18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އިޤުތިސާދު 101

ރާއްޖޭގެ ދަރަނީގެ ހާލަތުވަނީ ނުރައްކާ ފައްތަރެއްގައި

  • ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން، ސަރުކާރުގެ ބަޖެޓް ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއަކުން ޑެފިސިޓްވަމުން އެބަދޭ
އިބްރާހީމް އަމީރު | iameeru

| 24 ޖެނުއަރީ 2017 | އަންގާރަ 05:11 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  5. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  6. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް



މިނިސްޓްރީ އޮފް ފިނޭންސްގެ ހިސާބު ދައްކާ ގޮތުން، 2017 ވަނަ އަހަރު ނިޔަލަށް ދައުލަތުގެ ދަރަނި 41.7 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މީގެ ތެރެއިން އެތެރޭގެ ދަރަނި 26.8 ބިލިއަން ރުފިޔާއަށް އަރާއިރު، 14.8 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަނިކަމަށް 2017 ވަނައަހަރުގެ ބަޖެޓްގައި ފާހަގަކޮށްފައިވެއެވެ.

އިތުރުވި މިންވަރު ޖުމްލަ ބެރުގެ ދަރަނި އެތެރޭގެ ދަރަނި އަހަރު
  31.2 10.7 20.5 2014
7% 33.3 10.2 23.1 2015
11% 36.9 10.3 10.3 2016
13% 41.7 14.8 14.8 2017

ތާވަލް 1: ރާއްޖޭގެ ދަރަނީގެ ހާލަތު (2017 ވަނައަހަރު ބަޖެޓް އިން)

މަތީގައިވާ ޓޭބަލްއިން އެނގޭފަދައިން 2016 ވަނަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ ދަރަނި 2017 ވަނަ އަހަރު 4.8 ބިލިއަން ރުފިޔާއިން އިތުރުވެގެންދާނެއެވެ. އެއީ 13 އިންސައްތަ އިތުރުވުމެކެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 96.5 އިން ސައްތައެވެ. (އައި.އެމް.އެފް އާޓިކަލް 4 ކޮންސަލްޓޭޝަން ރިޕޯޓް، މޭ 2016). ޤާނޫނޫ ނަމްބަރު 2013/7 ( ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ބުނާ ގޮތުން ދިވެހި ދަވްލަތުގެ ދަރަނި ހުންނަން ޖެހޭނީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 އިން ސައްތައަށް ވުރެ ދަށުގައެވެ.

އިތުރަށް ކަންބޮޑުވާންޖެހޭ ކަމަކީ، ސަރުކާރުގެ އިދާރާތަކުންނާއި، ބޭރުގެ ޖަމިއްޔާތަކުން ޝާއިއުކޮށްފައި މިވާ ދަރަނީގެ އަދަދުތަކަކީ، ސަރުކާރުން އިތުރަށް ނެގުމަށް ހަމަޖެހިފައިވާ ލޯނުތަކާއި (ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭންކްތަކުން 100 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން ވަނީ އެދިފައި އަދި ތަރައްޤީގެ ޕްރެޖެކްޓްތައް ފައިނާންސްކުރުމުގެ ނަމުގައި 200 މިލިއަން ޑޮލަރުގެ ޓީ-ބޮންޑެއް ވިއްކަން ވަނީ ނިންމާފައެވެ.) އަދި ސަރުކާރުން ލޯން ގެރެންޓީ ދީފައިވާ ފަރާތްތައް ނުހިމަނައި ޝާއިއުކޮށްފައިވާ އަދަދުތަކެކެވެ. ޤާނޫނު ނަންބަރު 3/2006 (ދަވްލަތުގެ މާލިއްޔަތު ޤާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުން، އެއްވެސް ހިފެހެއްޓުމެއްނެތި، ރައްޔިތުންގެ މަޖްލީހުގެ އެއްވެސް، ދައުރެއް ނެތި، ރައީސުލްޖުމްހުރިއްޔާ ބޭނުންވެއްޖެ ހިނދެއްގައި ދަރަންޏަށް ފައިސާނެގުމާއި، ލޯން ގެރެންޓީ ދިނުން ހުއްދަވެގެންދެއެވެ. މިގޮތަށް ދެވޭ ގެރެންޓީތަކަކީ ވެސް ދައުލަތުގެ "އިފެކްޓިވް" ދަރަނި ގޮތުގައި ހިމެނެންވާނެ އަދަދުތަކެކެވެ. މިހާތަނަށް އަޅުގަނޑުމެންނަށް ނޫސްތަކުން އެނގޭ ގޮތުގައި ހުޅުމާލޭގެ މަގު ހަދަން އެޗްޑީސީ އިން ނެގި 34.3 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުންވަނީ ސޮވަރިން ގެރެންޓީދީފައެވެ. އަދި ހުޅުމާލޭގައި ފްލެޓް އެޅުމަށް ތުރުކީގެ ކުންފުންޏަކަށް 324 މިލިއަން ޑޮލަރުގެ ސޮވަރިން ގެރެންޓީއެއް ސަރުކާރުންވަނީ ދީފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމަށް ނަގަމުންދާ ލޯނުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެއަޕޯޓް ތަރައްޤީކުރުމަށް 800 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ކަމަށް ސަރުކާރުންވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ވެސް އަމިއްލަ ފަރާތްތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ސަވަރިންގް ގެރެންޓީ ދީފައިވާނެކަމަށް ލަފާކުރެވެއެވެ. މިހުރިހާ އަދަދުތަކެއް ހިމަނައިގެން، ދަވްލަތުގެ ދަރަނީގެ ހާލަތު ވަޒަންކޮށްފި ނަމަ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެގެންދާނެކަމަށް ލަފާކުރެވެއެވެ. އައިއެމްއެފް އަދި ވޯލްޑް ބޭންކްއިން އެންމެ ފަހުން ނެރުނު ރިޕޯޓްތަކުގައި އަންދާޒާކޮށްފައިވަނީ، ދަވްލަތުގެ ދަރަނި 2016 ވަނައަހަރު ނިމޭއިރު ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 83.1 އިން ސައްތައިގައިއެވެ. އަދި 2017 ވަނައަހަރު ނިމޭއިރު 96.5 އިން ސައްތައިގައެވެ. އަދި ރައީސް ޔާމިން ސަރުކާރުގެ 5 އަހަރު ނިމޭއިރު ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން %109 އަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

 

ދަރަނީގެ ހާލަތު އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭ އެހެން ސަބަބުތަކަކީ:

  • ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން، ސަރުކާރުގެ ބަޖެޓް ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއަކުން ޑެފިސިޓްވަމުން އެބަދެއެވެ. ވޯލްޑް ބޭންކް އިން ނެރުނު 'ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް' ރިޕޯޓްގައި އަދި މޭ 2016 ގައި ނެރުނު އައި.އެމް.އެފް އާޓިކަލް IV ކޮންސަލްޓޭޝަންސް ރިޕޯޓްގައި އަންދާޒާކޮށްފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގެ ސަރުކާރުގެ ބަޖެޓް ޑެފިސިޓް ހުންނާނީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 18.1 އިން ސައްތައިގައި ކަމަށެވެ. ކުރިން ފާހަގަކުރި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބުނާ ގޮތުން މިއަދަދު ހުންނަން ޖެހޭނީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 3 އިންސައްތައަށް ވުރެ ދަށުގައެވެ.
    2014 2015 2016
އާމްދަނީ އަންދާސީ 14.8 19.7 22.8
  އަސްލު 11.5 13.1 17.0
ހަރަދު އަންދާސީ 17.9 24.3 27.4
  އަސްލު 16.4 21.2 23.8
ބޮލަކަށް ޖެހޭ މިންވަރު   46.6 52.7 58
ދަރަނި އަންދާސީ 6.7 8.7 7.9
  އަސްލު 10.5 15.4 11.7

 

  • ރާއްޖޭގެ "ބެލެންސް އޮފް ޕޭމެންޓްސް" އަށް ބަލާއިރު، ކަރަންޓް އެކައުންޓް ޑެފިސިޓް މިދަނީ ކޮންމެ އަހަރަކު އިތުރަށް ގޯސްވަމުންނެވެ. އެމް.އެމް.އޭ ގެ ހިސާބުތައްދައްކާ ގޮތުން 2016 ވަނައަހަރު ނިމޭއިރު ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 667 މިލިއަން ޑޮލަރުގައެވެ. މިއީ 2015 ވަނައަހަރާއި އަޅާބަލާއިރު 105 އިންސައްތަ ގޯސްވުމެކެވެ. އަދި 2017 ވަނައަހަރު ނިމޭއިރު މިއަދަދު ހުންނާނީ 893 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ 2016 ވަނައަހަރާއި އަޅާބަލާއިރު 34 އިން ސައްތަ ގޯސްވުމެކެވެ.
  • ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ދުވަހަކުވެސް ދަށަށް ނުދާ މިންވަރަކަށް މިހާރު ވަނީ ދަށަށް ގޮސްފައެވެ. މީގެ ސަބަބަކަށް މިވަނީ، ދަވްލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާ ފުށުއަރާގޮތައް އެމް.އެމް.އޭ އިން ރިޒާވް ބޭނުންކޮށްގެން ސަރުކާރުގެ 'ސަވަރިންގ ބެކްޑް' ބޮންޑެއް ގަނެފައިވާތީއެވެ. ޖީއެމްއާރުއަށް ފައިސާ ދެއްކުމަށް 140 މލިއަން ޑޮލަރު ރިޒާވްއިން ބޭނުންކުރުމުން، މިހާރު ދަވްލަތުގެ ބޭނުންކުރެވޭ ރިޒާވް ހުންނާނެކަމަށް ލަފާކުރެވެނީ، 100 މިލިއަން ޑޮލަރަށް ވުރެ ދަށުގައެވެ. މިއީ 1 މަހުގެ އިމްޕޯޓަށް ބޭނުންވާވަރަށް ވުރެވެސް މަދު އަދަދެކެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތަށް 200 މިލިއަން ޑޮލަރުގެ ޓީ-ބޮންޑް %8 އިންޓަރެސްޓް ރޭޓްގައި ވިއްކާލުމުން، އަމިއްލަ ފަރާތްތަކަށް ކުރިމަގުގައި "އިންޓަނޭޝަނަލް ފައިނޭންޝިއަލް މާކްޓް" އިން ލޯން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ. އެއީ %8 އަކީ "ރިސްކް ފްރީ" ރޭޓްކަމުގައިވެގެންދިޔުމުން، ލޯން ލިބޭ އިންޓަރެސްޓް ރޭޓް މަތިވެ "ކޮސްޓް އޮފް ފައިނޭންސިން" މަތިވެގެންދާނެތީއެވެ. މީގެ އިތުރުން އަޅުގަނޑުމެން ނަގާފައިވާ ދަރަނި އަދާކުރަން، އިތުރަށް ލޯންނަގަމުން ދިޔުމުން، އަޅުގަނޑުމެންގެ "ކަންޓްރީ ސަވަރިން ރޭޓިން" އިތުރަށް ދަށްވަމުންދާނެއެވެ. އެންމެ ފަހުން "މޫޑީސްގެ ކަންޓްރީ ރޭޓިން" ބުނާ ގޮތުން ރާއްޖެއަށް ލިބެނީ ބީ2 ރޭޓިންއެކެވެ. މީގެ މާނައަކީ ރާއްޖޭއިން ވިއްކާ ބޮންޑްއަކީ އިންވެސްޓްކުރަން ކަމުނުދާ "ޖަންކް" ބޮންޑެއްކަމެވެ.

 

"އިކޮނޮމިކް އިންޑިކޭޓަރސް" މިގޮތަށް ހުރުމުން މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ޤައުމުގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ. އެއީ އިސްވެ ފާހަގަކުރި ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުން އިތުރަށް، އެތެރެއިންންނާއި ބޭރުން ލޯނުނަގަމުން ގެންދާނެތީއެވެ. މީގެ އިތުރުން ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމައްޓަކައި، ޓީ-ބިލް އަދި ޓީ-ބޮންޑްގެ ނަމުގައި ސަރުކާރުން ލޯނު ނަގާ މިންވަރު އިތުރުވާ މިންވަރަކަށް، އަމިއްލަ ވިޔަފާރިތައް ކުރިއަރައިދާން ހުރި ފުރުސަތުތައް އިތުރަށް ހަނިވަމުންދާނެއެވެ. މީގެ ސަބަބުން ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެ އާމްދަނީ އިތުރަށް ދަށްވަމުންގޮސް، ބަޖެޓް ޑެފިސިޓް އިތުރުވަމުންދާނެކަމާ މެދު ޝައްކެއްނެތެވެ.

 

އިސްވެ ފާހަގަކުރި ހުރިހާކަންތައްތަކެއް މިހެން ހުރުމުން، މުސްތަޤްބަލްގައި ދިވެހިރާއްޖެ ސިޔާދަތުގެ ދަރަނީގެ ހާލަތު އިއުލާންކުރުމަކީ ގާތްކަމެކެވެ. އައި.އެމް.އެފްގެ "ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް" ދައްކާ ގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތު މިހާރު ވަނީ ނުރައްކާ ހާލަތެއްގައެވެ. އައިއެމްއެފް ގެ ރިޕޯޓް ބުނާ ގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތު ވަނީ "ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ގައެވެ. "ހައި ރިސްކް" މާނައަކީ މިހާރު ވެސް ރާއްޖެވަނީ އެކެއް ނޫނީ އެއަށްވުރެ ގިނަ "ބެންޗްމާކް ތްރެޝްހޯލްޑްތައް" ފަހަނައަޅާ ގޮސްފައިކަމެވެ. ދަރަނީގެ ހާލަތު "ޑިސްޓްރެސްއަށް" ދާނެ ކަމަށް ލަފާކޮށްފައިއެވަނީ، ކުރިޔަށް އޮތްތަނުގައި، އަޅުގަނޑުމެންނަށް، ދަރަނީ ދެއްކުމުގައި ދަތިތައް ކުރިމަތިވެ، ދެމިގެންދާނެ ގޮތަކަށް "ބެންޗްމާކް ތްރެޝްހޯލްޑް"ތައް ފަހަނައަޅައިދާނެ ކަމަށް ފެންނާތީއެވެ. ރާއްޖޭގެ މުއައްސަސާތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ދަށްވުމާއި، ސަރުކާރުގެ މާލީ ސިޔާސަތު ދޯހަޅިވުމުން، ރާއްޖެ މިވަނީ އިޤްތިސާދީ ގޮތުން ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.

 

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބޭނުމަކީ މިފަދަ ހާލަތަކަށް ޤައްމު ނުގެންދިޔުމެވެ. ނަމަވެސް މި ފެނިގެންދަނީ އެއްވެސް ބެލުމެއް ނެތި ޤާނޫނުތަކުގައި ހުރި މާއްދާތަކާއި ޚިލާފަށް ނުވަތަ ވިސްނުމެއް ނެތި ސިޔާސީ ނުވަތަ އަމިއްލަ ފައިދާއަށް ޤާނޫނުތައް (މާލިއްޔަތު ޤާނޫނު، ބޭންކިން ޤާނޫނު) ބަދަލުކޮށްގެން، މުޅި ޤަވްމު ނުރައްކަލަށް ގެންދާތަނެވެ. މިގޮތަށް ކަންތައް ދިމާވެގެންމިދަނީ ކޮރަޕްޝަން އިތުރުވެ، ތަރައްޤީ މަޝްރޫއުތައް އަސްލު އަގަށް ވުރެ އެތައް ގުނައަކަށް ބޮޑުކޮށް، ދެފުށް ފެންނަ ސިޔާސަތެއް ނެތި ކުރުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކިނިކްސް

2 އަހަރު ކުރިން

މިކީ މާބޮޑު މައްސަލައެއް ނޫންކަން ލިޔުންތެރރިޔާއަށް ވެސް އެނގޭނެ.

0
1