23 މެއި 2018 | ބުދަ | 04 ރޯނު

އެމްޑީޕީ ޕްރައިމަރީ

އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

  • އިދިކޮޅު ކެންޑިޑޭޓްގެ މައްސަލައިގައި ޕީޕީއެމްގެ އިސްވެރިން ވަރަށް ގިނަ ވާހަކަތައް ދައްކާ
  • އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ އެޕާޓީގެ އާއްމު މެމްބަރުން
މިއުވާން މުހައްމަދު | Miuvaan

| 15 މެއި 2018 | އަންގާރަ 17:25 | |

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭގައި ރައީސް ނަޝީދު ކެންޑީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވަނީ -- ޓްވިޓަރ

އިދިކޮޅު ޕާޓީތަކުން އެވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައެވެ. ޕާޓީތަކަށް ތާޢީދު ހޯދުމުގެ މަސައްކަތުން ފެށިގެންގޮސް، ރިޔާސީ ކެންޑިޑޭޓް ނެރުމުގެ މަސައްކަތްވެސް އެޕާޓީތަކުން އެގެންދަނީ ކުރަމުންނެވެ. އެހެން ނަމަވެސް އެޕާޓީތަކަށްވުރެ، އެޕާޓީތަކުގެ ކެންޑިޑޭޓުންގެ މައްސަލައިގައި ކަންބޮޑުވެގެން އުޅޭތަން ފެންނަނީ ސަރުކާރުގައި ހިމެނޭ ޕާޓީތަކުންނެވެ.

މިހާރު އެންމެ އަޑު ހަރުކޮށް ދެކެވެނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ވާހަކައެވެ. އަންގާރަ ދުވަހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިިވާއިރު، ޕްރައިމަރީގެ ކެމްޕޭންކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައްޔިތުން އެމަނިކުފާނު 2008 ވަަނަ އަހަރު ވެރިކަމަށް ގެނައިނަމަވެސް، އެވެރިކަން 2012 ވަނަ އަހަރު ސިފައިންނާއި ފުލުހުން ނިކުމެ ވައްޓާލުމާއި ގުޅިގެން، އެމަނިކުފާނަށް ދައުރު ފުރިހަަމަކުރަން ފުރުސަތު ދޭން ރައްޔިތުން ބޭނުންވާކަން 2013 ވަނަ އަހަރު ވަނީ ސާބިތުކޮށްދީފައެވެ. 

ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް ބެލެވެން ފެށީއްސުރެ، ސަރުކާރުގެ އިސްވެރިންގެ ދުލުން ރައީސް ނަޝީދާއި އެމްޑީޕީއާއި، އަދި ގުޅިފައިވާ ޕާޓީތަކުގެ ނަން ނުފިލައެވެ. އިދިކޮޅު ފަރާތްތަކުން ދައްކަނީ އަބަދު ރައީސް ޔާމީންގެ ވާހަކައޭ ސަރުކާރަށް ތާޢިދުކުރާ ފަރާތްތަކުން ދައްކާ ވަރެއް ނުވެއެވެ. 

ރައީސް ނަޝީދާއި ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަތަކަށް ބަލާއިރު، އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް އެބަ ބުނެއެވެ. އަދި އެކަން ކުރަން ޤާނޫނަށް އިސްލާހު ގެންނަން ޖެހޭއިރު، އެއިސްލާހު ގެނައުމަށް މަޖިލިސް ބޭއްވުމަށް ޕީޕީއެމް އިން ހިސާރުކޮށްފައިވާ މަޖިލީހުގެ ރިޔާސަތުން ފުރުސަތު ނުދޭނެކަމަށް އެވިދާޅުވަނީ ޚުދު އެބޭފުޅުންނެވެ. އަނެއްކޮޅުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ އަމިއްލަ ދަފްތަރުގައި ތިބި މީހުންނަށް ވޯޓު ލެވޭނެކަމަށް ބުނިނަމަވެސް، ސަރުކާރުން ކޮންޓްރޯލްކުރާކަމަށް ބުނާ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފުތަރުގައި ތިބި މީހުންގެ އަދަދަށްވުރެ ގިނަ ވޯޓު ޕްރައިމަރީގައި ލިބިއްޖެނަމަ، ޕްރައިމަރީއިން ރައީސް ނަޝީދު ހޮވުނަސް ރައީސް ނަޝީދުގެ ނަންފުޅު އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނާނެކަމަށް އެފަރާތްތަކުން ބުނެއެވެ.

ހައްތަހާވެސް ހުއްޖަތްތަކެވެ. ވާދަވެރި ރިޔާސީ އިންތިޚާބަކަށް ނިކުންނަ ޚިޔާލެއް ސަރުކާރު ހިންގާ ޕާޓީތަކުގެ ތެރޭގައި އޮތްތަނެއް ނުފެނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި މެދު ވެރިކަމުގައި ތިއްބެވި ބޭފުޅުން މިހާ ހާސްވެގެން މިއުޅުއްވަނީ ކީއްވެތޯއެވެ؟ އެބޭފުޅުން އެވިދާޅުވާ ސަބަބުތަކާއި ހެދި ރައީސް ނަޝީދުގެ ނަންފުޅު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތަސް، ދެންވެސް ކެންޑިޑޭޓް ކަނޑައެޅުމުގެ ޒިންމާ އެޅެނީ ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ ބޮލުގައެއް ނޫނެވެ. އަނެއްކާވެސް އެކަން ކުރާނީ އެމްޑީޕީގެ މެމްބަރުންނެވެ. ކަން ހިނގާފައިވާ މަގަށް ބަލާއިރު، އެޕާޓީއަކީ ޕީޕީއެމް ފަދައިން ޕާޓީގެ ކައުންސިލުން އެކަނި ކަންކަން ނިންމާ ޕާޓީއެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ އާއްމު މެމްބަރުންނެވެ. އެޕާޓީގެ ދަފުތަރުގައި ތިބި ބައިލައްކައެއްހާ މެމްބަރުންނެވެ. 

ޕީޕީއެމްއިން "ރައީސް ޔާމީން 2018" ކިޔާފައި ބަޔަކު މީހުން ކެމްޕޭން ކުރިޔަސް، ރައީސް ޔާމީން ސީދާ ކެމްޕޭން ހަރަކާތަށް ނިކުންނަވާ ތަނެއް ނުފެނެއެވެ. ޕީޕީއެމްގެ މެނިފެސްޓޯ މިފަހަރު ވާނީ ސަޕްރައިޒަކަށް ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ރިޔާސީ ކެންޑިޑޭޓްވެސް ވާނީ އަނެއްކާ ސަޕްރައިޒަކަށް ހެއްޔެވެ؟ 

ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެވެ. ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓް ނިންމާނީ އެޕާޓީއެއްގެ އާއްމު މެމްބަރުންނެވެ. ވާދަވެރި ޕާޓީއިންނެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުސައިން

3 ދުވަަސް ކުރިން

ޤާނޫނު އަސާސީއަށް ބަލައިގެން ކެންޑިޑޭޓެއް އިދިކޮުން ކަނޑައެޅީމަ ރަގަޅުވާނެ.

0
0