 ގައި ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮންމެއަކަސް ދައުރު ނިމެމުންދާއިރު ވެސް މަރަށް މަރު ހިފުން އޮތީ ސަރުކާރުން ދައްކާލާ ވާހައެއްގެ ގޮތުގައެވެ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރަށް މަރު ހިފުން ނޫން ގޮތެއް ނެތް މައްސަލަތައް ހުރިއިރު އެމަރުހަލާތައް ނިމޭތާ 30 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެއް ތަންފީޒް ނުކުރެވި އެތައް 30 ދުވަހެއް ވޭތުވެގެން ދިޔައީއެވެ. ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ބަސްބުނާ ހިނދުން ކުރުމުގެ އެންމެހާ ބާރުތައް ލިބިފައި އޮވެމެ ނުކުރީތީ ޚުދު ޕީޕީއެމް މީހުން މިކަމާ ރައީސް ޔާމީނާ ސުވާލު ކުރަން ބޭނުންވެއެވެ. މަޖިލީހާއި ކޯޓުތަކާއި ދެން ހުރި ނަމަ ހުރި މުއައްސަސާއެއްގެ ކޮންޓްރޯލް އޮތް އިރު ވެސް އެކަން ނުކުރައްވަނީ ކީއްވެތޯއެވެ؟ އެކަމުގެ ޖަވާބު ބޭނުންވެއެވެ. ރައީސް ޔާމީނަށް ތާއީދު ކޮށްގެން ތިބި ދީނީ އިލްމުވެރިން ވެސް ބުނަން ނުކެރުނަސް އެޖަވާބު ބޭނުންވާނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް