17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މަގޭ ރިޕޯޓް

އަދުލްއިންސާފު ނެތި ގައުމު ފާލުން ނެއްޓުން!

  • މަޖިލިސް އޮތީ ބަޔަކު ހިސޯރުކޮށްފައި
  • ޝަރުއީ ކޯޓުތަކުން އިންސާފެއް ނުލިބޭ
  • އަހަރެއް ވެގެންދިޔައިރު ވެސް ރައްޔިތުން އިންތިހާބުކުރި މެމްބަރުން މަގުމަތިވެފައި
މުހައްމަދު ފަޒީން | phaxyn

| 29 ޖޫން 2018 | ހުކުރު 20:29 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އަލަށް އައްޔަންކުރެއްވި އުއްތަމަ ފަނޑިޔާރު ޑރ. ދީދީ: އުއްތަމަ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ -- ރައީސް އޮފީސް

ދިވެހިރައްޔިތުން އެންމެ އަޑަށް ބާރުލާފައި އަދި ފަހުރުވެރިވެލާފައި ބުނާ އެއް ވާހަކައަކީ ދިވެރިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށް ބުނާ ވާހަކައެވެ. ރަނގަޅެވެ. ގާނޫނުއަސާސީގައި ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމެއް ކަމުގައި ވާން ވާނެ ކަމަށް ބުނެއެވެ. އަދި ރާއްޖޭގައި ރައްޔިތުކަން މުސްލިމަކަށް ނޫނީ ނުވެވޭނެއެވެ. އެހެންކަމުން ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ބުނެވިދާނެތާއެވެ.

ދުނިޔޭގެ ސައްތައިން ސައްތަ މުސްލުމް ގައުމުތައް ވަރަށް މަދެވެ. އެ ފަހުރު ރާއްޖޭގައި އޮތެއް ކަމަކު، މުސްލިމު ގައުމުތަކުން ފެންނަންޖެހޭ ކަންކަން ވަރަށް މަދު ކަމެއް ނޫނީ ރާއްޖެއިން ނުފެނެއެވެ. 

އަދުލްއިންސާފު ގާއިމު ކުރުމަކީ އިސްލާމު ދީނުގެ އެންމެ މުހިއްމު އެއް އަސާސެވެ. އިސްލާމީ ގައުމުތަކުގައި ހާއްސަކޮށް އެކަން ފެންނަން ޖެހެއެވެ. އަދުލްއިންސަފު ނެތް ގައުމުތަކާއި މުޖުތަމައުތައް ވިއްސިވިހާލިވެގެން ނެތި ގޮސްފައިވާކަމީ އިސްލާމީ ތާރީހުގެ ތެރެއިން ބެލާލިޔަސް ފެންނަން އޮތް ހަގީގަތެކެވެ.

ރާއްޖޭގައި އަދުލްއިންސާފު ގާއިމު ވެގެންދާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް ތިއްބާ، އެތައް ޖީލުތަކެއް ނެތި ހިނގައްޖެއެވެ. މިއަދުވެސް ދިވެހި ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެކެއްޗަކީ އަދުލްއިންސާފެވެ. އަދުލްއިންސާފުގެ ދާއިރާ ރަނގަޅު ކުރުމަށް ގާނޫނުއަސާސީއަކާއި ގާނޫނުތަކެއް ހެދިއެއް ކަމަކު އެކަން ހަމަ އެއްގޮތަކަށް ވެސް ނުފެނެއެވެ. އަދުލްއިންސާފުގެ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ރައްޔިތުންގެ ޖީބުން ކުރާއިރު ވެސް އިންސާފު ނުލިބޭ ކަމުގެ ޝަކުވާތަކަށް ހުއްޓުމެއް ނާދެއެވެ. ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރަ އާއި އިނާޔާތްތައް ކަނޑައެޅިއިރު، އެމީހުން އެހެން މީހެއްގެ އެހީތެރިކަމަށް އެދެން ޖެހިދާނެ ކަމަށް ބަލައި، އަދި އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ނޫފުޒު ފަނޑިޔާރުންނަށް އަންނާނެތީ، ފަނޑިޔާރުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ނިސްބަތުން ވަރަށް ބޮޑު މުސާރަ އާއި އިނާޔަތްތަކެވެ.  

ނަމަވެސް އަދުލްވެރިކަމާ އެކު ކޯޓުތަކުން ކަންކަން ނުނިންމަނީ ކޮން ސަބަބަކާހުރެތޯއެވެ؟ ސަރުކާރާއި މުއްސަނދި ވިޔަފާރިވެރިންގެ ނުފޫޒު ކޯޓުތަކަށާއި ފަނޑިޔާރުންނަށް ފޯރުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.

އަދުލްއިންސާފު ނެތުމުން އެންމެބޮޑަށް ގެއްލުން ލިބެނީ ނިކަމެތި ރައްޔިތުންނަށެވެ. މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް އަދުލްވެރިކަމާ އެކު އިންސާފު ގާއިމު ނުކުރުމުގެ މައްސަލައެވެ. އެމައްސަލަ އެގޮތަށް އޮތްއިރު، ކޯޓުތަކުން ކުރާ އަމުރުތައް ތަންފީޒީ އިދާރާތަކުން ތަންފީޒު ކުރުމަށް ދެކޮޅު ހަދާ މަންޒަރު ފެނުމަކީ އަދުލްއިންސާފުގެ ދާއިރާ ވަރަށް ބޮޑަށް ނިކަމެތި ވެފައިވާކަމުގެ ހެއްކެކެވެ.

ސަރުކާރަކީ ކޮރަޕްޝަނާއި ފަދާސާދައިން ފުރި ރައްޔިތުންގެ ބައިތުލްމާލުން ހިޔާނާތްތެރިވާ ސަރުކާރެއް ނަމަ ސަރުކާރުން އެންމެ ބޮޑަށް ނުފޫޒު ފޯރުވާނެ ދެ ތަނަކީ ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ކޯޓުތަކެވެ. އެކަން މިރާއްޖެއިން މިދަނީ އެ މަންޒަރު ފެންނަމުންނެވެ.

ރައްޔިތުންގެ މެދުގައި ނެގުނު ވޯޓަކުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހަށް ވަނަ ނުދީ އެއީ މެމްބަރުން ނޫން ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ބުނަމުންދާއިރު، އެމައްސަލައަށް ހައްލެއް ގެނެވެން އޮތްތަނަކީ ސުޕްރީމް ކޯޓެވެ. ނަމަވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ސުޕްރީމް ކޯޓުން ސާފު ނިންމުމެއް ނިންމާފައި ނުވުމަކީ ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއްގެ މީހުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުން ތިއްބަވާއިރު، ސަރުކާރަށް ނިސްބަތްވާ 36 މެމްބަރުންނަށް ރާއްޖޭގެ ކަންކަމަށް ގޮތްކިޔާ ކަންކަން ނިންމުމަކީ ޑިމޮކްރެސީ އާއި އިސްލާމީ އުސޫލްތަކާއި ވެސް ހިލާފު ކަމެކެވެ. މީގެ އެންމެ އާދަޔާ ހިލާފުކަމީ ސުޕްރީމް ކޯޓުން އެކަން ބަލައިގަންނާތީއެވެ. ސަރުކާރުން ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް ކުރަން ބޭނުންވެއްޖެ ނަމަ ދައުލަތުގެ އެކި މުއައްސަސާތައް މެދުވެރިކޮށް ނިންމާލައެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަކީ ހަމަ ދެލިގަނޑެކެވެ.   

ގާނޫނު ތަންފީޒުކުރާ ފުލުހުންގެ އަމަލުތައް ހުންނަނީ ވެސް ވަކި ބަޔަކަށް އަމާޒު ހިފާފައެވެ. ސަރުކާރާ ދެކޮޅު ބައެއް ނަމަ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ބުނެއެވެ. ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނެއެވެ. އެކަމަކު އަމިއްލަ އެކައުންޓަށް ރައްޔިތުންގެ ފައިސާ މިލިއަނުން އަޅާ، އަމިއްލަ ގެއަށް ރައްޔިތުންގެ ފައިސާ ވެއްދިކަން އަމިއްލަފުޅަށް އިއުތިރާފުވެ، ގާނޫނާއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވެރިކަމުގެ ފަރާތުން ކުރުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މައްސަލައެއް ކަމަކަށް ނުވެއެވެ.

ދުނިޔޭގެ ކާފަރު އަދި ބޮޑެތި ޔަހޫދީ ދައުލަތްތަކުގެ ވެރިންނާއި އެމީސްމީހުންގެ އަނބިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ތަހުގީގުތައް ހިންގާ، ދައުވާތައް ކުރާއިރު، ސައްތައިން ސައްތައޭ މިކިޔާ މުސްލިމު ގައުމުގެ ވެރިޔާ އަމިއްލަފުޅަށްވެފައިވާ އިއުތިރާފުގެ މައްޗަށް ކޮށްލާނެ ތަހުގީގެއް، ކޮށްލާނެ ދައުވާއެއް ހަމަ އެއްގޮތަކަށްވެސް މިގާނޫނުއަސާސީންނާއި ގާނޫނުތަކުގައި ނެތީތޯ އެވެ.

ސިޔާސީ މީހެއްގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާއެއް ކޮށްފި ނަމަ އެމީހެއްގެ މައްޗަށް އެދައުވާ ސާބިތު ވާނެހާ ހުރިހާ ގޮތަކަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަންކަން ކުރެއެވެ. އިންޓަލިޖެންސް ރިޕޯޓްތަކާއި ސިއްރު ބަޔާންތަކާއި ސިއްރު ހެކި ދައުލަތުން ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އެއީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް