23 މެއި 2018 | ބުދަ | 04 ރޯނު

ބޮޑު ސުވާލު ޕްރޮގްރާމް

މާދަމާ ވެރިކަމުން ފައިބަން ޖެހުނަސް، ނަޖީބު ރައްޒާޤަށް ވީވަރުވެސް ޔާމީނަށް ނުވާނެ: ނާދިރާ

  • މެލޭޝިއާގައިވީ ގޮތަށް ވެރިކަމުން ފައިބަން ޖެހިއްޖެއްޔާ ރައީސް ޔާމީން އުޅުއްވަން ޖެހިވަޑައިގަންނަވާނީ އެއަށްވުރެ ޙާލުގައި
  • ވެރިކަމުން ފައިބާނެކަން އެއީ އެންމެންނަށްވެސް ޔަޤީންވާ ކަމެއް
  • މުއައްސާސަތަކުން ވިސްނަންވީ ރައީސް ޔާމީންއަކީ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ފަދަ އާދައިގެ ބޭފުޅެއްގެ ގޮތުގައި
މިއުވާން މުހައްމަދު | Miuvaan

| 16 މެއި 2018 | ބުދަ 05:37 | |

ޕީޕީއެމްގެ ނައިބު ރައީސާކަމަށް ރައީސް މައުމޫން އައްޔަންކުރެއްވި އާމިނަތު ނާދިރާ -- ރާއްޖެއެމްވީ

ރައީސް ޔާމީންއަކަށްވެސް ޤާނޫނަށްވުރެ މަތީގައި ނުހުންނެވޭނެކަމަށާއި، މާދަމާވެސް މެލޭޝިއާގައިވީ ގޮތަށް ވެރިކަމުން ފައިބަން ޖެހިއްޖެއްޔާ އެމަނިކުފާނު އުޅުއްވަން ޖެހިވަޑައިގަންނަވާނީ އެއަށްވުރެ ޙާލުގައި ކަމަށް ޕީޕީއެމްގެ ނައިބު ރަައީސާގެ މަޤާމަށް ރައީސް މައުމޫން އައްޔަން ކުރެއްވި އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ 'ބޮޑު ސުވާލު' ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ނާދިރާ ވަނީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ވެރިކަން ނިމިގެންދިޔަ ގޮތާއި، ރާއްޖޭގެ ޙާލަތާއި ގުޅުވައި ވާހަކަ ދައްކަވާފައެވެ. ނާދިރާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމިގެންދާއިރު އަރިހުގައި ފެން ތައްޓެއް ދިއްކޮށްލާނެ މީހަކުވެސް ނުހުންނާނެކަމަށެވެ. 

"ވެރިކަމުން ފައިބާނެކަން އެއީ އަޅުގަނޑުމެން އެންމެންނަށްވެސް ޔަޤީންވާ ކަމެއް. އިރާދަކުރެއްވިއްޔާ މިރާއްޖޭގައި އިންތިޚާބެއް ބާއްވައިފިއްޔާ ޔާމީނެއް އެގޮނޑިއަކު ނީންނާނެ،" ނާދިރާ ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ވެރިކަން ނިމިގެންދާނެކަން ކަށަވަރުވާކަމެއްކަމަށާއި، އެހެންކަމުން މިހާރުން ފެށިގެން މުއައްސާސަތަކުން ވިސްނަންވީ ރައީސް ޔާމީންއަކީ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ފަދަ އާދައިގެ ބޭފުޅެއްގެ ގޮތުގައިކަމަށް ނާދިރާ ވިދާޅުވިއެވެ. 

ނާދިރާ ވިދާޅުވީ ޤާނޫން އަަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތައް އެމިންވަރަށް ލިބިދޭންޖެހޭނެކަމަށެވެ. އަދި އެހައްޤުތައް ފޯރުކޮށްނުދީފިނަމަ އެކަމުގެ ޒިންމާ މުއައްސަސާތަކުން ނަގަން ޖެހޭނެކަމަށް ވިދާޅުވަމުން ނާދިރާ ވަނީ "ބަނޑަށް އީމާންވުން" ހުއްޓާލުމަށް ގޮވާލައްވާފައެވެ. 

"ބަނޑަށް އީމާންވުން ހުއްޓާލައްވައިފިއްޔާމު އަޅުގަނޑުމެންގެ މިޤައުމު މިއަށްވުރެ ރަނގަޅު ޙާލަތެއްގައި އޮންނާނެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ މުއައްސަސާތަކުން މާދަމާވެސް ޔާމީން ތިމަންނަ އެވަޒީފާއިން ބޭރު ކޮށްލައިފިއްޔާ ކައިގެން ބޮއެގެން ނޫޅެވޭނެޔޭ ހިތައި އުޅޭ މީހުންތަކެއް،" މުއައްސަސާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ފާޑުވިދާޅުވަމުން ނާދިރާ ވިދާޅުވިއެވެ. 

ނާދިރާ ވިދާޅުވީ ވަޒީފައިން ވަކިކުރިޔަސް އެމީހެއްގެ ރިޒްޤު ބަންދުނުވާނެކަމާއި، ރިޒްޤު ދެއްވަނީ މާތް ރަސްކަލާނގެކަމަށެވެ. އަދި އާމްދަނީ ހޯދަން މީހެއްގެ ފައިބުޑަށް ވެއްޓި، މީހަކަށް އަނިޔާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ނާދިރާ ވިދާޅުވިއެވެ. އަދި ޓައި އަޅައިގެން ގޮސް މީހަކަށް އަނިޔާވެރިވެގެން ހޯދާ އާމްދަނީއަށްވުރެ، ދައު އޮހޮރުވައިގެން ކުރާ މަސައްކަތުން ހޯދާ އާމްދަނީއިން އަނބިދަރިންނަށް ކާންބޯން ދޭން މާ ހިތްހަމަޖެހޭނެކަމަށް ނާދިރާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް