19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އާއި އެމެރިކާ އިން ސުލްހަވީބާ؟

  • ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުމަށް ފަހު ކަންކަން ދަނީ އޮމާންކޮށް
  • ދެގައުމުން ވެސް ދަނީ ޑިޕްލޮމަސީ ކުރިއަށް ނެރެ މަސައްކަތްކުރަމުން
  • އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަދި ލުޔެއް ނުލިބޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 19 ޖޫން 2018 | އަންގާރަ 19:05 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރައީސް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮން އުން -- އޭއެފްޕީ

އިންތިހާއަށް "އަލިފާނުގެ ބަސްތައް" ބަދަލުކުރަމުންދާ ދެގައުމުން ސުލްހަވެއްޖެތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. މި ދައްކަނީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވާހަކައެވެ. އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާތީ އާއި މިސައިލްތައް ޓެސްޓްތައް ކުރަމުންދާތީ ކަމަށްވާއިރު، ޑިޕްލޮމަސީ ކުރިއަށް ނެެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ޖޫން 12 ވަނަ ދުވަހު ހާއްސަ ބައްދަލުވުމެއް ބޭއްވި ފަހުން އަދި ކަންކަން ދަނީ ރަނގަޅަށް ކަމަށް ބުނެވެން އެބައޮތެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުން ކަމަށްވާއިރު، އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ. ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ. 

ދެން ބަލާލާނީ ބައްދަލުވުމުގެ ފަހުން އެމެރިކާ އާއި އުތުރު ކޮރެއާގެ ބަސްމަގު ހުރީ ކިހިނެއްތޯއެވެ. ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއާ ބިރެއް ނެތް" ކަމަށެވެ. 

ދެން ބަލާލާނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވި ބަސްފުޅަކަށެވެ. އޭނާ ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅޭހާ ހިނދަކު އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެ ކަމަށެވެ. މާނައަކީ އުތުރު ކޮރެއާ އިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ބޭނުން ނަމަ ޖެހޭނީ ނިއުކްލިއާ ހަތިޔާރުން އެގައުމު އެކީ ސަލާމަތްވާންށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވިއިރު އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ބުނެފައި ވަނީ "އެމެރިކާ އާ މަޝްވަރާތައް ކުރެވި ކަންކަން ކުރެވެމުންދާ ވަރަކުން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ އިން ލުއި ދެމުންދާނެ" ކަމަށެވެ. 

ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ގެންގުޅޭ އުސޫލު ވަރަށް ސާފެވެ. އެއީ އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނީ، އުތުރު ކޮރެއާ އިން މުޅިން ނިއުކްލިއާ ހަތިޔާރާ ދުރަށް ދިއުމުންނެވެ. އެމެރިކާގެ ވިސްނުމާ ދެކުނު ކޮރެއާއާ ތާފާތެވެ. ދެކުނު ކޮރެއާއަކީ އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުމަށް އެންމެ ބޮޑަށް މަގުކޮށައިދިން ފަރާތެވެ. ނުވަތަ މެދުވެރިއެއްގެ ރޯލް އަދާކުރި ގައުމެވެ. ދެކުނު ކޮރެއާ އިން ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރުނުކަން ފާހަގަވިއެވެ. ދެކުނު ކޮރެއާ އިން ބުނަމުން ދަނީ އުތުރު ކޮރެއާ އިން "ނިއުކްލިއަރ ހަތިޔާރު ގެންގުޅެ ބޭނުން ކުރުން ހުއްޓާލުމަށް ބިނާކުރަނިވި މަސައްކަތްތަކެއް ކުރާ ނަމަ" އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެ ކަމަށެވެ. 

އުތުރު ކޮރެއާގެ ލީޑަރުގެ ކިބައިން ސަމިޓަށް ފަހު ފެނިގެން ދަނީ މަޑުމައިތިރިކަމެވެ. އަދި ސުލްހައަށް ލޯބި ކުރައްވާތަނެވެ. ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅުން ބަދަހިކުރަން މަސައްކަތްކުރާ މަންޒަރެވެ. އަންގާރަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަނީ ވަޑައިގެންފައެވެ. އުތުރު ކޮރެއާގެ ލީޑަރު ޗައިނާ އަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ޗައިނާގެ ދައުލަތުގެ މީޑިއާ އިން ދެގައުމުގެ ވެރިން ބައްދަލު ކުރައްވާ ދެއްކެވީ ކޮންވާހަކަ ފުޅެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި އަދި ދެކޮރެއާ ސަރަހައްދުގައި ނިއުކްލިއަރ ހަތިޔާރާ ބެހޭ ހުރިހާ ކަންކަމެއް ހުއްޓާލުމާ ބެހޭ ގޮތުން ދެގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ އެވެ. 

ޗައިނާ އަކީ އުތުރު ކޮރެއާ އާއި އިގްތިސާދީ ގޮތުން އެންމެ ގާތް ގައުމު ކަމަށްވާއިރު، ޗައިނާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭނެކަމުގެ އިޝާރާތެއް ކޮށްފައެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށް ކަމަށްވާއިރު، ކިމް އަންގާރަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުުފުޅަކީ މިދިޔަ މާރޗުން ފެށިގެން ކިމް ޗައިނާ އަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު ބޭއްވުނު ހާއްސަ ބައްދަލުވުމަށް ފަހު އުތުރު ކޮރެއާ އަދި އެމެރިކާ އިން ވެސް ފެނިގެން ދަނީ އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާތަނެވެ. ޑިޕްލޮމަސީ ކުރިއަށް ނެރެގެންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް