22 މެއި 2018 | އަންގާރަ | 03 ރޯނު

ޝާހީ ކައިވެނި

ޝާހީ ކައިވެނި: އެއްބަފާ ބޭބެ ބޭނުންވަނީ ކައިވެންޏަށް ދައުވަތު ދޭން

  • ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި މަހުގެ 19 ވާ ހޮނިހިރު ދުވަހު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 މެއި 2018 | ހޯމަ 09:36 | |



މޭގަން އާއި ހެރީ -- ގެޓީ އިމޭޖާސް

 އެމެރިކާއަށް އުފަން ބަތަލާ މޭގަން މާކަލްއާ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ކައިވެންޏަށް ދައުވަތު ދިނުމަށް އާދޭސް ކުރާކަމަށް މޭގަންގެ އެއްބަފާ ބޭބެ ތޯމަސް ޖޫނިއަރ ބުނާ ސިޓީއެއް އަނެއްކާވެސް އާންމުވެއްޖެއެވެ.

މޭގަންއާއި  ގާތްގުޅުމެއް ނޯންނަ އޭނާގެ އެއްބަފާބޭބެ ތޯމަސް، ހެރީއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ ލީކުވެފައެވެ. އެ ސިޓީގައި އޭނާގެ ބޭބެ ބުނެފައިވަނީ ޝާހީ ކައިވެނި ހުއްޓާލަން އެދޭ ކަމަށާއި މޭގަންއާ ކައިވެނި ނުކުރުމަށް ހެރީގެ ކިބައިން އެދޭކަމަށެވެ. އަދި އާއިލާގެ އެއްވެސް މީހަކަށް މޭގަންގެ ކައިވެންޏަށް ދައުވަތު ނުދޭކަމަށާއި އޭނާ އަކީ ބައްޕައާއި މާގުޅުމެއް އޮންނަ މީހެއް ނޫންކަމަށް ވަނީ ބުނެފައެވެ. ކައިވެންޏަށް ދައުވަތު ނުދިން ކަމުގައިވިއަސް ކަންބޮޑު ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން މޭގަން އާ ކައިވެނިކުރުމަކީ ހެރީއަށް ހެދޭނެ އެންމެ ބޮޑު އެއްގޯސްކަމަށް އޭނާ އެފަހަރު ވަނީ ބުނެފައެވެ.

ދެވަނައަށް ލީކުވެފައިވާ ސިޓީ ތޯމަސް އެޑްރެސް ކޮށްފައިވަނީ ސީދާ މޭގަންއަށެވެ. އޭނާ ބުނެފައިވަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް އާދޭސް ކުރާކަމަށެވެ. އަދި އެއީ އާއިލާއިން ވެސް އެދޭކަމެއްކަމަށާއި އާއިލާއަށް ދައުވަތު ދިނުމަށް އަދިވެސް ލަސް ނުވާކަމަށް ތޯމަސްގެ ސިޓީގައި ވަނީ ބުނެފައެވެ. މޭގަންއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރިން ލިޔުނު ސިޓީގައި ދައްކާފައި ހުރި ވާހަކަތަކަށް މޭގަން ހިތްބުރަ ނުކުރުމަށް އެދޭކަމަށާއި  އެ ސިޓީގައި ދެއްކުނު ވާހަކަތަކަށް މާފަށްވެސް އެދޭކަމަށެވެ. ދެ ސޮފްހާގެ އެ ސިޓީގައި އިތުރަށް ބުނެފައިވަނީ  މޭގަން އާއި އޭނާގެ އާއިލާއާއި ދޭތެރޭ އޮންނަ ގުޅުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ކުޑަކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެއީ އެއް އާއިލާއެއްކަން ވަނީ ހަނދާން ކޮށްދީފައެވެ.

ތޯމަސް ސިޓީތައް ފޮނުވި ކަމުގައިވިއަސް މޭގަން އެ ސިޓީތަކާއިމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

މޭގަންގެ އާއިލާގައި ތިބެނީ އޭނާގެ އިތުރުން އެއްބަފާ ބޭބެ ތޯމަސް ޖޫނިއާ އާއި އެއްބަފާ ދައްތަ ސަމަންތާ ގްރާންޓްއެވެ.

ޝާހީ އާއިލާއިން ދަނީ މޭގަން އާއި ހެރީގެ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. މި ކައިވެނީގެ ހަފްލާ ޒީނަތްތެރި ކުރާނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އެންމެ ކަމުދާ މާ ކަމަށްވާ "ވައިޓް ގާރޑްން ރޯސެސް" އަދި މޭގަން އަށް އެންމެ ކަމުދާ މާ ކަމަށްވާ "ޕިއޯނީ" އިންނެވެ.

ޕްރިންސް ހެރީ ދިރިއުޅުއްވާ ގަނޑުވަރު، ކެންސިންގްޓަން ޕެލަސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ޕާޓީއަށް "ފްލޯރަލް ޑިޒައިނަރެއް" ހަމަޖައްސާފައި ވާކަމަށެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް އަންދާޒާ ކޮށްފައއިވާއިރު ކައިވެނި ޕާޓީގެ އެއްވެސް ޚަރަދެއްގެ ތަފްސީލް ޝާހީ އާއިލާއަކުން ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް