23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ނޫސްވެރިންގެ ޝަރީއަތް

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

  • ދިފާއީ ހެކިންނަށް ރިއާޔަތް ކޮށްފައެއް ނުވޭ
  • ދައުލަތުން ހިފާފައިއޮތީ އެންމެ ބޮޑު އަދަބު ދޭން
އަޒުމޫން އަހުމަދު | azmoon_ahmed

| 25 ޖެނުއަރީ 2017 | ބުދަ 00:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ވިސާމާއި ލީވާން، މުހުސިންއާއެކު: ދެ ނޫސްވެރިން ކުށްވެރިކުރީ އަސްލެއް ނެތް ދައުވާއަކުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޖިނާއީ އަދުލުގެ ނިޒާމް ބައްޓަން ކުރެވިފައިވާ ގޮތުން ދައުވާކުރުމުގެ ބާރަކީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ދީފައި އޮންނަ ބާރެކެވެ. ތަހުގީގީ އިދާރާއަކުން ތަހުގީގުކޮށްފައި ފޮނުވާ މައްސަލައަކީ ސާބިތުކުރެވޭ ވަރުގެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ފަހު ދައުވާކުރުމުގެ އިޚްތިޔާރު ލިބިފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އަށެވެ. ނަމަވެސް، މިއީ ހިތު ހުރި ގޮތަކަށް ދޫކޮށްފައިވާ އިޚްތިޔާރެއް ނޫނެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އަމިއްލަ މަސްލަހަތު އިސްކޮށް، ޒާތީ ތައައްސުބުގައި މީހެއްގެ ދުވަސް ދުއްވާލުމަށް މި ބާރު ބޭނުން ކުރުމަށް ގާނޫނު އަސާސީއާއި ގާނޫނުތައް ހުއްދައެއް ނުކުރެ އެވެ.

ނަމަވެސް، ރާއްޖެއިން ފެނިގެންދަނީ، ރުޅިއަންނަ މީހާ ކަތިލުމަށް ވަޅި ތޫނުކޮށްދޭ ވަސީލަތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ވެފައިވާ ތަނެވެ. އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ނުފެނެ އެވެ. ވައްކަމާއި، މާރާމާރީ އާއި މަސްތުވާތަކެއްޗާއި މީހުން މެރުން ފަދަ ބޮޑެތި މައްސަލަތަކުގައި، ވަރުގަދަ ހެކިތަކާއެކު ބައެއް މީހުންގެ މައްސަލަތައް ފޮނުވުމުން ވެސް ދައުވާ ނުކުރާ ތަނެވެ. އެހެނަސް، ކަތިލަން ބޭނުންވާ މީހާ ކައްޗަށް ފިޔަވަޅެއް އަޅާލި މައްސަލައެއް ހުށަހެޅުނަސް ދައުވާކޮށް އެންމެ ބޮޑު އަދަބެއް ދޭން ހިފާފައިވާ ތަނެވެ.

މި ބީދައިން ރާއްޖެޓީވީގެ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ އުފުލި އެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަަތަށް ހުރަސް އެޅި ކަމަށް ބުނެ އެވެ. 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދައުވާކޮށް ކޯޓަށް އެ މައްސަލަ ފޮނުވި އެވެ. ޝަރީއަތުގައި ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ހުށަހަޅަމުންދިޔަ އެވެ.

މި މައްސަލައިގައި ވިސާމާއި ލީވާންގެ މައްޗަށް އަންގާރަ ދުވަހު ހުކުމްކުރި އިރު، ފާހަގަކޮށްލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އިޖުރާއަތްތަކާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެވެެ.

ފަނޑިޔާރަކު ހުކުމެއް ކުރައްވަން ޖެހޭނީ ދެ ފަރާތަކުން ވެސް ހުށަހެޅިފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު އެވެ. ފައިސަލާކުރަނިވި ހުކުމަކާއި ހިސާބަށް ވާސިލްވެވެނީ ހުށަހެޅިފައިވާ ހެކި ވަޒަން ކޮށްގެންނެވެެ. މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރެއްގެ މޭޒުކޮޅަށް ހުށަހެޅޭ އިސްތައްޓެއްގެ މިންވަރަކީ ވެސް އެއަށް ފަނޑިޔާރު ރިއާޔަތްކުރައްވަންޖެހޭ އެއްޗެކެވެ.

ނަމަވެސް، ވިސާމާއި ލީވާނަކީ ކުށްވެރިން ކަމަށް ކޯޓުން ކަނޑައެޅި އިރު، ދައުވާ އިން ދިފާއުވުމަށް އެ ދެ ނޫސްވެރިންގެ ފަރާތުން ހުށަހެޅި ހެކިންގެ ވާހަކައެއް ވެސް ނެތެވެ. ފާހަގަކުރެވުުނު ނުކުތާތަކުގައި ގާޒީ ހަމައެކަނި ފާހަގަކުރެއްވީ ވިސާމާއި ލީވާން ވެސް ދިފާއީ ހެކިން ހުށަހެޅި ކަމަށެވެ. ނަމަވެސް، އިއްވި ހުކުމުގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުއްވި އިރު، ދިފާއީ ހެކީންގެ ހިލަމެއް ވެސް ނެތެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންނަކީ ވިސާމާއި ލީވާނަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާ ފަސް ފުލުހުންނެވެ. ވިސާމުގެ ލޯމަތި ދުއްވާލާ، ލީވާނުގެ ކަންފަތްމައްޗަށް އަތްދޮވެލުމުގެ ތުހުމަތު ކުރެވިފައިވާ ބަޔަކެެވެ. އެ މައްސަލަ އެ އޮތީ އިންޓެގްރިޓީ ކޮމިޝަނުގަ އެވެ. އެ މައްސަލަ ގާޒީގެ ސަމާލުކަމަށް ވެސް ގެނެވުނެވެ. ނަމަވެސް، އެކަމަށް ރިއާޔަތް ކުރުމެއް ނެތި އެމީހުންގެ ހެކި ބަސް ނަގައި ޝަރީއަތް ވެސް ނިންމާލީ އެވެ.

ލީވާނާއި ވިސާމަށް އަނިޔާކޮށްފައިވާ ފުލުހުން ދިން ބަޔާންތަކުގެ މައްޗަށް، ޕްރޮސެކިއުޓާ ޖެނެރަލް ކުރެއްވި އަސްލެތް ނެތް ދޮގު ދައުވާއެއްގައި، ހަމަ އެ ފުލުހުންގެ ހެކި ބަސް ނަގައިގެން ހުކުމެއް ކުރެއްވީ އެވެ. އިންސާފު ތަނެއްގައި ގާއިމްކުރެވޭނީ މިހާކަ ވަރަކަށެވެ. އަނިޔާ ދިން މީހުން އަނިޔާ ލިބުނު މީހުންގެ މައްޗަށް ގަދަވެގަތީ އެވެ. ޖަންގަލީގެ އުސޫލެވެ. 

މި ރާއްޖޭގެ މައްސަލައަކީ މިއީ އެވެ. އިންސާފު ހޯދޭނެ މަގެއް ނެތުމެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްއާއި ކޯޓުތައް ވެސް ހައްގު މަގުން ކަސިޔާރުކޮށް ހިނގަމުންދިޔުމެވެ. ނިކަމެތި ރައްޔިތު މީހާ އަށް ވުރެ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރާ ދައުލަތެއްގެ ބޭނުމަކީ ކޮބައިތޯ އެވެ؟ އަތުޖެހޭއިރަށް ރައްޔިތު މީހާގެ މެއަށް ފައިން އަރާ، ކަރަށް އަތްބާނައިގެން ގޮހޮރު ދަމައިގަންނަ ދައުލަތެއް ދެމިއޮތުމުގެ މާނައެއް ނެތެވެ.

އިންސާފު ގާއިމްކޮށްދިނުމުގެ ވާހަކަ އިންތިހާއަށް ދައްކާއިރު، އިންސާފު ގާއިމްކުރެވޭ ތަން އެބަ ފެެނޭތޯ އެވެ؟ އިންސާފު ލިބޭ ކަމަށް ގަބޫލުކުރެވޭތޯ އެވެ؟ ނޫނެކެވެ. އިންސާފު ގާއިމްކުރާކަމަށް ދައްކަނީ އެވެ. އިންސާފުގެ ކަންފުޅެއް ވެސް މިއަކު ނެތެވެ. އަސްލެއް ނެތް ދައުވާތައް އުފުލައިގެން، ނަހަލާލު ހުކުމްތައް ވިއްސައިގެން މުޅި ނިޒާމް ގަޑުބަޑު ކޮށްލާފަ އެވެ.

ކަންކަން އިސްލާހުކުރުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އިންސާފު ގާއިމްކޮށްދޭ ވާހަކަ ދެއްކުން މަދުކޮށް، އަމަލު ގިނަކުރަންވީ އެވެ. އިންސާފު ގާއިމްކުރެވޭ ތަން ފެނި، އިންސާފު ގާއިމްކުރެވޭ ކަމަށް ގަބޫލުވެސް ކުރެވެންވީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް