26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޔާމީން ބަންދުކުރި މައްސަލަ

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

 • ޔާމީން ބަންދުކުރީ 2010 ވަނަ އަހަރު އާރަށުގައި
 • އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވަނީ ކޮށްފަ
 • މޫސާ އަލީ ޖަލީލުގެ މައްޗަށް ތަހުގީގު ހިންގި ނަމަވެސް ދައުވާ ކުރަން ނުފޮނުވާ
 • އިޖުރާއީ ކަންކަން ފުރިހަމަކޮށް ނަޝީދުގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 20:05 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
 4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ރައީސް ނަޝީދު، ޔާމީން ބަންދުކުރި މައްސަލައިގައި ދައުވާކުރާ އިރު މިހާރުވެސް ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެއިރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

 

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

 

ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

 

އާރަށަކީ އެއްވެސް އިރެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނެއް ނޫން ކަމަށާއި ޔާމީން އާރަށަށް ގެންދިޔައީ ވެސް މީހުން ހައްޔަރުކުރުމަށް އޮންނަ އުސޫލުތަކުގެ ދަށުން ނޫން ކަމަށް އެއިރުގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި ޔާމީން އާރަށަށް ގެންދިޔައީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެސް ވާތީ ހިމާޔަތް ދޭންޖެހޭ ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

 

އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ހިންގާފައިވަނީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލުގެ މައްޗަށެވެ. އެ މައްސަލައިގައި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ޝަރީއަތް ދަނީ ހިންގަމުންނެވެ.

 

އަމީން ފައިސަލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީން ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ފޮނުވާފައިވަނީ ދެ ބޭފުޅެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދައުވާ ކުރުމަށް ފޮނުވީ ރައީސް ނަޝީދާއި އަމީން ފައިސަލްގެ މައްޗަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

އޮފިޝަލް ވިދާޅުވީ އަމީން ފައިސަލްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވި ވަނީ، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި މިހާރު އެ ކަންތައްތައް ފުރިހަމަ ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ އެ ކަންތައްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގަށް މޫސާ އަލީ ޖަލީލު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި ނަމަވެސް، ދައުވާ ކުރުމަށް ފޮނުވާފައިނުވަނީ ކީއްވެ ކަމެއް ސާފުވާގޮތް ވަނީ ނުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއެމްވީ އިން މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

 

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވިއިރު، މިހާރު ވެސް އެމަނިކުފާނު ހުންނެވީ ޓެރަރިޒަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

 

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް، ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސީވިލާތަށް އަރުވާލެވިގެން އެގައުމުގަ އެވެ. އެގައުމުގައި ހުންނަވަނިކޮށް ސަރުކާރުން ވަނީ ރައީސް ނަޝީދުގެ ޕާސްޕޯޓް ކެންސަލް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް