26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ޔާމީން ރަޝީދުގެ މަރު

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

 • ޔާމީން މަރުވިތާ އެއް އަހަރު ވަނީ ވެފައި
 • ޔާމީން ރަޝީދުގެ މަރާ ގުޅިގެން އަށް މީހުން ހައްޔަރުކޮށްފައިވޭ
 • ޝަރީއަތް އާންމު ކުރުމަށް އާއިލާއިން ވަނީ އެދިފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 23 އޭޕުރިލް 2018 | ހޯމަ 18:13 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
 4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
 5. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
 6. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
 7. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
 8. އަޅުގަނޑަށް އޮތީ 19 އަހަރުގެ ހުކުމެއް ކުރަން ތައްޔާރުކޮށްފައި: އިލްހާމް


ޔާމީން ރަޝީދުގެ މަންމަ އާއި ބައްޕަ -- ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު، އެންމެންގެ ލޯތަށް ކަރުނައިން ފޯވި ހާދިސާއަކަށްވީ، އަނިޔާވެރި ގޮތަކަށް މ. ސްޕެޓިއުލާ ގޭގެ ތެރޭގައި މަރާލާފައި އޮތް ޔާމީން ރަޝީދުގެ މަރުގެ ހާދިސާއެވެ. އުމުރުން 29 އަހަރުގެ ލިޔުންތެރިޔާ ޔާމީނަކީ ގައުމަށް ދިމާވާ އެކި ކަންކަމުގައި، ޖެހިލުމެއް ނެތި، ކެރިގެން، ޝުއޫރުފާޅުކޮށް، އޭނާގެ ޚީޔާލުތައް، ޓްވިޓާގެ އިތުރުން، އޭނާގެ ބްލޮގްގައި ހިއްސާ ކުރަމުންދިޔަ ޒުވާނެކެވެ.

އެ މަރަށް އަހަރެއް ވެގެންދިޔައިރު، އަނިޔާވެރި އެ މަރުގެ ހަނދާންތައް އަދިވެސް އެބަހުއްޓެވެ. އާއިލާ އާއި އެކުވެރިންނާއި މީޑިއާތަކުގެ ސުރުހީތަކުން މިއަދު އެކަން މާ ބޮޑަށް ތިލަކޮށްލަދެއެވެ. ޔާމީންގެ މަރަށް އިންސާފު ނުލިބި ދާ ކޮންމެ ހިނދުކޮޅެއްގައި، އެ ވޭންތަކުގެ އަސަރު ހުރި ވަރު އެނގިގެންދަނީ އާއިލާގެ ވާހަކަތަކުންނެވެ. ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ އާއި ބައްޕަ ހުސައިން ރަޝީދުގެ ވާހަކަތަކުންނެވެ. އެ ވާހަކަތައް އެ ދެ މީހުން ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ.

ޔާމީންގެ މަންމަ ޝަފީގާ ބުނީ ދަރިފުޅުގެ މަރާ ގުޅިގެން ހުރި އެންމެ ބޮޑު ކަންބޮޑުވާ މައްސަލައަކީ ޝަރީއަތް ހިނގަމުންދާ ގޮތް ކަމަށެވެ. ޝަރީއަތް ސިއްރުން ކުރިއަށް ގެންދާތީ ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމާ މެދު އޮތް އުންމީދު ވަރަށް ކުޑަ ކަމަށް އޭނާ ބުންޏެވެ.

" ޔާމީންގެ މަރާ ގުޅިގެން ހުސް ހުރީ ސުވާލު. އެއްވެސް ޖަވާބެއް ނުލިބޭ. ޝަރީއަތް ހިނގާ. އެކަމަކުވެސް ޝަރީއަތް ހިނގާ ގޮތެއް ވެސް ނޭނގޭ. ވަރަށް ބޭނުން ޝަރީއަތްތައް ހުޅުވާލެވިގެން ބާއްވަން،" ޝަފީގާ ބުންޏެވެ.

އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ޔާމީންގެ މަންމަ ބުންޏެވެ. އިންސާފުގެ ތިލަފަތުން އުންމީދެއް، ކޮންމެ ވެސް ދުވަހަކުން ލިބޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. ނަމަވެސް އެއީ ޔަގީންކަން ވަނީ ފަނޑުވެފައެވެ. ކަން ހިނގަމުންދާ ގޮތުގެ ސަބަބުނެވެ. ޝަފީގާގެ ވާހަކަތަކުން އެނގުނީ ލިބެން އޮތް އިންސާފަށް ވުރެ، ނާއިންސާފު ކައިރި ކަމެވެ.

"ޔާމީން ނެތުމުން މުޅި ގޭތެރޭގެ މާހައުލު ވަނީ ބަދަލުވެފައި. ވަރަށް ބޮޑެތު ޗޭންޖުތައް އައިސްފި. އެމީހުންގެ ދިރިއުޅުމަށް. އެންމެ ބޮޑަށް ޔާމީންގެ ދައްތަ އައިޝާއަށް. ޔާމީނަކީ އާއިލާގައި ހުރިހާ އެންމެން ވެސް ލޯބިވާ، އެންމެންނާ ވެސް ސަމާސާކުރާ ކުއްޖެއް. މިހާ އަނިޔާވެރިކޮށް ދިޔައިމަ ހަމަ އެންމެ ފަހު ހުޅުކޮޅު ނިވުނީހެން ހީވަނީ. އެހެންވީމަ ވަރަށް ހިތްދަތިވޭ،" ޝަފީގާ ކިޔާދިނެވެ.

ގޭތެރޭގެ އުފާވެރިކަމެއް މިއަދު ނެތެވެ. ޔާމީންގެ އާއިލާއަކީ ވަރަށް އެކީގައި އުޅޭ ބައެކެވެ. ގޭތެރޭގައި ދައްތަ އާއި ކޮއްކޮއާ އެކު މަޖާ ކުރުމަކީ ޔާމީންގެ އާދައެވެ. އޭނާއަކީ ސަކަމިޒާޖެއްގެ ޒުވާނެކެވެ. ސަމާސަކޮށްލާ މޮޅު ޖޯކެއް ކިޔާލުމަކީ ކޮންމެ ދުވަހެއްގެ އާދައެވެ. އާއިލާގެ ތެރޭގައި ކަންކަން ރާވައި، އާއިލާގެ ބަދަހިކަން ގެނުވަދޭ ލީޑަރެކެވެ. ނަމަވެސް އެއް އަހަރު ވެގެންދިޔަ އިރުވެސް ޔާމީން ނެތުމުން އެ އާއިލާއިން ކޮންމެ ދުވަހެއް ވެސް ހޭދަކުރަމުންދަނީ އޭނާގެ ހަނދާންތަކާއެކުއެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި އެންމެ ފުރަތަމަ ތަހުގީގުތައް ކުރިއަށްގެންދިޔަ ގޮތުންނާއި ފުލުހުން ހާމަކުރަމުންދިޔަ މައުލޫމާތުން ޔާމީންގެ މަރަށް އިންސާފެއް ލިބޭނެ ކަމުގެ އުންމީދެއް އާއިލާއަށް ކުރެވުނެވެ. މިއަދު އަނެއްކާ ވެސް އާއިލާ އިން ތިބީ އިންސާފެއް ލިބޭނެ ކަމާ މެދު އުންމީދު ގެއްލިފައެވެ.

"ބޭނުންވޭ މުއައްސަސާތަކުގެ އެހީތެރިކަން އެމީހުންނަށް ވާނީ. ޝަރީއަތްތައް ވެސް ހުޅުވާލަދޭން. މިކަމުގެ އިންސާފު ލިބޭ ގޮތެއްވާ. އެކަމަކު މިއަދު މިކަމުގައި އުންމީދެއް ނެތް." ޝަފީގާ ބުންޏެވެ.

ޔާމީންގެ މަރާ ގުޅިގެން އޭނާގެ ބައްޕަ ހުސައިން ރަޝީދު ބުނީ، ޔާމީނަށް އިންސާފު ލިބުމާ މެދު އުންމީދު ގެއްލިފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ ސަބަބުން ކަމަށެވެ.

"ފުރަތަމަ ދުވަހު ދިމާވި އައިއޯ (ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު) އެއް ނޫން ދެ ވަނަ ދުވަހު ދިމާވީ. ފުރަތަމަ މައްސަލައާ ހަވާލުވި މީހާއަކީ ޔާމީން މަރާލުމުން އެންމެ ފުރަތަމަ ހާޒިރުވި މީހެއް ނޫން. އޭނަ ހުރީ ވިލިނގިލީގައި. މަރާލިތާ އެއް ދުވަސް ފަހުން މައްސަލައާ ހަވާލުވީ. ދެން މައްސަލައާ ހަވާލުވި މީހާއަކީ ލ. ގަމުން އާއި މީހެއް. ތިން ވަނަ ދުވަހު ވެސް އަނެއްކާ ހުރީ އާ ބޭފުޅެއް،" ހުސައިން ރަޝީދު ބުންޏެވެ.

ޔާމީން ރަޝީދަށް ދީފައިވާ އިންޒާރުތަކުގެ މައްސަލަތައް ބެލުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ވަނީ އެކަން ކުރީ އެހެން ޑިޕާޓްމެންޓަކުން ކަން އާއިލާ އަށް އަންގާފައެވެ. އިންސާފު ހޯދުމަށް ކުރީ ސަފަށް ނުކުމެ މަސައްކަތް ކުރުމުން ކުރިމަތިވީ ޖެއްސުމާއި މަލާމާތެވެ. އުސޫލުތަކާ ހިލާފު ކަމަށް ބުނެ ހުށަހެޅި 800 ސިޓީ ފުލުހުން ބަލައިނުގަތް އިރު އެއީ ކޮން އުސޫލެއްގެ މަތިން ކުރި ކަމެއް ކަން ވެސް ކިޔައެއް ނުދެވުނެވެ.

"ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން ފެންނަނީ މިކަން ސިއްރުކުރަން އުޅޭ މަންޒަރު. މި މައްސަލައިގައި ފެންނަނީ ބަޔަކު ސޭވް ކުރަން، ބަޔަކު ސަލާމަތް ކުރަން. އެމީހުންނަށް މި މައްސަލަ ދިޔަ ނުދިނުމަށް މަސައްކަތް ކުރާ މަންޒަރު،" ހުސައިން ރަޝީދު ބުންޏެވެ.

ޔާމީން ރަޝީދުގެ މަރުގެ ހާދިސާގެ ތަހުގީގު ނިންމައި ޝަރީއަތް ކުރިއަށް ގެންދާ އިރު މިހާދިސާއަށް އިންސާފު ލިބޭނެ ކަމަށް އަދިވެސް، އޭނާގެ އާއިލާ އާއި ރައްޓެހިންނަށް ގަބޫލެއް ނުކުރެވެއެވެ. ޔާމީން ރަޝީދުގެ މަރާ ގުޅިގެން އަށް މީހުން ހައްޔަރުކޮށްފައިވާ އިރު ޝަރީއަތްތައް ހުޅުވާލުމަކީ އެ އާއިލާގެ އެންމެ ބޮޑު އުންމީދެވެ.

ވަގުތާއި ދުވަސްތަކާއި ހާލަތު ކިތަންމެ ވަރަކަށް ބަދަލުވެގެން ދިޔައަސް، އެ ދެ މައިންގެ ހިތުން އެ ވާހަކަތަކެއް ނުފޮހެވޭނެއެވެ. އެ ހަނދާންތަކާ ދުރަކަށް ނުދެވޭނެއެވެ. ތޫނުފިލި، ސަކަމިޒާޖުގެ ޔާމީން ފަހު ފިޔަވަޅުމަތީގައި ވެސް ނުކުމެ ހުރީ އޭނާގެ އެކުވެރިޔާ އަހުމަދު ރިޟްވާނަށް އިންސާފު ހޯދުމަށެވެ. އެ ފިޔަވަޅު މަތިން ޔާމީން، ސޮއްސުވާލީ އަނިޔާވެރި މަރަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް