16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ލޯން ނެގުމަށް ގެރެންޓީ

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

  • މާފަރު އެއާޕޯޓް ތަރައްގީ ކުރަން ވަނީ ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފަ
  • ލޯނު ނަގަނީ މާފަރު އެއާޕޯޓާއި ދިގުރަށް ރިސޯޓް ތަރައްގީ ކުރުމަށް
  • ގެރެންޓީ ދިނުމަށް ހުރިހާ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސާފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 15 ޖެނުއަރީ 2017 | އާދީއްތަ 18:34 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ސަން ސިޔާމާއި ރައީސް ޔާމީން، ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ސިޔާމް ވިދާޅުވެފައިވޭ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީންގެ އަރިސް، މަޝްހޫރި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ނަންގަވާ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)ގެ ލޯނަކަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމަށް ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގެ ބޭންކަކުން ސިޔާމްގެ ސަން ހޮޓަލް އެންޑް ރިސޯޓްސް އިން ނަގަން އުޅޭ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނަކަށް ގެރެންޓީ ދިނުމަށް ފިނޭންސް މިނިސްޓްރީ އިން މިހާރު ވަނީ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި ނިންމާފަ އެވެ.

"ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު"ގެ ނަމުގައި މިފަދައިން ގެރެންޓީ ދެވޭނެ އުސޫލެއް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު އެކުލަވާލައި، އާންމުކޮށްފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމްގެ ކުންފުނިން ނަގަން އުޅޭ ލޯނަކީ، އެ ކުންފުނިން ނ. އަތޮޅު ދިގުރަށުގައި ތަރައްގީ ކުރަން އުޅޭ ރިސޯޓާއި، ނ. އަތޮޅު މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނެކެވެ.

ސަން ހޮޓަލް އެންޑް ރިސޯޓްސްއިން ދިގުރަށުގައި ތަރައްގީކުރާ ރިސޯޓް ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރާ އެންމެ ބޮޑު ރިސޯޓަށެވެ. އެގޮތުން ތަފާތު 14 ފަންތިއެއްގެ 600 ކޮޓަރި އާއި އާއިލާތަކަށް ހާއްސަ ވިލާތަކުގެ އިތުރުން، ކަނޑުއަޑީގެ ރެސްޓޯރަންޓަކާ އެކު 15 ރެސްޓޯރަންޓު އެ ރަށުގައި ހަދަން ނިންމާފައިވާ ކަމަށް 2015 ވަނަ އަހަރުގެ މެއި 27 ވަނަ ދުވަހު ސިޔާމް ވިދާޅުވެފައިވެ އެވެ.

ދިގުރަށަކީ، ސަން ސިޔާމްގެ އިރުފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅުރަށެކެވެ. އެރަށާއެކު، އެ އަތޮޅު މިނާވަރު ވެސް ސަން ސިޔާމް ނަގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މިނާވަރަކީ ދަނޑުވެރިކަން ކުރަން ނަގާފައިވާ ރަށަކަށް ވާއިރު، ސަން ހޮޓަލްސް އެންޑް ރިސޯޓްއިން ވަނީ އެ އަތޮޅު މާވައްދޫ ވެސް ނަގާފަ އެވެ. އެ ކުންފުނިން މާވައްދޫ ބޭނުން ކުރަމުންދަނީ ރިސޯޓުގެ ކުނިއަޅާ ރަށެއްގެ ގޮތުގަ އެވެ.

މާފަރު އެއާޕޯޓް ތަރައްގީކުރުމަށް ސިޔާމްގެ ކުންފުނިން ލޯނެއް ނަގާއިރު، އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމެއް އަދި މިހާތަނަށް ސަރުކާރުން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް، މާފަރު އެއާޕޯޓް އެޅުމަށް ބިޑު ހުށަހެޅި ސަން ހޮޓެލް އެންޑް ރިސޯޓް އާއި ތުރުކީގެ ބޮރޮސާ އިންސާޓް ޓޫރިޒަމްގެ ތެރެއިން ސަން ކުންފުންޏަށް އެ މަޝްރޫއު މިހާރު ހަވާލުކޮށްފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވީ މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރި ކުންފުންޏާ ބެހޭ މައުލޫމާތާއި، އެ މަޝްރޫއާ ގުޅޭ މައުލޫމާތުތައް މި ހަފްތާ ތެރޭގައި ހާމަކުރައްވާނެ ކަމަށެވެ.

މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހުޅުވާލީ، ކުރިން އެ މަޝްރޫއު ހަވާލުކޮށްފައި އޮތް، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީ ގައި އުވާލުމަށް ފަހު އެވެ. މިލޭނިއަމް ކެޕިޓަލް އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝުރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެެވެ.

ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާގެ ތަހުގީގަށް ހާމިދު އިސްމާއިލް ހައްޔަރުކޮށްފައިވުމުން، މާފަރު އެއާޕޯޓް ތަރައްގީ ކުުރުމުގެ މަސައްކަތް މިލޭނިއަމް ކެޕިޓަލް އަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން އެހެން ވިދާޅުވީ، ސިޔާމްގެ އުފަން ރަށް ކަމަށްވާ ނ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން ބިޑްކޮށްގެން އޭނާއާ މާފަރު އެއާޕޯޓް ހަވާލުކޮށްފިނަމަ ގިނަވެގެން ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގައި ހިދުމަތް ފެށޭވަރުކޮށްދެއްވާނެ ކަމަށެވެ.

މާފަރު އެއާޕޯޓް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ސަން ކުންފުންޏާއި ތުރުކީގެ ކުންފުނިން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް، ބިޑް އެވަލުއޭޓް ނުކޮށް މިހާ ގިނަ ދުވަސްވީ ކީއްވެކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރި އެވެ.

ކުރިން ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

ސަރުކާރުންދޭން އުޅޭ ގެރެންޓީއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ސަން ޓްރެވަލްސް އެންޑް ރިސޯޓްސްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް