24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

ބުދު ބެހެއްޓުން

ސިއްރު ފެންފުށީގެ މޫދު އަޑީގެ މިއުޒިއަމްއާ މެދު ބަހުސް އުފެދުނީ ކީއްވެ؟

  • ދިވެހިންގެ ދީނީ ކެތްތެރިކަން ވަރުގަދަ ކުރަންޖެހޭ
  • ބައެއް ދީނީ އިލްމުވެރިން ދެފުށް ދެގޮތްވުމަކީ ހުރި ނުރައްކަލެއް
ހުސެން ފިޔާޒް | hussainfiyaz

| 27 ޖުލައި 2018 | ހުކުރު 11:28 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ސިއްރު ފެންފުށީގެ މޫދު އަޑީގައި ހަދާފައިވާ އާޓް މިއުޒިއަމްގައި ބަހައްޓާފައިވާ ސްކަލްޕްޗަރތައް -- ހޮޓެލިއަރ މޯލްޑިވްސް

ށ. ގާކޮށިބީގައި ހަދާފައިވާ ފެއާމޮންޓް ސިއްރު ފެންފުއްޓަކީ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓެކެވެ. ދުއިސްތަ މީޓަރު ދިގު އިންފިނިޓީ ޕޫލުގެ ހާއްސަ ކަމުގެ އިތުރުން، ހިތްގައިމުކަމުން ފުރިގެންވާ މި ރިސޯޓްގެ ހާއްސަ ކަމުގެ ލިސްޓަށް އަނެއްކާ ވެސް ތަފާތުކަމެއް އިތުރުވެއްޖެއެވެ. އެއީ ރާއްޖޭގައި އަލަށް ހެދި މޫދު އަޑީގެ މިއުޒިއަމްއެވެ. "ކޮރަލޭރިއަމް"ގެ ނަން ދީފައިވާ މިތަނަކީ އިންސާނުންގެ ސޫރަ ގޮތަށް ހަދައިވާ ސްކަލްޕަޗަރތަކެއް ބަހައްޓާފައިވާ ތަނެކެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކައިދޭ މި ތަނަކީ ކަނޑުއަޑީގެ އާޓް މިއުޒިއަމެކެވެ. އިނގިރޭސިވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ހިޔާލަށް ހަދާފައިވާ މިތަނުގައި 14 ސްކަލްޕްޗަރ އެބަހުއްޓެވެ.

ވަށައިގެންވާ ކަނޑާއި، މުރަކައިގެ ބަގީޗާތަކުން އުފެދިފައިވާ މި ރާއްޖޭގައި ހެދި މި މިއުޒިއަމްގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، އާންމު ދިވެހިން އާދަވެފައިވާ އުސޫލުން ފާޑުކިޔުމާއި ތައުރީފު އޮހެން ފެށިއެވެ.

އެއްބަޔަކަށް މިތަނަކީ ވަރަށް ފުރިހަމަ އާރޓް މިއުޒިއަމެކެވެ. އަނެއް ބަޔަކަށް މިތަން ސިފަކުރެވުނީ، ނުވަތަ ސިފަކުރަން ބޭނުންވީ ބުދު ފައްޅިއެއްގެ ގޮތުގައެވެ. މައްސަލައަކަށް މިވީ ހަގީގަތުގައި ސިއްރު ފެންފުއްޓެއް އަދި އެ ރަށުގެ މޫދު އަޑީގައި ހަދާފައިވާ މިއުޒިއަމެއް ނޫނެވެ. "ބުދޭ" ބުނުމުން ވިސްނޭ ގޮތެވެ. ދިވެހި ބަހުގެ ރަދީފުގައި "ބުދު" މި ބަހުގެ މާނައަކީ ދިރޭ އެއްޗެއްގެ ސިފައިގައި ހަދާފައި ހުންނަ ސޫރައެވެ. އެހެންވެ، މިފަދަ ކޮންމެ އެއްޗަކާ ވެސް ދިވެހިންގެ ގިނަ ބަޔަކު ދެކޮޅެވެ.

 

އައްޑޫގައި ބެހެއްޓި ޕާކިސްތާނުގެ މޮނިއުމެންޓް ހަލާކުކޮށްލައި، ހުޅުޖަހާފައި

ހަނދާނުގެ ތެރެއިން 2011 ވަނަ އަހަރުގެ ސޮފުހާއަށް އެއްލާށެވެ. ސާކް ސަމިޓަށް އައްޑޫ ސިޓީ ތައްޔާރުކުމަށް، އަދި ޒީނަތްތެރިކުރުމަށްޓަކައި ސާކްގެ އަށް ގައުމު ރަމްޒުކޮށްދޭ އަށް މޮނިއުމެންޓް ބެހެއްޓި އެވެ. އެ މޮނިއުމެންޓް ހަދިޔާކުރީ އެ ގައުމުތަކުންނެވެ. އެ ތަކެތި ރަމްޒުކޮށް ދިނީ އެ ގައުމެއްގެ ތާރީޚާއި ސަގާފަތާއި ގައުމިއްޔަތެވެ. ނަމަވެސް، އެފަދަ މޮނިއުމެންޓްތަކެއް ބެހެއްޓުމަކީ ބައެއް މީހުންނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. ދީނީ އިލްމުވެރިންނާއި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔައެވެ. އެކަމުން އެނގިގެން ދަނީ، އާރޓްގެ ޒަރިއްޔާއިން ނަމަވެސް، މިފަދަ ކަމެއް ކުރުމަކީ، ދިވެހިންގެ ގިނަ ބަޔަކު ނުރުހޭނެ ކަމެއް ކަމެވެ.

އައްޑޫގެ މޮނިއުމެންޓްތަކަށް ދީނީ އިލްމުވެރިންނާއި ސިޔާސީ ލީޑަރުން ފާޑުކިޔުން ވެގެން ދިޔައީ "އަލިފާނަށް ތެޔޮ އެޅުން" ފަދަ ކަމަކަށެވެ. ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ، ރުޅިވެރިކަން ގަދަވިއެވެ. ނަތީޖާއަކަށްވީ، އެއް މޮނިއުމަންޓަކަށް ގެއްލުން ދިނުމެވެ. ރޯކޮށްލި ވެ. ބައެއް މޮނިއުމެންޓް ނަގައި އެއްލައިލިއެވެ. މައްސަލަ ހުށަހެޅުމުން މޮނިއުމެންޓްތައް ނެގުމަށް އަމުރުކުރުމުން އެ ތަކެތި ނެގިއެވެ. އެއްބަޔަކަށް މިކަންކަން ފާހަގަކުރީ ކާމިޔާބީއެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ދެކުނީ ދިވެހިންގެ ދީނީ ކެތްތެރިކަން ނެތުމާއި، ހައްދުފަހަނަ އަޅައިދިއުމުގެ ވިސްނުން ވަރުގަދަވެގެންދާ ދިއުމުގެ ގޮތުގައެވެ. އަދި އޭރާއި މިހާރުގެ ކަންކަމާ އަޅައިކިޔާލާއިރު ފާހަގަ ވަނީ ބައެއްގެ ނުބައި ނިޔަތާއި ދެފުށް ދެގޮތްކަމެވެ.

 

ސިއްރު ފެންފުށީގެ ކޮލަރޭލިއަމް

ސިއްރު ފެންފުށީގައި ސްކަލްޕްޗަރ ބެހެއްޓީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަމަ، ކަންކަން ވެދާނެ ގޮތް ސިފަކުރާށެވެ. ކެބިނެޓް ބައްދަލުވުން ބޭއްވީ ވެސް ކަނޑު އަޑީގައޭ، މިހާރު ބުދު ފައްޅި އެ އެޅީ ކަނޑުއަޑީގައޭ ބުނެ މުޒާހަރާކުރާނެއެވެ. ކަނޑުރޯދި ހުއްޓިއްޖެއޭ، އެންވެރިކަމާއި މަސްވެރިކަން ގެއްލިއްޖެއޭ ބުނެ، ދިވެހިންގެ ޖަޒުބާތާ ކުޅެލަން މަސައްކަތްކުރާނެއެވެ.  

އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކާއި، މިހާރު ބައެއް މީހުންނަށް ބޮޑު މައްސަލައަކަށް ވެފައިވާ ސިއްރު ފެންފުށީގައި އިންސާނުންގެ ސޫރަ ހުރި ބުދުތައް ހިމެނޭ އާރޓް މިއުޒިއަމް ހެދީ އެތަކެއްޗަށް އަޅުކަންކުރުމުގެ އެއްވެސް ނިޔަތެއްގައެއް ނޫނެވެ. އެއީ އެފަދަ ޒާތެއްގެ ތަކެއްޗެއް ނޫނެވެ. އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކާ ދެކޮޅަށް އޭރު ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ހަގީގަތަށް ވާސިލުވެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އާންމު ދިވެހިރައްޔިތުންގެ ޖަޒުބާތާއި، ދީނީ އަގީދާއާ ކުޅެލައިގެން ހޯދީ ސިޔާސީ މަންފާ ކަމަށް ގަބޫލުކުރަން މަޖުބޫރުކުރުވަނީ ހަމަ އެބޭފުޅުންގެ އަމަލުތައް މިހާރު ހުރި ގޮތެވެ.

 

އައްޑޫގައި ބެހެއްޓި އިންޑިއާގެ މޮނިއުމެންޓް: މިއިން ރަމްޒުކޮށްދެނީ އިންޑިއާގެ ގައުމީ ނިޝާން

އޭރު އައްޑޫގެ ބުދުތަކަށް ފާޑުކީ ބައެއް މީހުން މިހާރު މި ސަރުކާރުގައި ތިބިއިރު، ސިއްރު ފެންފުށީގެ މޫދު އަޑީގައި އިންސާނުންގެ ސޫރައިގައި އިސްކޮޅު ސައިޒަށް ހަދާފައިވާ 14 ބުދެއް އެ ބޭފުޅުންނަށް ނުފެނެއެވެ. އޭރުގެ ފަށުއިގެ ބަސްތަކުންނާއި ޖަޒުބާތީ ބަސްތަކުން ވިރުވައި އަޅަމުންދިޔަ އިލްމުވެރިންނާއި ސިޔާސީ ލީޑަރުން މިހާރު ތިބީ ބުދު ތަކެއް ފަދައިން ގަބުވެފައެވެ. ކުރިން ގަބޫލުކޮށް ވާހަކަ ދެއްކެވި އަސާސްތައް ހަނދާނަކު ނެތެވެ. އެތަން ފޫބައްދަން ވާހަކަ ދައްކާ މީހުން ދައްކަނީ ފިހާރަތަކުގައި އަންނައުނު އަޅުވާފައި ހުންނަ މެނިކުއީންތަކެވެ. މިއީ ދެފުށް ދެގޮތް ކަމާއި، މުނާފިގު ކަމުގެ ލާމަސީލުކަމެވެ. އޭރު ވެސް އަދި މިހާރު ވެސް އަސްލު މައްސަލައަކީ މަވަންތަ ބޭފުޅުން ގިނަވުމެވެ.

ދީނީ އަދި ގައުމީ ނަޒަރަކުން ވިސްނާލާއިރު، މިހުންނާނީ ހާދަހާވާ ބޮޑެތި މައްސަލައެވެ. އޭރު އަޅުކަންކުރަން ބުދު ބެހެއްޓި ކަމަށް ބުނެ، ގައުމުގައި ބޮޑެތި ހަމަނުޖެހުން ހިންގަން ހިތްވަރު ދޭގޮތަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިހާރު "ބީރު"ވެ، ދެލޯ ކަނުވެ، މަންމަންވެފައި ތިބުމުން، ގައުމުގެ ހާލަތާއި އެ ފަދަ ބޭފުޅުންގެ ޝަހްސިއްޔަތުގެ ބަލިކަށިކަމާ މެދު ވިސްނާ ފިކުރުކުރާން ނުޖެހޭތޯއެވެ. ވިސްނާ ފިކުރުނުކުރާ ނަމަ، ޖާހިލުކަން ވަދެ، އެބަޔަކާއި އެތަނެއް ހަލާކުވެގެން ދާނެއެވެ. އެހެންވުމުން ވިސްނާށެވެ. ހަގީގަތުގައި ވެސް މައްސަލައަކީ މޮނިއުމަންޓެއް، ސްކަލްޕްޗަރެއް ނޫނެވެ. ދީން ހަތިޔާރަކަށް ހަދައި، މުނާފިގު ވިސްނުމުގައި އަމިއްލަ އެދުމަށް މަސައްކަތްކުރުމެވެ. ގައުމީ ވަންތަ ނުވެ މަވަންތަވުމެވެ. ދީނީވަންތަ ނުވެ، މަވަންތަ ވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް