25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ކްރިމިނަލް ކޯޓް

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

  • އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް ވަނީ ހަމަޖައްސާފަ
  • ކޮންމެ ދުވަހެއްގެ 3:15 ގައި ކޯޓު ބަންދުކުރާނެ
  • މުވައްޒަފުންގެ މުސާރަތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ
އަޒުމޫން އަހުމަދު | azmoon_ahmed

| 10 ޖެނުއަރީ 2017 | އަންގާރަ 17:53 | |

ކްރިމިނަލް ކޯޓް، ބަޖެޓް ވަނީ ވަރަށް ބޮޑު ތަނުން ކުޑަކޮށްފަ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ އާއި ޚަރަދުތަކަށް ދިން ބަޖެޓް ކުޑަކޮށްފައި ވާތީ އިތުރުގަޑީގައި މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޖެޓް ކުޑަވުމުގެ ސަބަބުން ކޮންމެ ދުވަހެއްގެ 3:15 ގައި ކޯޓު ބަންދުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ގަޑީގެ ފަހުން ޝަރީއަތެއް ކުރިއަށް ނުގެންދާ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

އޮފިޝަލް ވިދާޅުވީ އެކި ކުށްކުށުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު ޖެހުން ކޮންމެ ދުވަހެއްގެ މެންދުރު 1:15 ގައި ފަށައި، 3:15 އަށް ނިންމާލުމަށް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހަމައެކަނި އިތުރުގަޑީގައި މަސައްކަތް ކުރާނީ ބަންދުގެ މުއްދަތު ޖެހުން 3:15 އަށް ނިންމާނުލެވޭ ހާލަތެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

 

މި ބަދަލާއެކު ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެ ކޯޓުގެ މުވައްޒަފުންނަކީ އިތުރު ގަޑިތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާއިރު، މި ބަދަލާއެކު އިތުރު ގަޑީގައި މަސައްކަތް ކުރުން ނިމުމަކަށް އައީ އެވެ.

 

ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ބުނީ މަހުގެ މުސާރައިގެ ބޮޑު ބައެއް ބިނާވެފައިވަނީ އިތުރު ގަޑީގެ ފައިސާގެ މައްޗަށް ކަމަށާއި އިތުރުގަޑީގައި މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުން ގެއަށް ގެންދަން ލިބޭ ޖުމްލަ މުސާރަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

 

މި ބަދަލާއެކު މައްސަލަތައް އަވަހަށް ނިންމުމަށް ކޯޓަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެގޮތުން މައްސަލަތައް އަވަހަށް ނިންމުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ޝަރީއަތްތައް ބާއްވަން އައި އިރު، މި ބަދަލާ ގުޅިގެން ޝަރީއަތްތައް ވެސް ދެން ރޭގަނޑަކު ނުބާއްވާނެ އެވެ. އެހެންކަމުން މި ބަދަލުގެ ސަބަބުން ޝަރީއަތްތައް ދިގުލައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ.

 

މިއަހަރުގެ ބަޖެޓުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ އާއި ޚަރަދުތަކުގެ ގޮތުގައި ދީފައިވަނީ 20 މިލިއަން ރުފިޔާ އެވެ. މިއީ 2016 ވަނަ އަހަރު ދިން 28.5 މިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 8.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

 

ރައްޔިތުންގެ މަޖިލީހުން ވަނީ މުލި ޖުޑަޝަރީގެ ބަޖެޓު ވެސް މިއަހަރަށް ކުޑަކޮށްފަ އެވެ. އެގޮތުން 2016 ވަނަ އަހަރު ޖުޑިޝަރީ އަށް 467 މިލިއަން ރުފިޔާ ދިން އިރު، މިއަހަރު ދޭން ނިންމާފައިވަނީ 367 މިލިއަން ރުފިޔާ އެވެ. މިއީ ޖުމްލަ 100 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

 

އެހެން ކޯޓުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ބަޖެޓް ވަނީ 21 މިލިއަން ރުފިޔާ އިން 15 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. ހައިކޯޓުގެ ބަޖެޓް ވަނީ 21 މިލިއަން ރުފިޔާ އިން 17 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ ބަޖެޓް 31 މިލިއަން ރުފިޔާ އިން 26 މިލިއަން ރުފިޔާ އަށް ވަނީ ކުޑަކޮށްފަ އެވެ.

 

އެހެންކަމުން، ކްރިމިނަލް ކޯޓާއެކު އެހެން ހުރިހާ ކޯޓުތަކުގެ ރަސްމީ ގަޑިތަކަށާއި، ޝަރީއަތްތައް ކުރިއަށް ގެންދާ ގަޑިތަކުގެ އިތުރުން އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ބޮޑެތި ބަދަލުތަކެއް މިއަހަރު އަންނާނެ ކަމަށް ބެލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް