19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ށ.ނޫމަރާ

ސަރުކާރުގެ އަމަލުތަކުން ނޫމަރާގެ އިޖްތިމާއީ، އުމްރާނީ ތަރައްގީ ހުއްޓިފައި!

  • ނޫމަރާގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގައި ސަރުކާރުން ވަނީ އިހުމާލުވެފައި
  • ނޫމަރާގެ އިޖްތިމާއި ގިނަ މަސައްކަތްތަކާއި، އުމްރާނީ ތަރައްގީ ވަނީ ހުއްޓިފައި
އަމްނާ އިމާދު | @amnabinthimad

| 7 ޖުލައި 2018 | ހޮނިހިރު 15:06 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ނޫމަރާގެ ރައްޔިތުން މަގެއްގެ މަތީގައި، މިހާރު އެރަށުގެ ރައްޔިތުންނަށް ގޯތިދޫކުރުން ވަނީ ހުއްޓުވާފައި -- އާކައިވް

ށ. އަތޮޅުގައި އޮންނަ ނޫމަރާއަކީ ކުޑަ އާބާދީއެއް ދިރިއުޅެމުން އަންނަ ރީތި ރަށެކެވެ. ފަސްސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ މިރަށުގެ ރައްޔިތުން ހިތްގައިމު ދިރިއުޅެއް އުޅެމުން އައި ނަމަވެސް މިހާރު ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. ޒަރޫރީ ބޭނުންތައް ފުއްދުމުގައި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.

ކުދި އާބާދީތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އިތުރުން ނޫމަރާ އަށް ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ އެ ރަށުގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވުމެވެ. ކުދި އާބާދީތައް އޮންނަ ރަށްރަށުގައި ވެސް ދިރިއުޅެވޭނެ ކަމުގެ އުންމީދެއް އޮތް ނަމަ އެ ރަށެއްގައި އުޅޭ ރައްޔިތުން ދިރިއުޅުން ތަރައްގީކުރުމަށް މަސައްކަތްކުރާނެއެވެ. ނަމަވެސް ނޫމަރާގެ ރައްޔިތުން އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ ތަރައްގީގެ މަޝްރޫއުތަކާއި އަމިއްލަ ދިރިއުޅުމުގެ މަސައްކަތްތައް ވަނީ އިތުރު ތަރައްގީއެއް ނާންނަ ގޮތަށް މަޑުޖެހިފައެވެ. 

ރާއްޖެއެމްއީއަށް މައޫލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ނޫމަރާގެ ރައްޔިތުން އެ އަތޮޅު ފުނަދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި އޮންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ނަމަވެސް މިކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށެވެ. ނޫމަރާގެ ރައްޔިތުން ފޮނަދޫއަށް ބަދަލުކުރުމަށް އެރަށުގައި ވޯޓެއް ނަގާނެ ކަމަށާއި، އެވޯޓުގެ ނަތީޖާ ދައްކާ ގޮތުން ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް މިކަމުގެ ޚަބަރެއް ލިބިފައިވާ ނުވާ ކަމަށާއި، ހައުސިން މިނިސްޓްރީން މިކަމާ ބެހޭ ގޮތުން ޖަވާބެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އިޖާބައެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫމަރާގެ އަންހެނުން ކަނބަލުން.. 

ހަސަން ވިދާޅުވީ ރައްޔިތުން ދިރިއުޅެމުންދާ ގެތަކުގެ އާބާތުރަފިލުވައި، ގެތައް މަރާމާތު ކުރުން ހުއްޓިފައިވާ ކަމަށާއި، އެރަށުގެ ޒުވާނުންނަށް ގޯތި ދިނުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ނޫމަރާގައި ދިރިއުޅެމުން އަންނަ ގިނަ ޒުވާނުން މިހާރު ތިބީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށާއި، ގޯތި ދޫކުރުމުގެ ހުއްދައެއް އެދި ޒުވާނުން ޕެޓީޝަނެއްގައި ސޮއިކުރަމުން ގެންދާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

"ރަށުގެ ޒުވާނުން އެއީ. އެކުދިން ވެސް ކައިވެނިކޮށްގެން ޒަވާޖީ ހަޔާތް ވޭތުކުރާއިރު ގެދޮރު އިމާރާތްކުރަން ބޭނުންވާނެ. އެކަމަކު އެފުރުސަތު މިއޮތީ ގެއްލިފައި. ގިނަ ޒުވާނުން ތިބީ ވަރަށް ހިތްހަމަނުޖެހިފައި. އެހެންވީމަ އެކުދިން މިހާރު ޕެޓިޝަން ވެސް އެބަހަދާ. ދެން އެއަށް ވެސް ވާނެ ގޮތެއް ނޭނގެ. ރަށުން މީހުން ބާލާނެ ކަމެއް ނުބާލާނެ ކަމެއް ވެސް ނޭނގެ. ޖަވާބެއް ނުދޭ. ޖަވާބު ހޯދަން މަސައްކަތް އަޅުގަނޑުމެން ކުރަން. އެހެން ރަށަކަށް ބަދަލު ކުރަންޏާ ސަރުކާރުން ޖެހޭނެ ހުރިހާ ހަރަދެއް ދޭން. މިރަށުގައި ދާއިމީ ވަޒީފައިގައި ތިބި މީހުންނަށް ވަޒީފާ ވެސް ހަމަޖައްސައިދޭން،" ހަސަން ވިދާޅުވިއެވެ.

ނޫމަރާގެ ރައްޔިތުންނަށް ލާފާފުރުމުގެ ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ ބަދަރަށް ވަދެނުކުމެ އުޅުމަށް ހަދާފައިވާ ނެރުފައިކަށީގައި ހިލަޖަހާފައި ނެތުމުގެ ސަބަބުން ވެލިއެޅި އެސަރަހައްދު އެއްކޮށް ބެދި އޮޑިދޯނިފަހަރަށް ވަދެނުކުމެ ނުހެދޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބަނދަރުގެ ހާލަތު ވަރަށް ގޯސް ކަމަށާއި، އެންމެ ބޮޑުދިޔައިގައި ވެސް އެބަނދަރު ބޭނުން ކުރެވެނީ ކުދިއޮޑިފަހަރަށް ކަމައްށެވެ.

ބަނދަރުގެ ބޭނުން ނުކުރެވޭ ކަމަށް ކައުންސިލުން ބުނޭ... 

ހަސަން ވިދާޅުވީ ބޮޑެތި އޮޑިފަހަރަށް ފަޅުން ނުނިކުމެވޭތީ ރަށުން ބޭރަށް ދިއުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، އަތޮޅުފެރީގެ ހިދުމަތް ވެސް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ މުދާ ގެނައުމުގައި ވެސް ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ބަނދަރުގެ މައްސަލައަކީ ބޮޑު މައްސަލައެއް. ވަރަށް ޒަމާންވެއްޖެ މިކަމާ އުޅޭތާ. ސިޓީ ފޮނުވިން ހައުސިން މިނިސްޓްރީއަށް. އެކަމަކު ޖަވާބެއް ނުލިބޭ. ގުޅީމަ ބުނާނެ ފުންކޮށްދޭނޭ. އެހެން ކިޔާތާ ވެސް މިހާރު އަހަރަށް ވުރެ ގިނަ ދުވަސްވީމި،" ހަސަން ވިދާޅުވިއެވެ.

ނޫމަރާ އަށް ކުރިމަތިނުވާ މައްސަލައެއް ނެތެވެ. އެންމެ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ހަސަން ވިދާޅުވީ ނޫމަރާގައި ދިރިއުޅެމުން އަންނަ ރައްޔިތުން މިހާރު ތިބީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ކަމަށާއި، އާމްދަނީ ހޯދާނެ ގޮތްތައް ވެސް ބަންދުވެފައި ކަމަށެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ނޫމަރާ އުމްރާނީ ތަރައްގީ ބަންދުވެފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މާލެ އާއި ބޮޑެތި އާބާދީ އޮންނަ އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގި ނަމަވެސް ކުދި އާބާދީ އޮންނަ ރަށްރަށުގެ ރައްޔިތުން ދިރިއުޅުން މިސަރުކާރުގެ ސަބަބުން ހުއްޓިފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ދާދި އަވަހަށް މިމައްސަލަތަކަށް ހައްލު ލިބުން ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ނޫމަރާގެ ކުރީގެ ކައުންސިލްގެ ރައީސް އަހްމަދު ވިޝާން ވިދާޅުވީ ސިއްހީ މަރުކަޒުން ވެސް އެކަށީގެންވާ ޚިދުމަތް ނުލިބޭ ކަމަށެވެ.

ވިޝާން ވިދާޅުވީ 2016 ވަނަ އަހަރު އެރަށް ގެނައި އެމްބިއުލެންސް އެރަށުގެ ބަނދަރު ތިލަވެފައި އޮތުމުގެ ސަބަބުން އެރަށް ނޭރުވުނު ކަމަށާއި، އެއެމްބިއުލެންސް ގެންދިޔައީ ބ. ގޮއެދޫއަށް ކަމަށެވެ. އެމްބިއުލެންސް ނެތުމުން އެތައް ދަތިތަކާ ކުރިމަތިވާތީ އެކަން ހެލްތު މިނިޝްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭރު ވަރަށް އަވަހަށް އެމްބިއުލެންސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް އެކަން ކާމިޔާބުނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ނޫމަރާގެ ސްކޫލުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ދެދަންފަޅިއަށް ބަހާލައިގެން ގްރޭޑް ދިހައަކާ ހަމައަށް ކިޔަވައިދޭއިރު ކްލާސް ރޫމްގެ ދަތިކަމުން ގިނަ ހަރަކާތްތަކަކުން ސްކޫލު ކުދިން މަހުރޫމްވާ ކަމަށެވެ.

ނުމަރާގެ ސްކޫލު ކުދިންތަކެއް... 

ސްކޫލުގައި ހުންނަނީ ހަތް ކްލާސްރޫމް ކަމަށްވާއިރު، އެތަނުން އެއް ކްލާހަކީ ޕްރީ ސްކޫލަށް ޚާއްސަ ކްލާހެކެވެ.

"ތަނެއް ނެތީމަ ކޮންޕިޔުޓަރު ކުލާސްތައް ކުރިއަށް ނުގެންދެވޭ. ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ،" ބެލެނިވެރިޔާ ބުންޏެވެ.

ކްލާސްރޫމް ދަތިކަން ބެލެނިވެރިންނާއި، ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެހެން ވުޒާރާތަކެކޭ އެއްފަދައިން އެ ސިޓީތައް ވީ ހިސާބެއް ވެސް ނޭނގެއެވެ. މިއަދާ ހަމައަށް ވެސް އެއިން ސިޓީއަކަށް ޖަވާބެއް ނުލިބެއެވެ.

ހިތްފަސޭހަ އަމާން މާހައުލެއްގައި ނޫމަރާގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް މިކަންކަމުގެ ސަބަބުން ނޫމަރާގެ ރައްޔިތުންނަށް މިއަދު މިވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. މުސްތަގުބަލް ބިނާ ކުރަން ނޭނގިފައެވެ. މުސްތަގުބަލަށް ގިނަ ހުވަފެންތަކެއް ދެކެމުން އަންނައިރު އަދިވެސް ނޫމަރާގެ ރައްޔިތުން އުންމީދު ކަނޑައެއް ނުލައެވެ. އެރައްޔިތުން އިންތިޒާރު ކުރަމުން އެދަނީ ސަރުކާރުން އެމީހުންނަށް ޖަވާބުދާރީވާނެ ދުވަހަކަށެވެ. އެމީހުން އެދެނީ އެހެން ރަށަކަށް ބަދަލުނުކުރާ ނަމަ ތަރައްގީގެ މަޝްރޫއުތައް އެ ރަށަށް ވެސް އަމާޒުކުރުމަށެވެ. ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ޚިދުމަތްތައް ދިނުމަށެވެ. ޒުވާނުންނަށް ގޯތި ދީ ދިރިއުޅުން ތަރައްގީކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުމަށެވެ. ރަށުގައި ނެތް ޚިދުމަތްތައް ހޯދަން ދެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ފަޅުގެ ބޭނުންކުރެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށެވެ. މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގި މަޑުޖެހި ބިއްޖެހިފައި ތިބެން އެ މީހުން ބޭނުމެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

2 މަސް ކުރިން

ނޫމަރާ މީހުން ހުޅުމަލެއަށް ބަދަލު ކުރައްވާފަ ނޫމަރާގައި ޖަލެއް ހައްދަވާ ސިޔަސީ ކުއްވެރިން އެރަށަށް ފޮނުވާލައްވަ އެރަށަކީ ރާއްޖޭގައި އެންމެ މަދިރި ގިނަ ރަށްރަށުގެ ލިސްޓްގައި ދެވަނައަށް އޮތްރަށް

0
0