11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ސަރުކާރަކީ ތަރިކަ މުދަލެއް ނޫން!

 • އަބްދުއްރަހީމް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުކުރާނީ ސަރުކާރުގެ ވަސީލަތަކާއި މުވައްޒަފުން ބޭނުން ކޮށްގެން ކަމަށް
 • އަމިއްލަ ބޭނުމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުމަކީ ގާނޫނީ ކުށެއް
 • ސަރުކާރުގެ އޮފީސްތައް މެދުވެރިކޮށް ރީ-ރެޖިސްޓްރީކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އަލީ ޔޫސުފް | AliYooosuf

| 27 ޖުލައި 2018 | ހުކުރު 12:35 | |

މަގުބޫލް

 1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
 2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
 3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
 7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
 8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ޕީޕީއެމްގެ ހަރަކާތަކަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރަނީ: ޕީޕީއެމުން ގެންދަނީ ސަރުޚާރުގެ ވަސީލަތްތަކާއި ބިންތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން -- ޓްވިޓަރ

ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވަނީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގެ ނިޒާމެއްގައި ވެރިކަންކުރާ ޕާޓީ އިން ދެވަނަ ނުވަތަ އިތުރު ދައުރެއް ހޯދަން މަސައްކަތް ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުތަކުގައި ތިބި މީހުން ބޭނުންކޮށްގެން ކަމަށެވެ. އެހެން ކަމުން މި ފަހަރުގެ އިންތިޚާބުގައި ޕީޕީއެމް އިން ކެމްޕެއިންކުރާނީ ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް ވެސް ބޭނުންކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މަލްޓި ޕާޓީ ސިސްޓަމްގައި އެކަން އޮންނަނީ އެހެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފަހަރުގައި މަލްޓި ޕާޓީ ސިސްޓަމޭ އަބްދުއްރަހީމަށް އެ ވިދާޅުވެވުނީ ގޯހަކުން ކަމަށް ވެދާނެއެވެ. ޑިމޮކްރަސީގެ ހަމަތަކުން ހިނގާ މަލްޓި ޕާޓީ ސިސްޓަމްގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ. އެފަދަ ސިސްޓަމްތަކުގައި ވެރިކަން ފެށިގެން އަންނަނީ ވެސް ރައްޔިތުންގެ ކިބައިންނެވެ. ސަރުކާރުގެ ބާރުތަކާއި ވަސީލަތްތަކަކީ ވެރިކަމުގައި އެ ވަގުތަކު ހުންނަ ބޭފުޅަކު ހިތުހުރި ގޮތަކަށް ބޭނުންކުރަން އޮތް އެއްޗެއް ވެސް ނޫނެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ވެރިމީހާ ގުދަށް އޮންނާށޭ ވިދާޅުވުމުން ގުދަށް އޮންނަންޖެހޭ ބައެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން ކުރާ ކޮންމެ ކަމަކީ ޖަވާބުދާރީ ވާންޖެހޭ ކަންކަމެވެ. އަދި ރައީސަކަށް ހުންނަ ބޭފުޅަކަށް ވެސް އެ ވަސީލަތްތައް ބޭނުންކުރުމުގައި އުސޫލްތަކާއި ހަމަތަކެއް ކަނޑައެޅިފައިވެއެވެ. ރާއްޖޭގައި ވެސް އެކަން ރޭވިފައި އޮތީ އޮތީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއީދުތަކުގެ މައްޗަށެވެ.

ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ފައިދާ އަށް ކެމްޕެއިން ކުރުމަށް ރާއްޖޭގެ ގާނޫނުއަސާސީ ވެސް އަދި ގާނޫނުތައް ވެސް ތަނެއް ނުދެއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ވެސް އެ ކެންޑިޑޭޓުންނަށް ބޭނުންކުރެވޭނީ ހަމަހަމަ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ދައުލަތުގެ މީޑިއާ އާއި އަދި އަމިއްލަ މީޑިއާތަކަށް ވެސް ކެންޑިޑޭޓުންނަށް ވަގުތު ދޭންޖެހެނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހަމަހަމަ ގޮތެއްގެ މަތިންނެވެ. ދައުލަތުގެ އިމާރާތްތަކާއި ވަސީލަތްތައް ވެސް އެ ގޮތުގެ މަތިން ފަހިކޮށްދޭންޖެހޭ ކަން ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. ދާދި ފަހުން ބަންޑާރަ ނާއިބު ވެސް ވަނީ ކެންޑިޑޭޓުންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ހިމާޔަތާއި ރައްކާތެރިކަން ދިނުމާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގަވާފައެވެ.

މިކަމުން ވެސް ދޭހަކޮށްދެނީ ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުން އެވަގުތަކު ހުންނަ ރައީސެއްގެ ކެމްޕެއިނަށް ބޭނުންހާ ގޮތަކަށް ބޭނުން ނުކުރެވޭނެ ކަމެވެ. ނަމަވެސް މި ސަރުކާރުގެ އަމަލުތައް ހުރީ އެގޮތަކަށް ނޫނެވެ. ހަމަހަމަ ފުރުސަތު ދިނުމަށް ބަންޑާރަ ނާއިބު އެންގެވި ނަމަވެސް މިހާތަނަށް ވެސް ފެނިގެންދަނީ ރައީސްކަމުގައި ހުންނެވި އަބްދުﷲ ޔާމީނު ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕެއިންގައި ސަރުކާރުގެ ތެރޭގައި ހިމެނޭ ހުރިހާ ވަސީލަތްތަކަކާއި މުއައްސަސާތައް ވެސް ބޭނުންކުރައްވަމުން ގެންދަވާ ތަނެވެ. ރައްޔިތުންނަށް ޚިދުމަތް ދޭން އޮތް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދަނީ މަޖުބޫރުކުރަމުންނެވެ.

އަމިއްލަ ކެމްޕެއިންގައި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ގެންދަވަނީ ބޭނުންކުރައްވަމުންނެވެ. ސަރުކާރުގެ މަޝްރޫއުތައް އިފްތިތާހުކުރުމާއި ހުޅުވުމުގެ ނަމުގައި ސަރުކާރުގެ ލޯންޗާއި ސަލާމަތީ ޚިދުމަތް ދޭ ފަރާތްތަކާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކުރައްވައިގެން ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެވަރުން ނިމުނީކީ ނޫނެވެ. އެފަދަ ދަތުރުގައި އަމިއްލަ ޕާޓީގެ ބޭފުޅުންގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަމުން ގެންދަނީ ސަރުކާރުގެ ބަޖެޓުންނެވެ. ރައީސް ޔާމީންގެ ރަނިން މޭޓްގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ވެސް ދައުލަތުގެ ތަންތަނާއި ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ. ނުވިތާކަށް، އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބާއްވަވާ ބައްދަލުވުންތަކަށް މުލިއާގެ އާއި ދަރުބާރުގެ ބޭނުންކުރުމުގެ އިތުރުން މުލިއާގެ ވެފައިވަނީ ރައީސް ޔާމީންގެ ކެމްޕެއިން ޖަގަހަކަށެވެ. 

މިއީ މަލްޓިޕާޓީ ޑިމޮކްރަޒީގެ ނިޒާމުތަކުގައި ކަން އޮންނަ ގޮތް ކަމަށް އަބްދުއްރަހީމަށް ހީފުޅުވިޔަސް ހަގީގަތަކީ މިއީ ހުދުމުޚުތާރު ވެރިކަންތަކުގައި އޮންނަ އުސޫލެކެވެ. ވެރިމީހާ އެންގެވިހާ ގޮތަށް ކަންކަން ވާންޖެހޭ ކަމަށް ގަބޫލުކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާ ބީރައްޓެހި ކަމެކެވެ.

އަބްދުއްރަހީމް ވިދާޅުނުވިއެއް ކަމަކު ފެނިގެންދަނީ ސަރުކާރުގެ މުއައްސަސާތައް ވެސް ރައީސް ޔާމީނުގެ ކެމްޕެއިންގައި ބައިވެރިކުރަމުން ގެންދާ މަންޒަރެވެ. މުވައްޒަފުންނަށް ގެންދަނީ މަޖުބޫރުކުރަމުންނެވެ. ހާމަކަން ބޮޑު ގޮތެއްގަ އެވެ. ސަރުކާރުގެ އޮފީސްތަކުން ފެށިގެން ކުންފުނިތަކާއި ދައުލަތުގެ މީޑިއާ ވެސް އޮތީ އެހާލުގައެވެ. ނުވިތާކަށް މިނިވަން މުއައްސަސާތައް ވެސް އޮތީ ކެމްޕެއިން ޓީމުގެ ތެރޭގައެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ހުރިހާ ޒިންމާއެއް ގާނޫނީ ގޮތުން އެޅިފައިވާ އިލެކްޝަންސް ކޮމިޝަން ވެސް ފެންނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ރޭވުމުގައި އަވަދިނެތި އުޅޭ ތަނެވެ.

އަބްދުއްރަހީމް އެ ވިދާޅުވި ގޮތަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި މުއައްސަސާތަކާއި މުވައްޒަފުން ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ބޭނުންކުރާ ނަމަ މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެ ހުރިހާ ތަނަކުން ރައީސް ޔާމީނަށް ތަބާވާންޖެހޭ ކަމަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބެއްގެ ބޭނުން ވެސް ނެތެވެ. ރައީސް ޔާމީނު ދެވަނަ ދައުރަކަށް ހުވާކުރެއްވުމުން ނިމުނީއެވެ. ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ވެސް އެ ގޮތުގެ މަތިން އަމަލުކޮށް އެއަށް ތަބާވުމުން އެކަން އޮންނާނީ ނިމިފައެވެ. ނަމަވެސް އަބްދުއްރަހީމްގެ ހަނދުމަފުޅު ކައްސާލި އެއް ކަމެއް އެބަ އޮތެވެ. އެއީ ވޯޓަކީ އެއްވެސް މީހެއްގެ އަޅެއް ނޫން ކަމެކެވެ. ވޯޓު ކަރުދާސްކޮޅު އަތަށް ލިބުމުން ޖަހާ ފާހަގައަކީ ވޯޓުލާ މީހާގެ މިލްކެކެވެ. އެކަމަށް ބާރު ފޯރުމުގެ އިހްތިޔާރެއް ބާރެއް ވެސް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. ސަރުކާރާއި ވަސީލަތްތަކަކީ ތަރިކަ މުދާހެން އަބްދުއްރަހީމަށް ހީފުޅުވިޔަސް ރައްޔިތު މީހާގެ ވޯޓަށް އެ ބާރު ފޯރުވޭކަށް ނެތެވެ.

ރައްޔިތުން މި ހުރިހާ ކަމަކަށް ވިސްނަންޖެހެ އެވެ. މަޖުބޫރުކޮށްގެން ރަޖިސްޓްރީކުރިޔަސް ފާހަގަ ޖަހަން ލިބޭނީ އަމިއްލަ އަތަށެވެ. ވިސްނާށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް