23 މެއި 2018 | ބުދަ | 04 ރޯނު

ގުދުސްގެ މައްސަލަ

ޔަހޫދީން ގުދުސް އަތްދަށު ލައިފި – މުސްލިމް ގައުމު ތަކުގެ ވެރިން ހިމޭނުން

  • ގުދުސް އަކީ މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިން
  • އިޒްރޭލުގެ ވެރިރަށް ކަމަށް ގުދުސް ހެދީ އދ. ގެ ނިންމުން ތަކާ ޚިލާފަށް
  • އެކަމާ ކުރިން ދެކޮޅު ހެދި ގަލްފްގެ ގައުމު ތަކުން މިހާރު ތިބީ ހިމޭނުން
ރާއްޖެ އެމްވީ | raajjemv

| 15 މެއި 2018 | އަންގާރަ 01:49 | |

އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުން ޖޯޑްގެ އާއްމުންގެ ބަޔަކު ރުޅި އައިސްގެން އިޒްރޭލުގެ ދިދަ އަންދާލަނީ -- ރޮއިޓަރސް

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިން ކަމުގައި ވާ އަލް ގުދުސްގެ މައްސަލަ ސީރިއަސް ޙާލަތަކަށް ހިނގައްޖެއެވެ. ގުދުސް އަކީ އިޒްރޭލުން ބޭނުން ވެގެން އުޅޭ ގޮތައް އެމީހުންގެ މިލްކެއް ކަމުގައި ފާޅުގައި ހަދަމުން ދަނީ އެވެ. އެކަމުގައި އެންމެ ބޮޑު މަދަދުވެރި އެއްގެ ގޮތުގައި ފެންނަމުން ދަނީ އިޒްރޭލުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އަބަދުވެސް އިޒްރޭލު ކޮޅަށް ބުރަވެފައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި ބެލޭ އެމެރިކާ އެވެ. މައްސަލަ ސީރިއަސް ވެގެން މި ދިޔައީ އެމެރިކާ އިން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ އެކުގައެވެ.

1947 ވަނަ އަހަރު އދ ގެ އާއްމު މަޖިލިހުން، އިނގިރޭސިންގެ އަތްދަށުގައި އޭރު އޮތް ފަލަސްތީން ދެބައި ކުރުމަށް ނިންމިއެވެ. އެއީ ފަލަސްތީނުގެ ދައުލަތަކާއި ޔަހޫދީ ދައުލަތެއް ގާއިމް ކުރުމަށް ކަމަށް ބުނެއެވެ. ފަލަސްތީނުގެ ބިން ފޮތި ކުރުމަށް ނިންމި ނިންމުމުގައި އޮންނަނީ ޚާއްސަ މަގާމެއް ދިނުމާއެކު އދ. އިން ބަލަހައްޓާ ތަނެއްގެ ގޮތުގައި ގުދުސް ބޭއްވުމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަކަށް ނުހިނގިއެވެ. 1948 ވަނަ އަހަރު އިނގިރޭސިންގެ ވެރިކަން ނިމުމާއެކު ޖޯޑްން އިން ފަލަސްތީނުގެ އޯލްޑް ސިޓީ އާއި އިރުމަތީ ގުދުސް ހިފިއެވެ. އޭގެ ފަހުން 1967 ވަނަ އަހަރު ހިނގި މެދުއިރުމަތީގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ޖޯޑުން އަތުން އަތުލިއެވެ. އަދި އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދިއެވެ. އެހެން ނަމަވެސް ބައިނަލް އަގްވާމީ މުޖްތަމައުން އެކަން އޮތީ ބަލައިނުގަތް ކަމެއްގެ ގޮތުގައެވެ.

1980 ވަނަ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ހިފާފާއިވާ ބިންތައް ހިމެނޭ ގޮތުން މުޅި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ކަނޑައެޅިއެވެ. އެއާއި އެކު އ.ދ އިން ބުނީ އެކަން ބަލައި ނުގަނެވޭނެ ކަމަށާއި އިރުމަތީ ގުދުސް އަކީ ހިފާފައިވާ ބިމެއް ކަމަށާއި އެއީ އިޒްރޭލުގެ ބައެއް ނޫން ކަމަށެވެ.

އެމެރިކާ އިން ގުދުސް އަށް އެމްބަސީ ބަދަލު ކުރުމަށް ނިންމުމާއި ގުޅިގެން އ.ދ ގެ އާއްމު މަޖިލީހުގައި އެ މައްސަލަ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ބަހުސް ކުރެވި، އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ގަރާރާ އެއްކޮޅަށް 128 ގައުމަކުން ވޯޓު ދީފައި ވެއެވެ. ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ 9 ގައުމަކުންނެވެ. 35 ގައުމުން ވަކި ކޮޅަކަށް ވޯޓު ދީފައި ނުވާއިރު 21 ގައުމުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މުޅި ދުނިޔެ ކަހަލަ ގޮތަކަށް އެމެރިކާގެ ނިންމުމާއި އިދިކޮޅުކަން އެ ވޯޓުގެ ރޫހު ހުރި ގޮތުން ސާފުވިއެވެ. ހަމަ އެހެންމެ ގަލްފްގެ ގައުމުތަކުން ފާޅުގައި އެމެރިކާގެ ނިންމުމާއި މެދު އޭރު ގެން ދިޔައީ ބަސް ބުނަމުންނެވެ. މިކަން މިހެން އޮތް ނަމަވެސް ގޮތް ދޫކުރުމެއް ނެތި އެމެރިކާ ދިޔައީ އެމީހުންގެ ޕްލޭނާ އެކު ކުރިއަށެވެ. އޭގެ ފަސް މަހެއްހާ ދުވަސް ފަހުން އެމްބަސީ ހުޅުވި އިރު މިކަމާ ދެކޮޅަށް ހުރި އަޑުތައް މަޑުވެ، ކުޅި ބަލާން ތިބި ބަޔަކަށް މުސްލިމް ގައުމުތައް ވެ ނިމިއްޖެ އެވެ.

ގުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލު ކުރުމަށް ނިންމެވި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވިގެން ދާ ދުވަހަކީ އިޒްރޭލަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ. އެމެރިކާގެ ރައީސް ހުންނެވީ އޭނާގެ "ހިތްވަރުގަދަ" ނިންމެވުން ކާމިޔާބު ވާތަން ފެނިވަޑައިގެން ނުހަނު އުފާފުޅުންނެވެ.

އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކޮށް އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް ހެދުމަށް ހުސްވި ޑިސެމްބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އެމެރިކާގެ ކުރީގެ ރައީސުން މިކަމުގައި ގެންގުޅުއްވި ވިސްނުންފުޅާ އަދި އެމެރިކާ އިން މާޒީގައި ގެންގުޅެމުން އައި ޚާރިޖީ ސިޔާސަތާ ދިމާ އިދިކޮޅަށް ނިންމެވި ނިންމެވުމެކެވެ.

އެމެރިކާގެ ރައީސްގެ އެ ނިންމެވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ވަގުތުން ތާއީދު ކުރައްވާ ވިދާޅުވީ ޖެރޫސަލަމް (ގުދުސް) އޭ ކިޔޭ ތަނަކީ ޔަހޫދީން ތިން ހާސް އަހަރު ވަންދެން އެމީހުންގެ ވެރި ރަށުގެ ގޮތުގައި ދެކެމުން އައި ތަނެއް ކަމަށާއި އެމެރިކާގެ ރައީސްގެ ނިންމެވުމަށް އިޒްރޭލުން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށާއި އެމެރިކާ ނަމޫނާ އަކަށް ބަލައިގެން އެހެން ގައުމުތަކުން ވެސް އެ ގައުމު ތަކުގެ އެމްބަސީތައް ގުދުސްއަށް ބަދަލު ކުރުމަކީ އިޒްރޭލުން އެދޭ ގޮތް ކަމަށެވެ.

އެމެރިކާގެ މި ނިންމުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ސިފަ ކުރެއްވީ ފަލަސްތީނުގެ މޫނުމަތީގައި ޖެހި އެތިފަހަރެއްގެ ގޮތުގައެވެ. އަދި މި ނިންމުމާ އެކު އެމެރިކާ އަކީ ސުލްހައިގެ ވާހަކަ ތަކުގައި އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ވެސް މަހްމޫދު އައްބާސް ވިދާޅުވިއެވެ. މި މޭރުމުން ފަލަސްތީނުގެ ރައީސްގެ ބަސްފުޅު ހުއްޓެއް ކަމަކު ފަލަސްތީނުގެ އެތެރޭގެ މައްސަލަތަކާއި، ވެރިކަމާ އެއް ބަޔަކު އަނެއް ބަޔަކު ކޯޅުމާއި، އެތެރޭގެ ބައިބައި ވުން ތަކުގެ ސަބަބުން އާއްމު ރައްޔިތުން ވަމުންދާ ގުރުބާނީ އަކަށް ސަރުކާރަށް މާ ބޮޑު ބާރެއް ލެވޭ ތަނެއް ފެނިގެންނެއް ނުދެއެވެ.

ގުދުސްއަށް އެމްބަސީ ބަދަލު ކުރުމާއި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާ އިން ކަނޑައެޅުމުގައި ރައީސް ޓްރަމްޕަށް އެންމެ ބޮޑަށް ޕްރެޝަރ ކުރި ފަރާތްތަކުގެ ތެރޭގައި އެމެރިކާ އިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ފްރީޑްމަން އާއި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ފާހަގަ ކުރެވެއެވެ. ރައީސް ޓްރަމްޕްގެ މި ނިންމެވުމުން ވެގެން ދިޔައީ ރައީސް ޓްރަމްޕަށް ވޯޓު ދިން ނަސާރާއިންގެ މެދުގައި ވަރަށް މަގްބޫލު ނިންމެވުމަކަށެވެ.

ރައީސް ޓްރަމްޕްގެ ނިންމެވުން ބިނާކުރައްވާފައި ވަނީ 1995 ވަނަ އަހަރު އެމެރިކާގެ ސެނެޓުން، ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމަށް ފާސް ކޮށްފައިވާ ގާނޫނަކަށެވެ. ނަމަވެސް އެ ގާނޫނު ފާސް ކުރި ފަހުން އެމެރިކާގައި ވެރިކަން ކުރެއްވި ބިލް ކްލިންޓަން ވެސް، ޖޯޖް ޑަބްލިއު ބުޝް ވެސް އަދި ބަރަކް އޮބާމާ ވެސް ވަނީ ގާނޫނަށް އަމަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

"ޖެރޫސަލަމް އެމްބަސީ އެކްޓް" ގެ ނަމުގައި ފާސްކޮށްފައިވާ މި ގާނޫނުގެ ދަށުން ޓްރަމްޕް އެމްބަސީ ގުދުސް އަށް ބަދަލު ކުރެއްވުމަށް ނިންމެވުމަށް ފަހު އޭނާ ވިދާޅުވީ، އޭނާގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އެ ގާނޫނަށް އަމަލު ނުކުރެއްވީ "ހިތްވަރުފުޅު ނެތުމުން" ކަމަށެވެ.

ކޮންމެ އަކަސް އެމެރިކާ އިން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ އެތަނަށް އެމްބަސީ ބަދަލު ކުރުމުގެ އިއުލާނު ކުރުމާއެކު މަސްރަހް ހޫނުވާން ފެށިއެވެ. ގުދުސް އާއި ގާޒާ އާއި ހުޅަނގު އައްސޭރީގައި އިހްތިޖާޖުތައް ފެށުނުތަން ފެނިގެން ދިޔައެވެ. ކޮންމެ ދުވަހު ފެންނަމުން ދިޔައީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ވެގެން ދާ މަންޒަރެވެ.

އެމެރިކާގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ހިނގަމުން ދިޔަ އިރުވެސް ފަލަސްތީނުގެ ރައްޔިތުން ގެންދިޔައީ އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރަމުންނެވެ. ހަތިޔާރާ އެކު އިހްތިޖާޖު ތަކާއި ކުރިމަތިލާ އިޒްރޭލު ސިފައިންގެ ރަހުމު ކުޑަ ހަމަލާތަކުން ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ވަމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ފަންސާހަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމް ވެގެން ދިއުން ސިފަ ކުރެވިގެން ދިޔައީ އިޒްރޭލުން ހިންގި ގަތުލު އާއްމެއްގެ ގޮތުގައެވެ.

މުސްލިމުންގެ މުގައްދަސް ބިމެއްގައި ޔަހޫދީ ދައުލަތުގެ ވެރިރަށް ގާއިމް ވެގެން އެދަނީ ފަލަސްތީނުގެ ވަށައިގެންވާ މުސްލިމް ގައުމުތަކުގެ ވެރިންގެ ކުރިފުޅު މަތީގައެވެ. އެމްބަސީ ހުޅުވި ހޯމަ ދުވަހު އިޒްރޭލުގެ ސިފައިންގެ އަނިޔާވެރިކަން ހައްދުން ނެއްޓިތަން ފެނުނެވެ. އަރަބި އިސްލާމީ ގައުމުތަކުގެ އާއްމު ރައްޔިތުންގެ ރުޅިއާއި ހިތްހަމަ ނުޖެހުން ކިތަންމެ ވަރަކަށް އޮތަސް އެ މީހުންގެ ވެރިން ތިއްބެވީ ހިމޭނުންނެވެ.

އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ޓްރަމްޕް އިއުލާން ކުރެއްވުމުން އެކަމާ އޭރު ނުރުހުން ފާޅު ކުރި އިސްލާމް ދީން އެ ބިމަކުން އުފަންވި ސައުދީ އަރަބިއްޔާގެ ރަސްމީ ޚަބަރު ތަކުގައި ވެސް ގެންނަން މުހިންމުވީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ލިބުނު ވާހަކަ ތަކާއި ގައުމީ ތަރައްގީގެ ތަސައްވުރުގެ ވާހަކަ ތަކެވެ. މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިން ޔަހޫދީންގެ މުށުތެރެއަށްލާ ވެރި ކޮށްލީއެވެ. އެކަމާ ކުރެވޭނެ ކަމެއް ނެތް ތާ ކުޑަ މިނުން އެއްޗެއް ބުނެލާނެ ހިތްވަރު ހުރި މުސްލިމް ލީޑަރަކުވެސް ނެތެވެ. ތުރުކީ އާއި އީރާނުން ނުރުހުން ފާޅު ކުރި ނަމަވެސް އެމެރިކާ ހިތްހަމަ ނުޖެހިދާނެ ކަމަށް ގަލްފްގެ މުއްސަނދި އިސްލާމީ ގައުމުތަކަށް ޗުއްޕުވެސް ބުނާކަށް ނުކެރުނެވެ.

މި ހިނގައި ދިޔަ ބޮޑު ކަންތައް މިހެން ވުމުގެ ހަގީގީ އެންމެ ބޮޑު ސަބަބަކީ އެމެރިކާގެ ބާރުގަދަ ވުން ކަމަށް ގަބޫލު ކޮށްލައިގެން ތިބުން ދައްޗެވެ. އެ އަށް ވުރެ ބޮޑަށް މިކަމަށް މަގު ތަނަވަސް މި ވީ މުސްލިމުންގެ ބައިބައި ވެފައި ވުމާއި، އެއްބަޔަކު އަނެއް ބަޔެއްގެ ކަރުމަރު ހިފުމަށް ފެންބޮވައިގެންފައި ތިބުމާއި އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާގެ އެއްގެ ގޮތުން ކަމަށް ގަބޫލު ކުރަން މާ ފަސޭހަ އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް