23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިއްމުކަން

  • މުޖުތަމަޢު ބިނާވަނީ ކުދިކުދި ޢާއިލާތަކަކުން ކަމުގައި ވީހިނދު، ޢާއިލާއެއްގެ ބިންގާއެޅުމުގެ ކުރިން ވިސްނަންޖެހޭ މުހިއްމު ކަންތައްތަކެއް ވެސް ވޭމެއެވެ.
  • އެންމެ ފުރަތަމަ އެއްކަމަކީ ޒަވާޖީ ޙަޔާތުގެ ރަނގަޅު ބައިިވެރިއަކު އިޚްތިޔާރުކުރުމެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 16 އޭޕުރިލް 2018 | ހޯމަ 08:18 | |



ކައިވެނިކުރާއިރު ހަތަރުކަމަކަށް ބެލުމަށް އިސްލާމްދީނުގައިވަނީ އަންގަވާފައެވެ -- ފޮޓޯ : އަހްމަދުﷲ ޖަމީލް

ނޯޓް: މިއީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ "ހިދާޔަތުގެ އަލި" މަޖައްލާ ޢަދަދު: 24 އަށް 2014 ގައި ލިޔުއްވާފައިވާ މަޟްމޫނެކެވެ.

އިންސާނީ މުޖުތަމަޢެއް އުފެދެނީ ކުދިކުދި ޢާއިލާތަކުންނެވެ. އެހެން ކަމުން މިކުދިކުދި ޢާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ ހަރުދަނާ މުޖުތަމަޢެއް ބިނާ ނުކުރެވޭނެކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ.

މިއަދު އަޅުގަނޑުމެން އެންމެގެ ވެސް ޝަކުވާއަކީ މުޖުތަމަޢުގެ އަފްރާދުންގެ އަޚްލާޤީ ފެންވަރު ދުވަހެއް ދުވަހަކަށް ދަންވަމުނާދާ ވާހަކައެވެ. ޢާއިލާގެ ތެރޭގައި އޮންނަންވާ ރަނގަޅު ގުޅުން ނޯންނަ ވާހަކައެވެ. ޢާއިލާ ރޫޅި ވިއްސިވިހާލި ވަމުންދާ ވާހަކައެވެ. މިކަންތައްތައް އިޞްލާޙުކުރަން މަސައްކަތް ކުރަންވެއްޖެ ވާހަކައެވެ.

މުޖުތަމަޢުގެ އަފްރާދުންގެ އަޚްލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ ޝައްކެއް ނެތް ގޮތުގައި ބޮޑުވަމުން އަންނަ އަޅުގަނޑުމެންގެ ދަރިންނަށް ދެވޭ ތަރުބިޔަތެވެ. ދަރިން ތަރުބިޔަތުކުރެވޭ ގޮތެވެ. ދަރިން ގެންގުޅެވޭ ގޮތެވެ. ދަރިންނަށް ދެވޭ ތަޢުލީމެވެ. ދައުލަތުގެ ބައިތުލްމާލުން ބޮޑުއެއްޗެއް ހޭދަކުރަމުން މިއަދު މިދަނީ މަގު ގެއްލިފައިވާ ޒުވާނުންތަކެއް ބެލެހެއްޓުމަށެވެ. ކޮންމެ އިންސާނަކު ވެސް މިދުނިޔެ އަށް އުފަން ވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަން ކަށަވަރެވެ. އޭގެފަހުގައި އެކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެން ދަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތަކުންނެވެ. އެކުއްޖާ ގެންގުޅެ ބޮޑުކުރެވޭ ގޮތަކުންނެވެ. މިކަން ބަޔާންކުރައްވަމުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ފިޠުރަތުގެ ސާފުކަންމަތީގައި މެނުވީ އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންނުވެއެވެ. ފަހެ އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަަދަނީ އެކުއްޖާގެ މައިންބަފައިންނެވެ. މީގެއިތުރުން ވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "އަންހެނުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، އޭނާގެ ފިރިމީހާ، އޭނާއަށް ބަލާ ހިނދު އުފާވާ އަދި އޭނާއަށް އަމުރު ކޮށްފިކަމުގައިވާ ނަމަ، ކިޔަމަންވާ އަދި އޭނާ ނެތް ތަނެއްގައި އޭނާގެ ޢިއްފަތްތެރިކަމާއި އޭނާގެ މުދަލަށް ރައްކާތެރިވާ އަންހެނާއެވެ."

މުޖުތަމަޢު ބިނާވަނީ ކުދިކުދި ޢާއިލާތަކަކުން ކަމުގައި ވީހިނދު، ޢާއިލާއެއްގެ ބިންގާއެޅުމުގެ ކުރިން ވިސްނަންޖެހޭ މުހިއްމު ކަންތައްތަކެއް ވެސް ވޭމެއެވެ. އެންމެ ފުރަތަމަ އެއްކަމަކީ ޒަވާޖީ ޙަޔާތުގެ ރަނގަޅު ބައިިވެރިއަކު އިޚްތިޔާރުކުރުމެވެ. މިގޮތުން ބައިވެރިއަކު އިޚްތިޔާރު ކުރަންވީ ގޮތުގެ އިރުޝާދު، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވައިފައެވެ. މިގޮތުން ޚުލްޤު ރަނގަޅު ޞާލިޙު އަދި ޙަސަބާއި ނަސަބުގެ ގޮތުން ތިމާއާ އަރަފޯދޭ ކުފޫހަމަވާ ބައިވެރިއަކު އިޚްތިޔާރުކުރުމީ ހަރުދަނާ ގޮތެއްގައި ޢާއިލާއެއް ދެމިގެންދިއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަން އަންގަވާފައިވެއެވެ. ކައިވެނިކުރާ މީހާއަކީ އަޚްލާޤީގޮތުން ކިހާފެންވަރެއްގެ މީހެއްކަން ދަނެގަތުމަށް އަންގަވާފައިވެއެވެ. ހަމައެފަދައިން ޞާލިޙު ދީންވެރި އޯގާތެރި ޚުލްޤުރަނގަޅު މީހަކު ޙަޔާތުގެ ބައިވެރިއެއްކަމުގައި ޚިޔާރުކޮށްފިނަމަ އެމީހަކަށް ހިތްހަމަޖެހުން ލިބޭނޭކަން ޔަޤީނެވެ. މިކަމާބެހޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ކައިވެނި ކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް ޢާއްމުކޮށް މީހުން ބަލައި އުޅެއެވެ. އެއީ، އޭނާގެ ފައިސާވެރިކަމަށާއި، އޭނާގެ ޙަސަބާއި ނަސަބަށާއި، އޭނާގެ ރީތިކަމަށާއި، އޭނާގެ ދީންވެރިކަމަށެވެ. މީގެ ތެރެއިން ދީންވެރިކަމުގެ ސިފައަށް އެންމެ ބޮޑު އިސްކަމެއް ދޭށެވެ! ހުރިހާ ކާމިޔާބެއް އޮތީ މިގޮތަށް ޢަމަލުކުރުމުގައެވެ."

ކައިވެނިކުރާއިރު ހަތަރުކަމަކަށް ބެލުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. އެއީ އެ އަންހެނާގެ ފައިސާވެރިކަމާއި ޙަސަބާއި ނަސަބާއި އޭނާގެ ރީތިކަމާއި އޭނާގެ ދީންވެރިކަމެވެ. މީގެ ތެރެއިން ދީންވެރި އަންހެނާ ލިބިގެންފި މީހާ ކާމިޔާބުވެއްޖެއެވެ. މިޙަދީޘްފުޅުގައި މިވާ ހުރިހާ ސިފަތަކެއް ނުވަތަ އޭގެ ތެރެއިން ގިނަ ސިފަތަކެއް އެކެއްގެ ކިބައިގައި ހުރެއްޖެނަމަ، އެއީ ފުރިހަމަކަމަށް އިތުރު ފުރިހަމަ ކަމެކެވެ. ނަމަވެސް އެހެން ހުރިހާ ސިފައެއް ހުރެފައި ވެސް ދީންވެރިކަމުގެ ސިފަ ނެތިއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު ޢާއިލާއަށް ފޯރާނެތެވެ. - ނުނިމޭ-

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް