19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މަގޭ ރިޕޯޓް

އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

  • އެމްޑީޕީން ބޭނުން ކުރި ބަސްތަކަށް ޕީޕީއެމުން ހަޖޫ ޖެހި
  • މިހާރު އެންމެން ބޭނުންކުރަނީ އެމްޑީޕީގެ "ސިޔާސީ ބަސްކޮށާރު"
  • އެމްޑީޕީން ގެންގުޅޭ ސިޔާސަތު އެހެން ޕާޓީތަކާ ތަފާތު
ނާޒުމީ ސައީދު | NaazmeeS

| 2 ޖުލައި 2018 | ހޯމަ 13:25 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި އެމްޑީޕީން ކުރިއަށްގެންދި ހަރަކާތުގެ ތެރެއިން -- ފޭސްބުކް

އިންތިޚާބު ބޯމަތިވެގެން އަންނައިރު އެންމެ ފޯރިއާއި އެކު ފެނިގެންދާ އެއްކަމަކީ ރައްޔިތުންގެ ގާތަށް ދޮރުން ދޮރަށް ހިނގާ ހިގުމެވެ. އިންތިޚާބު ވުމަށްފަހު ފަސް އަހަރު ނިމެންދެން ރައްޔިތުންނަކީ ތިބި ބައެއްކަން ވެސް ސަރުކާރުން ހަނދާން ހުންނަކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރެއިން ގެންދާ ފޯރި ގަދަ ކެމްޕެއިންތަކުގެ މައިގަނޑު އެއްޗަކީ ރައްޔިތުންގެ ވިންދު އެނގެނީ ކިހާ މިންވަރަކަށްތޯ ބެލުމެވެ. ގޭގެއަށް ދިއުމުން ރަތް މަހަށް ނުގޮވާ އެއްޗިހި ގޮވަމުން އައި ބަޔަކު ލަދުގަންނުވާލާފައި ފޮނުވާލާތަން ވެސް ފެނެއެވެ. މިކަން ފެނިގެން ދަނީ އެއްވެސް މުއައްސަސާއެއްގެ އުނދަގުލެއް ދައްޗެއް ނެތި ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުންނެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުން ގެންގުޅޭ ވިސްނުމާއި ފިކުރާއި ކަންކުރާ ވައްޓަފާޅިވެސް ތަފާތެވެ. ރާއްޖޭގެ ގިނަ ބަޔަކު އެ ޕާޓީއަކަށް ތާއިދުކުރާ އެމްޑީޕީގެ ވިސްނުމާއި، ގެންގުޅޭ ސިޔާސަތު އެހެން ޕާޓީތަކާއި ތަފާތުވަނީ ރައްޔިތުންނާއި އޮންނަ ގުޅުން ރަނގަޅުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިއަދު ޕީޕީއެމުން އެމްޑީޕީގެ ސްޓައިލް ވަރަށް ބޮޑަށް ނަކަލު ކޮށްފިއެވެ.  

ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރާއްޖެއެމްވީ

2013 ވަނަ އަހަރު އެމްޑީޕީން ކެމްޕެއިން ތަކުގައި ބޭނުން ކުރި ބައެއް ބަސްތަކަކީ އޭރު ޕީޕީއެމުން ހަޖޫ ޖެހި ނަންތަކަށް ވެގެން ދިއައެވެ. އެމްޑީޕީން ބޭނުން ކުރި "އެއްބުރުން" "އެއްލަކިން" "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" "ދޮރުން ދޮރަށް" ފަދަ ބަސްތަކާ ނުވަތަ ޖުމްލަތަކަކީ މާ ކަމުދާ ބަސްތަކަކަށް ނުވިއެވެ. ނަމަވެސް އެއްކަލަ އެމްޑީޕީގެ ސިޔާސަތުތަކާއި ބަސްތައް މިއަދު ބަޔަކަށް ކަމުގޮސްފިއެވެ. ދެ އިރު ކާ ބޭސްގުޅައެއް ހެން އެބަސްތައް އަޑު އިވެން ފަށައިފިއެވެ. ރައްޔިތުންގެ ހާލު އެގެން ފަށައިފިއެވެ. ރައްޔިތުން ތިބީ ނުކައި ކަމާއި ވަންނާނެ ގެދޮރެއް އޮށޯންނާނެ ތަން މައްޗެއް ފާޚާނަ ކުރާނެ ތައްޓެއް ނެތްކަން ސަރުކާރަށް އެނގިއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން އެތައް ފަހަރަކު އާދޭސް ދަންނަވާ ފޮނުވި ސިޓީއަށް ޖަވާބެއް ދިނުމެއް ނެތި ހުރިހާ ބާރުތަކެއް ހަނިކޮށް ހަމައެކަނި ހިނަވާ މީހުންގެ ކަންކަން ބަލެހެއްޓުމުގެ ބާރު ދިނުމަށްފަހު ދެން ޓްވީޓް މިކުރައްވަނީ އިހުމާލުގެ ވާހަކައެވެ. އަޖައިބު ހައިރާނެއް ނުވާނެތޯއެވެ. ލިބޭ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ކުރެވޭނެ މަގެއް ނުދައްކާ ދެން މިދައްކަނީ ކޮން ހޮޅި ވާހަކައެއްތޯއެވެ. ދިވެހިން މިއަދު ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެއެވެ. ކޮންމެ އަކަސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓްގެ ބަހުސް ނިމި ހަމަ ޖެހިލައިފިއެވެ. ދެން އޮތީ 2013 ވަނަ އަހަރު އެމްޑީޕީން ގެނައި ފޯރީގައި ކެމްޕެއިން ކުރުމެވެ. އެމްޑީޕީ އަށާއި އިދިކޮޅު ޕާޓީއަކަށް އޮތް ތާއީދު ދައްކާލުމެވެ. ކާނިވާ ސަރަހައްދު ފުރާލުމެވެ. މާލޭ އާއި ރަށް ރަށުގެ މަގުތަށް ފުރާލުމެވެ. ސަރުކާރުން މި ފުރުސަތު އިދިކޮޅު ޕާޓީތަކަށް ދޭނެތޯވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. ސަރުކާރުގެ އުނދަގުލެއް ނެތި މިނިވަންކަމާއެކު އިނދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ ޖާގަ ލިބި ދާނެތޯއެވެ. ފަހަރުގަ ކުރިން ތަޖްރިބާކުރި ކަންތައްތައް އެއްފަރާތްކޮށް އެ ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި އިބޫ މެންބަރަކާ ސަލާމްކުރައްވަނީ - ފޮޓޯ: ރާއްޖެއެމްވީ 

ރައީސް ނަޝީދަށް އޮތް ތާއީދު

2005 ވަނަ އަހަރު އެމްޑީޕީ ރަޖިސްޓްރީވުމާއި އެކު، ސަރުކާރުތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ގ. ކެނެރީގެ މުހައްމަދު ނަޝީދު ވެގެން ދިއައެވެ. ގިނަ ބަޔަކަށް އޭރު ރައީސް ނަޝީދަކީ ކޮން ބޭފުޅެއް ކަމެއް ނޭނގުނު ނަމަވެސް ސިޔާސީ މައިދާނަށް ރަސްމީކޮށް ގިނަ ބަޔަކަށް ތައާރަފްވެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފުރިހަމަ ކާމިޔާބީއެއް ހޯދާ ގިނަ ބައެއްގެ ހިތްތަކުން އެމަނިކުފާނު ޖާގަ ހޯއްދެވިއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ސަޕޯޓަރުން އެއާޕޯޓްގައި - ފޮޓޯ: ރާއްޖެއެމްވީ

ކުއްލިއަކަށް އުފަންވި ރިޔާސީ ކެނޑިޑޭޓްއަކަށް ބަލާއިރު އެތައް ބައެއްގެ ގޮންޖެހުމާއެކުވެސް އެމަނިފާނަށް ލިބުނު ވޯޓާ ތާއީދަކީ ނިސްބަތުން ބޮޑު ތާއިދެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެއެވެ. މުހައްމަދު ނަޝީދަށް ފަނޑުވުމެއް ނެތި ރައްޔިތުންގެ ލޯތްބާއި ތާއިދު އެމަނިކުފާނަށް އޮހިގަތީ މަދެއް ކޮށެއް ނޫނެއެވެ. ރައްޔިތުންނަކީ ވެސް ތިބޭ ބައެއް ކަމާއި، އެ ރައްޔިތުންގެ ހާލަތާއި ވިންދު ބެލުން އެއީ އެމަނިކުފާނާއި އެޕާޓީގެ ކަށީގައި ހިފާފައިވާ ކަމެކެވެ.

އެމްޑީޕީން ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރެއްގައި ރައީސް ނަޝީދު ރަށަކަށް ފައިބައިވަޑައިގަންނަވަނީ - ފޮޓޯ: ރާއްޖެއެމްވީ

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަދަލުވުމާއި ގުޅިގެން އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް މުޅި ރާއްޖޭގެ ރައްޔިތުންނާއި ބައްދަލުކޮށް ހިތާ ހިތުގެ ގުޅުމެއް އުފެއްދިއެވެ. އެ ދަތުރުގެ 44 ރަށަކަށް ރައީސް ނަޝީދާއެކު ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްލުމުގެ ފުރުސަތު އަޅުގަނޑަށްވެސް ލިބުނެއެވެ. އެ ދަތުރުގައި އެ މަންޒަރު އަމިއްލައަށް ތަޖްރިބާ ކުރެވުނެއެވެ. އެ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އޮހުނު ތާއިދާއާއި ބައެއް ރަށްރަށުން އެމަނިކުފާނުގެ އަތްޕުޅަށް ބޮސްދިން މަންޒަރުވެސް ފެނިގެން ދިއައެވެ.

2012 ވަނަ އަހަރު އެމްޑީޕީން ކުރި ވައުދުގެ ދަތުރުގައި ށ. ޅައިމަގުގައި - ފޮޓޯ: ޖާވިދު ނަސީމު

ދެ ފިކުރުގެ ތަފާތަކުން އަންނަ ހިތްހަމަ ނުޖެހުމާއި ކުރިމަތިލުމުގައި ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ބަސްފުޅެއް އޮވެއެވެ. "އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެއްވެސް ބަޔަކާ ރުޅިވެރިކަމެއް ބާއްވާކަށް ނޭދެން، އަދި އެގޮތަކަށް މަސައްކަތެއްވެސް ނުކުރާނަން" މިހެންނެވެ. މިއީ އެ ދަތުރުގައި އެންމެ ގިނައިން އަޑު އިވުނު އެއް ވާހަކަފުޅެކެވެ. މި ކަމުންވެސް ދޭހަކޮށްދެނީ ޑިމޮކްރަސީ ދަމަހައްޓަން އެމަނިކުފާނު ބޭނުންފުޅުވާ މިންވަރުކަމަށް ގިނަ މީހުން ފާހަގަކުރިއެވެ. އެ ދަތުރުގައި އެންމެ ހިތްގައިމު ވާހަކައެއް ރައީސް ނަޝީދު ވިދާޅުވީ ށ. ނަރުދޫގެ ދަނޑުވެރިއަކާ އެކު ދިޔަ ވާހަކަތަކެއްގައެވެ. ރައީސް ނަޝީދަށް އެ ދަނޑުވެރިޔާގެ އޮތް ލޯބި ހާމަކޮށް ބުނި ބަހަކަށް ރައީސް ނަޝީދު ދެއްވި ޖަވާބަކީ ފަހުގެ ތާރީޚުގައި ވެރިއަކު ދޭނެ އެންމެ އަސަރުކުރުވަނި ބަސްފުޅު ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވި ދުވަހަކީ ވަރަށް ހިތާމަކުރެއްވި ދުވަހެއްކަމަށް ބުނި ބުނުމަށް ރައީސް ނަޝީދު ދެއްވި ޖަވާބަކީ " މީހުންގެ ގަޔަށް ބަޑިޖަހައިގެން ދެނެއްވެސް އަބްދުއްރަހުމާން އަހަންނެއް ނުހުންނާނަން ތިޔަ ކަމަކު " މިހެންނެވެ. އެމަނިކުފާނަށް އޮތް ތާއީދާ ލޯތްބަކީ ވަކި ފަރުދަކަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ތާއީދެވެ.

2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ 

ވޭތުވެ ދިއަ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އާއްމު މެންބަރުން ވަރަށް ހިތްވަރު ކޮށްފިއެވެ. އެމީހުން އެންމެ ލޯބިވާ ރައީސަށްޓަކައި އެތައް ގުރުބާނީތަކެއް ވެއްޖެއެވެ. ބޭއިންސާފުން ކުރެވުނު ޝަރީއަތަކުން ރައީސް ނަޝީދު ޖަލަށް ލެއްވުމާއި އެޕާޓީއަށް ދިމާވި ހިތް ދަތި ކަންތައްތަކުން އަރައިގަތުމަށެވެ. ހުއްޓުމެއް ނެތި ސިލްސިލާ އެތައް މުޒާހަރާތަކެއް ކޮށް ބައިނަލް އަގުވާމީ މަސްރަހާ ދިމާލަށް އެ އަޑު އިއްވައިދީފިއެވެ.  2018 ވަނަ އަހަރު ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ބޭއްވުމަށްޓަކައި ކުރި އުއްމީދު ގެއްލުނު ނަމަވެސް، މިއަދު އެ ޕާޓީގެ މެމްބަރުންގެ ހިތަށް ފިނި ކަމެއް ލިބިގެން ދިއައީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓެއްގެ ބަހުސް ނިމި އެމްޑީޕީގައި މިވަގުތު ހުންނެވި އެންމެ އިތުބާރުކުރެވޭ އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓް ދިނުމާއި ހިސާބުންނެވެ. ސަރުކާރުގެ ފިއްތުންތަކާއި އުދަގުލާއި ވޭނުން އެތައް މެމްބަރުންނެއް ވޯޓު ދީގެން އެމްޑީޕީން ދީފައިވާ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެވި ހިސާބަކީ އާއްމު މެންބަރުންގެ ހިތައް މާޔޫސް ކަމެއް ގެނުވި ކަމަކަށްވީ ނަމަވެސް، އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ ފަހުން އެކަމުގެ ފޮނި މީރުކަން ދިވެހިންނަށް ލިބިގެންދާނެ އެވެ. އެމަނިކުފާނުގެ އެ ޖުމްލައިން އެކަނިވެސް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން 2015 ވަނަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ 

އެމްޑީޕީގެ މެމްބަރުންގެ މިއަދު ގެ އުއްމީދަކީ އިބޫ އާއި އެކު ނުކުމެ ރައީސް ޔާމީން ވޯޓުން ބަލިކުރެއްވުމެވެ. އިބޫ ވިދާޅުވާ ގޮތުގައި އެމަނިކުފާނު ހުންނަވާނީ މީހުންގެ މީހެއްގެ ގޮތުގައި އެވެ. ދުވަހަކުވެސް މީހެއްގެ އަޅަކަށް ވެގެނެއް ނޫނެއެވެ. ކަރުނަ އަޅާ ރުއި އެތައްބައެއްގެ މުސްތަގުބަލާ ކުރިމަގު މިއަދު ގުޅިފައިވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވިސްނުމާއެވެ. އެ ޕާޓީތަކުން ނަގާ ކޮންމެ ފިޔަވަޅަކީ މިއަދު މުހިއްމު ފިޔަވަޅަކަށް ވެގެން ނޫނީ ދިވެހިން ބޭނުންވާ މަންޒިލަށް މިއަދު ދެވޭކަށް ނެތެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް