17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަގޭ ރިޕޯޓް

ޖަލު ގޮޅީގައި އަދީބުގެ ތިންވަނަ އުފަންދުވަސް – ރައީސް ޔާމީނަށް ވީ މޮޅެއް ނެތް

 • ބޮޑެތި އިންވެސްޓްމަންޓްތައް ހޯއްދެވުމުގައި އެންމެ އިސްކޮށް ހުންނެވީ އަދީބް
 • އަދީބް ޖަލަށް ލުމުން ޕްރޮޖެކްޓްތަކަށް ހުއްޓުން އަރައި އޮޅުންބޮޅުން ވާންފެށި
 • އެސްއީޒެޑް އާއި އައިހެވަން ވަނީ ބިލާހަކަށްވެ ނިމިފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 އޭޕުރިލް 2018 | ބުދަ 07:41 | |

މަގުބޫލް

 1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
 6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
 7. ރައީސްގެ ނިންމެވުމަށް ތައުރީފު
 8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ސަރުކާރުގައި އަދީބު ހުންނެވިއިރު، ރައީސް ޔާމީނާއި ސަރުކާރުގެ ވެރިން އަދީބުގެ އުފަން ދުވަސް ފާހަގަ ކުރައްވަނީ -- ޓްވިޓަރ

މީލާދީ ސަނަތުން 1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އުފަންވެވަޑައިގަތް އަޙުމަދު އަދީބު ޢަބްދުލްޤަފޫރަކީ ކޮން ބޭފުޅެއްކަން ދިވެހިންނަށް އެނގެން ފެށީ ވިޔަފާރިވެރިން ކުރިއެރުވުމުގައި އެމަނިކުފާނު އިސް ރޯލެއް ކުޅުއްވަން ފެއްޓެވި ހިސާބުންނެވެ. ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުންނާއި، އެ ޖަމުޢިއްޔާގެ ރައީސްގެ ހައިސިއްޔަތުން ގިނަ ޚިދުމަތްތަކެއް ކުރެއްވިއިރު، ދިވެހި ވިޔަފާރިވެރިންގެ މެދުގައި އެމަނިކުފާނަކީ މަޤުބޫލު ބޭފުޅެކެވެ. ނަތީޖާ ނެރެދެއްވި ބޭފުޅެކެވެ.

ވިޔަފާރިވެރިންގެ މެދުގައި މަޤުބޫލު ބޭފުޅެއް ނަމަވެސް، އަޅުގަނޑުމެންފަދަ އާންމު ދިވެހިން އަޙުމަދު އަދީބު ދަންނަން ފެށީ 2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމާއި ގުޅިގެން ދެން އުފެދުނު ސަރުކާރުގެ ވަޒީރުލް ސިޔާޙާގެ މަޤާމަށް އެމަނިކުފާނު އިސްކުރެވުނު ހިސާބުންނެވެ. އުމުރުފުޅުން އެންމެ 29 އަހަރުފުޅުގައި އޭރު އަދީބު ވެގެންދިޔައީ ދިވެހި ސަރުކާރުގެ އެފަދަ މަޤާމުތައް ފުރުމުގެ ފުރުޞަތު ލިބިގެންދިޔަ މަދު ޒުވާނުންގެ ތެރެއިން އެއް ބޭފުޅާއަށެވެ. ސިޔާސީ ގޮތުން އޮތް ހަލަބޮލިކަމުގެ ތެރޭގައިވެސް ފަތުރުވެރިކަމުގެ ސިޔާސަތުތައް ހަމައަކަށް އަޅުވައި، އެއް އަހަރުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން ދިވެހި ފަސްމައްޗަށް އެރުވުމުގެ ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވިއެވެ.

އެންމެ ތުއްޕުޅު އިރުއްސުރެ ވެސް ކުރައްވަން އަޒުމު ކަނޑައެޅުއްވި ކޮންމެ ކަމެއްގައި ނުހަނު ބޮޑެތި ކާމިޔާބީތައް ހޯއްދެވި އަދީބު، ފަތުރުވެރިކަމާއި ބެހޭ ވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު ސިޔާސީ ދާއިރާގައި ދެން ނެންގެވި ފިޔަވަޅުވެސް ވެގެންދިޔައީ އެމަނިކުފާނުގެ ކާމިޔާބީތަކުގެ ލިސްޓަށް އަމުނާލެވުނު ބޮޅަކަށެވެ. 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ނައިބުރައީސްގެ މަޤާމަށް ކުރިމަތިލައްވައި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެން ޕާޓީގެ ނައިބުރައީސް ކަމަށް ވަޑައިގަތެވެ. މަގުހިމަ ބައު ޓިނުތަކެއް ވަގަށް ނަގައިގެން އަރުވާލި ޢަބްދުއްރަޙީމް އާއި ވާދަކުރައްވައި ދެން ޕާޓީގެ ނައިބުރައީސް ކަމަށް ވަޑައިގަތީ މި ސަރުކާރުން މިހާރު ވާނުވާ ޖަހައި ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ދޫހަލުވި، އިންތިޚާބީ މެންބަރު އިލްޙާމް އަޙުމަދެވެ.

އެހިސާބުން ފެނުނު މަންޒަރަކީ މުޅި ޕާޓީ ހިންގުން އަދީބަށް ބަރޯސާވި މަންޒަރެވެ. ރައީސް ޔާމީންގެ ރިޔާސީ ޕްރައިމަރީ އާއި ޚުދު ރިޔާސީ އިންތިޚާބުގެ ތިން ބުރާއި، ވިދިގެން އައި މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބު ކޮށްދިނުމުގައި ޕާޓީގެ ފްރަންޓްލައިނުން ފެނުނީ އަދީބެވެ. ޕާޓީގެ އިސް ފަރާތްތަކުން ބުނާގޮތުގައި އެ ކެމްޕެއިންތަކަށް ފަންޑު ހޯދުމުގައި އެންމެ ބޮޑު ރޯލެއް ކުޅުއްވީވެސް އަދީބެވެ. މިހާރެކޭ އެއްފަދައިން އޭރުވެސް ރައީސް ޔާމީންގެ ފައިންޕުޅު ދިވެހި ރައްޔިތަކަށް ފެންނަނީ މަދު ފަހަރަކުއެވެ. ބޫޓުކޮޅުވެސް ފެންނަ ފަހަރަށްވުރެ ގިނައީ ނުފެންނަ ފަހަރެވެ. އެ ހުރިހާކަމެއް ފޫބައްދައިދިނީ ހަމަ އެ އަދީބެވެ. އަދީބު ނެތްނަމަ، ވެރިކަމުވެސް ރަހަ ކީއްކުރަންތޯއެވެ، ޕްރައިމަރީގެ ކާމިޔާބީގެ ރަހަވެސް ރައީސް ޔާމީނަށް ނުލިބުނީސް ކަމަށް މިއަދުވެސް ރައީސް ޔާމީންގެ އެންމެ އަރިހުގައި ސާބިތު ކަމާއިއެކު ތިއްބެވި ބައެއް ބޭފުޅުން އިޢުތިރާފުވެވަޑައިގަންނަވައެވެ.

ރައީސް ޔާމީންގެ މި ސަރުކާރު ވެރިކަމަށް އައުމަށް ބޭނުންކުރި އެންމެ ބޮޑު އެއް ވާހަކައަކީ އިޤުތިޞާދުގެ ވާހަކައެވެ. ޕީޕީއެމްއިން އެކުލަވާލި އިޤުތިޞާދީ މެނިފެސްޓޯގެ އަސްލު ސިކުނޑިއަކީ އެ މެނިފެސްޓޯ ހުށަހަޅުއްވައިވެސް ދެއްވި އަދީބެވެ. ޕީޕީއެމްއަށް ސަރުކާރު ހިންގަން ލިބުމުން 2014 ވަނަ އަހަރު ކެބިނެޓު ތެރެއިން އުފެދިގެންދިޔަ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާކަމުގައި އިންނަވައި އަދީބު ވަނީ ޤައުމު ތަރައްޤީ ކުރުމަށް އެކި ޕްރޮޖެކްޓަށް ފަރުމާކޮށް، އިންވެސްޓަރުން ހޯއްދަވާފައެވެ. މިއަދު ސަރުކާރުން ފަޚުރުވެރިވެ ތަރައްޤީގެ މިސާލުގެ ގޮތުގައި އެ ދައްކާ ލާމު ލިންކް ރޯޑާއި، ޑޮމެސްޓިކް އެއާޕޯޓްތަކާއި، ބްރިޖަކީ އަދީބުގެ ސިކުނޑީގައި ފަރުމާކުރެވުނު މަޝްރޫޢުތަކެކެވެ. އެކިއެކި ފަރާތްތަކާއި ވާހަކަ ދައްކަވައިގެން ގިނަ ޕްރޮޖެކްޓަކަށް ފަންޑު ހޯއްދެވީވެސް ހަމަ އަދީބެވެ. ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބައެއް ބޭފުޅުން މިކަމަށް ހެކިދެއްވައެވެ.

މިއަދު ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރާއި މި އަހަރުތެރޭގައި ހުޅުވާނެ ރިސޯޓުތަކުގެ އަދަދު ކިޔައި، ސަރުކާރުން ބޮޑާކަން ދައްކާއިރު އޭގެ ތެރެއިން ގިނަ ރިސޯޓުތަކަކީ ދުނިޔޭގެ އެތަންމިތަނުން އަދީބު ގެންނެވި އިންވެސްޓްމަންޓްތަކެވެ. އެއީ އެންމެން ދަންނަ ކަމެކެވެ.

އަދީބަކީ ރާއްޖެގައި ނައިބުރައީސްކަން ކުރެއްވި އެންމެ ހަގު ބޭފުޅާއެވެ. އެ މަޤާމާއި ހަމައަށް އަދީބު ވަޑައިގެންނެވިއިރު ރައީސް ޔާމީން މި ޤައުމުގައި ނެތް ފަދައެވެ. ޕްރޮޖެކްޓެއް ހިނގާނަމަ އެކަމެއްގެ މުގުލުގައި އޭރު ހުންނެވީ އަދީބެވެ. ޒުވާނުންނާއި ހަމައަށް ކޫލް ކަމެއް ގެނެސްދޭނަމަ އެކަމުގެ މުގުލުގައިވެސް ހަމަ އަދީބެވެ. އެމަނިކުފާނުގެ ކައްޕިކަމުގައި ޕްރިޔަންކާ އާއި އޭކޮން އާއި ސާލިމް ސުލައިމާނާއި، ސަނަމް ބޭންޑް ދިވެހި ޒުވާނުންނާއި ހަމައަށް ގެނެސްދެއްވިއިރު، އެމަނިކުފާނާއި ނުލައި މަޝްޙޫރު މީހުން ގެނެސްގެން ހޭވި ހަޑި ދިވެހިން ވަނީ ދެކިފައެވެ. ނައިބު ރައީސްގެ މަޤާމަށް އަދީބު ވަޑައިގެންނެވިއިރު، ރާއްޖޭގައި ރައީސް 'ޔަގު' ގެ ބްރޭންޑެއް ނެތެވެ. އެތާވެސް، މިތާވެސް އޭރު ހަމަ އަދީބް ބްރޯއެވެ.

އެމަނިކުފާނު ނައިބުރައިސް ކަމުގައި ހުންނެވިއިރު ރައީސް ޔާމީނަކީ ހަމައެކަނި ނަމެކެވެ. ހުރިހާވެސް މީހަކީ ހަމަ ބްރޯއެވެ. އަދީބު ބްރޯއެވެ.

މި ސަރުކާރުން ހިންގަމުންދިޔަ ބޮޑެތި ހުރިހާ މަޝްރޫޢުއެއް ހަމަމަގުން ހިންގުމަށް ހުންގާނުގައި ހުންނެވީ އަދީބުކަން އެންމެ ރަނގަޅަށް ހާމަވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގާދިޔަ ކަންތައްތަކަށްފަހު އަދީބު ޖަލަށް ލުމުންނެވެ. އަދީބް ޖަލަށް ލުމާއިއެކު ޕްރޮޖެކްޓްތައް ހާވިޔާވާން ފަށައިފިއެވެ. އެސްއީޒެޑް އަކީ ހަމައެކަނި ބަޖެޓު ފޮތުން ފެންނަން އޮތް އެއްޗަކަށްވެ، އައިހެވަންއަކީ ހުވަފެނަކަށްވެ ނިމިއްޖެއެވެ. އަދީބާއި ނުލައި ސިއްސައިގެންދާވަރުގެ އިންވެސްޓްމަންޓެއްވެސް މި ސަރުކާރަކަށް ނުގެނެވުނެވެ.

މުޅި ވެރިކަމުގެ ކުޅިބައި ރައީސް ޔާމީނަށް ތަބަކަކަށް ލާފައި ދިނުމުން، އެންމެން ޖަލަށްލައި، ރައީސް ޔާމީނަށް ސަރުކާރާއި ސިޔާސީ ކަންތައް ނުހިންގި، މިހާރު އަތުގައި އޮތީ ބޮނދާއި މަދު މަނާކޮޅެކެވެ.

މިއަދު ޓްވިޓަރުގައި ޒުވާނުން ރައީސް ޔާމީނަށް ފާޑުކިޔާއިރު، ހަމަ އެއާއި ވިއްދައި އެ ޒުވާނުން އެދަނީ އަދީބުގެ 36 ވަނަ އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. އަދީބު ޖަލަށްލައިގެން ހަމަ ރަނގަޅަށްވެސް ރައީސް ޔާމީނަށް ލިބުނު އެއްވެސް މޮޅެއް ނެތެވެ.

ކުރުކޮށް ފޮނިކޮށް ބުނާނަމަ، ބޭސްފަރުވާއިން މަހުރޫމްކޮށް، މަޖާނޫން ޖޯކެއްގެ އުސޫލުން އާއިލީ ބައްދަލުވުންދީ، ސިޔާސީ ޙުކުމްތަކެއްގައި ޖަލު ގޮޅީގައި އޮންނަވައި އަދީބު ތިންވަނަ އުފަންދުވަސް ފާހަގަކުރައްވަމުން ގެންދަވާއިރު، ސަރުކާރުން ކުރާ ކޮންމެ ކަމެއް މުއިއްޒުވެ، ތަރައްޤީ ތަރަގުއިވެ، އަދީބު ފެއްޓެވިހާ މަޝްރޫއުއެއް ހިންގާނެ ވިސްނުންނެތި، ރައީސް ޔާމީންގެ މުޅި ސަރުކާރު މިވަނީ ވަރުގަދައަށް އަތަށް ގޮވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް