25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!

 • 12 މެންބަރުންގެ ގޮނޑިއާ މެދު އިއްވާ ހުކުމަކުން ހުރިހާ ކަމެއް ބަދަލުވާނެ
 • ސުޕްރީމް ކޯޓުގައި އަދިވެސް ތިއްބެވީ ފެބުރުއަރީ 1 ގެ ހުކުމްގައި ސޮއިކުރެއްވި ފަނޑިޔާރުން
 • ސަރުކާރަށް އޮތް ފިއްތުންތައް ބޮޑު
އަލީ ޔޫސުފް | AliYooosuf

| 19 އޭޕުރިލް 2018 | ބުރާސްފަތި 17:17 | |

މަގުބޫލް

 1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
 6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ފޮޓޯ : މުހައްމަދު ޝަރުހާން

ފުރަތަމަ ނަގާނީ ކުދި ރާޅުތަކެވެ. އެއަށް ފަހު ބޮޑު ރާޅެއް ނަގާނެއެވެ. ރާއްޖެ ސިޔާސީ މަސްރަހުގައި ކުދި ރާޅުތައް ނެގުމަށް ފަހު ފެބްރުއަރީ 1 ގައި ވަނީ ބޮޑު ރާޅެއް ނަގާފައެވެ. އެ ރާޅުގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން ކުޑަކަކޫ މައްޗަށް ތިރިކުރިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގެ ހަތަރު އަހަރު ނިމި ފަސް ވަނަ އަހަރަކާ ކުރިމަތިލާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ މިހާރުން މިހާރަށް ވެސް ބަދަލުކުރަންޖެހޭ ސަރުކާރެއް ކަމަށެވެ. ސަބަބުތައް ގިނައެވެ. ގާނޫނާއި ގާނޫނުއަސާސީގެ ނަން ބޭނުންކޮށްގެން ދިމާ އިދިކޮޅަށް އެތައް ކަމެއް ކުރާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. ފެންނަން ހުރި އަދި ސަރުކާރުން ކުރަމުންދާ ކަންކަމުން ވެސް އެކަން ސާބިތުވާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެކަންކަން އިސްލާހުކުރުމަށް ލިބުނު ފުރުސަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އެ ދުވަހު ނެގި ރާޅުން މުޅި ސަރުކާރު ގުޑި، ނުވެއްޓި ދިޔައީ ކިރިޔަކިރިޔާ ކަމަށް ޚުދު ސަރުކާރުން ވެސް ގަބޫލުކުރެއެވެ. ބަޔަކު ހިތްހަމަނުޖެހުނަސް ހަގީގަތުގައި އެ ރާޅުން ސަރުކާރު ސަލާމަތްވީ ރައީސް އަބްދުﷲ ޔާމީނުގެ ވެސް ހިކުމަތްތެރިކަމުންނެވެ. އެއީ ހަގީގަތެކެވެ. ވައިޖެހުމެއް ނޫނެވެ.

ފެބްރުއަރީ 1 އިން ފެށިގެން ދެ މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައީ ސަރުކާރު ވެއްޓޭނީ ކޮން އިރަކުންތޯ ކުރާ ސުވާލަކާ އެކީގައެވެ. އެ ސުވާލު ކޮށްކޮށް މީހުން މިހާރު ފޫހި ވެއްޖެއެވެ. ސަރުކާރު ވެއްޓޭކަށް ނޫޅެއެވެ. ނަމަވެސް ގާނޫނާއި ގަވާއިދުތައް ތަންދޭ ހަމަތަކުގެ ތެރެއިން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ބަޔަކު ދަނީ ކުރަމުންނެވެ. އެއީ ގާނޫނޫއަސާސީން އެކަމަށް ދައްކާފައިވާ މަގުތަކުން ހިނގައިގެންނެވެ. އެ މަސައްކަތުގައި އިދިކޮޅު ފަރާތްތަކަށް މިހާތަނަށް ލިބުނު ކާމިޔާބީތައް ގިނައެވެ. މަޖިލީހުގެ ތެރެއިން ބޮޑު އަގުލަބިއްޔަތަކާ އެކު ވެރިކަން ކުރަމުން ގެންދެވި ނަމަވެސް މި އަހަރު ފެށުނު އިރު ސަރުކާރަށް އެ އަގުލަބިއްޔަތު އޮތީ ގެއްލިފައެވެ. އެގޮތް މިގޮތް ހަދައިގެން، ސަރުކާރަށް ފައިދާވާނެހާ ގޮތަކަށް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނެސް، ގާނޫނުއަސާސީގައި ވެރިކަން ބަދަލުކުރުމަށް އޮތް ފުރުސަތުތައް މަޖިލީހުގެ ތެރެއިން ސަރުކާރުން ދިޔައީ ހުރަސް އަޅަމުންނެވެ. ނުވަތަ މަޅިތަކުން ސަލާމަތްވެ އިދިކޮޅު ފަރާތްތައް މަޅިތަކުގައި ޖައްސަމުންނެވެ.

ބޯޅަ މި ވަގުތު އޮތީ ސުޕްރީމް ކޯޓުގައެވެ. ބިޔަ ރާޅުގެ ފެށުން އައީ ވެސް ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރެއްގެ ބޮލުގައި ބޮޑެތި ތުހުމަތުތައް ކޮށް ޖަލަށް ލާފައިވީ ނަމަވެސް އަދިވެސް ބާރު އޮތީ ކުރިން ވެސް ބިޔަ ރާޅު ނެގުމަށް މަގުފަހިކުރުވި ފަނޑިޔާރުންގެ އަތްމަތީގައެވެ. މަޖިލީހުގައި ހިމެނޭ 12 މެންބަރެއްގެ ގޮނޑިއާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެ ގޮނޑިތައް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ ސަރުކާރު އަނެއްކާ ވެސް ކުޑަކަކޫ މައްޗަށް ތިރިވާނެއެވެ. މަޖިލީހުގެ ތެރެއިން ސަރުކާރަށް އިންތިހާ އަށް ފިއްތުންތައް ކުރިމަތިކުރުވާނެއެވެ. އިދިކޮޅުގެ މެޖޯރިޓީ ބޭނުންކޮށް ސަރުކާރު ނޭވާ ހޮޅިއަށް އެޅިގެންދާނެއެވެ. އެއީ ކުޑަ ރާޅަކަށް ނުވާނެއެވެ.

ފެބްރުއަރީ 1ގެ ހުކުމް ތަންފީޒު ނުކުރަން ސަރުކާރުން އިއުލާނުކުރި 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ވަނދުވެފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބިޔަ ތޫފާނެއް އައުމުގެ ކުރިން ވެރިވާ ފަދަ ހަމަހިމޭން ކަމެއް ވެރިވެފައެވެ. ބުނެ އުޅެއެވެ. ސުނާމީ ވެސް އެރުމުގެ ކުރިން ފެންގަނޑު ދަމާލައި މަޑުމައިތިރި ކަމެއް ކުރިމަތިވެއެވެ. ރަށްތައް ބަންޑުންޖަހާލާ ފަދަ ސުނާމީއެއް އަރަނީ އޭގެ ފަހުގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ވެސް މިހާރު މިއޮތީ އެފަދަ ހާލަތެއް ކުރިމަތިވެފައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ދެން ނަގާ ރާޅު ބޮޑުވެފައި ނުރައްކާތެރިވާނެ ކަމަށް ބުނަނީ އެހެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް