20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

އާޒިމާ ޝަކޫރު

އާޒިމާގެ ގާނޫނީ ލަފާ!

  • ޖީއެމްއާރަށް ފައިސާ ދައްކަން ނުޖެހޭ ކަމަށް އާޒިމާ ވިދާޅުވި
މުހައްމަދު ފަޒީން | phaxyn

| 12 މެއި 2018 | ހޮނިހިރު 12:34 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ގާނޫނީ ވަކީލު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު -- އާކައިވް

ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރަކީ ރާއްޖޭގެ މަސްހޫރު ގާނޫނީ ވަކީލެކެވެ. ނަމަވެސް އޭނާ މަޝްހޫރުވެފައި ވަނީ ޖުޑިޝަރީގެ ތެރެއިން އޭނާ ބޭނުންވާ ގޮތަށް ގިނަ މައްސަލައްތަކެއް ނިމެމުންދާތީ އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޔަވާ މިފަހުން ރާއްޖޭގައި ވެރިކަންކުރި ހުރިހާ ސަރުކާރެއްގައި އާޒިމާ ވަނީ ވަރަށް އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގެ ކުރިން ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ނަޝީދުގެ ވެރިކަން ދިވެހި ސިފައިންނާ ފުލުހުން އަދި ޝަރުއީ ކޯޓުތުގެ އެހީތެރިކަމާއެކު ބަދަލު ކުރުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ އިތުރުން މިހާރު ކުރިއަށް މިދާ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ގެންދަވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ނެވެ. ހާއްސަކޮށް ގާނޫނީ ދާއިރާއިން ނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް އަބަދުވެސް ގާނޫނީ ލަފާ ދެއްވަމުން ގެންދަވާ އާޒިމާ މިހާތަނަށް ފާހަގަ ކުރެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ބޭރުގެ އިންވެސްޓެއްކަމަށްވާ އިންޑިއާގެ ޖީއެމްއާރާއެކު ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ދެއްވި ގާނޫނީ ލަފާ އެވެ. މީގެއިތުރުން އާޒިމާއަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ނެކްސްބިޒް ކުންފުނިން އިންވެސްޓްކުރި ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން ބާތިލު ކުރުމަށް ރައީސް ވަހީދުގެ ސަރުކާރުން ކުރި މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ފަރާތެކެވެ.

ޖީއެމްއާރާއި ނެކްސްބިޒް މައްސަލަ ދިވެހި ސަރުކާރުން ބާތިލު ކުރުމުގެ ނަތީޖާ ވަރަށް ހިތްޗެވެ. ޖީއެމްއާރު އެގްރީމެންޓް ބާތިލު ކުރުމުން 300 މިލިއަން ޑޮލަރުން ދައްކަން ޖެހުނުއިރު، ބޯޑަރ ކޮންޓްރޯލް ސިސްޓަމް އެގްރީމެންޓް ބާތިލް ކުރުމުން 15 މިލިއަން ޑޮލަރު ރާއްޖެއިން ދައްކަން އަންގާފައި ވެއެވެ.

ބޯޑަރ ކޮންޓްރޯލް ސިސްޓަމް އެގްރީމެންޓް ބާތިލު ކުރުމުން ނެކްސްބިޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ. މިއަދާ ހަމަށް އެ ފައިސާ ނުދައްކާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މިމައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި ނަމަވެސް ރާއްޖެއިން ލޯލާރި އެއްވެސް ދައްކަން ނުޖެހޭނެ ކަމަށް އާޒިމާ ވިދާޅުވެ، އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ވިދާޅުވެފައި ވާތީ އެވެ. ނަމަވެސް ހަގީގަތަކީ ރާއްޖެއިން 300 މިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އެފައިސާ ދަންކަން ޖެހުމަކީ ރައީސް ޔާމީންގެ ސަރުކާރުން ނެގި ލޯނުތަކުން ދައުލަތް  ބޮޑު ތަނުން ދަރަނިވި މައިގަނޑު ސަބަބު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ޖީއެމްއަރާއެކުވި އެއްބަސްވުން އުވާލުމަކީ އާޒިމާ ދެއްވި ގާނޫނީ ލަފަޔާމެދު ސުވާލު އުފެދޭ ކަމެކެވެ.

ރާއްޖޭގައި ހިންގާފައިވާ މައްސަލަތަކަށް ބަލާއިރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ކުރި ޖެއްސުންތައް ފާހަގަކޮށްލެވެ އެވެ. ދާދި ފަހުން އާޒިމާ ވަނީ ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ވިދާޅުވެފަ އެވެ. އޭރު އެ މައްސަލަތައް އޮތީ ސުޕްރީމް ކޯޓުގަ އެވެ. ގާސިމް ވަނީ މި މައްސަލައިގައި އާޒިމާ އަށް ރައްދު ދެއްވާ، އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

އެންމެ ފަހުން ސުޕްރީމް ކޯޓުން އެ މައްސަލަތައް ނިންމިއިރު، އާޒިމާ އެ ވިދާޅުވީ ފައިސާ ވިލާ ގްރޫޕުން ދައުލަތަށް ދައްކާކަށް ނުޖެހުނެވެ.

އަދިވެސް ފާހަގަ ކޮށްލެވޭ މައްސަލަތަކެއް އެބަހުއްޓެވެ، އޭގެތެރެއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ރައީސް ނަސީދު ބޮޑު ތަފާތަކުން ކުރި ހޯއްދެވުމާއި ގުޅިގެން އެ އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވި ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ނިންމީ އެމްޑީޕީއާ ދެކޮޅަށެވެ. އޭރު ބަންޑާރަ ނައިބަކަށް ހުންނެވީ އާޒިމާއެވެ. ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުގައި އާއްމު އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް ކަނޑައެޅި އެވެ. ނަމަވެސް އެކަން ދެމިގެންދިޔައީ ހަމައެކަނި އެ ރިޔާސީ އިންތިހާބުގައި އެކަންޏެވެ. އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގައި އެ ބުނާ ވޯޓާސް ލިސްޓުގައި ސޮއި ނުކޮށް ވަނީ އިންތިހާބުތައްވެސް ބާއްވާފަ އެވެ. ސުޕްރީމް ކޯޓުގެ އެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.

އާޒިމާ އެންމެފަހުން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ދެން ސުޕްރީމް ކޯޓަށް ބާތިލް ނުކުރެވޭނެ ކަމަށާއި އދ. އިން ބުންޏަސް އަދި ދުނިޔޭގެ ކޮންމެ ތާނުން ބުންޏަސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަމެއް ނޯންނާނެ ކަމަށެވެ. ސަބަބެއް ކަމަށް އާޒިމާ ވިދާޅުވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާ ކަމަށާއި ދެން އެމައްސަލަ އަލުން ސުޕްރީމް ކޯޓުން ބަލާ އެހުކުމް ބާތިލް ނުކުރެވޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން އެފުރުސަތު ނެތްކަމަށް ކަމަށް ވިދާޅުވި އެވިދާޅުވުމަކީ ގާނޫނީ މާހިރެއްކަމަށް ވިދާޅުވާ އާޒިމާ ހޫނު ފެނަށް ވެއްޓުނު ކަމެކެވެ. އޭނާގެ ގާނޫނީ މާހިރުކަމާމެދުވެސް ސުވާލު އުފެދެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި އެ ޝަރީއަތް ކުރެވިގެންދިޔަ ގޮތާއި، ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ވަކި ބައެއް ބޭނުންފުޅުވާ ހުކުމްތައް ނެރެމުންދާއިރު، އެ ޝަރީއަތުގައި ހިންގާފައިވާ ބައެއް ޖަރީމާތައް ފެންމަތިވެފައި ވެއެވެ.

އެކަން އެގޮތަށް އޮތްއިރު، ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ހިނގަމުންދިޔައިރު، ސުޕްރީމް ކޯޓުން ސާރކިއުލާތަކެއް ފުލުފުލުން ނެރެމުންދިޔަތަންވެސް ފެނިގެންދިޔަ އެވެ. އޭގެތެރޭގައި އިސްތިއުނާފު ކުރުމުގެ މަރުހަލާގެ މުއްދަތު ކުޑަކޮށް، ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއްވެސް ގެންނަމުންދިޔަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެކަންކަން ހިނގަމުންދިޔައިރު، ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އޮތްވަރު މިހާރު ލީކުވެފައިވާ ގާޒީންގެ ބަޔާންތަކުން ވެސް އެނގޭނޫންތޯއެވެ. ނަމަވެސް އެއީ އަދި ކުޑަ މިންވަރެކެވެ.

ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެއެވެ. ނަމަވެސް ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާއި، އިޖުރާއީ ޝަރުތުތަކާއި ގަވާއިދުތަކާއި، ދީމިޤްރާޠީ މުޖުތަމައުތަކުގެ ޖިނާއީ އިޖުރާއަތުގެ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ އިންސާފުން ޝަރީއަތް ކުރުމާގުޅޭ އެންމެހައި އަސާސީ ހައްގުތައް ކަށަވަރުވެފައިވާކަމަށް ކަނޑައެޅުމަށެވެ.

ދައުލަތުން މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގައި އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭ ސަބަބަކަށް ނުވާތީ، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށެވެ.

ހައިކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައިކޯޓުގެ އެ ނިންމުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވާތީ އެއީ ސައްހަ ނިންމުންމެއް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތް ހިންގާފައިވަނީ އެންމެހާ އިޖުރާއަތުތަކާއި ހައްގުތަށް ލިބިދީގެން ކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ އެހުކުމުގައި މައުލޫއީ ގޮތުން އެމައްސަލައާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާމެދު ވަކިގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

ނަމަވެސް ރައީސް ނަޝީދުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް  ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ ކަމަށް އާޒިމާ ގަބޫލު ކުރެއްވި ނަމަވެސް އާޒިމާއަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) ފެނި ނުލެއްވި އެވެ. ނުވަތަ ފެނުނަސް ނުފެންނަ ކަމަށް ހެއްދެވީ އެވެ.

ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ، ގާނޫނީ އުސޫލަކާބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް، ނުވަތަ ބާތިލު ކުރުމަށް، ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއްނެތް ކަމަށެވެ.

މީގެއިތުރުން އާޒިމާ އެވިދާޅުވާ ސުޕްރީމް ކޯޓުގެ ހުކުމުގައި ސިޔާސީ އަދި މަދަނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، އިންޓަރނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ބައެއް މާއްދާތަކަށް ރިއާޔަތް ކޮށްފައިވެއެވެ. ނަމަވެސް އާޒިމާއަށް އެ މުއާހަދާގެ 14 ވަނަ މާއްދާގެ 6 ވަނަ ނަމްބަރު ފެނިވަޑައިނުގަތީކަމަށްވެސް ވެދާނެ އެވެ.

އެ މާއްދާގައި ބުނަނީ މިސްކަރޭޖް އޮފް ޖަސްޓިސް ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުންކޮށްފައިވާ ހުކުމަކަށް ވެއްޖެނަމަ، އެ ހުކުމެއް އައިސްފައިވާ މީހަކަށް ބަދަލު ދިނުން ގާނޫނީ އިމުގެ ތެރެއިން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމްތައް ސުޕްރީމް ކޯޓަށް ރިވިއު ކުރެވޭނެ ކަމަށް ވެސް ނުވަތަ ނުކުރެވޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވާ ނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓަކީ އެންމެފަހުގެ ނިންމުން ނިންމާ ކޯޓުކަމަށްވާއިރު، އެ ކޯޓުން ކޮށްފައިވާ ހުކުމެއް ރިވިއު ކުރުމުގެ ބާރު ކުރިން ދެންނެވި، ދިވެހިކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ)އިން ލިބިދެ އެވެ.  

އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ގާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށްވާތީ އެމައްސަލަ ޝަރުއީ ހަމަތަކުގެ މަތިން އަލުން ގޮތެއް ކަނޑައެޅެން ދެން، ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތް ވާގޮތުގެ މަތިން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަމަރުކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށްވެސް ބާތިލެއް ނުކުރެވޭނެކަމަށާއި، އެމަނިކުފާނަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދައެއްވެސް ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވާއިރު، އޭގެކުރިން އާޒިމާ ދެއްވި ގާނޫނީ ލަފާއިން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ސިޔާސީ ބައެއް ފަރާތްތަކުން ދަނީ އާޒިމާއަށް ހަނދާންކޮށްދެމުން ނެވެ.

އެންމެފަހުން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އާޒިމާ ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ގަބޫލު ކުރެވެއެވެ. އެއީ އާޒިމާއަކީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރަށް ވެފައި، ކުއްލި ނުރައްކަލާ ބެހޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުތައް އިއްވުމުގައި އުޅުއްވީވެސް އާޒިމާ ކަމަށްވާތީ އެވެ. މިހާރު ސަރުކާރު ނޭވާ ހޮޅިއަށް އެޅިގެން ތިއުޅުއްވަނީ ވެސް ހަމަ އެފަދަ ތާކުންތާކުން ނުޖެހޭ ގާނޫނީ ލަފާއެއްގަ ޖެހިގެން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޙުސެން

11 މަސް ކުރިން

Varah molhah dhiraasaa kohfaivaa liyumeh. Maruhabaa

3
0
ގާނޫނުއަސާސީ!

11 މަސް ކުރިން

ރައީސް ނަޝީދަކީ ޖިނާއީ ކުށްވެެރިއެއް! ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތް ވާގޮތުގެ މަތިން!

0
4