23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ދެބެއިންގެ ކޯޅުން

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

  • ރައީސް މައުމޫނަށް ގެންދަވަނީ "ގޯނާ" ކުރަމުން
  • އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ އަސްލު ސައިޒު އެނގިގެންދާނެ
ސަހުބާން ފަހުމީ | sahubaan

| 14 ޖެނުއަރީ 2017 | ހޮނިހިރު 19:54 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޖުމުލަ ވޯޓުގެ 45 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ އެންމެ 25 ޕަސެންޓެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް ފަދަ ބޭފުޅުން ހިމެނޭ ގޮތަށް ވަރުގަދަ ޓީމަކުން ނުހަނު ބުރަކޮށް މަސައްކަތް ކޮށްގެން ލިބުނު އަދަދެކެވެ

ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޖުމުލަ ވޯޓުގެ 24 ޕަސެންޓް ލިބިވަޑައިގަތެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީން ކާމިޔާބުކުރެއްވީ ޖުމުލަ ވޯޓުގެ 51 ޕަސެންޓުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 48 ޕަސެންޓެވެ.     

ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި 51 ޕަސެންޓް ވޯޓަކީ އެ މަނިކުފާނުގެ ޤާބިލުކަމާއި މޮޅުކަމުން ލިބިވަޑައިގެންނެވި ތާއީދެއް ނޫންކަން ދޭހަވާ ގޮތަށް ހުދު އެމަނިކުފާނުވެސް އޭރު ވާހަކަ ދެއްކެވިއެވެ.

ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ ގުޅިގެން މަސައްކަތް ނުކުރިނަމަ އިންތިހާބު ކާމިޔާބުނުވީސް ކަމަށާއި، އެހެންކަމުން ސަރުކާރު އެކުލަވާނީ ކޯލިޝަންގެ ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އޭރު ރައީސް ޔާމީން ވާހަކަ ދެއްކެވިއެވެ. އަދި ސަރުކާރު ހިންގުމުގައި އަބަދުވެސް ރައީސް މައުމޫންގެ އަޑު އައްސަވާނެ ކަމަށާއި، އެމަނިކުފާނުގެ ތަޖުރިބާގެ ބޭނުން ވަރަށް ފުރިހަމައަށް ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.

ދެންއޮތީ ކޯލިޝަން ސަރުކާރަށް ވެގެން ދިޔަ ގޮތުގެ ވާހަކައެވެ. ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށް ދިނުމުގައި ހަރަކާތްތެރިވި އެންމެހައި ބައިވެރިން މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭރުކޮށްލި އެވެ. ކޮރަޕްޝަން އާންމުވާކަމަށާއި ސަރުކާރުން ޖުޑީޝަރީ އަދި މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ކޯލިޝަންގެ ބައިވެރިންނާއި ރައީސް ޔާމީނާ ހިޔާލުތަފާތުވި އެވެ.

ނަތީޖާއަކަށް ވެގެންދިޔައީ އެބޭފުޅުން ނެންގެވި މައްސަލަތައް ހައްލުނުކުރެވި، އެކި ތުހުމަތުތައް ކުރެވިގެން ދިގު މުއްދަތުތަކުގެ ޖަލުހުކުމްތައް ދާންޖެހުމެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް އެހީތެރިވި ފަރާތްތަކުގެ ވިޔަފާރިތަކަށް ދަތިކޮށް "ފިއްތާލައި" އެބޭފުޅުންގެ ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓުވާލީއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި 25 ޕަސެންޓް ވޯޓު ދެވަނަ ބުރުގައި 51 ޕަސެންޓަށް ބަދަލުކުރުމަށް އެހީތެރިވި އެންމެން ވަކިވެ ދެކޮޅުވިއެވެ.

އެހިސާބުން ފެނިގެންދިޔައީ އެތެރެއިންނާއި ބޭރުން ސަރުކާރަށް ފާޑުކިޔުންތައް އިތުރުވެ ، އިދިކޮޅުފަރާތްތަކުން ތުހުމަތުކުރިގޮތަށް ރާއްޖޭގެ ތާރީޚުގައި ނުހިނގާފަދަ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ފެންމަތިވި މަންޒަރެވެ. އިދިކޮޅު ފަރާތްތަކުން ދައްކަމުން އައި ހުރިހާ ވާހަކައެއް ދިމާވަމުން އައެވެ.

ނަމަވެސް ސަރުކާރުން ކަންކަމުގައި ކުރިމަތިލަމުން އައީ މުޅިން ތަފާތުކޮށެވެ. ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވާ އިސް މީހުންގެ އެކި މައްސަލަތައް ނެގުމަށްފަހު ޝަރީޢަތްތައް ހިންގައި ހުކުމްތައް ކުރަން ފެށިއެވެ. ބޭރުގެ ޖަމްއިއްޔާތަކުން ފާޑުކިޔާނަމަ އެ ޖަމްއިއްޔާ އަކުން ވަކިވުމަށް ނިންމައެވެ. އެކިގޮތްގޮތަށް މީޑިޔާތަކަށް ހުރަސްއެޅިކަމުގެ ތުހުމަތު ބޮލުގައި އެޅުނެވެ. ޤާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސް މުޅިގައުމުން އެންމެ އަޑެއް އިއްވަން މަގުކޮށަން ފެށިއެވެ.

އޭގެފަހުން ވެރިކަންކުރާ ޕާޓީތެރޭގައިވެސް މައްސަލަތައް އުފެދި ޕާޓީތެރޭގައި ބާރާއި ނުފޫޒުން އަތްގަދަކުރަން ފެށިއެވެ. ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވަނީ މިހާރު ފެނިގެން މިދަނީ ކޯލިޝަން ރޫޅި އަމިއްލަ ޕާޓީވެސް ރޫޅޭ މަންޒަރެވެ. އަރާރުންވެ ތަޅާފޮޅާ މަންޒަރެވެ. އިދިކޮޅު ފަރާތްތަކުގެ ބަހުރުވައިންނަމަ ރައީސް ޔާމީން މިހާރު އެހުންނެވީ ނޭވާހާސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަމިއްލަ އެދުން އިސްކޮށް، މަގާމުގެ ދަހިވެތިކަން އިސްކުރި އެވެ. 

ރާއްޖޭގެ އެތައް ހާސް ބައެއްގެ އިހްތިރާމާއި ގަދަރުލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމަކީ ރައީސް ޔާމީންއަށް ވެރިކަމަށް ދޮރުހުޅުވައިދިން ބޭފުޅާއެވެ. އަދި ބުރަދަންހުރި ސިޔާސީ ފަރާތްތަކުގެ ތެރެއިން އެންމެ ފަހު މީހާގެ ގޮތުގައި ސަރުކާރަށް ތާއިދުކޮށްގެންވެސް ހުންނެވި ސިޔާސީ ބޭފުޅާއެވެ. ނަމަވެސް މިހާރު ފެނިގެންދަނީ އެމަނިކުފާނުވެސް ކުޑަކޮށް "ދުވަސް ދުއްވާލާ" މަންޒަރެވެ.

ދެ ބެއިންގެ  ކޯޅުންތަކުން ދޭހަވީ ކިތަންމެހާސް ބަޔަކު ރައީސް މައުމޫނަށް އިހްތިރާމު ކުރިޔަސް އެމަނިކުފާނުގެ ކޮއްކޯފުޅު އެކަމަކަށް ފަރުވާލެއް ނެތްކަމެވެ. ރައީސް މައުމޫނަށް ގޮތްހުސްކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ތަން މިދަނީ ފެންނަމުންނެވެ. އެމަނިކުފާނު ވަރަށް އަރިސްކޮށް ގެންގުޅުއްވި ފަރާތްތަކުން ފާޅުގައި ހަޑިހުތުރު ބަސްތައް އެމަނިކުފާނަށް ރައްދުކުރަމުންދާ މަންޒަރެވެ.

ކޮންމެއަކަސް މިހިނގާ ބީދައިން ރައީސް މައުމޫނަށް އިހާނެތިކޮށް ހިތާ މަންޒަރަކީ އެމަނިކުފާނާއި އެއްކޮޅު މީހުންނާއި ދެކޮޅުމީހުންވެސް ބަލައިގަންނަ ކަމެއް ނޫނެވެ. އަދި އެއީ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި އޮތް އަހުލާގާއި އާދަކާދައާއިވެސް ބީރައްޓެހި ގޮތްތަކެކެވެ.

މުސްކުޅިފުޅު ހާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް، ރައީސް ޔާމީނަށް ވޯޓު ހޯދުމަށް ރައީސް މައުމޫން ކުރެއްވި މަސައްކަތު ހަދިޔާއަކީ މިހާރު އެމަނިކުފާނަށް އެލިބިވަޑައިގަންނަވާ "އިއްޒަތް" ކަމަށް އެއްވެސް ދިވެއްސަކު ގަބޫލެއް ނުކުރާނެ އެވެ. ކަންތައްތައް ހައްދުން ނައްޓައިގެން ދިއުމުން ރައީސް މައުމޫން މިހާރުވަނީ ސަރުކާރަށް ކުރަމުން ގެންދެވި ތާއިދު އަނބުރާ ގެންދަވާފައެވެ.

އެހެންކަމުން ރައީސް ޔާމީން މިހާރު މަގާމުގައި އެހުންނެވީ ހަމައެކަނި އެމަނިކުފާނަށް ތާއިދުކުރާ މީހުންގެ ތާއިދާއިއެކުގައެވެ. ސުވާލަކީ އެމަނިކުފާނަށް ތާއިދުކުރަނީ ރާއްޖޭގެ ކިހާ އަދަދެއްގެ ރައްޔިތުންތޯއެވެ.

ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވިފަހުން އެމަނިކުފާނަށް އޮތް ތާއިދު އެއްވެސް ވަރަކަށް އިތުރުވިކަމާމެދު ގިނަބަޔަކު ސުވާލު އުފައްދައެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ނަޒަރުގައި މަގާމެއްގައި ހުންނެވުމުގެ ސަބަބުން ވަޒީފާގެއްލިދާނެ ކަމުގެ ބިރަށްޓަކައި ބައެއްމީހުން ރައީސް ޔާމީނަށް ތާއިދުކުރައްވައެވެ. އެނޫން ބަޔަކު ރާއްޖޭގައި އެމަނިކުފާނަށް ތާއިދުކުރާކަށް ނެތްކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް ތާއިދު އޮތް މިންވަރާއި ނެތް މިންވަރު އެނގިގެންދާނީ މިނިވަން އިންސާފުވެރި އިންތިހާބުތަކުންނެވެ. ރާއްޖޭގައި އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ އެކަން އެންމެންނަށް އެނގިގެންދާނެއެވެ. މިހާރުގެ ހާލަތުގައި އެފަދަ ފުރުޞަތެއް އޮތްކަމާމެދުވެސް ސުވާލުއުފައްދައެވެ. ފަހަރެއްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީންގެ ސައިޒު ފެނިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. ނަމަވެސް އެ މަނިކުފާނުގެ ނުފޫޒާއި ބާރު ބޭނުންކުރައްވައިގެން ސިޔާސީ ހަރަކާތްތަކަށް ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނެ ކަމުގެ އުއްމީދު ވެސް ދަނީ ކުޑަވަމުންނެވެ. ނަމަވެސް ރައްޔިތުން ހިތްވަރުކޮށްފި ނަމަ، ހުދުމުޚްތާރު ވެރިޔާގެ ބާރު ދުއްވާލެވޭނެ އެވެ. އެކަމަށް ބޭނުންވަނީ ހިތްވަރެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމެވެ. އަމިއްލަ މަސްލަހަތަށް ވުރެ ގައުމާއި ދަރިންނާއި ދަރިންގެ މަސްލަހަތާއި މުސްތަގުބަލަށް ބެލުމެވެ. އޭރުން ކާމިޔާބު ލިބޭނެ އެވެ. ރައީސް ޔާމީނަށް ރައީސް ޔާމީންގެ އަސްލު ސައިޒާއި ފެންވަރާއި ފަންވަރު ވެސް އެނގިގެންދާނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް