25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރައީސް ޔާމީން

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

  • ޕީއޭ އިން ކުރި މުޒާހަރާއެއް ހުއްޓުވުމުން ވަރަށް ބޮޑަށް ފާޑުކިޔާފައިވޭ
  • ހައްގު ނުދީ އޮބިއަޅައިގެން ވެރިކަން ކުރަން އުޅޭ ކަމަށް ބުނި
  • ގާނޫނު ބަދަލުކޮށް، މިހާރު މުޒާހަރާއެއް ވެސް ނުކުރެވޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 20 ޖެނުއަރީ 2017 | ހުކުރު 05:00 | |

ކެބިނެޓްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

"ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލި ރައްޔިތުން ބިކަ ޙާލުޖެހި ތަޙައްމަލް ނުކުރެވޭ ދަރަޖައަށް ދިރިއުޅުމުގެ ޙާލަތު ދިޔުމާ ގުޅިގެން ދިވެހި ޒުވާނުން އިސްނަގައިގެން ސުލުޙަވެރިކަމާ އެކު ޝުޢޫރުފާޅުކުރުމަށް ޗާންދަނީ މައިދާނުގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި އެއްވެސް ހަތިޔާރެއް ނެތް، ސުލްޙަވެރިކަމާ އެކު ޝުޢޫރު ފާޅުކުރަމުން ދިޔަ ރައްޔިތުންނާ މެދު ދިވެހި ފުލުހުން ހިންގާފައިވާ ލާއިންސާނީ ޢުދުވާން މިޕާޓިގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ފަތިސްނަމާދު ވަގުތާއި ދާދި ކައިރިވެފައި ވަނިކޮށް ސަރުކާރުން މިހިންގި ޖަރީމާ ރަމްޒު ކޮށްދެނީ މިހާރު ސަރުކާރު ހިންގަން ތިބި އިސްފަރާތްތަކަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުމަށް ބޭނުންނުވާ އަދި ކެތްތެރިކަމާއެކު ރައްޔިތުންގެ އަޑުއެހުމުގެ ޤާބިލުކަން ވެސް ލިބިފައިވާ ބައެއް ނޫން ކަމެވެ. އަދި މިސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް ރައްޔިތުންގެ އަޑު އޮއްބައިލައި ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ޚުދުމުޚުތާރު ވެރިކަމެއްކުރުމެވެ.

ދިވެހި ޒުވާނުންނަށާއި ޢާއްމުކޮށް ސުލްޙަވެރިކަމާއެކު އަޑުއުލުފުލަމުންދިޔަ މުޒާހަރާގެ ބައިވެރިންނަށް ލިބިގެންދިޔަ އަނިޔާގެ ފުރިހަމަ ޒިންމާ ހޯމްމިނިސްޓަރާއި ފުލުހުންގެ އިސްވެރިން އުފުއްލަވަން ޖެހޭނެ ކަމަށް މިޕާޓީން ޤަބޫލުކުރަމެވެ. ސަލާމަތީ ބާރުތަކަކީ ވަކިސިޔާސީ ވިސްނުމެއްގެ މަސްލަޙަތު ޙިމާޔަތްކޮށް ދިވެހި ރައްޔިތުންނަށް ލިބިދިނުން ލާޒިމްކުރާ އަސާސީ ޙައްޤުތައް ނިގުޅައި ގަތުމަށް ސިޔާސީ ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ހެދިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކަށް މިޕާޓީން ގޮވައިލަމެވެ. އަދި ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މިއަނިޔާވެރި ލާއިންސާނީ ޖަރީމާ މިނިވަންކަމާއެކު ތަޙްޤީޤްކޮށް ނިކަމެތި ދިވެހިރައްޔިތުންނަށް އިންސާފު ހޯއްދަވައި ދެއްވުމަށް ގޮވައިލަމެވެ.

ދިވެހިރައްޔިތުންނަށް ދިމާވެފައި މިވާ ގިލަންވެރިކަމުން ސަލާމަތް ކޮށްދިނުމަށް ހަޤީޤަތާ ޚިލާފު ފޮނި ވާހަތަކެއް ދައްކައި ރައްޔިތުންނަށް އޮޅުވައިލުމުގެ ބަދަލުގައި އިޚްލާސްތެރިކަމާ އެކު ސިޔާސީ ވިސްނުމުން އެއްކިބާވެ ތިބެ އިޤްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް މިއަދުގެ ސަރުކާރަށް މިޕާޓީން ގޮވައިލަމެވެ."

މިއީ އަޅުގަނޑު ދެއްކި ވާހަަކައެއް ނޫނެވެ. މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް އެލަޔަންސް(ޕީއޭ) އިން 2011 ވަނަ އަހަރުގެ އޭޕްރީލް 31 ވަނަ ދުވަހު ނެރުނު ބަޔާނެކެެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ޕީއޭ އިސްވެ އޮވެ ކުރި މުޒާހަރާއެއް ހުއްޓުވުމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެެވެ.

އެ ބަޔާނުގައިވާ ކަންތައްތަކާއި ރައީސް ޔާމީންގެ ސަރުކާރުގައި މިހާރު ކަންތައްތައް ކުރަމުންދާ ގޮތް އެއް މީޒާނަކުން ކިރާލަ ބައްލަވާށެވެ. ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީންގެ އެހާރާއި މިހާރަށް ވިސްނަވާލަ ބައްލަވާށެވެ.

ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލި ރައްޔިތުން ބިކަ ޙާލުޖެހި ތަޙައްމަލް ނުކުރެވޭ ދަރަޖައަށް ދިރިއުޅުމުގެ ޙާލަތު ދިޔަ ވާހަކަ އެވެ. ދޮގެއްވާ ނޫނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަހަރެމެން ދިރިއުޅެން މިޖެހެނީ ބަނޑަށް ކުޅު ޖަހައިގެންނެެވެ. ޒަމާނުން ފެށިގެން ދިވެހި ރައްޔިތުންނަށް ދެމުން އައި ސަބްސިޑީތައް ކަނޑާލައި، ހަނޑޫ ހަކުރު ފުށް އަގުބޮޑުކޮށްފި އެވެ. ކަރަންޓުގެ އަގު އެތައް ގުނައެއް ބޮޑުކޮށްފި އެވެ. ޓެކްސްއާ ދެކޮޅު ހެއްދެވި ބޭފުޅާގެ ވެރިކަމުގައި، ލާ ނޭވާއިން ވެސް ޓެކްސް ނަގާ ހިސާބަށް ގެންގޮސްފި އެވެ. ތެދެކެވެ. ރައްޔިތުން ބިކަ ޙާލުޖެހި ތަޙައްމަލް ނުކުރެވޭ ދަރަޖައަށް ދިރިއުޅުމުގެ ޙާލަތު ގޮސްފި އެވެ. ހަމަ ރަނގަޅަށް ވެސް ހަނާވެ، ފަނާވެއްޖެ އެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ސުލުޙަވެރިކަމާއެކު ޝުޢޫރުފާޅުކުރުމަށް ޗާންދަނީ މައިދާނުގައި ބޭއްވި މުޒާހަރާގެ ވާހަކަ އެވެ. ޝުކުރުކުރަން ޖެހެ އެެވެ. ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ބޭނުން ކުރުމަށް ފުރުސަތު އޮތީތީ އެވެ. މުޒާހަރާ ކުރަން ޗާންދަނީ މަގާ ހިސާބަށް ދެވުނީތީ އެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބައްލަވާށެވެ. ރައީސް ޔާމީންގެ ފުރިހަަމަ އަގްލަބިއްޔަތު އޮތް މަޖިލީހުން އެ ވަނީ ގާނޫނު އަސާސީއާ ޚިލާފަށް އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފަ އެވެ. މަގެއް މައްޗަށް މުޒާހަރާކުރަން ނިކުތުމަކީ މިހާރު މަނާކަމެކެވެ.

ރައީސް ޔާމީން އެއިރު ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށްވާ ނަމަ އެއްވެސް ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ޝުއޫރު ފާޅުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ކަމަށާއި އެއްވެސް ބަޔަކަށް ގާނޫނީ ހަމަތަކުގެ މަތިން އިންތިޒާމް ކުރެވޭ އެއްވުންތައް ރޫޅާލައި ހުއްޓުވުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް، ބަހާއި އަމަލާ ދިމާނުވާ މިންވަރު ނިކަން ބައްލަވާށެވެ. ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި، ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވަނިކޮށް، ފުލުހުންގެ ހުއްދަ ހޯދައިގެން މެނުވީ އެއްވެނޫޅެވޭ ގޮތަށް ހެދީ އެވެ. އެއަށްފަހު އެވަރުން ފުއްދާލީކީއެއް ނޫނެވެ. މިދިޔަ އަހަރު ރައީސް ޔާމީންގެ މަޖިލިސް މެންބަރުން އެވަނީ އެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގު ގާނޫނަކުން ނިގުޅައިގަނެފަ އެވެ. މިހާރު އެއްވެވެނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. އެ ވެސް ރައީސް ޔާމީންގެ ސަރުކާރުން ހުއްދަ ހޯދައިގެންނެވެ. އިދިކޮޅު ފަރާތްތަކަށް އެ ހުއްދައެއް ވެސް ނުލިބެ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުޒާހަރާ ރޫޅާލުމުގައި އެއްވެސް ހަތިޔާރެއް ނެތް، ސުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރަމުން ދިޔަ ރައްޔިތުންނާ މެދު ދިވެހި ފުލުހުން ހިންގާފައިވާ ލާއިންސާނީ ޢުދުވާން ކުށްވެރިކުރާ ކަމަށެވެ. މި ވާހަކަ މިހެން ދައްކަވާފައި، ބާރު ލިބިވަޑައިގަތުމުން ކަންތައްތައް ތިކުރައްވަނީ ވަކިން ރަނގަޅަށްތޯ އެވެ؟ މުގުރުން ތަޅާ ތިރިގަންނަވައި، ޖެހިގެން ހުރެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައި، އޭންކަލް ބޫޓަށް އަރައިގެން ތިބެ ތަޅަން ހުއްދަދޭއިރު، އެއިރު ދެއްކި ވާހަކަތައް ކޮބައިތޯ އެވެ؟ އުމުރުން ދުވަސްވީ މީހެއް، ޒުވާނެއް ބެލުމެއް ނެތި ރޯނާ ގަންނަވާލާއިރު، ފެންނަނީ ބަހާއި އަމަލާ ދިމާނުވާތަން ނޫންތޯ އެވެ؟

ދެން ފާހަގަކޮށްފައި އޮތީ ސަރުކާރު ހިންގަން ތިބި އިސްފަރާތްތަކަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުމަށް ބޭނުންނުވާ އަދި ކެތްތެރިކަމާއެކު ރައްޔިތުންގެ އަޑުއެހުމުގެ ޤާބިލުކަން ވެސް ލިބިފައިވާ ބައެއް ނޫން ކަމަށެވެ. މި ވާހަކަ އަޑުއިވުމުން ހިންޏެއް ނާދޭތޯ އެވެ؟ ރައީސް ޔާމީންގެ ސަރުކާރުގައި، ރައްޔިތުން އަޑުއަހައި ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށް ބޭނުންވާ ކެތްތެރިކަމާއި ގާބިލުކަން ހުރި ކިތަން މިނިސްޓަރުން އެބަތިބިތޯ އެވެ؟ ފްލެޓް މައްސަލައިގައި މިނިސްޓްރީއަށް ދިޔަ ރައްޔިތުންނާއި މިނިސްޓަރު ބައްދަލެއް ނުކުރެއްވި އެވެ. ރައީސް އޮފީހަށް ދިއުމުން ބުނީ މިނިސްޓަރު ކައިރިއަށް ދިއުމަށެވެ. މިއީ އަޑުއެހުމުގެ ގާބިލުކަމާއި ކެތްތެރިކަން ހުރި މިންވަރުގެ ކުޑަކުޑަ މިސާލެކެވެ. ވިދާޅުވަމުން ގެންދަވަނީ ރައްޔިތުން ހިތްހަމަނުޖެހުނަސް ކުރަން ބޭނުންވާ ކަމެއް ކުރައްވާނެ ކަމަށެވެ. ކެތްތެރިކަމާއި ގާބިލުކަން ހުރި ގޮތް ވަރަށް ސާފު، އެހެންނޫންތޯ އެވެ؟

ފަހު ކަމެއްގެ ގޮތުގައި އެއިން ފާހަގަކޮށްލާނީ، ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް ރައްޔިތުންގެ އަޑު އޮއްބައިލައި ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ޚުދުމުޚުތާރު ވެރިކަމެއްކުރުން ކަމަށް ބުނެފައިވާ ބުނުމެވެ. ސަހަރޯ ހީވާވަރުވެއެވެ. ދަތްކޮޅު ފައިބައި ވަރު ނުވޭތޯ އެވެ؟ ލިބިފައިވާ މަޖިލީހުގެ އަގްލަބިއްޔަތަކީ ހިތަކަށް ލިބިފައި އޮތް ބާރެއް ކަމުގައި ދެކި ރައްޔިތުން ހައްގުތައް ނިގުޅައިގަނެ، ރައްޔިތުންގެ މުދަލުން ވައްކަންކޮށް، ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކެމްޕޭންކޮށް، މަތީފަޑީގައި ތިބި އެންމެން މުއްސަނދިވެއްޖެ އެވެ. ޕޯޑިއަމެއްގައި ހުއްޓިވަޑައިގަންނަވާ ކޮންމެ ފަހަރަކު އެވެނި މިވެނި ކަމެއް ކޮށްފިއްޔާ ގާނޫނީ ކޮންމެެވެސް ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ ބިރުދައްކަވަނީ އެވެ. ރައްޔިތުން އަޑު އޮއްބާލުމަށް، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފި އެވެ. މި ވެރިކަމުގެ ޚުދުމުޚުތާރު ވާހަކަ ގާދޫކޮލުން ބޭރުވެ، މުޅި ދުނިޔޭގައި ވެސް މިވާހަކަ އެވެ. ބަހާއި އަމަލާ ދިމާވާ މިންވަރު ވަރަަށް ވެސް ފުރިހަމަ ނޫންތޯ އެވެ؟

ޕީއޭގެ ލީޑަރު ޔާމީން ދައްކަވާފައިވާ ވާހަކަތަކާއި، ރައީސް ޔާމީންގެ ސަރުކާރުގެ އަމަލުތަކާ އަޅާބަލާއިރު، މިކަންކަން އެއްވެސް ވަރަކަށް ދިމަލެއް ނުވެ އެވެ. އެހާރާއި މިހާރުގައި ވެސް އޮތީ ފުންމިން ނޭނގޭ ސިއްރުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް