20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޖަލު މަރު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

 • ދެން ވާނީ މަރޭ ވެސް ދަރިފުޅު ބުނި: މަންމަ
 • މަރުވީ 25 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް
 • އާއިލާގެ ތުހުމަތުތައް ކަރެކްޝަނުން ދޮގު ކުރި
ޙުސައިން ޙަސަން | hucenhassan

| 3 ޖޫން 2018 | އާދީއްތަ 08:26 | |

މަގުބޫލް

 1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
 4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
 8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ސޫދާ ސައީދު: ޖަލުގައި އޮތް ދަރިފުޅު މަންމައަށް ގުޅި ދުވަހު މަރުވާނީއޭ ވެސް ބުނި -- ފޮޓޯ : ރާއްޖެ އެމްވީ

އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެވެ. ގ. ފެހިމާގެ، ސޫދާ ސައީދަށް މީހަކު ގުޅާފައި އޭނާގެ ދަރިފުޅު މަރުވި ޚަބަރު ދިނެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އުމުރުން 29 އަހަރުގެ އަލީ އަބްދުﷲ (އާންމު ނަމުން އިޝާން) މަރުވެފައި އޮއްވާ ފެނިގެން އެ ޚަބަރު ސޫދާއަށް ދިނީ ގައިދީއެކެވެ. އިޝާން ބަންދުކޮށްފައި އޮތް ގޮޅީގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކު ސިއްރުން ގެންގުޅުނު ފޯނަކުން ގުޅާފައި ދެއްކި އެ ވާހަކަތައް ސޫދާ ވަނީ "ރާއްޖެއެމްވީ"އާ ހިއްސާކޮށްފައެވެ.

"މަރުވި ޚަބަރު އެންމެ ފުރަތަމަ ދިނީ ގޮޅީގައި އޮތް ގައިދީއަކު. އަޅުގަނޑު ބުނިން ހަމަ ރަނގަޅަށް ވެސް އަލީ އަބްދުﷲ މަރުވީހޭ. ބުނީމަ ބުނީ އޭނަގެ އެއްވެސް ވިންދެއް ވެސް ނެތޭ. ދަތްޕިލަވެސް ޖެހިފައޭ ހުރީ. ދެން އަޅުގަނޑު ކަރެކްޝަނަށް ގުޅީމަ ބިޒީ ކުރަނީ، ބިޒީ ކުރަނީ،" ހަތަރު ފިރިހެން ދަރިންގެ މަންމަ ސޫދާ ބުންޏެވެ.

ސޫދާ ބުނި ގޮތުގައި އިޝާން މަރުވެ ވެއްޓިފައި އޮތީ ގޮޅީގެ ފާހާނާއަށެވެ. ހަތަރު ގައިދީއަކު ބަންދުކޮށްފައިވާ އެ ގޮޅީގެ ފާހާނާގައި އިޝާން ވެއްޓި ޖެހިފައި އޮތީ ބަންޑުން ކަމަށް އެ ގޮޅީގެ ގައިދީއަކާ ހަވާލާދީ ސޫދާ ބުންޏެވެ.

"އެ ގައިދީ ބުނީ ވެއްޓިފައި އޮތީ ބަނޑުންނޭ. މޫނު ޖެހުނީ. ނޭފަތުން އެކަން އެނގޭ. ހިނެވިއިރު، ނޭފަތާ ދިމާލުން ލޭ ހިކިފަ ހުރީ،" ސޫދާ ބުންޏެވެ.

ހިތުގެ މައްސަލަ އާއި ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ އިޝާން މަރުވި ޚަބަރު ރަސްމީ އިދާރާއަކުން ހޯދުމަށް އާއިލާއިން ކުރި މަސައްކަތް ކާމިޔާބުވީ އޭނާ މަރުވިތާ ދެ ގަޑިއިރު ފަހުން، އެ ރޭ ފަތިހުއެވެ. ކަރެކްޝަނުން އާއިލާއަށް އަންގާފައިވާ ގޮތުން އިޝާން މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

އަބްދުﷲ އަލީ: އޭނާ ދިޔައީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން
 

އިޝާން މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ. މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ކުށް ވެސް ސާބިތުވެފައިވާ އިޝާންގެ ފުރާނަ ނެތް ހަށިގަނޑު ކަރެކްޝަނުން މާލެ ގެނައި ދުވަހު، ނޫން އޭގެ ކުރީ ދުވަހު އިޝާން ވަނީ އޭނާގެ މަންމައަށް ގުޅައި، ތަހަންމަލް ކުރަމުންދިޔަ ވޭނެއްގެ ވާހަކަ ކިޔައިދީފައެވެ.

ނަފްސާނީ މައްސަލަ ވެސް ހުންނަ އިޝާނާ މެދު ކަރެކްޝަނުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން މަރު ވެދާނެ ކަމަށް އޭނާ ގުޅާފައި ބުނި ކަމަށް އޭނާގެ މަންމަ ބުންޏެވެ. ތިން މަސް ވަންދެން އިޝާނަށް ދޭންޖެހޭ ބޭހެއް ކަރެކްޝަނުން ނުދޭ ކަމަށް އޭނާ ބުނި ކަމަށާއި ގޮޅިން ބޭރަށް ނުކުތުމުގެ ފުރުސަތު ނުދޭތީ، އިތުރު ހާސްކަމެއްގައި އުޅޭ ކަމަށް ދަރިފުޅާ ހަވާލާދީ ސޫދާ ބުންޏެވެ.

"މަންމާއޭ ޑޮކްޓަރު ވެސް އެ ދުވަހު ބުންޏެއް ނޫންހޭ ބަންދުކޮށްފައި ނުބަހައްޓާށޭ. ބޭރަށް ނެރޭށޭ. އެކަމެއް ވެސް މިތަނަކުން ނުކުރެއޭ. ދެން މަރުކަން ނޭނގޭ ވާނީ މިހެން ހުރެފަ. އެހެން ބުނި. މަންމަ ބުނިން ތިކަހަލަ ވާހަކަ ދައްކަންޏާ މަންމައަށް ނުގުޅާށޭ ދަރިފުޅާއޭ. ތިކަހަލަ ވާހަކަ ނުދައްކާށޭ،" ސޫދާ ބުންޏެވެ.

"މިތަނަށް ގެންނަ ކޮންމެ ގައިދީއަކު ހުންނަނީ ގޮޅި ތެރޭގައޭ. ބޭރަށް ނުކުތުގެ އެއްވެސް ޗާންސެއް ނުލިބޭ. އެހެން ކިޔާފަ މަންމާއޭ މި ބާއްވަނީއޭ، މަންމައަށް އުނދަގޫ ވާނެ ނޫންހޭ ކިޔާފަ ބޭއްވީ."

އިޝާން: 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފެށީ 2008 ވަނަ އަހަރު.

ސޫދާ ބުނީ އޭނާގެ ދަރިފުޅުގެ ސިއްހީ ހާލު ގޯސްވެގެން އެކިފަހަރު މަތިން، ބޭސް ފަރުވާއަށް މާލެ ގެންނަ ކަމަށާއި އެހާ ވަރަށް ސިއްހީ ހާލަތު ދަށްވާއިރު، އާއިލާއަށް އެކަންކަން ކަރެކްޝަނުން ނާންގާ ކަމަށެވެ.

ސޫދާ ތުހުމަތު ކުރި ގޮތުގައި އިޝާން މަރުވީއެއް ނޫނެވެ. އޭނާއަށް ދޭންޖެހޭ ފަރުވާ ނުދީ ކަރެކްޝަނުން މަރާލީއެވެ.

"އެ މީހުންގެ އިހުމާލުން (މަރުވީ). އަޅުގަނޑު މި ބުނަނީ ވަރިހަމަ އަޅުގަނޑު ގޮވައިގެން ކޮންމެތާކަށް ދިޔަޔަސް. ހަމަ މަރާލި ކުއްޖެއް. މަހުލޫފު ބުނި ފަދައިން ހަމަ ގައިދީން މަރާލަނީ،" ސޫދާ ބުންޏެވެ.

"...އެއީ ވެސް ރޯދަ މަހެއްގައި އޭނަ ނަމާދަށް ހުއްޓާ ފިޓު ޖެހިގެން ވެއްޓުނީ. އެ ދުވަހު ވެސް ނާންގާ. އެންގީ އެތާނގެ ގައިދީއަކު. އެންގީމަ ހޮސްޕިޓަލަށް ދިޔައީމަ، އެތަނަށް ވަނަ ނުދޭން އުޅުނީ. އަޅުގަނޑު ބަނޑުއަޅާ ވިހެއި ދަރި (ކައިރިއަށް) ނުވައްދަން އެ މީހުން މަސައްކަތް ކުރީ،" ސޫދާ ބުންޏެވެ.

އިޝާންގެ މަރާ ގުޅޭ ގޮތުން އޭނާގެ ބައްޕަ، އަބްދުﷲ ސުލައިމާން ބުނީ އިޝާނަކީ އުފެދުމުގައި ވެސް ސިއްހީ މައްސަލަތަކެއް ހުންނަ ޒުވާނެއް ކަމަށާއި އޭނާގެ ހާލަތާ ގުޅިގެން ހޯމް މިނިސްޓަރު އަހުމަދު އަޒްލީނަށާއި ކަރެކްޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް އިޝާންގެ ހުކުމަށް ލުޔެއް ނުލިބުނު ކަމަށް އަބްދުﷲ ބުންޏެވެ.

"ގުޅާފަ ބުނާނެ ތިމަންނާއަކީ އަމިއްލަ ހާލައިގެން އުޅެވޭ މީހެއް ނޫން ކަމަށާއި މިތަނުން ސަލާމަތް ކުރެވެން ދެވެން އޮތްތަނަކަށް ގޮސް، އެހީތެރިވެދޭށޭ. އޭނާއަކީ ދިވެހި ރައްޔިތަކަށް ވަންޏާ ދެވަނަ ފުރުސަތެއް ދޭންޖެހޭނެ،" ދޮށީ ދަރިފުޅު، އިޝާންއާ ގުޅޭ ގޮތުން އަބްދުﷲ ބުންޏެވެ.

އިޝާންގެ މަރާ ގުޅޭ ގޮތުން، ކުރި ސުވާލުތަކަށް ކަރެކްޝަނުން ދިނީ ކުރު ޖަވާބެކެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވަނީ އިޝާންގެ މަރާ ގުޅޭ ގޮތުން އާއިލާއިން ކުރި ތުހުމަތުތައް ދޮގުކޮށްފައެވެ.

"އަޅުގަނޑުމެން އެއްވެސް ގައިދީއަކަށް ފަރުވާ ކުޑަކޮށްފައެއް ނުވާނެ، ފަރުވާ ދިނުމުގައި،" ލުގުމާން ވިދާޅުވިއެވެ.

އިޝާންގެ މަންމަ ބުނީ ދަރިފުޅުގެ މަރަށް އިހްމާލުވި މީހުން ހޯދައި، ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެކަމުގެ ހަގީގަތް ހޯދާނެ ކަމަށެވެ.

އިޝާންގެ މަންމަ އާއި ބައްޕަ ރާއްޖެޓީވީއަށް އިންޓަވިއު ދެނީ-- ފޮޓޯ/ މުހައްމަދު އަނިލް

ވޭތުވެދިޔަ ހަތަރު އަހަރު ޖަލުގައި މަރުވި މީހުންގެ އަދަދު އާދަޔާ ހިލާފަށް ވަނީ އިތުވެފައެވެ. އެގޮތުން މިދިޔަ  އަހަރު ޖަލުގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އޭގެ ކުރީ އަހަރު ހަ މަރެވެ. މިއަހަރުގެ މިހާތަނަށް ދެ މަރެވެ. ސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ މުއްދަތުގައި ޖަލުގައި މަރުވި މީހުންގެ އަދަދު 14 އަށް ވުރެ ގިނައެވެ. މިއީ އަދަދުން ފެންނަން ހުރި ޖަލު މަރުތަކެވެ.

ސުވާލަކީ މިހާ ގިނަ އަދަދަކަށް ކުއްލި މަރުތަކާ އެކު، ޖަލުގެ ތޭރިތަކުގެ ފުރަގަހުން ފުރާނަ ނެތް ހަށިތައް ނެރެން ޖެހިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ ދައުލަތުގެ ރައްކާތެރިކަން ލިބުމަކީ ނުރައްކަލުން ސަލާމަތްވާން އޮތް މަގު ކަމަށް ގަބޫލު ކުރެވުނު ދުވަސް މާޒީވެ ދިޔައީ ހިއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޑޮްނ

11 މަސް ކުރިން

ކަރެކްޝަންސް އަކަށް ނޭނގޭނެ ތަނއެއް ދޮރެއް. ގައިދީން ބަލިވެގެން އާއިލާ އަށް ނާންގާ ވާހަކަ އަކީ ހަމަ ތެދެއް. އެންމެ ކުޑަމިނުން މީހަކު ހުރީ ކޮން ޖަލެއްގަ ތޯ ވެސް އެމީހުނަށް ބަލާ ނުދެވޭ

1
3
Maru

11 މަސް ކުރިން

Komme thaaku huttas maru ais jehumun maruvaane. marah fileyne ekakuves nuhunnaane. kulli maru thah ginavany jaluga ekanyeh noon. Mulhi raajjeyga aa dhuniyeyga ves gina. fahu .zamaanuge alaamaatheh e ee

4
2