18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

އުތުރު ކޮރެއާ - އެމެރިކާ

އުތުރު ކޮރެއާގެ މައްސަލަ ނުނިމި ދިގުލީ ކީއްވެ؟

  • އެމެރިކާގެ އެތައް ރައީސުންނަކަށް ކާމިޔާބު ނުކުރެއްވުނު މަސައްކަތެއް
  • ދެ ގައުމުގެ ހަތުރުވެރިކަމަށް 64 ވެއްޖެ!
  • މި ފަހަރުގެ ބައްދަލުވުމަކީ މަދުން ނޫނީ ތަނަވަސް ނުވާނެ ފުރުސަތެއް
ރާއްޖެ އެމްވީ | raajjemv

| 12 ޖޫން 2018 | އަންގާރަ 02:56 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


އުތުރު ކޮރެއާގެ ރައީސް ކިމް - ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދެވި -- ގޫގުލް

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގ އުން ސިންގަޕޫރުގައި ސުލްހައިގެ އުއްމީދުގައި ބައްދަލު ކުރައްވާއިރު، މިއީ ފާއިތުވެ ދިޔަ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ކުރަން އުނދަގޫވެފައި އޮތް ކަމެއްކަން ފާހަގަ ކުރެވެއެވެ. އެމެރިކާގެ އެތައް ރައީސުންގެ ވެރިކަން ނިމި ދިޔައީ ދެ ގައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަމަށް ބަދަލެއް ނައިސް އުތުރު ކޮރެއާ އެމެރިކާގެ ދުޝްމަނުންގެ ލިސްޓުގައި އޮވެގެންނެވެ.

ގިނަ ފަރާތްތަކަކަށް ގަބޫލު ކުރެވިފައި އޮންނަ ގޮތާއި ޚިލާފަށް ހަގީގީ މައްސަލައަކީ އުތުރު ކޮރެއާގައިވާ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމުގެ މައްސަލައެއް ނޫނެވެ. ޖޫން 12 ގެ ސަމިޓްގެ ކުރިންވެސް އުތުރު ކޮރެއާ އިން ވަނީ ނިއުކްލިއަރ ޕްރޮގްރާމް ނިންމާލުމަށް ބޭނުންވާ ކަން އަމަލުންވެސް ހާމަކޮށްދީފައެވެ. އެކަމަކު ސާފުނުވެ އޮތް މުހިންމު މައްސަލައަކީ ނިއުކްލިއަރ ގާބިލްކަން އުތުރު ކޮރެއާ އިން ނައްތާލުމުން އެ ގައުމަށް ސަލާމަތާ ރައްކާތެރިކަން ދޭން އެމެރިކާ ތައްޔާރުތޯއެވެ.

އުތުރު ކޮރެއާއަށް އެގައުމުގެ ނިއުކްލިއަރ ހަތިޔާރުތަކާއި، ހަތިޔާރު އުފައްދާ ތަންތަނާއި، އެކަމުގެ ހުރިހާ މައުލޫމާތެއް ނައްތާލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެކަމަކު މިކަން އުނދަގޫ ވެގެން ދަނީ އެ ގައުމަށް އެކަމުގެ ބަދަލުގައި ލިބޭނެ މަންފާތައް އުތުރު ކޮރެއާ އަށް ސާފު ނުވުމެވެ. ނިއުކްލިއަރ ހަތިޔާރު ނައްތާލުމުން އޭގެ އެކަށީގެންވާ ބަދަލެއް ލިބޭނެ ކަމުގެ ޔަގީންކަން އުތުރު ކޮރެއާއަށް ނުލިބޭނަމަ އަމިއްލަ އަށް މަތިންބައިން ޖެހިގެން ކުރާ ކަމެއްގެ ގޮތުގައި ނިއުކްލިއަރ ހަތިޔާރު ނައްތާލާކަށް އުތުރު ކޮރެއާއިން ބޭނުމެއް ނުވެއެވެ.

އެމެރިކާގެ ކުރީގެ ރައީސުން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފޭލްވީ އޭގެ ބަދަލުގައި އުތުރުކޮރެއާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން އެއްބަސް ނުވުމުން ބައްދަލުވުންތަކުން އުތުރު ކޮރެއާ ނުކުމެންގެން ދާތީ ކަން ފާހަގަ ކުރެވެއެވެ.

ޖޫން މަހުގެ 12 ގައި ސިންގަޕޫރުގައި ބޭއްވުމަށް ތާވަލް ކުރެވުނު ދެ ރައީސުންގެ ބައްދަލުވުން ވެސް ދޭތެރެއަކުން ފަނިވެގެން ދިޔައީ އެމެރިކާގެ އިސް ބައެއް އޮފިޝަލުންގެ ވާހަކަފުޅުތައް ހުރި ގޮތުން އުތުރު ކޮރެއާއިން ހިތްހަމަ ނުޖެހުމުގެ ސަބަބުންނެވެ. މާނައަކީ އުތުރު ކޮރެއާއިން އެދޭ ގޮތައް ބަދަލު ދޭން އެއްބަސް ނުވުމުގެ ވިސްނުން އެމެރިކާގެ ކިބައިގައި އަދިވެސް ފިލައިގެން ނުގޮސް އެބަހުއްޓެވެ.

1950 ގެ އަހަރު ތަކުން ފެށިގެން އުތުރު ކޮރެއާ އާ އެމެރިކާ އާ ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ. 1960 ގެ އަހަރުތައް ފެނިގެން ދިޔައީ ދެގައުމުގެ ދުޝްމަންކަން ވަރަށް ބޮޑުވެގެން ދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. 1968 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އުޅަނދެއް ކަމަށްވާ ޔޫއެސްއެސް ޕުއެބްލޯއަށް ހުރަސް އަޅާ އުތުރު ކޮރެއާއިން އެ ބޯޓު އަތުލައިގަތެވެ. 1969 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ޖަޕާން ކަނޑުގެ މަތިން އުތުރު ކޮރެއާ އިން ވައްޓާލިއެވެ. މި ހާދިސާގައި އެއިން ދަތުރު ކުރި 31 މީހުން މަރުވިއެވެ.

1970 ގެ އަހަރުތަކުގައި އުތުރު ކޮރެއާ އިން ބުނީ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާ އެ އެއްބަސްވުމުގެ ތެރެއިން ކޮރެއާ ސަރަހައްދުގެ ސުލްހަ ދަމަހައްޓަން ބޭނުންވާ ކަމަށެވެ. މިއަދާ ހަމައަށް ވެސް އުތުރު ކޮރެއާގެ ސިޔާސަތައް ވެފައި އޮތީ އެފަދަ އެއްބަސްވުމެއްގެ ދަށުން ނޫނީ ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމެވެ.

1974 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސް އަށް އުތުރު ކޮރެއާއިން ސުލްހަ ގާއިމް ކުރުމާ ގުޅޭ ގޮތުން ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި ސުލްހައިގެ ވާހަކަތަކަށް އެމެރިކާއަށް ދައުވަތު ދީފައިވެއެވެ. އެކަމަކު ނިކްސަންގެ ވެރިކަން ނިމިގެން ދިޔައީ އަދި އޭގެ ފަހުން ފޯޑްގެ ވެރިކަން ވެސް ނިމިގެން ދިޔައީ އެ ދައުވަތައް އިޖާބަ ނުލިބިއެވެ.

އުތުރު ކޮރެއާގެ އޭރުގެ ރައީސް ކިމް އިލް ސުން، އެމެރިކާގެ އެމެރިކާގެ ރައީސް ޖިމީ ކާޓަރ އާ އެކު ސުލްހަ ގާއިމް ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު އޭރު އެމެރިކާގެ ރައީސް ބޭނުންފުޅުވީ، ސުލްހަ ގާއިމް ކުރުމުގެ ބަދަލުގައި ދެކުނު ކޮރެއާގައި ތިބޭ އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރައްވާށެވެ. އެކަމަކު އެކަމާ ޕެންޓަގަން އިން އެއްބަސް ނުވުމުގެ ސަބަބުން ސިފައިންގެ އަދަދު ވެސް މަދުކުރެވޭ ގޮތެއް ނުވިއެވެ.

1981 ވަނަ އަހަރު ރޮނަލްޑް ރޭގަންގެ ވެރިކަމުގައި ދެކުނު ކޮރެއާގައި ތިބޭ އެމެރިކާގެ ސިފައިންގެ އަދަދު އިތުރު ކުރެއްވިއެވެ. އުތުރު ކޮރެއާ އާއެކު ސުލްހަ ގާއިމް ކުރެއްވުމުގެ ބަދަލުގައި ރޭގަން މަސައްކަތް ކުރެއްވީ، އުތުރު ކޮރެއާގެ ހަތުރެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާ އާ އިތުރަށް ގުޅުން ބަދަހި ކުރައްވާށެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ޖޯޖް އެޗް ޑަބްލިއު ބުޝްވެސް އުތުރު ކޮރެއާ އާއެކު ސުލްހަ ގާއިމް ކުރައްވަން ބޭނުންފުޅެއް ނުވިއެވެ. އަކަމަކު ދެކުނު ކޮރެއާގައި ތިބޭ އެމެރިކާގެ ސިފައިންގެ އަދަދު ކުޑަތަންކޮޅެއް މަދުކޮށްލެއްވިއެވެ. އަދި ގައުމުން ބޭރުގައި ހުރި އެމެރިކާގެ ނިއުކްލިއަރ ހަތިޔާރުތައް އަނބުރާ ގައުމަށް ގެންނެވިއެވެ.

ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް 1993 ން 2001 ށް އެމެރިކާގެ ވެރިކަމުގައި ހުންނެވި ބިލް ކްލިންޓަން އުތުރު ކޮރެއާ އެކު ސުލްހަ ގާއިމް ކުރައްވަން މަސައްކަތްތަކެއް ކުރެއްވިއެވެ. މަޝްވަރާތައްވެސް ކުރިއަށް ގެންދެވިއެވެ. ދެ ގައުމުގެ ދެމެދުގައި ޖޮއިންޓް ކޮމިއުނިކޭ އެއް އެކުލަވާ ލެއްވިއެވެ. އެކަމަކު 10 އަހަރު ދުވަހުގެ މި މަސައްކަތް އެކޮޅުކޮޅުން ޖެހުނީ އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ޖޯޖް ޑަބްލިއު ބުޝްގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުތުރު ކޮރެއާ ހިމެނިގެން ދިޔައީ "އެކްސިސް އޮފް އީވިލް" ގެ ލިސްޓުގައެވެ.

ސުލްހައިގެ މަސައްކަތައް ކުރިއެރުމެއް ނުލިބި ދުވަސްތައް ފާއިތުވަމުން ދަނިކޮށް 2006 ވަނަ އަހަރު އުތުރު ކޮރެއާ އިން ނިއުކްލިއަރ ޓެސްޓްތައް ކުރަން ފެށިއެވެ. ހުސްވި އަހަރާ ހަމަ އަށް ދޭތެރެ ދޭތެރެއިން އުތުރު ކޮރެއާއިން ގެންދިޔައީ ޓެސްޓްތައް ކުރަމުން އަދި ސަރަހައްދަށް އިތުރު ނުތަނަވަސްކަން ކުރިމަތި ކުރުވަމުންނެވެ.

2009 ވަނަ އަހަރު އެމެރިކާގެ ޒައާމަތައް ވަޑައިގެންނެވި ބަރަކް އޮބާމާގެ ވިސްނުންފުޅަކަށް ވީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އުތުރު ކޮރެއާ އިނދަޖެހިގެންދާނެ ގޮތެއް ހެއްދެވުމެވެ. އެކަމަކު އެކަމެއް ދުވަހަކު ކާމިޔާބެއް ނުވިއެވެ.

ޑިސެމްބަރު 2011 ގައި އުތުރު ކޮރެއާގެ ވެރިކަމަށް ވަޑައިގެން އަދި މިހާރުވެސް ވެރިކަމުގައި ހުންނެވި ކިމް ޖޮން އުން ގެންގުޅުއްވި ސިޔާސަތަކީ، ކިތަންމެ ވަރަކަށް ދަތިކުރި ނަމަވެސް ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދެވުމެވެ. އެކަމަކު ސުލްހަ ގާއިމް ކުރުމަށް އެ ގައުމުން ބޭނުންވާ ކަން އުތުރު ކޮރެއާ އިން އެކި ފަހަރު މަތިން ހާމަ ކުރަމުން ގެންދިޔައެވެ. އެންމެ ފަހުން މިއަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހު އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ މެދުވެރިކޮށް ދުނިޔެއަށް ހާމަ ކުރީ، އެއްވެސް ނިއުކްލިއަރ ހަތިޔާރެއް އުތުރު ކޮރެއާގައި ބަހައްޓަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އުތުރު ކޮރެއާގެ ސަލާމަތާ ރައްކަތެރިކަން އެއާއެކު ގެރެންޓީ ކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޓްރަމްޕް – ކިމް ގެ ސަމިޓް މުހިންމު ވަނީ މިއީ ގިނަ ޒަމާންތަކަކަށް ނުނިމި ދިގުލާ ގޮސްފައިވާ މައްސަލައަކަށް ވުމާއެކު އެމެރިކާގެ ކުރީގެ ރައީސުން ކުރައްވަން ބޭނުންފުޅު ނުވި ކަމެއް މިހާރު ވެރިކަމުގައި ހުންނެވި ޓްރަމްޕަށް ކުރެއްވުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުމާއެކު އެމަނިކުފާނު ސުލްހައިގެ މަގުގައި މުހިންމު ފިޔަވަޅެއް އަޅުއްވައިފާނެ ކަމަށް ބެލޭތީއެވެ. ކޮންމެ އަކަސް ދިގުލީ އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމުގެ ހުރިހާ އިޚްތިޔާރެއް އެމެރިކާއަށް މިއޮތީ ކިތަންމެ ރަނގަޅަކަށްވެސް ތަނަވަސް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް