11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

މައުމޫން

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

  • ދައުލަތް ހިންގަމުންދަނީ ވަގުންނާއި ފޭރޭ މީހުންނަށް ތިޖޫރީތައް ހުޅުވާލައިގެން
  • ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ނެތް
  • މައްސަލަ ޖެހިފައިވާ ބައި އިންޖީނުން ވަކިކުރަންޖެހޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 8 ޖެނުއަރީ 2017 | އާދީއްތަ 15:16 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އިސްލާމީ އުސޫލުތަކެއް، ޝަރީޢާއެއް، އަދުލު އިންސާފެއް މިގައުމަކު ނެތެވެ. މިރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް ޖަންގަލީގެ ގާނޫނު މި އޮތީ ފެތުރިފަ އެވެ. ޤާނޫނުތައް އެ ހަދަނީ ތިމާމެން ހިތުހުރި ގޮތަކަށް، ހިތު ހުރި އެއްޗެއް ފަސޭހަ އިން ދިރުވާލެވޭ ގޮތަށެވެ. ދައުލަތް ހިންގަމުންދަނީ ވަގުންނާއި ފޭރޭ މީހުންނަށް ތިޖޫރީތައް ހުޅުވާލައިގެންނެވެ. މުއައްސަސާތަކުގެ ނަމުގެ ކުރީގައި ބޮޑު އަކުރުން މިނިވަން ޖަހާފައި އޮތަސް ފެންނަނީ އަޅުވެތި ކަމެވެ. ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ނެތެވެ. ރައްޔިތުން މާޔޫސްވެފަ އެވެ. ދައުލަތުގެ ބޭނުން ކެނޑިއްޖެ އެވެ.

 

މި ސަރުކާރު ވެރިކަމަށް އައިސް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ ހިތު ތެރޭގައި ބިރުވެރިކަން އުފެއްދުމަށެވެ. މުޒާހަރާ ކުރަން ނިކުމެއްޖެ ނަމަ އަނދަގޮނޑި ޖެހި ޒަމާން އަލުން އިޔާދަކުރާނެ ކަމުގެ އިންޒާރާއެކު އެވެ. ބައިތުލްމާލުން ފޫދުއްވާލިޔަސް އެ ވާހަކައެއް ދައްކައިފިއްޔާ އަނގަ ހައްދު ޖަހާނެ ކަމުގެ އިންޒާރާ އެކުއެވެ. ސަރުކާރުން ގާނޫނެއް ގަވާއިދަކަށް ނުބަލައި ހިތްޕުޅާވާހާ ގޮތެއް ހެދިޔަސް، އިދިކޮޅު ހަދައިލައިފިއްޔާ ބުރިން ހަންދެމި ޒަމާން އަލުން އިޔާދަ ކުރާނެ ކަމުގެ އިންޒާރާ އެކު އެވެ.

 

ފަނޑިޔާރެތައް މަސައްކަތް ކުރަމުންދަނީ ނެތް ބާރެއް އަމިއްލަ އަށް ލިބިގަނެގެންނެވެ. ޝަރީއަތް ކުރާ މަޖިލީހެއްގައި ތަޅުލައިގެން ތިބެ އުމުރު ދުވަހަށް ތިމާމެންނަށް ފަނޑިޔާރުންގެ ގޮނޑީގައި ތިބެވޭ ގޮތެއް ގާނޫނާ ޚިލާފު ހުވައެއް ކޮށްގެންނެވެ. ރައީސް އޮފީހުން ލިޔެފައި ދޭ ހުކުމްތަކާއި އަމުރުތަކުގައި ހުރުމަތްތެރިވެގެންވާ ފަނޑިޔާރުގެތަކުގެ ތަތްގަނޑު ޖަހައި މުޅި ޝަރުއީ ނިޒާމު މޫރިތިކަން ގެއްލުވާލައިފި އެވެ. މިހާރުގެ ހާލަތު މި އޮތް ގޮތުން ސުޕްރީމް ކޯޓުގެ ލޯގޯގައިވާ ތަރާދު ވެސް އެއް އަތަކަށް އަރިކުރަން ޖެހެ އެވެ. ފަނޑިޔާރުތަކުން ހާމައަށް ރޯމާ ދުވާލު ބޭއިންސާފު އާންމުކުރާ ނަމަ، ތިލަފަތް އެއް ހަމަ ކޮށްފައި ބާއްވަނީ ކާކަށް ދައްކަން، ކާކަށް ކޯއްޗެއް އޮލުވާލަންތޯ އެވެ؟ މި ވާހަކައެއް މިހެން ދެއްކީމާ ގޯސްވާނީ ދެއްކި މީހާ އެވެ. ގެއްލޭނީ ތަސައްވަރެވެ. ތިމާމެންނަށް އުޅެވޭ ނޫޅެވޭ ގޮތެއް ތިމާމެންނަކަށް ނޭނގެ އެވެ.

 

ހަމައެކަނި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވަށައިގެން ހިންގަމުންދާ ކަންތައްތަކާ މެދު ވިސްނާލަ ބައްލަވާށެވެ. ރައީސް ޔާމީނުގެ ޕާޓީން މައްސަލައެއް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ނިންމާލީ ކަނޑާ ކަނޑާ ބަންގާޅީސް އުސޫލުންނެވެ. އާންމު މީހަކު ކޯޓަކަށް މައްސަލައެއް ލައިފިއްޔާ، އެ މައްސަލައެއް ނިމޭއިރު މީހާ އަށް ހުންނާނީ ވާނެ އެއްޗެއްވެ ނިމިފަ އެވެ. ކޮންމެއަކަސް ރައީސް ޔާމީނުގެ ޕާޓީން ހުށަހެޅި މައްސަލައިގެ ހުކުމުން ވެސް ދައުލަތުގެ އަޑީތެޔޮ ބަދަލުކުރަން ޖެހިފައިވާކަން ހާމަވެ އެވެ. ހުކުމުގައި ބުނީ ރައީސް ޔާމީނުގެ ޕާޓީ އަށް ވާދަނުކުރެވޭ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ދައުލަތުގެ އާއްމު ނިޒާމު ގެއްލި މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށެވެ. މިވަރުން ނިމުނީއެއް ނޫނެވެ. ޑިމޮކްރެޓިކް މުޖުތަމުގައިތަކުގައި އިންތިހާބުތައް ބާއްވަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށޭ ވެސް ހުކުމުގައި ބުނެފައި ވެއެވެ. ރައީސް ޔާމީނާ ހިސާބުން ޑިމޮކްރަސީ އަށް ވެސް ބަލަންޖެހެ އެވެ. މުޅި ދިވެހި ދައުލަތް އެނބުރެނީ ރައީސް ޔާމިންގެ ވަށައިގެންނޭ، ދެން ލަލަލާ އޭ ބުނާ ކަހަލަ އެވެ.

 

އިންތިހާބު ދެ މަހަށް ފަސްކުރަން ހުކުމެއް މި ގޮތަށް ކުރީމާ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުން ނިކަން ދެކިބަލާށެވެ. ހުކުމް އިއްވިތާ ދެތިން ގަޑިއިރުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ތިމަންނާމެން އެ ހުކުމް އިސްތިއުނާފު ކުރަން ނިންމައިފީމޭ ބުންޏެވެ. ޖެނުއަރީ 14 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިއުލާނުކޮށްފައި އޮތް އިރު، އިންތިހާބު ބާއްވަން ހުރިހާ ކަމެއް ނިންމަންޖެހޭ ދުވަސް ފާއިތުވެ ދިޔިއިރު ވެސް ހައިކޯޓަކަށް މި މައްސަލައެއް ބަލައިގަނެވޭ ގޮތެއް ނުވި އެވެ. އޭގެ އެތައް ދުވަހެއް ފަހުން އިސްތިއުނާފު މައްސަލަ ބަލައިގަތީމާ، ހަމަ އެ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބަޔާނެއް ނެރެ، އިސްތިއުނާފު މައްސަލަ އަނބުރާ ގެންދަން ނިންމި އެވެ. މިއީ އަޅެ ތަންފުކެއް ބޮޑުވަރު ނޫންތޯ އެވެ. ކުޑަ ކުދިން ހައްލަން ދައްކާ ފަދަ ވާހަކަތައް މި ދައްކަނީ ދިވެހިންނަކީ މީދާ ކޭ އުނބުތަކެކޭ ހިތާތޯ އެވެ؟ މުއައްސަސާއެއް މިނިވަން ވާނީ މިހާކަ ވަރަކަށެވެ. އަނެއްކާ ދެން މިހާރު އެ ދައްކަނީ އަނެއް ވާހަކަ އެވެ. ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު އިންތިހާބު ބާއްވާނެ ދުވަސް އިއުލާނު ކުރާނެ ކަމަށެވެ. ތި ތަކުލީފު އެއްވެސް ވަރަކަށް އުފުއްލަވާނެ ކަމެއް ނެތެވެ. އިންތިހާބަކާ ނުލައި ކައުންސިލްތައް ވެސް ދޭން ތި އުޅޭ ބަޔަކަށް ދޭށެވެ. ނޫނީ ނިޒާމު އުވާލައި ސަރުކާރުން ބޭނުން ކަތީބުން ލައިގެން ދައުލަތް ހިންގާށެވެ.

 

މިއީ ފަނޑިޔާރުގެތަކާއި މިނިވަން މުއައްސަސާއެއް އޮތް ހާލަތެވެ. ދެން ހުރި މުއައްސަސާތަކުގެ ސުރުޚީ ވެސް އަޅާލާނަމެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ކަންބޮޑުވާ އެއްވެސް ކަމެއް ނެތެވެ. މަސް ނިމުނީމާ ކޮންމެ މަހަކު ވެސް މުސާރަ ލިބެ އެވެ. އޭސީ ކޮޓަރީގައި ބޮޑު ގޮނޑީގައި ތިބެވެ އެވެ. ކަމަކާ ނުބެހޭނަމަ ސަރުކާރުން ޕްރެޝަރެއް ވެސް ނުކުރެ އެވެ. ރައްޔިތުން މައްސަލަ ހުށަހެޅިޔަސް ކޮން ކަމެއް ހެއްޔެވެ؟ އިންޓެގްރިޓީ ކޮމިޝަން ވެސް މިފަދަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވާހަކަ ދެއްކާ މީހަކު ބޯގޮވާނެ އެވެ. ޑްރާމާ އާއި ފޮޓޯ މުބާރާތްތައް ބާއްވައިގެން މުނިފޫހިފިލުވީމާ އެ ކޮމިޝަނަކަށް އެ ނިމުނީ އެވެ. ދެން ވެސް ހުރި ތަންތަން ވެސް ހުރީ ހަމަ މިފަދައިންނެވެ. ކުރުކޮށް ބުނާނަމަ މި ތަންތަނުގެ އެޖެންޑާގައި ރައްޔިތުންގެ ވަސް ވެސް ނެތެވެ. ލިބޭ އެއްޗެއް ލިބިގަނެގެން ބަސް އަހާލައިގެން މަޑުން ތިބެނީ އެވެ. ރައްޔިތެއްގެ ނަޒަރުން ބަލާނަމަ ކޮމިޝަންތަކަށް ލާފައި އެ ތިބީ ބޭކާރު ބޯތަކެކެވެ.

 

މިއީ މިއަދު ދިވެހި ދައުލަތުގެ ހާލަތެވެ.  މި ހާލަތު ބަދަލުކުރަން ބޭނުންނަމަ ދިވެހި ދައުލަތް އޯވަހޯލް ކުރުން މަޖުބޫރެވެ. އެއްކޮށް ރޫޅާލައި، މައްސަލަ ޖެހޭ ހިސާބު ރަނގަޅަށް ހޯދައިގެން، މައްސަލަ ޖެހިފައިވާ ބައި އިންޖީނުން ވަކިކުރަންޖެހެ އެވެ. ފެކްޓޮރީ ސާވިސް މެނުއަލް ނުވަތަ ގާނޫނު އަސާސީ ބުނާ ގޮތަށް ޕިސްޓަން ރިންގުތަކާއި ސީލްތަކުގެ އިތުރުން ބެއާރިންތައް ބަދަލުނުކޮށް މާދަމާ ހޯދުމަށް ވިސްނާނެ ވެސް ކަމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް