23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފީފާ

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

  • ލޮއިޑް ވަނީ 2015 ވަނަ އަހަރު ވެސް މި އެވޯޑް ހޯދާފަ
ނާފިއު ރަޝީދު | NaphiuR

| 10 ޖެނުއަރީ 2017 | އަންގާރަ 20:38 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ފީފާ ދި ބެސްޓް އެވޯޑް ލިބުނު ފަރާތްތައް -- ގޫގުލް

ފީފާގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ރޭ ޒިއުރިކުގައި ބޭއްވި އެވޯޑް ހަފުލާގައި އެންމެ މޮޅު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް އެމެރިކާގެ ކާލީ ލޮއިޑް ހޮވުނު އިރު، އެންމެ މޮޅު ގޯލް ޖެހި ކުޅުންތެރިޔަކަށް މެލޭޝިއާގެ މޮހްދް ފާއިޒް ސުބްރީ ހޮވިއްޖެ އެވެ.

 

ކާލީ ލޮއިޑަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ ބްރެޒިލްގެ މާރްތާ އާއި ޖަރުމަނުގެ މެލަނީ ބެރިންގާއާ ވާދަކޮށެވެ.

 

ޖަރުމަނާ އެކު މިދިޔަ އަހަރުގެ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރި މެލަނީ އާއި މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ މާރްތާގެ މައްޗަށް ކުރި ހޯދުމަށް ފަހު ކާލީ ބުނީ މިއީ އުއްމީދުކުރި ކާމިޔާބެއް ނޫން ކަމަށެވެ.

 

އެމެރިކާއާ އެކު އޮލިމްޕިކް ރަން މެޑަލް ދެ ފަހަރު ހާސިލްކޮށްފައިވާ ލޮއިޑް ވަނީ 2015 ވަނަ އަހަރު ވެސް ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެންމެ މޮޅު އަންހެން ކޯޗަކީ ޖަރުމަނަށް އޮލިމްޕިކްސް ރަން މެޑަލް ހޯދައިދިނުމަށް ފަހު މިދިޔަ އަހަރު ރިޓަޔާކުރި ޖަރުމަނުގެ ސިލްވިއާ ނެއިޑެވެ.

 

އަހަރުގެ އެންމެ މޮޅު ގޯލް ޖަހާ ކުޅުންތެރިޔަކަށްދޭ ފީފާ ޕުސްކަސް އެވޯޑް މި ފަހަރު ލިބުނީ މެލޭޝިއާ ސުޕަ ލީގު މެޗެއްގައި ޕަހަންގް ކޮޅަށް އާދާޔާ ހިލާފު ގޯލެއް ޖެހި ޕުލާއު ޕިނަންގް އަށް ކުޅޭ މެލޭޝިއާގެ މޮހްދް ފާއިޒް ސުބްރީ އަށެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ވާތް ފަޅިން ބޭރަށް އަމާޒުވި ނަމަވެސް، އޮޅާލާފައި ގޮސް ވަނީ ވާތް ފަޅިން މަތީ ކަނަށެވެ. މިއީ ބްރެޒިލްގެ ރޮބާޓޯ ކާލޯސް ޖަހާފައިވާ މަޝްހޫރު ބަނާނާ ފްރީކިކް ސްޓައިލްގެ ހިލޭ ޖެހުމެކެވެ.

 

މި ފަހަރު ފީފާ ފެއާޕްލޭ އެވޯޑް ލިބިފައިވަނީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލް އަށެވެ. ފީފާ އިން އެތުލެޓިކޯ އަށް މި ޝަރަފްދިނީ ކޮޕަ ސުޑަމެރިކާނާގެ ފައިނަލް މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅެން ކޮލަމްބިއާ އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި، މެޖޯރިޓީ ކުޅުންތެރިން މަރުވެފައިވާ ބްރެޒިލްގެ ޝަޕޮކޮއެންސް އަށް މުބާރާތުގެ ޗެމްޕިއަންކަން ދޭން އެ ޓީމުން އެދިފައިވާތީ އެވެ.

 

ފީފާ އިން ބުނީ އެތުލެޓިކޯ އިން ދައްކައިދިނީ ފެއާޕްލޭ އާއި ސުލްހައިގެ އެންމެ މަތީ ނަމޫނާ ކަމަށެވެ.

 

ފީފާ ފިފްޕްރޯ ޑްރީމް ޓީމު ޑޮމިނޭޓްކޮށްފައިވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންނެވެ. އެގޮތުން ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި އަންދްރޭ އިނިއެސްޓާ އާއި ލުއިސް ސުއަރޭޒް އަދި މެސީގެ އިތުރުން މެޑްރިޑުން ހިމެނުނީ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް އާއި ޓޯނީ ކްރޫސާއި މާސެލޯ އާއި ލޫކާ މޮޑްރިޗެވެ.

 

ޖަރުމަނުގެ ބަޔާން މިއުނިކުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވެސް ފުރުސަތު ހޯދިއިރު ދެން ހިމެނެނީ ބާސެލޯނާ އިން މި ސީޒަނުގައި ޔުވެންޓަސްއާ ގުޅުނު ޑެނިއަލް އަލްވެސް އެވެ.

 

ފީފާ ފޭން އެވޯޑުގެ ޝަރަފް ދީފައިވަނީ އިންގްލެންޑުގެ ލިވަޕޫލާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގެ ސަޕޯޓަރުންނަށެވެ. އެއީ ލިވަޕޫލުގެ 96 ސަޕޯޓަރުން މަރުވި ހިލްސްބަރާ ހާދިސާ އަށް 27 އަހަރު ފުރުމުގެ އެއް ދުވަސް ކުރިން، ޔުރޮޕާ ލީގުގައި މި ދެ ޓީމު އެންފީލްޑުގައި ކުޅުނު މެޗުގައި އެ ހާދިސާގެ ހަނދާނާއި ޝަރަފުގައި ދެ ޓީމުގެ ސަޕޯޓަރުން ގުޅިގެން ދެއްކި ނަމޫނާ އަށެވެ.

 

ދާދި ފަހުން ރިޓަޔާކުރި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ބްރެޒިލްގެ ފަލްކާއޯގެ ކެރިއަރުގައި ހޯދި ކާމިޔާބީގެ އަގުވަޒަންކޮށް ފީފާ އިން ރޭ ވަނީ އޭނާ އަށް އައުޓްސްޓޭންޑިން ކެރިއަރު އެވޯޑް ދީފަ އެވެ.

 

ފީފާ އިން އެންމެ ފުރަތަމަ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށީ 1991 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ.

 

ބެލޮންޑިއޯއާ ވަކިވެ ފީފާ އިން މިދިޔަ އަހަރު ބެސްޓް ފީފާ އެވޯޑްސް ތައާރަފްކުރި އިރު ބެލޮންޑިއޯ އެވޯޑް ވެސް ވަކިން އަނެއްކާ ދޭން ވަނީ ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް