22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ރާއްޖޭގެ ޚާރިޖީ ސިޔާސަތު

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

  • ލިޔެފައިވާ ޚާރިޖީ ސިޔާސަތާއި އެއްގޮތަށް އަމަލުކުރާ ތަނެއް ނުފެނޭ
  • ވަކި ފަރާތަކަށް ޖެހުމުގެ ސަބަބުން ޤައުމަށް ކުރިމަތިވަނީ ގެއްލުން
  • އެހެން ޤައުމުތަކުން ފިލާވަޅު ލިބިގަނެ، އަމަލުކުރަމުން އަންނަ ސިޔާސަތު އިސްލާހުކުރަން ޖެހޭ
މިއުވާން މުހައްމަދު | Miuvaan

| 14 ޖޫން 2018 | ބުރާސްފަތި 22:21 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ޚާރިޖީ ވަޒީރު މުހައްމަދު އާސިމް (ވ): ފެއިލްވެފައިވާ ވަޒީރެއް ކަމަށް ގިނަ ބަޔަކު ސިފަކުރޭ -- ފޮޓޯ : އަޒުމޫން އަހުމަދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެވެ. އަވަށްޓެރިން އިސްކުރުމެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތެރެއަށް ވަދެނުގަތުމެވެ. މިހާރުވެސް، ލިޔެކިޔުމުން ފެންނަ ގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އެއީއެވެ. އެހެން ނަމަވެސް ކަން ހިނގަނީ އެހެންތޯއެވެ؟

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބުނާ ގޮތުން ޤައުުމުތަކާއިއެކު އޮންނަ ގުޅުންތަކުގެ ޒަރީޢާއިން ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެސިޔާސަތުގެ ލަނޑުދަނޑިއެކެވެ. އެހެންނަމަވެސް މިއަދު އެކަން ހިނގަނީ އެމަގުންތޯއެވެ؟ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަކި ބަޔަކަށް ވިއްކާލައިގެން ސިޔާދަތު ވީތަނެއް މިހާރު ނޭނގެއެވެ. ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވަނީ އިތުރު ބިރުވެރިކަމެވެ. އިންޑިއާ ކަނޑުގެ އެންމެ ސްޓްރެޓީޖިކް ލޮކޭޝަންގައި ރާއްޖެ އޮތް އިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ވަދެ، އެކަމުގައި ވަކިކޮޅެއް ނަގައި، ރާއްޖޭގެ ސަރަހައްދީ އިން  ނުރައްކަލުގެ ތެރެއަށް މިވަނީ ހުށަހެޅިފައެވެ. 

ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުން އެއީ ސަރުކާރުން ކުރަން ޖެހޭކަމެކެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖެ އިޤްތިޞާދީ އަނދަވަޅަކަށް ވައްޓާލާތަނެވެ. ރާއްޖެއަށް ނުދެއްކޭ މިންވަރުން ވަކި ޤައުމަކުން ލޯނު ނަގައިގެން އެޤައުމަށް ރާއްޖެ މިދަނީ އަޅުވެތިވަމުންނެވެ. ރާއްޖެއަށް ލިބޭހާ ފައިސާއެއް ޗައިނާއަށް ދޭން ޖެހޭ ހިސާބަށް ދިޔައީމަ ޚާރިޖީ ސިޔާސަތު އެއޮތީ ވަރަށް ފުރިހަމަވެފައި ނޫންތޯއެވެ؟

ދެކުނު އޭޝިއާ ސަރަހައްދުގެ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ރާއްޖެ މިފެންނަނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ގުޅުންތައް ގޯސްކުރަން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައެވެ. އަމުދުން ރާއްޖެއިން ދެކުނު އޭޝިއާގެ ޤައުމުތަކާއިއެކު އޮންނަ ގުޅުން ދުވަހަކަށް ވުރެ ދުވަހަކަށް މިދަނީ ކުޑަވަމުންނެވެ. ދެކުނު އޭޝިއާގައި އޮތް ބޮޑު ޤައުމަކީ އިންޑިއާއެވެ. އިންޑިއާއައި ރާއްޖޭގެ ގުޅުން މިއިން ޒަމާނަކު ހީނަރުނުވާހާ މިންވަރަށް މިވަނީ ހީނަރުވެފައެވެ. ޕާކިސްތާނާއި އެކު އޮންނަ ގުޅުން ޗައިނާ މެދުވެރިވެގެން ރަނގަޅުކުރުމަށް މަސައްކަތްކުރިނަމަވެސް، ސަރުކާރުގެ ހުދުމުޚުތާރުކަމުން ޕާކިސްތާނުން މާ ގަޔާވާ ޤައުމަކަަށް ރާއްޖެ ނުވެއެވެ. އަފްޣާނިސްތާނާއިއެކު އޮންނަ ގުޅުން އެއޮންނަ ގޮތަކަށް އެބައޮތެވެ. ސްރީލަންކާއާއިއެކު އޮންނަ ގުޅުންވެސް ފެންނަނީ ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދާތަނެވެ. ބަންގްލަދޭޝް އާއިއެކު އޮންނަ ގުޅުންވެސް ރަނގަޅުވާތަނެއް ނުފެނެއެވެ. ނޭޕާލާއި ބޫޓާނާއިއެކު އޮންނަ ގުޅުން ރަނގަޅުކުރަން މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

ބޭރު ޤައުމުތަކުގައި ޤާއިމްކޮށްފައިވާ އެމްބަސީތަކުންވެސް ދިވެހިންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ފެއިލްވެފައިވާ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކުރެވޭތޯ މަސައްކަތްކުރާތަނެވެ.

ޗައިނާއާއި ސަޢޫދީއަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން އެހެން ޤައުމުތަކުގައި ޤާއިމްކޮށްފައިވާ އެމްބަސީތަކަށް ދޭން ޖެހޭ އަހައްމިއްޔަތުކަމެއް ދޭތަނެއް ނުފެނެއެވެ. 

ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައި، ދާދިފަހުން އެވޯޓުން ފެއިލްވުމުން އެއިންވެސް ފެނިގެންދިޔައީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާ މިންވަރެވެ. ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން ސަރުކާރުންވެސް ޤަބޫލުކުރާކަން އެނގެއެވެ. ސަބަބަކީ ޚާރިޖީ ވަޒީރުގެ ބަދަލުގައި ކެމްޕޭންގެ އެންމެ ފަހުގެ ޙަރަކާތްތަކަށް ފިޝަރީޒް މިނިސްޓަރ ޝައިނީ ފޮނުއްވުމެވެ. ރައީސް ޔާމީނަށް އެމަނިކުފާނުގެ ޚާރިޖީ ވަޒީރަށް އިތުބާރު ނެތްކަން އެއިންވެސް ފެނިއްޖެއެވެ. 

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނުލިބުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫނެވެ. ހިތާމަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ނަން ބޭރު ދުނިޔޭގެ ކުރިމަތީގައި ކިލަނބުވެފައިވާ މިންވަރެވެ. އެހެންނަމަވެސް، ފިލާވަޅު ލިިބިގަންނަން ޖެހޭ އެއްކަމެއް އެބައޮތެވެ. އެއީ މިފަހަރު ފެއިލްވިޔަސް، ޚާރިޖީ ސިޔާސަތު އިސްލާހުކޮށް، އަނެއްކާވެސް ކުރިމަތިލެވިދާނެކަމެވެ. ދެން ފަހަރަކު ގޮނޑި ކާމިޔާބުވެސް ވެދާނެ ކަމެވެ. 1996ވަނަ އަހަރު އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލިއެވެ. ލިބުނީ އެންމެ 40 ވޯޓެވެ. 2002ވަނަ އަހަރުވެސް ކުރިމަތިލިއެވެ. ލިބުނީ އެންމެ ވޯޓެކެވެ. ރާއްޖެއިން މިފަހަރު 46 ހޯދުމުން، އިންޑިއާއިން ހޯދި ނަތީޖާތަކަށްވުރެ ތަންކޮޅެއް ނަމަވެސް ރަނގަޅެވެ. 

އެހެން ނަމަވެސް 2010 ވަނަ އަހަރު އެގޮނޑި އިންޑިއާ ކާމިޔާބުކުރީ 187 ޤައުމުގެ ރުހުމާއި އެކުގައެވެ. އިންޑިއާއިން ކުރިމަތިލުމުން އެހެން ޤައުމަކުން އެގޮނޑިއަށް ކުރިމަތިނުލީ އިންޑިއާއިން ގެންގުޅުނު ޚާރިޖީ ސިޔާސަތު އެހެން ޤައުމުތަކުން ބަލައިގަތުމުންނެވެ. ކަޒަކިސްތާނުންވެސް ކުރިމަތިލާފައި، ފަހުން ނަން އަނބުރާ ނެގީއެވެ.

ރާއްޖެއާއި ވާދަކޮށް ސަލާމަތީ މަޖިލީހުގެ ގޮނޑި މިފަހަރު ކާމިޔާބުކުރި އިންޑޮނީޝިއާވެސް 2005 ވަނަ އަހަރު ހަމަ އެގޮނޑިއަށް ކުރިމަތިލައިގެން ލިބުނީ އެންމެ ވޯޓެކެވެ. އެހެން ނަމަވެސް ޖެހިގެން އައި އަހަރު ތަފާތު ބޮޑު ނަތީޖާއަކުން ނޭޕާލް ބަލިކޮށް 158 ވޯޓާއިއެކު އިންތިޚާބު ކާމިޔާބުކޮށް 2007ވަނަ އަހަރު ސަލާމަތީ މަޖިލީހަށް ވަނެވެ. އަދި މިފަހަރުވެސް ގޮނޑި ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ދަންނަވަން މިއުޅޭ ވާހަޔަކީ، ޚާރިޖީ ސިޔާސަތަކީ އިސްލާހުކުރެވޭނެ އެއްޗެއް ކަމެވެ. ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި އަދިވެސް ރާއްޖޭގެ ނަން ހިފެހެއްޓިދާނެކަމެވެ. ބޭނުންވަނީ އިޚްލާސްތެރިކަމާއިއެކު އެކަން ކުރާނެ ސަރުކާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް