16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިޚާބު 2018

ރަނިންގމޭޓަކު އަވަހަށް ދައްކަން ޖެހޭ

  • ރަނިންގމޭޓް އިއުލާންކުރާނީ މިމަހުގެ 10 ވަނަ ދުވަހުކަމަށް ޖޭޕީއިން ބުނޭ
  • ރަނިންގމޭޓް އިއުލާންކުރުން އަވަސްކުރަން ޖެހޭކަމަށް ގިނަ މީހުން ބުނޭ
  • ގުޅިފައިވާ ޕާޓީތަކުން އެއްބަސްވުމަކަށް އައިތާ 24 ގަޑިއިރުތެރޭ އެމްޑީޕީއިން އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ދެއްކި
މިއުވާން މުހައްމަދު | Miuvaan

| 4 ޖުލައި 2018 | ބުދަ 17:40 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކުނޫޒުގައި އޮތް ޖަލްސާއެއްގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ : ރާއްޖެ އެމްވީ

މިހުރިހާ ދުވަހު އެހީ "ކެންޑިޑޭޓް ކޮބާ،" މިހެންނެވެ. އެހެން ނަމަވެސް މިހާރު އަހަނީ "ރަނިންގމޭޓު ކޮބާ،" މިހެންނެވެ. 

ގުޅިފައިވާ ޕާޓީތަކަށް އެތައް މަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކެންޑިޑޭޓެއް ނެރުމާއިމެދު އެއްބަސްވުމަކަށް އާދެވުނީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ބޭފުޅެއް ކަމަށް ކުރިންވެސް ހީކުރެވުނު ގޮތަށް ޕާޓީތަކުން އެއްބަސްވެ، ނައިބު ރައީސްކަމަށް ގެންނާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއްކަމަށް އެއްބަސްވިއެވެ. ޖެހިގެން އައި 30 ވަނަ ދުވަހު އއ. އުކުޅަހުގައި އޮތް އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރިޔާސީ ޓިކެޓް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ހަވާލުކުރިއެވެ. ވަގުތުން ޕާޓީތަކުން އެކަން އެންޑޯޒް ވެސް ކުރިއެވެ. ޕާޓީތަކުގެ ނިންމުން އިއުލާންކުރިތާ 24 ގަޑިއިރު ނުވަނީސް އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް އެމްޑީޕީއިން ދެއްކިއެވެ. 

އެހެންނަމަވެސް އެމްޑީޕީއިން ކެންޑިޑޭޓެއް ނުދައްކައިގެން ޖޭޕީއިން އުޅުނުއިރު، ކެންޑިޑޭޓެއް ދެއްކުމުން އެޕާޓީ ފެންނަނީ ފަހަތު ފަޔަށް ބުރަވެފައިވާތަނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހާމަކުރުމާއި ގުޅިގެން ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ ގިނަ ވެގެން ދެތިން ދުވަހެއްގެ ތެރޭގައި ޖޭޕީއިން ނެރޭ ރަނިންގމޭޓް އެނގި، ކެމްޕޭން ފެށިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް މިމަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް މަޑުކުރަން ޖެހޭނެ ކަމަށް އެޕާޓީއިން އެންގުމުން މިހާރު ޤައުމު އޮތް ޙާލަތުގެ ސީރިއަސްކަމާއި، އިންތިޚާބަށް ކުރިމަތިލުމުގެ ސީރިއަސްކަން އެޕާޓީއަށް އެނގޭކަމާއިމެދު ބައެއް ސިޔާސީ ބޭފުޅުން ސުވާލު އުފައްދަވައެވެ. 

މިއަދު މިއީ އަދި ޖުލައި 4 ވަނަ ދުވަހެވެ. 10 ވަނަ ދުވަސް އަންނަން އަދި ލައްކަ ދުވަސް އެބައޮތެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު 6 ދުވަހަކީ ލައްކަ ދުވަހެވެ. ރަނިންގމޭޓެއްގެ މައްސަލަ އަވަސް ގޮތަކަށް ޖޭޕީއިން ނިންމަން އެބަޖެހެއެވެ. މިމައްސަލައަކީ އެޕާޓީގެ ހުރިހާ މެމްބަރުންގެ މަޝްވަރާ ހޯދައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. މިއީ ކައުންސިލުން އެއް ބައްދަލުވުމުން ނިންމަވާލެވޭނެ މައްސަލައެކެވެ. މިހުރިހާ ދުވަހުގެ މަޝްވަރާތަކުން ގުޅިފައިވާ ޕާޓީތަކުން އެއްބަސްވާނީ ކޮން ކަހަލަ ބޭފުޅެއްގެ ނަންފުޅު ހުށަހަޅައިގެންތޯ ޖޭޕީގެ ލީޑަރޝިޕަށް އެނގިވަޑައިގަންނަވާނެއެވެ. 

ޖޭޕީއިން އެކި ބޭފުޅުންގެ ނަންތައް ކިޔައި އުޅެއެވެ. އެޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުންގެ ނަންތައް ތަންކޮޅެއް އަޑު ހަރުކޮށް އިވެއެވެ. ޚާއްސަކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ފާހަގަކޮށްލެވެއެވެ. އަލީ ހުސައިންއާއި ފައިސަލް ނަސީމަކީ މަޖިލީހުގައި ގުޅިފައިވާ ޕާޓީތަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ 2 ބޭފޫޅުންނެވެ. އަދި ޑރ. މައުސޫމަކީވެސް އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ފެންނަ ބޭފުޅެކެވެ. 

އެހެންނަނަވެސް ޤާސިމްގެ ވާހަކަފުޅު ހުރި ގޮތުންނާއި އެމަނިކުފާނުގެ އަރިހުގައި ޖަރުމަންވިލާތުގައި އުޅުއްވާ ބޭފުޅުންގެ ވާހަކަފުޅުން ބޮޑަށް ފެންނަނީ ޤާސިމްގެ އަނބިިކަނބަލުން އައިޝަތު ނަހުލާއަށް ޤާސިމް ތާޢީދުކުރައްވާތަނެވެ. ޖޭޕީގެ އިސް ބައެއް ބޭފުޅުންނާއި ވާހަކަ ދައްކާލުމުންވެސް ޤާސިމް ތާޢީދުކުރައްވަނީ އަނބިކަނބަލުންނަށް ރަނިންގމޭޓްކަން ދޭންކަން އެނގެއެވެ. 

އައިޝާގެ ނަންވެސް، އެހެން މީހެއްގެ ނަންވެސް ހުށަހެޅުމަކީ މައްސަލައެއް ނޫނެވެ. ކުރަންވީ ކަމަކީ އެކަން އަވަސްކުރުމެވެ. 10 ވަނަ ދުވަހާއި ދެމެދު މިއޮތް ދުވަސްތަކުގައިވެސް ފޯރިގަދަ ކެމްޕޭނެއް ކުރެވެން އޮތީ ރަނިންގމޭޓް އަވަސްކޮށްގެންނެވެ. ސިޔާސީ ބޮޑު ކުޅިވަރަކަށް ނުވަތަ އެތެރޭގެ ބޮޑު ހަނގުރާމައަކަށް މިކަން ނަހަދައި، މިކަން އަވަސްކުރަން ޖެހެއެވެ. ރަނިންގމޭޓް ނެރުން އަވަސްކުރަން ޖެހޭ އަނެއް ސަބަބަކީ ޖޭޕީއިން ހުށަހަޅާ ބޭފުޅާއަކީ ގުޅިފައިވާ ޕާޓީތަކުން އެންޑޯޒް ކުރާ ބޭފުޅަކަށް ވާން ޖެހޭތީއެވެ. އައިޝާ އަދި އެނޫން ބޭފުޅަކު ދެއްކިޔަސް، އެބޭފުޅަކަށް ޕާޓީތަކުގެ އެންޑޯޒްމަންޓް ނުލިބިއްޖެނަމަ، އެހެން ބޭފުޅެއްގެ ނަންފުޅު ހުށަހަޅަން އަނެއްކާވެސް ޖޭޕީއަށް ވަގުތުކޮޅެއް ބޭނުންވާނެތީއެވެ.

މިފަހަރު އަނބިކަނބަލުން އައިޝާގެ ނަން ހުށަހެޅުމަށް ޤާސިމް ބޭނުންފުޅުވިއިރު، ޤާސިމް އަކީ މީގެ ކުރިން ސިޔާސީ ދާއިރާގެ ތަޖުރިބާހުރި އަދި ޕީއެޗްޑީއެއް އޮތް ބޭފުޅެއް ނޫނިއްޔާ ރަނިންގމޭޓަކަށް ނެންގެވި ބޭފުޅެކެވެ. 2008 ވަނަ އަހަރު ޑރ. އަހުމަދު އަލީ ސަވާދު އަދި 2013 ވަނަ އަހަރު ޑރ. ހަސަން ސަޢީދާއިއެކު ޤާސިމް އިންތިޚާބަށް ނިކުމެވަޑައިގެންނެވިއިރު، އެހެން ބޭފުޅުންވެސް ރަނިންގމޭޓުންނަށް ހޮވަނީ ސިޔާސީ ދާއިރާގެ ތަޖުރިބާކާރުންނެވެ. ރައީސް ނަޝީދު 2008 ވަނަ އަހަރު ޑރ. ހަސަން ސަޢީދުއާއެކު ނިކުމެވަޑައިގެންނެވިއިރު 2013 ވަނަ އަހަރު ނިކުމެވަޑައިގަތީ ޑރ. މުސްތަފާ ލުތުފީއާއިއެކުގައެވެ. ރައީސް ޔާމީންވެސް 2013 ވަނަ އަހަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއިއެކު ނިކުމެވަޑައިގެންނެވިއިރު، މިއަހަރު ޖޭޕީއިން އެކަނި ނިކުންނަން ޖެހިއްޖެނަމަ ޤާސިމް ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވައި، ރަނިންގމޭޓަކަށް ނެރުއްވަން ވެސް ނިންމެވީ ޑރ. ޖަމީލެވެ. އެހެންނަމަވެސް އިބޫގެ ރަނިންގމޭޓަކަށް މީގެ 2 ހަފްތާކުރިން ސިޔާސީ މައިދާނުން ފެނުނު އަދި ސިޔާސީ ދާއިރާގެ މާބޮޑު ތަޖުރިބާއެއް ނެތް ބޭފުޅެއް ނަގަން ޤާސިމް ބޭނުންފުޅުވަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. 

ސިޔާސީ ގޮތުން ޤައުމު މިއޮތް ޙާލަތުގައި އޮއްވައި ޖޭޕީއިން ނެރުއްވާ ކެންޑިޑޭޓަކީ އިބޫއާއިއެކު އެއް ސަފެއްގައި ފައި ހަމަކޮށްލެވޭ ބޭފުޅަކަށްވާން ޖެހެއެވެ. ޖޭޕީގެ މަޤްޞަދަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުން ކަމަށްވާނަމަ، ޖޭޕީގައިވެސް އަދި ޖޭޕީއާއިއެކު މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި އެކަމަށް ޤާބިލް އަންހެން ބޭފުޅުން އެބަތިއްބެވިއެވެ.

މިވަގުތަށް މައްސަލައަކީ ރަނިންގމޭޓެއް ދެއްކުން ލަސްވުމެވެ. އެކަން އަވަސްކުރަން ޖެހެއެވެ. ކެމްޕޭން ފަށަން ޖެހެއެވެ. ކެމްޕޭން އަވަސްކުރަން ޖެހެއެވެ. ޖުލައި 15 އާއި 25 އާއި ދެމެދު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު، އެންމެ ފަހު ދުވަހަށް މަޑުނުކޮށް ޖޭޕީއިން އެކަން އަވަސްކުރަން ޖެހެއެވެ. މިކަން ލަސްކުރަން ހަދައިގެން އެކަމުގެ ފައިދާ ސަރުކާރުން ނަގާނެއެވެ. މާވެވަށް ވެއްޓުނު ގެރިވެސް ނަގާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް އޭތި މަރުވި ޚަަބަރު އާންމުވެގެން ދިޔަ ގޮތަށް ރަނިންގ މޭޓް ހޯދަން މޮޅުގޮތް ކިޔަން ތިއްބާ މިޔޮށް ސުންގަނޑި ހަމަވަނީއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް