22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ޗައިނާ - ލަންކާ

ޗައިނާއިން ބޭނުންވާހާ ގޮތެއް ނުވުމުން ޗައިނާ-ލަންކާ ފްރީ ޓްރޭޑް އެގްރިމެންޓް މަޑުޖެހިއްޖެ!

 • ލަންކާއިން ބޭނުންވަނީ އެޤައުމުގެ އިޤްތިޞާދަށް ގެއްލުންވާނަމަ އެފްޓީއޭ އަށް ބަދަލުގެނައުމުގެ ފުރުސަތު
 • ޗައިނާއިން އެކަމަށް އެއްބަހެއް ނުވޭ
 • ވަޒީރުންގެ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ
މިއުވާން މުހައްމަދު | Miuvaan

| 2 ޖޫން 2018 | ހޮނިހިރު 19:51 | |

މަގުބޫލް

 1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
 2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
 3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
 4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
 5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
 6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
 7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
 8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ޗައިނާގެ އެހީގައި ތަރައްޤީކުރާ ކޮޅުނބުގެ ޕޯޓް ސިޓީ -- ރޮއިޓަރސް

ޗައިނާއާ ސްރީލަންކާއާއި ދެމެދު ޤާއިމް ކުރުމަށް މަސައްކަތްކުރަމުން ދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުން 10 އަހަރުފަހުން ރިވިއުކުރުމަށް ސްރީލަންކާއިން ބޭނުންވާ ކަމަށް ބުނުމުން ޗައިނާއިން އެކަމާއި ހިތްހަމަނުޖެހި، އެއްބަސްވުމުގެ މަސައްކަތް މަޑުޖެހިއްޖެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތުގައި ލަންކާ ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާ އިސް ނެގޯޝިއޭޓަރ ކޭ.ޖޭ. ވީރަސިންހަ ރޮއިޓަރސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ލަންކާއަށް ގެއްލުންވާ މާއްދާތަކެއް ހުރިނަމަ، 10 އަހަރަށް ބެލުމަށް ފަހު އަލުން އެމާއްދާތައް ރިވިއުކުރަން ލަންކާއިން ބޭނުންވާ ކަމަށާއި، އެކަމަށް އެއްބަސްވުމުގައި މަގުފަހިކުރަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ޗައިނާއިން އެކަން ބޭނުމެއް ނުވެއެވެ. 

އެއްބަސްވުން ރިވިއުކުރަން ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ލަންކާއިން ބުނާ މައިގަނޑު ސަބަބަކީ މިހާރު ވެސް ޗައިނާއިން އެތައް ބިލިއަން ޑޮލަރެއް ލަންކާގައި އިންވެސްޓްކޮށްފައިވާއިރު، އެކަމުގެ ސަބަބުން ލަންކާއަށް ގެއްލުންތަކެއް ވަމުންދާތީއެވެ. ޚާއްސަކޮށް ލަންކާގައި ޗައިނާއިން ހިންގާފައިވާ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ލަންކާ މިހާރު ވެސް އެތައް ބިލިއަން ޑޮލަރަކުން ޗައިނާއަށް ދަރާފައިވާ މައްސަލައަކީ ލަންކާގެ އޮފިޝަލުން ކަންބޮޑުވުމާއިއެކު ފާހަގަކުރާ މައްސަލައެކެވެ. 

ވީރަސިންހަ ވިދާޅުވީ އެއްބަސްވުން ރިވިއުކުރަން ލަންކާއިން ހުށަހެޅި ހުށަހެޅުމަށް ޗައިނާއިން ދެކޮޅު ހަދައި، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެއެއްބަސްވުމުގެ ވަޒީރުންގެ ފެންވަރުގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށާއި، ފަންނީ މުވައްޒަފުންގެ ފެންވަރުގައިވެސް މަޝްވަރާތައް ކުރިއަށްދަނީ ވަރަށް ލަސްލަހުންކަމަށެވެ. 

ލަންކާއާއިއެކު ޤާއިމްކުރަން ޗައިނާއިން މަސައްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއެނުކުރެވި ލަސްވާ އަނެއް ސަބަބަކީ ދެޤައުމުން އެއް ޤައުމުން އަނެއް ޤައުމަށް އިމްޕޯޓް ކުރާ މުދަލަށް ނަގާ ޓެރިފްތަކުގެ މައްސަލައިގައިވެސް ޗައިނާއިން ބޭނުންވާހާ ގޮތެއް ހަދަން ލަންކާއިން އާނ ބަސް ނުބުނެގެންނެވެ. ޗައިނާއިން ބޭނުންވަނީ އެއްބަސްވުމުގައި ސޮއެކުރެވޭ ދުވަހުން ފެށިގެން ދެޤައުމުގެ މެދުގައި ބަދަލުކުރެވޭ މުދަލުގެ 90 އިންސައްތައަށް ޓެރިފް ނެގިން ހުއްޓާލުމަށެވެ. އެހެން ނަމަވެސް ލަންކާއިން ބޭނުންވަނީ 50 އިންސައްތަ މުދަލަށް ޓެރިފް ނަގައި، އެއްބަސްވުމުގައި ސޮއެކުރާތާ 20 އަހަރުގެ ތެރޭގައި މަޑުމަޑުން އިތުރުކުރަމުން ގޮސް 90 އިންސައްތައަށް އިތުރުކުރުމަށެވެ. 

ޗައިނާއިން ބޭނުންވާހާ ގޮތެއް ހަދަން މިނިވަން ވިޔަފާރީގެ އެއްބަސްވުން ދޫކޮށްލަން ލަންކާއިން ބޭނުން ނުވެ، އަދިވެސް މަޝްވަރާގެ މަރުހަލާގައި އޮތްއިރު، ޗައިނާއިން ބޭނުންވާހާ ގޮތަކަށް ދިވެހި ސަރުކާރުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުން 10 ވަރަކަށް މިނެޓް ތެރޭގައި ރުހުން ދީ، މަޝްވަރާކުރުމެއް ނެތި ޗައިނާއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއިން މިދިޔަ އަހަރު ވަނީ ސޮއެކޮށްފައެވެ. އެހެން ނަމަވެސް ލަންކާއިން ބުނަމުންދަނީ އެޤައުމުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްފަދަ މުހިއްމު އަދި އިޤްތިޞާދާއި ގުޅުން ހުރި އެއްބަސްވުމެއް އެކުލަވާލަން ވަގުތު ބޭނުންވާކަމަށެވެ. 

ޗައިނާއިން ދަނީ އެޤައުމުގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓްގެ ދަށުން މިސަރަހައްދުގެ ގިނަ ޤައުމުތަކާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ޗައިނާއިން މިސަރަހައްދުގެ ޤައުމުތައް އިޤްތިޞާދީ ގޮތުން އަޅުވެތިކުރަމުންދާކަމަށް ފެނިގެން ގިނަ ޤައުމުތަކުން މިހާރު ދަނީ މިފަދަ އެއްބަސްވުންތަކާއިމެދު ސަމާލުވަމުންނެވެ. ސްރީލަންކާގެވެސް ބޭރު ދަރަނި 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މި ދަރަނީގެ 20 އިންސައްތަ ދަރާފައިވަނީ ޗައިނާއަށެވެ. މިދަރަންޏަކީ ޗައިނާއިން ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ނަމުގައި ލަންކާގައި ހިންގާ ޕްރޮޖެކްތްތަކަށް ލަންކާއިން ދަރާފައިވާ ދަރަންޏެވެ. 

ޗައިނާ - ލަންކާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މައްސަލައިގައި ޗައިނާގެ ކޮމާރސް މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާކަމަށް ރޮއިޓަރސްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް