23 މެއި 2018 | ބުދަ | 04 ރޯނު

އިސްރާއީލް-ދެކުނު އެފްރިކާ

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި

  • ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްރާއީލުގެ ސިފައިން މަރާލި މީހުންގެ އަދަދު މަދުވެގެން 55 ކަށް ވަނީ އަރާފައި
  • އިސްރާއީލުން ދަނީ ޣައްޒާ ސަރަހައްދުގައި އަނިޔާވެރި ރަހުމްކުޑަ އަމަލުތަކެއް ފަލަސްތީނުގެ މުޒާހިރީންނާ ދެކޮޅަށް ހިންގަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 15 މެއި 2018 | އަންގާރަ 13:20 | |

ޣައްޒާ ބޯޑަރު ސަރަހައްދުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ -- ޒިންހުއާނެޓް

އިސްރާއީލުން ޣައްޒާ-އިސްރާއީލު ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފިއެވެ. 

ދެކުނު އެފްރިކާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި އެކަނިވެސް 40 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދިޔަައީ "ސުލްހަވެރި މުޒާހަރާއެއް ކަމަށާއި" އެ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔައީ އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމުން ކަމަށާއި އެއީ އިސްރާއީލުން ހިންގި "ރުޅިވެރިކަމުގެ އަމަލެއް ކަމަށެވެ." ދެކުނު އެފްރިކާގެ ޚާރިޖިއްޔާ އިން އިތުރަށް ބުނީ އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާ އިން ފައިބަން ޖެހޭ ކަމަށާއި އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާމެދު މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. 

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްރާއީލުގެ ސިފައިން މަރާލި މީހުންގެ އަދަދު މަދުވެގެން 55 ކަށް ވަނީ އަރާފައެވެ. އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ދުވަސްތަކެއްވެފައިވާއިރު ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްއަށް ޝުކުރު އަދާކޮށްފައެވެ. 

ހޯމަ ދުވަހު އިސްރާއީލާ ދެކޮޅަށް ކުރިއަށް ދިޔަ އިހުތިޖާޖުގައި އިސްރާއީލު އަސްކަރިއްޔާ އިން ބުނާގޮތުން "ހަަމަނުޖެހުން އުފައްދަން ނުރައްކާތެރި ގޮތެއްގައި 40،000 މީހުން ހަރަކާތްތެރިވެފައިވެއެވެ." 

އެމެރިކާގެ އެމްބަސީ ހުޅުވާފައިވަނީ މިހާރު ވެސް ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައި ކަމަށްވާއިރު ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް